10 Jul 2019

By: Shamila Ibrahim

މިއީ ވަރަށް ބޮޑު ބަހުސެކެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ ދިފާއުގައި ދައްކާނެ ވާހަކައެއް އޮންނާނެ އެވެ. ޓެކްނޮލޮޖީއާ އެކު މުއާސަލާތީ ގުޅުންތައް ކިތަން ބޮޑަށް ފުޅާވެގެން ގޮސްފައި ވިޔަސް އާއިލީ ގުޅުންތައް ހީނަރުވަމުންދާކަން އެއީ ހަގީގަތެކެވެ.

ދިރިއުޅުން ހުރި ގޮތުން އާއިލާތަކުގެ އެކި މީހުން އުޅެންޖެހިފައި މި ވަނީ އެކި ތަނުގަ އެވެ. އެހެން ވިޔަސް ގުޅުން ދަމަހައްޓަން ފަސޭހަ ގޮތްތައް އެބަހުއްޓެވެ. އެކަން ނުވެގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟

ކުރިން ބުނިހެން ކޮންމެ މީހަކު ވެސް ދައްކާނެ ވާހަކައެއް އޮންނާނެ އެވެ.

"އުޅެން ޖެހޭލެއް ބިޒީ ކަމުން ހަމަ ގުޅާނުލެވެނީ. އޮފީހުގަ ބިޒީކޮށް އުޅެފަ ގެއަށް އައިސް ދަރިންގެ ކަންކަންކޮށް އަވަދިވާއިރު ހުންނަނީ އަނެއްކޮޅުން ރޭގަނޑުވެ، މީހުން ނިދާ ގަޑި ޖެހިފަ. އެހެންވެ މާ ލަސްވެއްޖެޔޭ ހިތާ، ފަހުން ގުޅަން ގުޅަން ހުރެވެނީ،" ޒުވާން މަންމަޔަކު އޭނާގެ ސަބަބުތައް ކިޔައިދިނެވެ.

ބައެއް މީހުން ކިތަންމެ ބުރަކޮށް އުޅެމުން ވެސް، ދުރުގައި އުޅޭ މައިންބަފައިންގެ ހާލު ބަލަން ގުޅާލަ އެވެ. އެ މީހުންނަށް ވެސް ވަގުތުގެ ދަތިކަމާ ހެދި އޮންނަނީ ގާތްތިމާގެ އެހެން މީހުންނަށް ގުޅާނުލެވިފައެވެ. އެހެންވެ، ހާލު ބަލައިނުލެވި ދުވަސްވުމުން ހިތުގައި ރުޅިވެރިކަން އުފެދި އާއިލާ ތެރޭގައި މައްސަލަ ޖެހޭ ގޮތްވެއެވެ.

"މަހެއް ވާއިރު ވެސް އަހަރެންގެ ދޮންބެއެއް، ދޮންތައެއް އަހަރެންނަކަށް ނުގުޅާ. އަސްލު ބިޒީ ވިޔަސް އެއީ ބޮޑުވަރު ދޯ. މުޅިން ވެސް ގުޅަން ޖެހެނީ އަހަރެންނަށް،" މިއީ އަދި މާ ތަފާތު ޝަކުވާއެކެވެ.

ބައެއް މީހުން ބުނި ގޮތުގައި، އަމިއްލަ ކަންކަމާ ބެހި ގޮތް ކިޔާލެއް ބޮޑުކަމުން ވެސް އާއިލާގެ އެހެން މީހުންނާ ގުޅުން މަދުކޮށްލައިގެން އުޅެން ޖެހެ އެވެ.

މީހަކު ފޯނުން ވާހަކަ ދައްކަނީ

ކޮންމެ ސަބަބަކާ ހެދި ގުޅުން ކުޑަވެފައި އޮތަސް، އެއީ އާއިލާ އެވެ. އެކަން ބަދަލެއް ނުވާނެ އެވެ. އަނެއް ހަގީގަތަކީ އާއިލާގެ އެންމެން އެއްތަން ނުވިޔަސް، އެކަކު އަނެކަކު މައްސަލަޖެހި މޫނު ކެނޑިފައި ތިބުމަށް ވުރެ، ހިތްހެޔޮކަން އޮންނަކަން އެނގުމުން ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ވިއްސިވިހާލި އާއިލާ އަކަށް ވިޔަސް ގުޅުން ބަދަހިކުރަންޖެހޭނެ އެވެ. މިއީ އެގޮތުން ކޮށްލެވިދާނެ ބައެއް ކަންކަމެވެ.

ދުރުގައި އުޅުނަސް މި ކަންކަމުން ގުޅުން ބަދަހިވާނެ

- މަދުން ނަމަވެސް، ވީ ވަރަކުން ފޯނުކޮށްލައި ވާހަކަ ދައްކާށެވެ. ނުވަތަ މެސެޖަކުން ވިޔަސް ހާލު އަހާލައި ގުޅުން ބަދަހިވާ މުއާމަލާތެއް ކުރާށެވެ.

- އާއިލާގެ މީހުންނަށް ޒިޔާރަތްކުރަން ކޮންމެވެސް ވަގުތެއް ހޯދާށެވެ. އެކި މީހުންނަށް އެކި ދުވަސް ތާވަލްކޮށް، މިއީ އާދައެއް ކަމުގައި ހަދާށެވެ.

- އާއިލާ ތެރޭގައި ފާހަގަކުރާ ކަންކަމުގައި ބައިވެރިވާށެވެ. އެހެން ނޫނީ އާއިލާގެ އެންމެ އުފާވެރި ހަނދާންތަކުގެ ތެރޭގައި ތިމާ ހުންނާނީ ގެއްލިފަ އެވެ. އެހެން ގެއްލިއްޖެ ނަމަ އާއިލާގެ އެންމެން އެއްވެ އެ ހަނދާންތަކުގެ ވާހަކަ ދައްކާއިރު ތިމާ ބާކީވާނެ އެވެ.

- އާއިލާގެ މީހަކަށް ކަމެއް ދިމާވާ ކޮންމެ ވަގުތަކު ވެސް އެ މީހަކަށް އެހީ ވެވެން އޮތް ގޮތަކަށް އެހީ ވާށެވެ. އެންމެ ކުޑަމިނުން ހިތްވަރު ދިނުމަކުން ވިޔަސްމެ އެވެ.

- އާއިލާގެ އެހެން މީހުންނާ ވަކިން އުޅެ، އެ މީހުންނާ ދިމާ ނުވެ ދުވަސް ވިޔަސް އެކަމުގައި ގޯސްކޮށް ނުދެކޭށެވެ. މިވެނި މީހަކު ގުޅާނުލައޭ، ޚަބަރެއް ނުވެޔޭ ކިޔާފައި އެއްވެސް މީހަކާ ދުރު ނުވާށެވެ.

- އާއިލާގެ އެންމެން ދެކެ ވެސް، އެއީ އާއިލާގެ މީހަކަށް ވީތީ ލޯބިވާން ޖެހޭނެ އެވެ.

Popular