16 Jul 2019

By: Ahmed Nadym

އެންމެ ގިނައިން މީހުން ޖަހަނީ ވަސް ނުބައި އެއްޗެކެވެ. އެކަމަކު މި ވަސް މީރު ލިޔުން ޚަރާބުކުރާކަށް އެ ވާހަކައެއް ނުދައްކާނަމެވެ. މިއީ ހިތްގައިމު ސެންޓުތަކާއި ވަހާއި އަރާމުގެ ވާހަކައެވެ. އެއީ، ދުވާލަކު ދެ ތިން އިރަށް ފެންވަރާހެން ސެންޓު ޖަހާ ބަޔަކު ވެސް އަހަރެމެންގެ ތެރޭގައި އުޅޭތީ އެވެ. އަދި ބާޒާރުގައި ހުރި ހުރިހާ ސެންޓެއް ހޮވައިގެން ގެންގޮސް އެކަތި އަނެކައްޗާ އެއްކޮށް މަސްހުނިގަނޑެއް މޮޑެން ހަދައިގެން އެންމެފަހުން އަތަށްގޮވައިގެން ކެރިއަރު ހަލާކުވެފައި ތިބި ބަޔަކު ވެސް މި ސެންޓެއްގެ އަވާގައި ޖެހިފައި ތިބީތީއެވެ. މިއުޅެނީ އެންމެ ހިނގާ ސެންޓުތަކުގެ ވާހަކަ ދައްކާށެވެ. އަހަރެމެންގެ މެދުގައި އެންމެ ބޮޑުގުޅަ، އެންމެ މަގުބޫލު އަދި އެންމެ މަޝްހޫރު ސެންޓުތަކުގެ ވާހަކައެވެ. ދާހާ ތަނަކުން އެންމެ ގިނައިން އެ ދުވާ ސެންޓުތަކުގެ ވަސްތައް ކިޔައިދޭށެވެ. އެންމެ ހިތްގައިމު އަދި އެންމެ ސަޅި ސެންޓުތަކުގެ ލިސްޓެކެވެ.

އެންމެ ކުރިން މިއޮތީ ބޭކަލުންނާއި ބޭފުޅުންނާއި ނޫކަށިފުރައިގެ ޒުވާނުންނަށް ހާއްސަ ވަސްތަކެވެ.

ބްލޫ ޑެ ޝެނެލް

1- ބްލޫ ޑެ ޝެނެލް

މިއީ ވަރަށް ކާމް، ފިރިހެންވަންތަ ވަރުގަދަ ސެޑަކްޝަނެއް އޭގައި އެކުލެވިގެންވާ އެފަދަ ދެ ވަނައެއް ނެތް ސެންޓެކޭ ބުނެވެއެވެ. ބައެއް މީހުން ބުނާ ގޮތުން ނަމަ މި ސެންޓު ޖެހުމުން ހީވާނީ ހޮލީވުޑުގެ އެންމެ ރީތި ފިރިހެނާ، ރަޔަން ގޮސްލިން އަށް ތިމަން މީހާ ބަދަލުވެގެންދާހެނެވެ. "ކްރޭޒީ ސްޓުޕިޑް ލަވް" ގައި އެ އުޅޭ ޓޮޕްލެސް ރަޔަން ގޮސްލިންހާ ސެކްސީ އަދި އެވަރަށް ކޮންފިޑެންޓް މީހަކަށް ބަދަލުކޮށްލާ ސެންޓެކޭވެ. އެހެންވީމަ، ލޯބިވެރިޔާ ރަޔަން ގޮސްލިން އަކަށް ބަދަލުކޮށްލަން ބޭނުންވާ އަންހެން ކުދިންނަށް މިކިޔައިދެވުނީ ޖާދުލެއް ހަދައިލެވިދާނެ ވަރަށް ފަސޭހަ ގޮތެކެވެ. މީގެ ނުވަ އަހަރު ކުރިން ބާޒާރަށް ނުކުތް ގޮތަށް އަދިވެސް ފިރިހެން ސެންޓުގެ ދުނިޔޭގެ ތަހުތުގައި ބްލޫ ޑެ ޝެނެލް ދެމިއޮތީ މިފަދަ ވަރަށް ގިނަ ސަބަބުތަކާ ހެދިއެވެ. ހައެއްކަ އަށެއްކަ ގަޑިއިރަށް ވަސްގަނޑު އެއްވަރެއްގައި ހިފަހައްޓައިދޭ މި ސެންޓަކީ އެންމެ މީރުވަސް ދުވާ ސެންޓުތަކުގެ ލިސްޓެއް މީގެ 100 އަހަރު ފަހުން އަހަރެމެންގެ ކާފަ ދަރިން ލިޔުނަސް އޭގައި ހިމަނަން ހައްގު، އަރާމު، އިތުބާރުކުރެވޭ ވަހެކެވެ. މިއީ އެއްގޮތަކަށް ވެސް ލެކިއުޓުގެ އިޝްތިހާރެއް ނޫނެވެ. ހަމަ ހަގީގަތެވެ.

