9 Jul 2019

އަމީން ދީދީގެ "އިންސްޓަގްރާމް"

އަމީން ދީދީގެ "އިންސްޓަގްރާމް"

By: Ifraz Ali

އެކި ގައުމުތަކަށް ދަތުރުކޮށް އުޅޭ މީހުން ނަގާ ފޮޓޯތައް މިހާރު އެންމެ ފަސޭހައިން ފެންނާނީ އިންސްޓަގްރާމުންނެވެ. ދަތުރުނާމާ އޮންނާނީ އިންސްޓަގްރާމްގަ އެވެ. އެކަމަކު އެތައް އަހަރެއް ކުރިއަށް ޖެހިލާ ނަމަ އަހަރެމެންނަށް އެހެން ގައުމެއް ސިފަވާނީ އެއިން ތަނަކަށް ދިޔަ މީހަކު ކިޔައިދިނިއްޔާ އެވެ. ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ދަތުރުނާމާތައް ކިޔާލުމުން އެހެރަ ސިފަވަނީ އެހެން ގައުމުތަކެވެ. އެއީ ފޮޓޯއެއް ނެތް އިންސްޓަގްރާމެކޭ ބުނާ ވަރުވެ އެވެ.

އެންމެ ކައިރިން އިންޑިއާ އާއި ސްރީ ލަންކާގެ ވާހަކަތަކެވެ. އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނެވެ. ތުރުކީ، ފްރާންސް، ޖަރުމަން އަދި އިޓަލީގެ އެކި ސިޓީތައް ވެސް ސިފަކޮށްދެއްވާފައިވެ އެވެ.

ލަންޑަނުގެ އިތުރުން ޔޫރަޕްގެ އެކި ގައުމުތަކަށް އަމީން ދީދީ ކުރެއްވި ދަތުރުގެ ވާހަކަތައް "ސައްޔާހެއްގެ ޔައުމިއްޔާގެ ގަނޑެއް" ފޮތުގައި ތަފްސީލުކޮށް ފެންނާން އެބަހުއްޓެވެ. ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަޒުކަޒުން ނެރެފައިވާ މި ފޮތުގައި އޮތީ އަމީން ދީދީ އެ ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކާ ބެހޭ ގޮތުން، 1940ގެ އަހަރުތަކުގައި ނުކުތް "ސަރުކާރު ޚަބަރު" ނޫހުގައި ޝާއިއުކުރި އެކި ލިޔުންތަކެވެ.

އަމީން ދީދީ ލަންޑަނަށް ކުރެއްވި ދަތުރުފުޅުގައި މަޝްހޫރު އެކި ތަންތަނަށް ޒިޔާރަތްކުރެއްވި --

މި ދަތުރުފުޅު ކުރެއްވިއިރު އަމީން ދީދީ ހުންނެވީ ދައުލަތުގެ އެންމެ އިސްވެރިޔާއަށެވެ.

"ސައިންސްގެ ދުނިޔެއަށް ދިން އެންމެ އަގުހުރި އެއް ހަދިޔާކަމުގައިވާ މަތިންދާބޯޓެކެވެ. ސިރީލަންކާ އަށް އަލްވަދާއު ކިޔަމުން ބަހުރު ހިންދު ހަލަބޮލި ރާޅުތަކާއި، ރާގު ހަމަކުރަމުން އޮވެގެންދެ އެވެ. އިންޑިއާގެ މަތިން އަޅާފަ އެވެ. އިރުކޮޅަކުން ހުއްޓާލާފައި އޮންނަ ތަން ފެންނަނީ ބުންބާގަ އެވެ،" ކޮލަންބޯއިން ފުރައިގެން ޔޫރަޕަށް ދިއުމަށް ފެއްޓެވި ދަތުރުފުޅުގެ ކުރީކޮޅުގެ ހަނދާތަން އަމީން ދީދީ އާކުރެއްވީ މިހެންނެވެ.

މި ލިޔުންތަކުގައި އެކި ގައުމުތަކަށް ވަޑައިގެން ފެނިވަޑައިގެންނެވި އެއްޗެއްސާއި، އެ ގައުމުތަކުގެ ތާރީހާއި، އެ މީހުންގެ ދިރުޅުމާއި ގުޅޭ އެކި ވާހަކަތައް ވެސް އަމީން ދީދީ ލިޔުއްވާފައިވެ އެވެ. ފެނިވަޑައިގަތް ކޮންމެ އެއްޗެއް އަދި ކަމެއް ވަރަށް ރީއްޗަށް ސިފަކޮށްދެއްވާފައިވެ އެވެ. ފުރި ދުވަހާއި ތަނާއި ގަޑިއާއި އަދި ދަތުރަށް ހޭދަވި ވަގުތު ވެސް ލިޔުއްވާފައި އެބަހުއްޓެވެ. ފޮޓޯގަނޑެއް ބަލައިލުން ފަދަ ކަމެކެވެ.

