15 Jul 2019

By: Ahmed Nadym

ކޮންމެ ކޮންމެ މީހަކަށް ވާހަކަ ނުލިޔެވޭނެއޭ ބައެއް މީހުން ބުނެއެވެ. ފަހަރެއްގައި މިއީ އެންމެނަށް އެއްބަސްވެވޭ ހިޔާލަކަށް ނުވެ ހިނގައިދާނެއެވެ. ނަމަވެސް އެންމެން ވެސް އެއްބަސްވާ އެހެން ވާހަކައެއް އެބައޮތެވެ. އެއީ ވާހަކަލިޔުންތެރިޔަކަށް ނުވަތަ ލިޔުންތެރިޔަކަށްވުމަށް ހިތްއެދެނީ ނަމަ ވީހާވެސް ގިނައަކުން އެހެން މީހުންގެ ލިޔުންތައް ކިޔުމެވެ. ވަކިން ހާއްސަކޮށް މޮޅު ލިޔުންތެރިޔަކަށް ވުމަށް އެދެނީ ނަމަ އެންމެ މޮޅު ލިޔުންތެރިންގެ ލިޔުންތައް ކިޔައި އެމީހުންގެ އުކުޅުތަކާއި ސްޓައިލުތައް ދަސްކުރުން އެއީ ފުރަތަމަ ފިޔަވަޅު ކަމަށް ބުނެވެއެވެ. އެކަމަކު މިފަހަރު އަހަރެމެން މި އޮތީ އަދި އެއަށްވުރެން ވެސް މިކަން ފަސޭހަކޮށްލަދީފަ އެވެ. ކޮންމެހެން އެ ހުރިހާ ލިޔުންތެރިންގެ ލިޔުންތަކަށް ނުގޮސް އިހުތިޔާރުކުރެވިދާނެ ޝޯޓްކަޓެކެވެ. – ރާއްޖޭގައި މިވަގުތު ހުރި އެންމެ މަގްބޫލު އަދި އެންމެ ކުޅަދާނަ އެއް ވާހަކަލިޔުންތެރިޔާ، ބިންމާ އިބްހާރިމް ވަހީދު މިކިޔައި ދެނީ "ކުރު ވާހަކައެއް މޮޅު ވާހަކައަކަށް" ހަދާނެ 10 ގޮތެވެ. ކުރުވާހަކައެއް ލިޔާއިރު ކޮންމެހެން ވިސްނާލަން ޖެހޭ 10 ނުކުތާއެއްގެ ވާހަކައެވެ.

މި ނުކުތާތައް އަހަރެމެން ތިރީގައި މި ގެނެސްދެނީ ބިންމާ ލިޔެފަ ދިން ގޮތަށެވެ.

