16 Jul 2019

ހާދަ ފަލައޭ ނުކިޔާށޭ!

By: Aishath Maaha

މިއޮއް އައީ އަހަރުމެންގެ "ފަލަ ގޮލާ"އޭ ކިޔައި ގުރޫޕުގައި އުޅޭ އެންމެ ފަލަ މީހާ ނުވަތަ ކުއްޖާ އަށް މަރުހަބާ ކިޔުމަކީ ދެން މިހާރު އާންމު ކަމަކަށް ވެއްޖެ އެވެ. އެ ރައްދުވާ މީހަކު، ކަލޭމެން ކޮންމެ އެއްޗެއް ކިޔަސް ދެރައެއް ނުވެއޭ ކިޔައި ގިރުވާން ކޮޅަށް ޖަހާލާފައި ކޮފީ މޭޒުދޮށުގައި އިށީނަސް އަސްލު ހަގީގަތުގައި ހިތުގެ ކޮންމެވެސް ހިސާބެއްގައި އޮންނާނީ ޝަކުވާ އެވެ. ދެރަ ވެސް ވާނެ އެވެ.

އެކަމާ ދެރަވެގެން އެއްޗެއް ބުނީމާ އެންމެން އެއް އަޑަކުން އަނެއްކާ ވެސް ފަށާނީ ހޭށެވެ. ބްރޯ އެއީ އަހަރުމެން ސަމާސާއަކަށް ބުނި އެއްޗެކޭ ކިޔައި ވާހަކައިގެ މިސްރާބު މުޅިން ބަދަލުކޮށްލަން އުޅުނަސް ހިތުގައި ޖެހުނު އެ ލައްގަނޑު ފިލުވާކަށް ފަސޭހައެއް ނުވާނެ އެވެ.

ފެޓް ޝޭމްކުރަން ނުވަތަ މާބޮޑު މާނައެއް ނުލައި އެހެން ބުނެލާ ބަސްތަކުން އަނެކާގެ ހިތުގައި ކިތަންމެ ބޮޑު ޒަހަމެއް ވެސް ލައްވާލަފާނެ އެވެ. ފަލަ މީހަކާ ދިމާލަށް ކޮންމެ ކޮންމެ އެއްޗެއް ބުނުމުގެ ކުރިން ވިސްނާލައްޗެވެ. މިއީ އެ މީހުންނާ ދިމާއަށް ބުނެގެން ނުވާނެ އެއްޗިއްސެވެ. ކިތަންމެ ގާތް މީހަކަށް ވިޔަސް ވަރިހަމަ އެވެ.

ތިހާ ފަލަވެގެން ސިއްހަތަށް ހާދަ ގެއްލުމެއް ލިބޭނޭ...

މިހާރު އޭނަ ގާތު ޑޮކްޓަރު ވެސް އެހެން ބުނެފި އެވެ. މާބޮޑަށް ފަލަވެގެން ގޮސް އޮބީސް ވުމަކީ މުޅި މީހާގެ ސިއްހަތު ނުރައްކަލަށް ވައްޓާލާނެ ކަމެކެވެ. ހިތުގެ ބަލިތަކާއި، ޑައިބެޓިކް އަދި ކެންސަރުގެ ނުރައްކާ ވެސް އިންތިހާއަށް ބޮޑުކޮށްލާ ކަމެކެވެ. މި ނުރައްކާ ކިތަންމެ ވަރަކަށް ހަނދާންކޮށްދިނަސް އެ މީހުންގެ ވިސްނުމަކަށް ބަދަލެއް ނާންނާނެ އެވެ. މިއޮއް ހުރިހާ ދުވަހަކު ވެސް އެންމެން ތިހެން ބުނާ އަޑު އިވިއިވި ކަންފަތް ހުންނާނީ އެކަމަށް ހޭނިފަ އެވެ.

