11 Aug 2019

By: Ifraz Ali

ހުރިހާ ކިޔުންތެރިންނަށް އީދު ތަހުނިޔާ ކިޔަމެވެ! މި އީދުގައި ތިޔަ ނަގާ ރީތި ފޮޓޯތައް، "ދޯ" ގެ ހަފުތާގެ އެންމެ ރީތި ފޮޓޯތަކަށް ވާދަކުރުމަށް، ސޯޝަލް މީޑިއާ އަށް ދޫކޮށްލާއިރު ReethiDho# މި ހޭޝްޓެގު ބޭނުންކުރާށެވެ. މި ގެނެސްދެނީ މިދިޔަ ދެ ހަފުތާގައި އެންމެ ވައިރަލްވި އަދި އަހަރެމެންނަށް އެންމެ ރީތި ކަމަށް ފެނުނު ފޮޓޯތަކެވެ.

ashwafaheem@

ފޮޓޯ: އަޝްވާ ފަހީމް

މަޝްހޫރު ފޮޓޯގުރާފަރު އަޝްވާ ފަހީމް ނުވަތަ އެންމެ ދަންނަ ނަމުން ނަމަ އައްވަގެ ކޮންމެ ފޮޓޯއަކުން ވެސް ތަފާތު އެތައް ވާހަކައެއް ކިޔައިދެވެ. އެތައް ހުރަސްތަކާއެކު ނަގައި ކޮޅަށް ޖެހި އޭނާގެ ފޮޓޯގްރަފީ ކެރިއަރާ ގުޅޭ ގޮތުން، "ދޯ" އިން ގެނެސްދޭ "ދި ސެޝަން" އަށް އިންޓަވިއުއެއް ވެސް ދިނެވެ.

މި ފެންނަ ފޮޓޯއަކީ އައްވަގެ ރީތި އިންސްޓަގުރާމުން މިފަހަރު އަހަރެމެންގެ ހޮވުމެވެ. ވިލިނގިލީ މިސްކިތުގައި ބަޔަކު ނަމާދުކުރަން ތިބޭ ތަނެވެ. މިދިޔަ އަހަރު ނެގި މި ފޮޓޯ އައްވަ އިންސްޓަގުރާމަށް ދޫކޮށްލީ މި ނިމުނު ހަފްތާގަ އެވެ.

distoeknee@

ފޮޓޯ: އާދަމް ފަޒީލް

މި ފޮޓޯ ޓުވިޓާގައި ވަރަށް ވައިރަލްވެގެން ދިޔަ އެވެ. މި ނަގައިފައި ވަނީ ހުޅުމާލޭ ފެރީ ޓާމިނާލް ކައިރީގައި އޮންނަ ފިތުރޯނު ގަސްތަކާއި ދިމާލު ފަޅު ތެރެއިންނެވެ. ފެންނަނީ ބޯފެން ހުސްކުރި ފަސް ލީޓަރުގެ ޕްލާސްޓިކް ފުޅިއެއް މޫދުގައި އޮއްވައި، އެ ކައިރިއަށް މޫދު މަޑިތަކެއް ދާ މަންޒަރެވެ.

"ޕްލާސްޓިކް ކުނީގެ ސަބަބުން މޫދުގެ ދިރުންތަކަށް ގެއްލުންވާމުންދާކަން އަނގައިދޭން ބޭނުމީ. މި ފޮޓޯ އަސްލު ޓުވީޓްކުރީ އެހެންވީމަ،" މި ފޮޓޯ ނެގި ފަޒީލް ބުންޏެވެ.

mushanphotos@

ފޮޓޯ: މޫޝަން ފޮޓޯޒް

ފުރަތަމަ ފެނިލުމުން ހީކުރީ މިއީ ތޮއްޖެހިފައި އޮތް މާލެ ކަމަށެވެ. އެކަމަކު މިއީ މާލެއެއް ނޫނެވެ. ހުޅުމާލެ މައި މަގުން، ރެހެންދި ސްކޫލާ ދިމާލުން ނަގައިފައިވާ މަންޒަރެކެވެ. މޫޝަން، ޑީޖޭއައި ފެންޓޮމް ޑްރޯނަކުން ނަގައިފައިވާ މި ފޮޓޯއިން ފެންނަ ގޮތުގައި މާލެއެކޭ އެއްގޮތަށް ހުޅުމާލެ ވެސް މިހާރު މި ދަނީ ތޮއްޖެހެމުންނެވެ.

juxyn@

ފޮޓޯ: ޖޫޒީން

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގިތާ މިހާރު ފަސް އަހަރުވީ އެވެ. މި ފޮޓޯއިން ތި ފެންނަ އޭނާގެ މަންމަ، އައިމިނަތު އީސާ އަކީ ރިލްވާނަށް އިންސާފު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި އަބަދު ވެސް އެންމެ ކުރީ ސަފުގައި ހުންނަ އެކަކެވެ. މި މަންމަގެ ގަދަ ހިތްވަރަށް އެތައް ބަޔަކު ސާބަސް ދެ އެވެ.