1. ލިޔަން ފެށުމުގެ ކުރިން ސިކުނޑީގައި ވާހަކަ ރާވައިލުން

އަހަރެން ގެއިން ނުކުންނާނީ ކޮންމެވެސް ތާކަށް ދާށެވެ. އަހަރެންގެ މަންޒިލެއް އޮންނާނެއެވެ. ބައެއް ފަހަރު ބުރެއްޖަހައިލަން ނުދާނެ ވާހަކައެއް ނޫނެވެ. އެކަމަކު ކޮންމެ ފަހަރަކު ގެއިން ނުކުމެފައި މުޅި ރަށުތެރެއަށް ގިނަވެގެނެއް ނޫޅޭނެއެވެ. އަހަރެން ގެއިން ނުކުތީ އޮލިންޕަހަށް ދާންކަމަށް ވަންޏާ، ކިތަންމެ ގޯޅިއެއް އެޅިޔަސް، ވަރުބަލިވެގެން ހުއްޓި ހުއްޓަސް އަހަރެންގެ ދަތުރު ނިމޭނީ އޮލިންޕަހަށްކަން އަހަންނަށް އެނގޭނެއެވެ. ވާހަކައަކީ ވެސް އެ ކަހަލަ އެއްޗެކެވެ. ގެނެސްދޭންއުޅޭ ހާދިސާގައި އަހަރެން ހިމަނާނީ ކޮންކޮން ކަންތައްތަކެއް، ކިހާ ވަރަކަށް ހެއްޔެވެ؟ ހިތާ މި ސުވާލުކުރާށެވެ. އެ ހާދިސާ ކިޔައިދޭން ބޭނުންކުރާނީ ކިތައް މީހުން ހެއްޔެވެ؟ ކިޔައިދޭނީ ކިހާ ކުރުކޮށް ނުވަތަ ކިހާ ތަފުސީލުކޮށް ހެއްޔެވެ؟ ނުވަތަ އޮލިންޕަހަށް ދާން އަހަރެން އަޅާނީ ކޮންކޮން ގޯޅިއެއް ހެއްޔެވެ؟ ފައިމަގުގައި ނުވަތަ ސައިކަލުގައި ވިޔަސް އެންމެ ފަސޭހައިން އޮލިންޕަހަށް ދެވޭނެ މަގުތަކަކީ ކޮބައިކަން އަހަންނަށް ނޭނގިއްޖެ ނަމަ، މަގު ދިގުވެގެން ހިނގައިދާނެއެވެ. އިސްކޫލު ނިމޭ ވަގުތެއް ނަމަ ތާށިނުވާނެ މަގުތައް އަހަންނަށް އެނގެންޖެހޭނެއެވެ.

2. ވާހަކަލިޔާ މައުލޫ ނުވަތަ ހާދިސާއިން ބޭރަށް ދިޔަނުދިނުން

ވާހަކަލިޔަން ފަށާއިރަށް އެކި ކަހަލަ ހިޔާލުތައް އައިސް ސިކުނޑި ފުރައިލައިފާނެއެވެ. ނުވަތަ އެއްވެސް ހިޔާލެއް ނައުމަކީ ވެސް ވެދާނެކަމެކެވެ. އަނެއްކާ ވެސް ތިނެއް ނޮވެންބަރުގެ ހާދިސާ ނަގާށެވެ. މައިގަނޑަކީ ރާއްޖެއަށް ބޭރުބަޔަކު ގެނެސްގެން ދިން ހަމަލާއެވެ. އެ ވާހަކަ ކިޔައިދިނުމުގެ ތެރޭގައި އެ ދުވަހު މާލެއިން ކަރަންޓު ކަނޑައިލި ވާހަކަ ގެނެސްދެމުން ގޮސް، އޭގެ ސަބަބުން ވީ ގެއްލުންތަކާއި، ހޮސްޕިޓަލުގައި ތިބި ބަލިމީހުންނަށް ދިމާވި ކަންތައްތަކާއި، އިންޖީނުގޭގައި ޑިއުޓީއަށް ތިބި މީހުންނަށް ދިމާވިކަންތައްތަކުގައި ދިގުދެމިގެން ހިނގައްޖެ ނަމަ، މުހިންމު ނޫން ތަފުސީލުތަކެއްގައި ވާހަކަ ދިގުދެމި، ކިޔާ މީހުންގެ ޝައުގުވެރިކަން ގެއްލި، އަސްލު ހާދިސާގެ އަސަރު ގެއްލިދާނެއެވެ. ކޮންމެ ކުރުވާހަކައަކަށް ވެސް ކަނޑައެޅޭ ދިގުމިނެއް އޮންނާނެއެވެ. ނޫހަކަށް ލިޔާ ނަމަ، ނުވަތަ މުބާރާތަކަށް ލިޔާ ނަމަ، ވަކި ދިގުމިނަކަށް ވާހަކަ ފެތެންޖެހޭނެއެވެ. ނުވަ ސަތޭކަ ޖުމުލައަށް ވުރެ ދިގު ނުކުރަން ބުނެފައިވާ ނަމަ، އެ މިނަށް ވާހަކަ ފެއްތުމަކީ ލިޔުންތެރިޔާގެ ޒިންމާއެކެވެ.