2- ސަވާޖު ބައި ޑިއޯ

މިއީ ވަރަށް ބޮޑުގުޅަ ސެންޓެކެވެ. ބޮޑުގުޅައޭ މި ބުނަނީ އެއްގޮތަކަށް ވެސް އޭގެ އަގު، ބޮޑުގުޅައަށް ވުރެން ހެޔޮވެފައި ވަސް ނުބައިވެފައި ދެރަވަރުވީމައެއް ނޫނެވެ. ހިސާބަށް ވުރެން މަޝްހޫރުވެ، ދެން މާ އާންމުވީމައެވެ. އެވަރަށް ސެންޓެއް މަޝްހޫރުވެ އާންމުވީމަ ކޮންމެ މީހެއްގެ ގައިން ވެސް ދުވަން ފަށާނީ އެއް ވަހެކެވެ. ސަވާޖުގެ ސްޓޯރީއަކީ އެއީއެވެ. ސަވާޖަށް ލޯބިނުކުރާ މީހަކު ސެންޓުގެ ދުނިޔޭގައި ނެތެވެ. ނަމަވެސް މިއީ ބޮޑެތި ފިރިހެނުންނާއި މެދުއުމުރުގެ މީހުންނަށް ވުރެން ޒުވާނުންގެ މެދުގައި މަޝްހޫރުވެފައި މަގްބޫލު ސެންޓެކެވެ. އޭގެ ވަހާއި ހިތްގައިމުކަމުގައި ވެސް ވަނީ ނޫކަށިފުރައިގެ ސިއްރެކެވެ.

ސަވާޖު

މިއީ ޑިއޯ އިން އެތައް އަހަރުތަކެއްވަންދެން ފައްކާކުރަމުން އައި ފޯމިއުލާތަކެއްގެ ވަރަށް ހާއްސަ އުފެއްދުމެކެވެ. ސެންޓް ކަލެކްޓްކުރާ މީހުންގެ ގަދަ ފަހެއްގައި އެހާ ފަސޭހައިން ހިމެނެނީ ސަބަބެއް ނެތިއެއް ނޫނެވެ. ޑިއޯ އަކީ ސެންޓުގެ ދުނިޔޭގައި އެފަދަ ދެ ވަނައެއް ނުވާ، ހިތްގައިމު ވަސްތަކެއްގެ ސުވަރުގެއެކެވެ. މާސްޓަޕީސް އެތަސް ސެންޓެއް ތަކުރާރުކޮށްފައިވާ ބައެކެވެ.