މޫނުކޮޅު ވަރަށް ލޯބި. އަދި ހިކުނީމާ ހާދަ ރީތި ވާނޭ

މީހާގެ ރީތިކަމާއި މުހިންމުކަން ތި ނިންމާލީ އޭނާގެ ސިފައަށް ބަލައިފަ އެވެ. ކިތަންމެ ނޫން ގޮތަކަށް ބުންޏަސް ތި ބުނެވެނީ ފަލަވެގެން ގޮސް ތިހުރީ މީހާގެ ސިފަ ގެއްލިފައޭ އެވެ. ފަހަރުގައި އޭރު ވެސް އޭނަ އަމިއްލަ އަށް އެކަން ގަބޫލުކޮށް އެކަމާ އަންނަނީ ހިތާމަކުރަމުންނެވެ. އެކަމަކު އެ މޭގެ ތެރޭގައި ނިކަން ބޮޑު ލޯބި ހިތެއް އޮވެދާނެ އެވެ. އެ ލޯބި ހިތުގައި ތި އަޅުވާލީ ކޫރުމެކެވެ. ބޭނުންވަނީ އޭނާގެ ސިފަ ގެއްލިފައި ހުރިކަން ހަނދާންކޮށްދޭނެ މީހެއް ނޫނެވެ. ކަސްރަތުކޮށް ބަރުދަން ލުއިކުރަން މޯޓިވޭޓް ކޮށްދޭނެ މީހެކެވެ. އެކަން އޭނައަށް ވާނެކަން ބުނެދޭނެ މީހެކެވެ. ބޭނުންވަނީ ހިތްވަރާއި ލޯތްބެވެ.

ކިހިނެއްތަ ތިހާ ފަލަވީ، މަ ވެސް ބޭނުން ފަލަވާން

ފަލަ މީހަކު ފެނިއްޖެ ނަމަ، ފަލަ ނުވެގެން ނުވަތަ ބަރުދަން އިތުރު ނުވެގެން އުޅޭ ހިކި ކޮންމެ މީހެއްގެ ދުލުކުރީގައިހެން އޮންނަ އެއް ޖުމްލަ އަކީ މިއީ އެވެ. ބައެއް މީހުންނަށް ފަލަ ވުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް މި ޖުމްލަ އަކީ ފަލަ މީހަކު އެއްވެސް ވަރަކަށް އަޑުއަހަން ބޭނުންވާނެ ޖުމްލައެއް ނޫނެވެ. ފަހަރުގައި މަލާމާތްކުރަނީއޭ ވެސް ހީވެދާނެ އެވެ.

މީހަކާއި ދިމާއަށް ބުނެވޭ އެއްޗަކުން އެމީހާގެ މުޅި ދިރިއުޅުން މަތިން ފޫހިކޮށްލަފާނެ. ---

އޭ މިހާރު ޖިމަށް ދާން ފެށީތަ؟ ސަޅި އިނގޭ

ފަހަރުގައި އެހެން ތިބުނީ ކޮމްޕްލިމެންޓަކަށެވެ. އެކަމަކު އެހެންނެއް ނޫނެވެ. ކަށިން ހިތްވަރު ނެރެގެން ބޫޓެއް ގަނެގެން ޖިމަށް ދިޔަ ދުވަހު މޯޓިވޭޓްގެ ބަދަލުގައި ތިކުރެވުނީ ޑީމޯޓިވޭޓެވެ. ފަހަރުގައި ޖިމަށް އެ ދިޔައީ ކޮންމެހެން ހިކެން ނޫން ކަމަށް ވެސް ވެދާނެ އެވެ. ފަލަ ކޮންމެ މީހަކު ޖިމަށް ދަނީ ހިކެން ކަމަށް ހީނުކުރާށެވެ.

ތިހާ ފަލަވެގެން އިންނާނެ މީހަކު ވެސް ނުވާނެ

އެއީ ތިކަހަލަ ނެރޯ މައިންޑެޑް މީހުން ގަބޫލުކުރާ ގޮތެވެ. ބިޓެއް ނުވަތަ އިންނާނެ މީހަކު ލިބެނީ ހަމައެކަނި ހިކިކޮށް ތިބޭ މީހުންނަކަށް ނޫނެވެ. މިކަހަލަ ކޮމެންޓުތަކުން އުންމީދުގެއްލި ޑިޕްރެޝަންގެ ފުން ކަނޑެއްގެ ތެރެއަށް ގަންބާލައި ސުއިސައިޑާ ހިސާބަށް ހިނގައިދާނެ އެވެ.

ބުނަން ހެއްޔެވެ؟ ގަސްތުގައި ފަލަވެގެން، އުނދަގޫތަކާއި ސިއްހީ ނުރައްކާތަކަށް ހުށަހެޅިގެން އުޅެން އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ. ބައެއް މީހުން ފަލަވަނީ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ. ހިކެން ކިތަންމެ ވަރަކަށް ކަސްރަތުކޮށް ކެއުމަށް ބަލައިގެން އުޅުނަސް ހިކުމަކީ ބައެއް މީހުންނަށް ވަރަށް ދަތި ކަމެކެވެ. އެހެންވެ، ފަލައޭ، ހާދަ ފަލައޭ ގޮވީމާ އެ މީހުންގެ ހިތަށް ތަދުވާނެ އެވެ.

ފަލަވުން ސިއްހަތު

Popular