3. ފެށުމާއި ނިންމާ ހިސާބު އެނގުން

ގެނެސްދޭން އުޅޭ ހާދިސާގެ ފެށުމަކާއި ނިމުމެއް އޮންނަންޖެހޭނެއެވެ. ފަށަންވާނީ ވީހާ ވެސް ޝައުގުވެރި ގޮތަކަށެވެ. މިސާލަކަށް އެނަމާބޯޓުގެ ހާދިސާ ނުވަތަ ތިނެއް ނޮވެންބަރުގެ ހާދިސާއަށް ވިސްނައިލާށެވެ. މައިގަނޑު ހާދިސާއަކީ އެއީއެވެ. އެ ހާދިސާގެ އެތައް ފެށުމަކާއި ނިމުމެއް ގެނެސްދެވޭނެއެވެ. ވީމާ، އަހަރެން ލިޔަން މިއުޅޭ ވާހަކަ ފެށޭނީ ކާކު، ކީއްކުރަނިކޮށްކަމާއި ނިމޭނީ ކާކަށް ކިހިނެއްވީމައިކަން ވަރަށް ރަނގަޅަށް އެނގިގެން ނޫނީ ރީތި ވާހަކައެއް ނުލިޔެވޭނެއެވެ. ސިކުނޑީގައި ރާވައިލަން މި ބުނަނީ އެ ކަމެވެ. ވާހަކަލިޔާއިރު އަބަދުވެސް ވިސްނަންޖެހޭނީ އެންމެ ކަމަކަށެވެ. ކިޔާމީހާ ޝައުގުވެރިކުރުވުމެވެ. ވާހަކައިގެ ފެށުން ރަނގަޅު ނުވެއްޖެ ނަމަ، ކިޔާ މީހާ އެ ވާހަކަކިޔުން ހުއްޓައިލާނެއެވެ.

ވާހަކައިގެ އެއްވަނަ ފޮޅުވަތް ކިޔައިފައި ދެވަނަ ފޮޅުވަތް ކިޔަން މަޖުބޫރުކުރެވޭނީ ލިޔުންތެރިޔާ ކުޅަދާނަވެގެންނެވެ. ފުރަތަމަ ދެތިން ފޮޅުވަތަކީ ކިޔުންތެރިޔާ ނިންމުމެއް ނިންމާނެ ދެތިން ފޮޅުވަތެވެ. ވަރަށް ގިނަ ކުރުވާހަކަތައް ފަށާއިރު މުޅި އާއިލާ ކިޔައިދޭން ވަގުތު ބޭކާރުކުރެއެވެ. އެ ހިސާބުން ކިޔުންތެރިޔާގެ ޝައުގުވެރިކަން ގެއްލެއެވެ. އީސައަކީ އޭނަގެ މަންމަގެ ތިންވަނަ ދަރިފުޅެވެ. އީސަގެ ހަގަށް ތިންކުދިން ތިބެއެވެ. ދޮއްޓަށް ތިބެނީ ދެ އަންހެންކުދިންނެވެ. އެ ކުދިންގެ ނަމަކީ އައިޝާއާއި ނާދިޔާއެވެ. ވާހަކައެއް ފަށަށް މިޔަށް ވުރެ ފޫހި އެހެން ގޮތެއް އޮންނާނެހެނެއް ހިޔެއްނުވެއެވެ. ހަމަ އެހެންމެ ކިޔުންތެރިޔާގެ ސިކުނޑީގައި އެންމެ ވަރުގަދައަށް ހަރުލާނީ ވާހަކަ ނިންމައިލާ ދެތިން ފޮޅުވަތެވެ. ނުވަތަ ނިންމައިލި ގޮތެވެ. ވާހަކަކިޔައި ނިންމައިލައިފައި ފަހުން ވިސްނާލަން މަޖުބޫރުވާ ފެށުމަކަށް ނިންމައިލުމަކީ މުހިންމުކަމެކެވެ.