3- 212 ވީއައިޕީ ބްލެކް އެކްސްޓްރާ

މިއީ އަނެއްކާވެސް ފިރިހެން ކުދިންގެ މެދުގައި ވަރަށް ބޮޑު މަގްބޫލުކަމެއް ލިބިފައިވާ، އެހާމެ ގިނައިރު އޭގެ ހިތްގައިމު ވަސް ހިފަހައްޓައިދޭ ސެންޓެކެވެ. ފެޝަންގެ ދުނިޔެ ފަތަހަކޮށްފައިވާ ކެރޮލައިނާ ހެރޭރާގެ "212" ސިލްސިލާގެ ސެންޓުތައް ވެފައި ވަނީ ތައާރަފުކުރި ހިސާބުން ފެށިގެން އަބަދުވެސް ފެވަރިޓަކަށެވެ. "ބްލެކް އެކްސްޓްރާ" މިއީ ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި މި އަހަރު ބާޒާރަށް ނެރެފައިވާ ފުޅިއެކެވެ. މިއީ ވަރަށް ވެސް ފިރިހެންވަންތަ ވަރުގަދަ ހޮވުމެކެވެ. ޒުވާނުންނަށް ހާއްސަކޮށްފައިވާ މި ސެންޓަކީ ބިޓެއް ގޮވައިގެން ބޭރަށް ދާ ރެއަކަށް ހަމަ މަރެކެވެ. ވަކިން ހާއްސަކޮށް ޕާޓީއެއްގެ ރޭގަނޑެއް ނަމަ މުޅި އެ ރޭގަނޑު ފަތަހަކުރަން ވަކި މިއަށްވުރެން ތޫނު ކަނޑިއެއް ނުލިބޭނެއެވެ.

4- ސްޓްރޯންގާ ވިތު ޔޫ ބައި އެމްޕޯރިއޯ އަރްމާނީ

ފޮނި ފޮނި ވަސްގަނޑެއް އެކުލެވޭ ސެންޓުތަކަށް ހިތްކިޔާ މީހެއް ކަމުގައި ވަނީ ނަމަ 2017ގެ މި އުފެއްދުމަކީ އެމީހަކަށް ލިބޭނެ އެންމެ ސަޅި ހަދިޔާއެވެ. ޖޯޖިއޯ އަރްމާނީގެ އެމްޕޯރިއޯ އަރްމާނީގެ މި އުފެއްދުމަކީ އޭގައި ނިކަން ހިތްގައިމު ފޮނިވަސްގަނޑެއް އެކުލެވިގެންވާ ސެންޓެކެވެ. ފުރަތަމަ ދެ ގަޑިއިރަށް މީގެ ވަސްގަނޑު ވަރަށް ވެސް ހިތްގައިމުވާނެއެވެ. އޭގެ ފަހުން ވެސް ޖުމްލަކޮށް ބަލަނީ ނަމަ ހަތް ގަޑިއިރު ވަންދެން އެ އަރާމުކަމުގައި ވަސް ހިފަހައްޓައިދޭނެކަން ޔަގީނެވެ.

5- އެކްސްޕްލޯރާ ބައި މޮންޓް ބްލަންކް

މިއީ ވެސް މި އަހަރު ބާޒާރަށް ނެރެފައިވާ ފުޅިއެކެވެ. މޮންޓް ބްލަންކް އަކީ ސެންޓުގެ ދުނިޔޭގައި އާދައިގެ ވަހެއް ނޫނެވެ. އެކްސްޕްލޯރާގެ ވަސްގަނޑު ވެސް މިހާ ފަސޭހައިން ވައިގަ ހިފުމުގެ އެއް ސިއްރަކީ އެއީއެވެ. ނަމަވެސް އެހެން ސެންޓުތަކާ ހިލާފަށް އެކްސްޕްލޯރާ ވަރަށް ގިނަ ބަޔަކު ސިފަކުރަނީ "ކްލޯން" ސެންޓެއްގެ ގޮތުގައެވެ. ވަރަށް މަޝްހޫރު ސެންޓެއް ކަމަށްވާ އެވެންޓަސްގެ ވަހާ މި ސެންޓުގެ ވަހުގައި މާ ބޮޑު ތަފާތެއް ނެތް ކަމަށް ރިވިއުކުރާ ތަޖުރިބާކާރުން ބުނެއެވެ. މިއީ މޮންޓް ބްލަންކްހާ ބޮޑު، މަޝްހޫރު ބްރޭންޑަކުން އެވެންޓަސްގެ ވަސް މިގޮތަށް ގެނެސްދިން ފުރަތަމަ ފަހަރެވެ. ނަމަވެސް އެވެންޓަސް އަށް ވުރެން މީގެ ވަސްގަނޑު ތަންކޮޅެއް ފޮންޏެވެ.