ލަންޑަނުން އެންމެ ބަލައިލަން ބޭނުންވާނެ އެއް ތަނަކަށް ވާނީ ޓަވާ ބްރިޖެވެ. މަޝްހޫރު އެ ބްރިޖުގައި ކުރެވުނު ތަޖުރިބާ އަދި ލަންޑަނުގެ ބޮޑު ގަޑި އާއި ޔޫކޭގެ ޕާލިމެންޓުގެ އިމާރާތާއި، ބަކިންގް ހަމްޕެލެސް އޭރު ހުރި ގޮތްތައް ވެސް ލިޔުއްވި އެވެ.

"ދެން، ދުރުދުރުން، މާދުރުދުރުން، އަޅުގަނޑު ދައްކާލާ ހިތް އޮތީ، ލަންޑަންގެ 'ޓަވަރ ބްރިޖް' މި ނަން ކިޔާ ފާލަމެވެ. މި ފާލަން ހަދާފައި ވަނީ ވަރަށް ވެސް އާދަޔާ ހިލާފު ސިފައަކަށެވެ. ނަތީޖާއެއްގެ ގޮތުން ތަނަކީ ލަންޑަންގެ އެންމެ އާދަޔާ ހިލާފު އެއް މަންޒަރެވެ. މި ދެންނެވި ފާލަމަކީ، ތެމްސް ކޯރުގެ ހުރަހަށް ހަދާފައި އޮންނަ ފާލަމެކެވެ،" މި ފާލަމުގެ ދިގު މިނަކީ ގާތްގަނޑަކަށް 800 ފޫޓު ކަމަށާއި އަދި އެ ފާލަން އޮންނަނީ ތިން ބަޔަށް ބަހާ، ލައްޕާ ހުޅުވޭ ގޮތަށް ކަމަށެވެ.

މި ފޮތް އެކުލަވާލައިފައި އޮތީ އަމީން ދީދީ "ސަރުކާރު ހަބަރު" އަށް ލިޔުއްވި ލިޔުންތައް އެއްކޮށްލައިގެން --

ތުރުކީގެ ކުރީގެ ވެރިރަށް އިސްތާންބޫލުގެ ތާރީހީ އިމާރާތްތަކާއި އެ ގައުމުގެ އާ ވެރިރަށް އަންކާރާ ތަރައްގީވަމުން ދިޔަ މަންޒަރު ސިފަކޮށްދެވި އެވެ. ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ޖާމަން އަލުން އާރާސްތުވަމުން ދިޔައިރުގެ ވާހަކަތައް ވެސް މެއެވެ.

ލޯބިވެރިންނާއި ފެޝަންގެ ދުނިޔޭގައި އެންމެ މަގުބޫލު މަންޒިލު، ފްރާންސް ވެރިރަށް ޕެރިސް، އަމީން ދީދީ ސިފަކުރައްވާފައިވަނީ "ދުނިޔޭގެ އުފާތަކައި މަޖާ ނެށުންތަކާއި އަސަރުތަކުގެ މެދުތެރެއެވެ. ދުންޔަވީ ހަޔާތުގެ ތެޅުމުން ތެޅިތެޅި އޮންނަ ވިލާތެވެ. ދުންޔަވީ ހުވަފެންތަކުގެ ހަގީގަތްތަކެވެ،" މިހެންނެވެ.

އެ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ އިޓަލީގެ ވެރިރަށް ރޯމަށާއި ސިޓީ އޮފް ވޯޓާގެ ގޮތުގައި މިހާރު މަޝްހޫރު، ވެނިސް އަށެވެ.

މި ދަތުރުފުޅުގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކަށް އަމީން ދީދީ ކުރެއްވި ދުތުރުފުޅުތަކުގެ ވާހަކަ ކިޔާލަން ބޭނުންނަމަ "ކަނޑުން ފިރުކެމުން، ވައިން އުދުހެމުން"، މި ފޮތް ކިޔާލެވިދާނެ އެވެ. މާލެއިން އައްޑޫއަށް އަދި އައްޑޫއިން ކޮލަންބޯއަށް ކުރި ދަތުރުގެ ވާހަކަތައް ވެސް މި ފޮތުގައި އޮންނާނެ އެވެ. ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަޒުކަޒުން މި ފޮތް އެކުލަވާލީ އެ ދަތުރުފުޅުގެ ވާހަކަތައް ލިޔުއްވައި މާލޭގައި ހުންނެވި އެމަނިކުފާނުގެ އެކުވެރިއަކަށް ފޮނުއްވެވި ދެ ސިޓީފުޅެއް އެއްކޮށްލައިގެންނެވެ.

ގައުމީ ކުތުބުހާނާ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ލައިބްރަރީން މި ފޮތްތައް ކިޔާލަން ލިބޭނެ އެވެ.

Popular