16 Jul 2019

ގިނަ ދުވަހު އެކުގައި އުޅުމަކީ ވަކިވާން ނުޖެހޭ ސަބަބެއްތަ؟

ގިނަ ދުވަހު އެކުގައި އުޅުމަކީ ވަކިވާން ނުޖެހޭ ސަބަބެއްތަ؟

ދެމީހުން ރައްޓެހިވެގެން އުޅޭތާ އަހަރުތަކެއް ވެފައި އެ ގުޅުމުގައި ލައްތަކާއި ކުނިތައް ޖެހިފައި ނެތަސް އެކަކު އަނެކަކު ދެކެ ފޫހިވެ ޝައުގުވެރިކަން ގެއްލޭ ފަހަރު އާދެ އެވެ. ވަރުގަދަ ލޯބި މަޑުމަޑުން ފަނޑުވެ އުފާވެރިކަން ގެއްލެމުންދެ އެވެ. އެކަން ފާހަގަ ވިޔަސް އެކަމާ އަޅާނުލައި ތިބެނީ މަދެއްކޮށެއް ނޫނެވެ. އެއީ ކީއްވެހެއްޔެވެ؟

އެކުގައި އަހަރުތަކެއް ހޭދަކުރެވުމެވެ. އެތައް ދުވަހެއް އެކުގައި އުޅެ ގާތްގަނޑަކަށް ކައިވެންޏާ ހަމައަށް އާދެވިފައިވާތީ އެވެ. ކައިވެނިކޮށް، ދަރިން ހޯދައި، އާއިލާއެއް ފަށަން އެންމެ ރަނގަޅު މީހަކީ އެއީ ކަމަށް ނިންމައި އޭނާއާ ރައްޓެހިވެވުނީމަ އެވެ.

"ފުރަތަމަ ރައްޓެހިވެގެން އުޅުނުއިރާ މިހާރު ވަރަށް ތަފާތު. ހަތަރު އަހަރު ވީއިރު ވަރަށް ތަފާތު. ކުރިން ގުޑްނައިޓް މެސެޖް ނުފޮޮނުވާ ނުވެސް ނިދާނެ. މިހާރު މެސެޖެއް ވެސް ކޮށްލެވެނީ ދުވާލަކު އެއް ފަހަރު. އެހާ މިސް އެއް ވެސް ނުވޭ. ލޯބި ނުވަނީ ކަންނޭނގެ ދޯ ކުރީގައި ވާހެން." ޒުވާން އަންހެނަކު އޭނާގެ ހާލަތު ކިޔައިދިނެވެ.

އެއީ ދިރިއުޅުމެއް ފަށަން އެންމެ އެކަށީގެންވާ މީހާއެއް ނޫނޭ ވަކި ހިސާބަކުން ގަބޫލުކުރެވިއްޖަ ނަމަ އެހާ ހިސާބުން އިތުރަށް ތިގުޅުން ކުރިއަށް ގެންދިއުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ ހުދުކުލައިގެ ކައިވެނި ހެދުމުގައި ހުއްޓާ "އަނބި ގަބޫލުކޮށްފީމޭ" ބުނާ އަޑުއަހަން ބޭނުންވާނެ އެވެ. ނަމަވެސް ބޭނުންވަނީ އަވަހަށް ސެޓުލްވާން ހެއްޔެވެ؟ ނުވަތަ އެންމެ ލޯބިވާ އަދި އެންމެ ރަނގަޅު މީހާގެ ދުލުން އެހެން ބުނާ އަޑު އަހާ އޭނާއާ އެކު ހަމަޖެހިލަން ހެއްޔެވެ؟

"ރުޅިވެފަ އަނެއްކާ އެހެން މީހަކާ ރައްޓެހިވެގެން ކައިވެނި ކުރެވޭނީ ހާދަ ދުވަހަކުންނޭ. ހުރިހާ ރައްޓެހިން ކަހަލަ ގޮތަކަށް މީހުންނާ އިނދެގެން މިހާރު ދަރިން އެބަތިބި. އެހެންވެ ބޭނުން މެރީ ކުރަން ވެސް މި ކުއްޖާއާ،" ކުރިން ވެސް ވާހަކަ ދެއްކި ޒުވާނާ އޭނާގެ ގުޅުމާ މެދު ޝައްކުވެފައި ހުއްޓަސް އެކަން ކުރިއަށް ގެންދަން ބޭނުންވާ ސަބަބު ހާމަކުރި އެވެ.

އެކުގައި އޮފީހުގައި އުޅޭ އެންމެންނާއި ހުރިހާ ރައްޓެހިން މީހުންނާ އިނދެ، ދަރިން ހޯދުމަކީ އަވަސް އަރުވާލައިގެން އެ ކަންކަން ކުރަންޖެހޭ ސަބަބެއް ނޫނެވެ. ލޯބިނުވާ މީހަކާއެކު ދިރިއުޅުން ހިއްސާކުރަން އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ. ނަމަވެސް ސިންގަލްވެ އެކަނި އުޅުމުގެ ބަދަލުގައި ލޯބިނުވާ މީހެއްގެ އަންބަކަށް ވާންވީ ކީއްވެހެއްޔެވެ؟

ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިނުވެ ނުވަތަ އެކަކު ލޯބިނުވެ ލޯބިވެގެން ކުރިއަށް ގެންދާ ގުޅުމަކީ ގަދަކަމުން ކުރިއަށް ގެންދާ ގުޅުމެކެވެ. އެ ގުޅުން އެހާ ހިސާބުން ނިންމާލައި އާ ގުޅުމަކަށް ފުރުސަތު ދިނުމަށްވުރެ ރަނގަޅު ގޮތެއް ނޯންނާނެ އެވެ.

ފޮތެއްހެން އޭނާ އެނގި ދަސްވެ އޭނާގެ ގޮތް އެންމެ ރަނގަޅަށް އެނގުމަކީ އެއީ "ސޯލްމޭޓް" ކަމަށް ނިންމޭނެ ސަބަބެއް ނޫނެވެ. ހިތާމަވެރި އެތައް ވަގުތުތަކާއި ރީތި އެތައް ހަނދާންތަކެއް އެކުގައި ރައްކާކުރެވިފައި ހުރުމަކީ މުސްތަގުބަލުގައި އެ އަތުގައި ހިފައިގެން ހިނގަންޖެހޭ ސަބަބެއް ނޫނެވެ.

އަދިވެސް ލަހެއް ނުވެ އެވެ. އުފަލާއި ހިތްހަމަޖެހުން އިހުސާސް ނުކުރެވޭ ނަމަ ދިރިއުޅުމުގެ ތި ބާބު ނިންމާލާފައި މުޅިން އާ ބާބެއް ފެށުމަށްވުރެ ރަނގަޅުގޮތެއް ނޯންނާނެ އެވެ. ކައިވެންޏާ ހިސާބަށް ދިއުމުގެ ކުރިން ނުވަތަ މިހާރުގެ ވެސް ބައިވެރިޔާއާ އެކު އުޅެނީ އެންމެ އުފަލުންތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. ޖަވާބަކަށް އާއެކޭ ލިބިއްޖެ ނަމަ ގޮތް ނިންމާށެވެ.

ކައިވެނި

Popular