4. ވާހަކައިގެ ހާދިސާ (ތައް) ހިނގައިފައިވާ ތަނާއި ދުވަސްވަރު ވީހާ ވެސް ސާފުކޮށް އެނގުން

ރަށުގެ ނަން ބުނުން ކޮންމެހެން މަޖުބޫރެއް ނޫނެވެ. އެހެންނަމަވެސް އެއީ މާލެކަން ނުވަތަ އެހެން ރަށެއްކަން، ކޮންމެވެސް ގޮތަކުން އަންގައިލުމަކީ ކިޔުންތެރިޔާއަށް އޮޅުންނާރާނެ ކަމެކެވެ. މިސާލަކަށް، އޮޑިހަރުގެ ނުވަތަ ތުނޑީގެ ވާހަކަ ބުނުމުން އެއީ ޔަގީނުން ވެސް (މިހާރުގެ) މާލެ ނޫންކަން އެނގޭނެއެވެ. ކުރީގެ މާލެ ނަމަ، ތަނުގެ ނަން ބުނުމުން ލިޔުންތެރިޔާ ކޮންމެހެން ސިއްރުކުރަން ބޭނުންވާ ކަމަކަށް ބުރޫނާރާނެ ނަމަ އެންމެ ރަނގަޅީ ކުރީގެ މާލެކަން އެންގުމެވެ. ދުވަސްވަރު ވެސް ވީހާ ވެސް ކުރިން ބުނެދޭށެވެ.

ކޮންމެހެން ތާރީހު ބުނެދިނުން މުހިންމެއް ނޫނެވެ. މާލޭގެ އޮއްވަޅުގޮނޑިއެއްހެން ހީވާ މަގުތަކޭ ބުނެލުމާއެކު އެއީ ކޮން ދުވަސްވަރެއްކަން ކޮންމެވެސް ވަރަކަށް އެނގޭނެއެވެ. ބައިސްކަލު ބައްތި ފަޓުލޫނުގެ ލޫޕުގައި އަޅުވައިލައިގެންދިޔަ ވާހަކައާއި، މަގުތަކުގައި ފެންހެދިފައިވާ ވާހަކަ ބުނެލުމުން ވެސް ދުވަސްވަރު ބުނެދެވޭނެއެވެ. މަގުމަތީގައި ބަކަރިތައް އުޅޭ ވާހަކަ ނުވަތަ ބުރިޖު ހުރަސްކޮށްފައި ހުޅުމާލެއަށް ދިޔަ ވާހަކަ ބުނެލިޔަސް ފުދޭނެއެވެ. ބޭނުމަކީ ކިޔުންތެރިޔާ ކަނުބަނދެފައި ނުބެހެއްޓުމެވެ. އޮޅުންއެރިޔަނުދިނުމެވެ.

5. ވާހަކައިގައި މައިގަނޑު ދައުރު އަދާކުރާ އައްތަގެ (ކަރެކްޓަރ) ޖިންސާއި އުމުރު ބުނެދިނުން