ރިލްވާންގެ ބައެއް ލިޔުންތައް އެއްކޮށްލައިގެން "ރިލްވާން ދެއްކި ވާހަކަ" ގެ ނަމުގައި ފޮތެއް ތައްޔާރުކޮށް، މޯލްޑިވްސް ޑިމޮކްރެޓިކް ނެޓުވޯކުން ރިލްވާންގެ އާއިލާއަށް އެ ދުވަހު ހަދިޔާކުރި އެވެ. އަހްމަދު ޖޫޒީން މި މަންޒަރު ނަގައިފައިވާ އެ ހަފްލާގެ ތެރެއިންނެވެ.

sarimphotosmv@

ފޮޓޯ: ސާރިމް ފޮޓޯޒް އެމްވީ

ސާފަރަކު ފުވައްމުލަކުގެ ތުނޑީގައި ރާޅާ އަޅަނީ އެވެ. މިއީ ސާރިމް އަލަށް ގަނެގެން ގެންގުޅޭ ލެންސުން އޭނާ ނެގި ފުރަތަމަ ފޮޓޯ އެވެ. އައްޑިހައިގެ އަހަރުތަކުގައި ހަދައިފައިވާ ވިންޓޭޖް ޓެލެފޮޓޯ ލެންސަކުންނެވެ. އޭނާ ބުނެދެން ބޭނުންވީ ފޮޓޯ ނަގަން ފަހުގެ އެންމެ މޮޅު އަދި އެންމެ އަގުބޮޑު އެއްޗެހި ނުގަތަސް ވާނެ ކަން އަންގައިދިނުމެވެ.

ahmed_arushadh@

ފޮޓޯ: އަހްމަދު އަރުޝަދު

މިއީ ލ. މާބައިދޫ އެވެ. އަޅެ މި ބޮޑު އީދު ޗުއްޓީގައި ހިތްފަސޭހަކޮށްލަން މި ތަނުގައި ތިބެލަން ކިހާ އަރާމުވާނެ ހެއްޔެވެ.

shammoon_mohamed@

ފޮޓޯ: ޝައްމޫން މުހައްމަދު

ފޮޓޯގުރާފަރު ޝައްމޫން މުހައްމަދުގެ ކެމެރާއަށް މި ފޮޓޯގަނޑު އެރީ ޑޮކިއުމެންޓްރީއެއް ނަގަން ހދ. ކުޅުދުއްފުއްޓަށް ގޮސް އުޅުނުއިރު އެވެ. އެމީހުން އިންޓަވިއުކުރަން ދިޔަ ގެއަކުންނެވެ. އިންޓަވިއުކުރީ ރޯނު ވަށާ އަންހެނަކާ އެވެ.

"އެ ގޭގައި އުޅޭ ކުޑަކުޑަ އަންހެން ކުއްޖަކު އިނީ އަހަރެމެން އިންޓަވިއު ނަގާތަން މި ކުޑަދޮރުން ބަލަން،" މުސްކުޅި ގޮތަކަށް ހުރި އެ ގެއިން ފެނުނު މި މަންޒަރު ރީތި ވީމަ ކެމެރާގައި އޭނާ ރައްކާކުރީ އެވެ.

paradisseboy@

ފޮޓޯ: ޕެރެޑައިޒް ބޯއީ

ވ. އަތޮޅު ދިއްގިރި ކަނޑު އަޑި އެވެ. ކުޑަކުޑަ ވެލައެއް ފަތަމުން ދަނިކޮށް، އެއާ އެއް ވަރަށް ސްނޯކްލިން އަށް ގޮސް އުޅުނު މީހަކު ފަތާފައި ކުރިއަށް ދަނީ އެވެ.

ނިޝާން އަލީ

މިހާރު ފޮޓޯ/ ނިޝާން އަލީ

މާލެ މިހާރު އޮތީ ހުސްކޮށެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފަށައިގެން އެންމެ އީދު ބަންދަށް ދިމަދިމާލަށް ފުރައިފި އެވެ. އީދު ބަންދަށް ފުރާ މީހުންގެ ފޮޓޯތައް ނަގަމުން ދަނިކޮށް، ދެ ޒުވާނަކު ކުދިންތަކެއް ގޮވައިގެން ފުރަންވެގެންދާ މި މަންޒަރު "މިހާރު" ނޫހުގެ ފޮޓޯގުރާފަރު ނިޝާން އަލީގެ ކެމެރާއަށް އެރި އެވެ.

ފޮޓޯގްރަފީ

Popular