11 Jul 2019

ބޮޑު އީދަށް އަދިތުޔަ ނާރަޔަން އާއި ޕްރިޔަންކް ޝަރުމާ ފުވައްމުލަކަށް

ބޮޑު އީދަށް އަދިތުޔަ ނާރަޔަން އާއި ޕްރިޔަންކް ޝަރުމާ ފުވައްމުލަކަށް

By: Ifraz Ali

އަންނަ ބޮޑު އީދަށް މަޖާކޮށްލަން ދާނެ ރަށެއް ހޯދަނީ ހެއްޔެވެ؟ މިފަހަރު ދަތުރު ހަދަންވީ ފުވައްމުލަކަށް ދާށެވެ. ބޮލީވުޑްގެ ތަރިންނާއެކު މި އީދުގައި ވަރަށް ފޯރިގަދަ ޝޯއެއް އެ ސިޓީގައި އޮންނާނެ އެވެ. "ތިމާ އީދީ 1440" ގެ ނަމުގައި މި ޝޯގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ލަވަކިޔުންތެރިޔާ އަދި ޓިވީ ހޮސްޓް، އަދިތުޔަ ނާރަޔަން އާއި "ބިގް ބޮސް" އިން ވިދާލި ބޮލީވުޑްގެ އެކްޓަރު، ޕްރިޔަންކް ޝަރުމާ އެ ޝޯގައި ޕާފޯމްކުރާނެ އެވެ.

މި ޝޯގައި ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ތަފާތު ކުޅިވަރު ހަރަކާތްތަކާއި ނެށުމުގެ ހަރަކާތްތައް ވެސް އޮންނާނެ އެވެ. އަދި މޯލްޑިވިއަން އައިޑޮލްގެ ރަނަރަޕު އައިމިނަތު ސައިނާ ރަޝީދާއި، ޒުވާން ފަންނާނު ހުސެއިން އިރުފާނު (ޒަކިއްޓެ)، އަދި ރާއްޖެ ސްޓޭޓް އޮފް މައިންޑް ބޭންޑު ވެސް ޕާފޯމްކުރާނެ އެވެ.

ފުވައްމުލަކުގެ ދެ ފަންނާނުން ކަމަށްވާ އަހުމަދު ޝަފީގް (އަފަގެ) އާއި ހުސެއިން އިބްރާހިމް (ބިލާލް/ޑަންޑަނާ ހުސެއިން) ގެ ހުށަހެޅުމެއް ވެސް އޮންނާނެ އެވެ. ފެސްޓިވަލެއް ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޝޯގެ ތެރެއިން އެކި ބާވަތުގެ ވިޔަފާރި ސްޓޯލްތަކާއި ފުޑް ކޯޓްތައް ވެސް ހުންނާނެ އެވެ.

މި ޝޯ އިންތިޒާމުކުރަނީ އިވެންޓް މެނޭޖްމަންޓްގެ ދާއިރާ އަށް އަލަށް ނިކުންނަ ސޭންޑް ރިޕަބްލިކް ޕްރައިވެޓް ލިމިޑެޓާއި ފުވައްމުލަކު ސިޓީ ކައުންސިލު ގުޅިގެންނެވެ.

"އީދާއި ދިމާކޮށް ބޮލީވުޑްގެ ތަރިންނާއި، ރާއްޖޭގެ ފަންނާނުން ބައިވެރިކޮށްގެން މިފަދަ ޝޯވްއެއް ބޭއްވުމުގެ މަގުސަދަކީ ފުވައްމުލަކަކީ ފަތުރުވެރިކަން ފުޅާވަމުން އަންނަ ސަރަހައްދަކަށްވެފައި، ފުވައްމުލަކުގެ ގުދުރަތީ ރީތިކަން އިޝްތިހާރުކޮށް ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތްކޮށްދިނުން،" އެ ކުންފުނިން ބުންޏެވެ.

ކުރިއަށް އޮތްތަނުގައި އެހެން ރަށްރަށުގައި ވެސް މިފަދަ ޝޯތައް ކުރިއަށް ގެންދާނެ ކަމަށް ސޭންޑް ރިޕަބްލިކުން ބުންޏެވެ.

ފުވައްމުލައް އަޟްހާ އީދު ބޮލީވުޑް

Popular