ވާހަކައިގެ މެދަކާ ހަމައަށް ދާއިރު ވެސް އައްތަގެ ނަމެއް ނޭނގެއެވެ. "އަހަރެން" ކިޔައިފައި ނުވަތަ ފުރަތަމަ ނަޒަރުން ވާހަކަލިޔެފައި އޮތުމުން އޭނައަކީ އަންހެނެއްކަން ނުވަތަ ފިރިހެނެއްކަމެއް ނޭނގެއެވެ. އެކި ކިޔުންތެރިންގެ ސިކުނޑީގައި ގެންގުޅޭނީ އެކި ވިސްނުމެވެ. ވާހަކައިގެ މެދަކާ ހަމައަށް ދާތަނާ ކިޔުންތެރިޔާ އަންހެނެއްކަމަށް ހީކުރި މީހާއަކީ ފިރިހެނެއްކަން އެނގިއްޖެ ނަމަ އަލުން ވާހަކަ ނުފަށައެއް ވާހަކައިގެ ތެރެއަކަށް ނުވަދެވޭނެއެވެ. ހަމައެކަނި މައިގަނޑު އައްތައެއް ނޫނެވެ. ވަކި ހާއްސަ ސަބަބެއް ނެތް ނަމަ، ކުޑަމިނުން މީހާގެ ޖިންސާއި އުމުރު އަންގައިލުމަކީ ރަނގަޅުކަމެކެވެ. ކޮންމެ މީހެއްގެ ސިފަ ތަފުސީލުކޮށް ކިޔައިދޭން ޖާގަ ނުލިބުނަސް، ޖިންސު އެނގޭނެ ގޮތެއް އޮންނަންޖެހޭނެއެވެ. މިސާލަކަށް، އަހަރެންގެ ފިރިމީހާއޭ ބުނުމާއި، އަހަރެން މާބަނޑުވި ވާހަކަ، އަހަރެންގެ ތުނި ތުނބުޅިއެއް ހުރި ވާހަކަ ބުނުމުން ވެސް ޖިންސު ބުނެދެވޭނެއެވެ. އެންމެ ފަސޭހަ ގޮތަކީ އަހަންނަކީ ފުރާވަރުގެ ޒުވާން އަންހެންކުއްޖަކީމޭ ފަދަ ގޮތަކަށް ޖިންސު ބުނެދިނުމެވެ. މި ނޫން ވެސް ކިތަންމެ ގޮތްގޮތް ހުންނާނެއެވެ. ބޭނުމަކީ ކިޔުންތެރިޔާއަށް އޮޅުމެއްއެރިޔަ ނުދިނުމެވެ.

6. ޕެރެގްރާފުތަކަކަށް ބަހައިލުން

ބޮޑު ބޯކިބަލެއްގައި އެކަކު ވެސް ދަތެއްނާޅާނެއެވެ. ބޯކިބާ ކާނީ ނުވަތަ ކާން ފަސޭހަވާނީ ފޮތިކުރީމައެވެ. ޕެރެގުރާފުކުރުމަކީ ކިޔާހިތްވާ އަދި ކިޔަން ފަސޭހަވާ ވެސް ކަމެކެވެ. އޭގެ މާނައަކީ ކޮންމެ ފޮޅުވަތެއް ޕެރެގުރާފަކުން ފަށާށެކޭ ނޫނެވެ. މިސާލަކަށް ޑައިލޮގެއް ފެށޭއިރު ފަށަންވާނީ ޕެރެގުރާފަކުންނެވެ. ކޮމާކޯޅި އޮންނަންވާނެއެވެ. ވާހަކައިގައި ހިނގަމުންދާ ކަންތައްތަކެއް ކިޔައިދެމުން ގޮސް ދުވަސްތަކެއް ވެއަތުވެއްޖެއްޔާ ވެސް އާ ޕެރެގުރާފަކުން ފަށާށެވެ. މިސާލަކަށް، ކުޑައިރުގެ ވާހަކަދައްކަމުން ގޮސް އުމުރަށް ބޮޑު ބަދަލެއް އަންނަ ނަމަ އެއީ ވެސް ޕެރެގުރާފު ބަދަލުކޮށްލަން ރަނގަޅު ދަނޑިވަޅެކެވެ. ހެނދުނުގެ ވާހަކަ ދައްކަމުން ގޮސް ހަވީރަށް ނުވަތަ ރޭގަނޑަށް ބަދަލުވާ ހިސާބާއި، ގައުމު ބަދަލުވާ ހިސާބާއި، ވާހަކަދެކެވެމުންދާ މީހާ ނޫން އެހެން މީހެއްގެ ތަފުސީލު ކިޔައިދޭން ބޭނުންވާ ވަގުތާއި، ބަލިމީހެއްގެ ހާލަތުން ބަލި ފަސޭހަވި ހާލަތު ވެސް މިއީ ރަނގަޅު ދަނޑިވަޅުތަކެވެ.

7. ޑައިލޮގު މަދުކުރުން

"ކިހިނެއް؟"

"ރަނގަޅު."

"ކައިފިން؟"

"ނުކަން."