ދެން މިއޮތީ ކަނބަލުންނާއި ކަމަނައިންނާއި ކުދިންނާއި ބިޓުންނަށް ހާއްސަ ވަސްތަކެވެ.

ސީގެ ޕެސިއޯން

1- ސީ ޕެސިއޯން ބައި ޖޯޖިއޯ އަރްމާނީ

އަރްމާނީގެ ސެންޓުގެ ގަނޑުވަރުން ބާޒާރަށް ނެރޭ ކޮންމެ އުފެއްދުމަކީ ވެސް މިވަރުގެ މަގްބޫލުކަމެއް އަބަދުވެސް އެއަށް ލިބޭ އުފެއްދުންތަކެއްކަން ފާހަގަކޮށްލެވެއެވެ. އެމީހުންގެ "ސީ" ސިލްސިލާ ތައާރަފްވި ފަހުން މި ސިލްސިލާ އަށް އިތުރުވާ ކޮންމެ ބޮޅެއް ވެފައި ވަނީ އެހެން ސެންޓުތަކަށް އިތުރުވާ ގޮންޖެހުމަކަށެވެ. އެގޮތުން އެންމެ ފަހުގެ އެއް ރިލީޒްކަމުގައިވާ ޕެސިއޯން އަކީ އަނެއްކާވެސް މަލުގެ ސުވަރުގުއަކަށް ދަމައިގެން ގެންގޮސްދޭ ހިތްގައިމު ވަހެކެވެ.

2- އިން ލަވް ވިތު ޔޫ ބައި ޖޯޖިއޯ އަރްމާނީ

މިއީ ސީދާ ލޯބިވެރިންގެ ސެންޓެކެވެ. ވެލެންޓައިންސް ޑޭ އަށް މިވަރުގެ ވަކި ހެޔޮވަރު ހަދިޔާއެއް، ހިތްގައިމު ވަހެއް ތިމާގެ ލޯބިވެރިޔާ އަށް ނުވަތަ އަނބިމީހާ އަށް ގެންގޮސް ދެވޭނެހެނެއް ހީއެއްނުވެއެވެ. އެހެންވީމަ ތައްޔާރު ހެއްޔެވެ؟

3- ހިއުގޯ ބޮސްގެ ދަ ސެންޓް ޕްރައިވެޓް އެކޯޑް

ހިއުގޯ ބޮސްގެ މި ސީރީޒްގެ އޮރިޖިނަލް އެމީހުން ބާޒާރަށް ނެރުނީ 2015ގަ އެވެ. އޭގެ ފަހުން 2017 ވަނަ އަހަރު އަނެއްކާވެސް ތަފާތު ދެ ވަހެއް ބާޒާރަށް ނެރުނެވެ. ދެން މި އޮތީ "ދަ ސެންޓް" ސީރީޒްގެ "ޕްރައިވެޓް އެކޯޑް" އެވެ. މިއީ ވެސް ފޮނިވަހުގެ ހިތްތަކަށް އަޖާއިބަކަށް ވާނެ އުފެއްދުމެކެވެ. "ދަ ސެންޓް" ގެ ފޭނުން ޑިސެޕޮއިންޓްނުވާނެކަން ޔަގީނެވެ. މިއީ އޭގެ އެންމެ ފުރިހަމަ ވަސްގަނޑާއެކު، މި ބުނަނީ، ސެންޓު ޖަހާތާ ދެ ތިން ގަޑިއިރުގެ ތެރޭގައި އެ ހުންނަ ގަދަ ވަސްގަނޑާއެކު ޕާޓީކޮށް މަޖާކޮށްލަން ވަރަށް ވެސް ސަޅި ސެންޓެކެވެ. އޭގެ ފަހުން ދެން އޭގެ ވަސްގަނޑު ކުޑަކޮށް މަޑުވެލައެވެ. އެއަށް ފަހު އެ ގެނެސްދޭ ފިރިހެންވަންތަ މަޑުމަޑު ހިތްގައިމުކަމާ އެކު އޮފީހަށް ވެސް މި ސެންޓު ރަސްމީވީއެވެ.

4- އޮލިމްޕޭއާ ލެޖެންޑް ބައި ޕަކޯ ރަބާން

މިއީ ޕަކޯ ރަބާންގެ ފޭނުން ފަދައިން ޚުދު އެމީހުން އަމިއްލަ އަށް ވެސް ފަހުރުވެރިވާ ސެންޓެކެވެ. މިއީ 2015ގެ އުފެއްދުމެކެވެ. އެމީހުންގެ މަޝްހޫރު ފިރިހެން ސެންޓު "އިންވިކްޓަސް" ގެ ކާމިޔާގެ ތެރެއިން އުފެދިގެން އައި ސެންޓެކެވެ. ބުނެވޭ ގޮތުގައި މިއީ "އިންވިކްޓަސް" އާ އެއްފެންވަރެއްގައި ކިޔާލެވޭ އެމީހުންގެ އަންހެން ސެންޓެކެވެ. ޕަކޯ ރަބާންގެ ފުޅިއެއް އަންހެނަކަށް ހޮވާ ނަމަ އޮލިމްޕޭއާ އަކީ އެންމެ ސަޅި ސެންޓުކަމާ މެދަކު ސުވާލެއް ވެސް ނެތެވެ. ވަކިން ހާއްސަކޮށް ޒުވާން އަންހެން ކުދިންނަށް މި ސެންޓު ހާއްސަވެއެވެ.

ގުޑްގާލް

5- ގުޑް ގާލް ބައި ކެރޮލައިނާ ހެރޭރާ

"މިއީ ސެކްސިއެސްޓް ޕާފިއުމް އޮފް އޯލް ޓައިމް" އެވެ. އަންހެން ކުއްޖެއް ކައިރީގައި ގުޑްގާލް ސިފަކޮށްދޭނީ ކިހިނެތް ހެއްޔޭ ސުވާލުކޮށްފި ނަމަ ދޭނެ ޖަވާބަކީ މިއީކަން ޔަގީނެވެ. އަދިވެސް ފަނޑުވުމެއް ނެތެވެ. މި ސެންޓުން މީހާ މަސްތުކޮށް އަރާމާއި ލައްޒަތުގެ ކަނޑަކަށް ގަންބާލާނީ ސެންޓު ޖަހާތާ ގާތްގަނޑަކަށް ވިއްސަކަށް މިނެޓު ފަހުންނެވެ. އޭގެ ފަހުން އަމިއްލަ ހުރިހާ އިހުތިޔާރެއް ދެން ގެއްލުނީ ކަމަށް ނިންމާށެވެ. މިއީ އެހައި ވެސް ބާރުގަދަ އެހައި ހިތްގައިމު މަސްތެކެވެ. މަސްތެއްގައި ޖެހޭ ނަމަ ކޮންމެހެން ވެސް ގޮސް ޖެހެން ޖެހޭ މަސްތެކެވެ.

މުޅި ދުވަހަށް ވަސް ދެމިހުންނަ މި ސެންޓު ބާޒާރަށް ނެރުނު ހިސާބުން ކެރޮލައިނާ ހެރޭރާ އެ ވަނީ އެންމެ މީރު ވަސްދުވާ ސެންޓުގެ ބަހުސް އޮޅާލައިގެން ނޮޅާލައިގެން ކުދިކޮށް ސެންޓަށް ގިރާލައިގެން އެއް ނޭވާގައި ދިރުވާލައިފައެވެ. އެހެންވީމަ މީގަ ދެން ދައްކާނެ އިތުރު ވާހަކައެއް ވެސް ނެތެވެ.

އެކަމަކު ބުނެބަލާށެވެ. ޖަހައިގެން ތިހިރީ ކޮން ސެންޓެއް ހެއްޔެވެ؟

ސެންޓު ފެޝަން

Popular