ދެ މީހަކު ދައްކާ ހުރިހާ ވާހަކައަކާއި، އެއިން އެއްވެސް ބޭނުމެއް ނުހިފޭ ޑައިލޮގު ނުލިޔާށެވެ. ކުރު ވާހަކައެއްގައި ޑައިލޮގު ހުރުން ލާޒިމެއް ނުވާނެއެވެ. ބޭކާރު ކުދިކުދި ޑައިލޮގުތައް ހުރުމުން ކިޔުންތެރިން ވާނީ ފޫއްސެވެ. ކުރުކޮށް ބުނާ ނަމަ ޑައިލޮގު އިސްރާފުނުކުރާށެވެ.

8. ބަހުރުވަޔަށް ސަމާލުކަންދިނުން

ބަހުރުވަ ހުންނަންވާނީ އާންމުކޮށް ވާހަކަދައްކާ ގޮތަށެވެ. ޒުވާނުން ވާހަކަދައްކާ ބަހުރުވަޔަކާއި، މުސްކުޅީންގެ ބަހުރުވައެއް އޮންނާނެއެވެ. ކުޑަކުދީންނާއި، ސިޔާސީމީހުންނާއި، ސިފައިންގެ ވެސް ބަހުރުވައެއް އޮންނާނެއެވެ. ހަމަ އެހެންމެ، އާދައިގެ ބަހުރުވައާއި، މާތް ބަހުރުވައާއި، ބާޒާރުމަތީ ބަހުރުވައެއް ވެސް އޮވެއެވެ. ޑައިލޮގު ލިޔާ ނަމަ އައްތަގެ މިޒާޖާ ގުޅެންވާނެއެވެ. ކުޑަކުދީން ދައްކާ ވާހަކަ ވަރަށް ހަމަނުޖެހޭނެއެވެ. އުމުރުން ދުވަސްވީ މީހުން، އާންމުގޮތެއްގައި އަރަބި ލަފުޒު ބޭނުންކުރާނެއެވެ. ބޭރުން ކިޔަވައިގެން އަންނަ ދިވެއްސެއްގެ ބަހުރުވައާއި، ބަންގާޅު މީހަކު ދިވެހިން ވާހަކަދައްކާ ގޮތާއި، ގަނޑުވަރުތެރޭ ބޭފުޅުންގެ ބަހުރުވައިގައި ބޮޑު ތަފާތުތަކެއް ހުންނާނެއެވެ. ހަތްދިހައިގެ އަހަރުތަކުގައި ދިވެހިން އާންމުކޮށް ވާހަކަދެއްކި ގޮތާއި، ދެ ހާހުގެ އަހަރުތަކުގެ ބަހުރުވައިގައި ވެސް ތަފާތުތަކެއް ހުންނާނެއެވެ. ވީމާ، ފަންސާހާއި ފަސްދޮޅަހުގެ އަހަރުތަކުގައި އަދި ވަކީން ތަފާތު ބޮޑުވާނެއެވެ. އައްތައިގެ (ކެރެކްޓަރގެ) ފަސްމަންޒަރާއި (ބެކްގްރައުންޑާއި)، ޒަމާނާއި، އުޅެ ބޮޑުވި މާހައުލުގެ އަސަރު އޭނަގެ ބަހުރުވައިން ކޮންމެވެސް ވަރަކަށް އެނގެންވާނެއެވެ.

9. ވާހަކަލިޔުމުގައި ބަދަލުގައި ކިޔާ މީހާގެ ލޮލަށް މަންޒަރު ދެއްކުން

ލިޔުންތެރިޔާ ދާންވާނީ ކިޔުންތެރިޔާ ގޮވައިގެންނެވެ. ކިޔުންތެރިޔާއަށް އަޑުއިވެން ޖެހޭނެއެވެ. ވަސްދުވަން ޖެހޭނެއެވެ. ރަހަ އިހުސާސްކުރެވެން ޖެހޭނެއެވެ. ތަން ފެންނަންޖެހޭނެއެވެ. މުޅި ވާހަކައިގައި ފަށުވި އިބާރާތްތަކެއް ހުރުމަކުން ނުފުދޭނެއެވެ. ރަނގަޅު ދަނޑިވަޅުގައި، ރަނގަޅު ލަފުޒު ބޭނުންކުރަންޖެހޭނެއެވެ. ބޮލުގަރިހުމަކަށްވާ ވަރަށް ކުދިކުދި ތަފުސީލުތައް ނުލިޔާށެވެ. ބައެއް ފަހަރު އެންމެ ތަންކޮޅެއް ވެސް ނުލިޔެ ދޫކޮށްނުލާށެވެ. ދަނޑިވަޅު އެނގޭނީ ލިޔުންތެރިޔާއަށެވެ. ކިޔުންތެރިޔާއަށް އަންގަންޖެހޭ ކަންކަމާއި، ނޭންގުމުން ވާހަކައިގެ ފުރިހަމަކަން އިތުރުވާ ދަނޑިވަޅުތައް އަންނާނެއެވެ. ސާފުކޮށް އޮޅުންފިލުވައިދޭންޖެހޭ ކަންކަމާއި، މަތިމަތިން ބުނެލަންޖެހޭ އެއްޗެހި ހުންނާނެއެވެ. ކުރިން ބުނިހެން ވިސްނަންވީ އެންމެ ކަމަކަށެވެ. ކިޔުންތެރިޔާއަށް އޮޅުންއެރިޔަ ނުދިނުމަށެވެ. ބައެއް ފަހަރު ހިތަށްއަރާނެއެވެ. މިވެނި ކަމެއް ނުވަތަ އެވެނި ތަނެއް ލޮލަށް "ދައްކަން" ދެން އިތުރަށް ލިޔެވޭނެ އެއްޗެއް ނޯންނާނެއެވެ. އަދި އިރުކޮޅަކު ވިސްނައިލާށެވެ. ހުދު އަމިއްލަ ނަފުސް ހައިރާންކޮށްލާ ފަހަރު ވަރަށް ގިނައިން އަންނާނެއެވެ. ހިތާމަވެރި ހާދިސާއެއް ކިޔައިދޭއިރު ލިޔުންތެރިޔާ ގާތަށް ހިނިއައި ނަމަ ކިޔުންތެރިން ރޯންޖެހޭ ސަބަބެއް ނޯންނާނެއެވެ. ބިރުގަންނަ ވާހަކައިގައި އެންމެ ފުރަތަމަ ބިރުގަންނަން ޖެހޭނީ ލިޔާމީހާއެވެ. އަހަރެން ރޭގަނޑު ބިރުގަންނަ ވާހަކައެއް ނުލިޔަމެވެ. އެ އެއްޗެއް ކައިރީގައި ހުންނަކަމުގެ އިހުސާސް ކުރެވޭތީއެވެ. އެ ވަރަށް ތަފުސީލުކޮށް ލިޔަން މަސައްކަތްކުރާތީއެވެ.

10. ވާހަކައިގައި އުޅޭ މީހުންނަށް ކިޔާ ނަންތަކަށް ސަމާލުވުން

ހާއްސަ ސަބަބެއް ނެތި މާ އާންމު ނަންނަން ނުކިޔާށެވެ. ނަން އިވިފައި އެއީ މޭވަޔަކަށް ނުވަތަ ބޭހަކަށް ކިޔާ ނަމެއްހެން ހީވާ ކަހަލަ "މޮޅެތި" ނަންނަން ވެސް ނުކިޔާށެވެ. މާ ދިގު ނަންނަމާއި، މުޅީން ވެސް ޝީނުން ފެށޭ ނަންނަމާއި، އެއްވައްތަރުގެ ނަންތަކެއް ކިޔާ މީހުން ވެސް ވާހަކައިގައި ނުގެންގުޅޭށެވެ. ވަކި ހާއްސަ ބޭނުމަކަށް ޓަކައި ކޮންމެ ނަމެއް ވެސް ކިއިދާނެއެވެ. އާންމު އުސޫލެއްގެ ގޮތުން، ކިޔުންތެރިޔާއަށް ކިޔަން އުނދަގޫ، އޮޅުންއަރާ ކަހަލަ ނަންނަން ކިޔައިގެން ނުވާނެއެވެ.

Popular