11 Aug 2019

By: Aishath Maahaa

މޫސުން ލަފާކޮށްފައިވަނީ މި އީދުގައި ވިއްސާރަވާނެ ކަމަށެވެ. އެހެންނޭ ކިޔާފަ އަވިން ރައްކާތެރިވާނެ ގޮތެއް ނެތި ދަތުރުތައް ނުރާވާށެވެ. ގަދަ އަވި ތަޖުރިބާކުރަން ޖެހުމަކީ ވެސް ވެދާނެ ކަމެކެވެ.

ކަޅު ވިޔަސް ހެވޭ ކިޔާފަ ބައެއް މީހުން އެއްވެސް ވަރަކަށް ސަން ބާން އަށް ނުވަތަ އަވިން ހަންގަނޑު އެނދުމަށް ސަމާލުކަމެއް ނުދެ އެވެ. ނަމަވެސް ގަދަ އަތްވަކީ ހަމުގެ ސިއްހަތަށް ބޮޑު ނުރައްކަލެކެވެ.

ގަދަ އަވީގައި ބޭރުގައި އުޅުން މަދުކުރަން ވާނެ

މެންދުރުގެ ގަދަ ހޫނުގައި އަވީގައި އުޅުމުގެ ބަދަލުގައި ވީވަރަކުން ހިޔަލުގައި އުޅޭށެވެ. މި ބުނީ ކޮންމެހެން ގޭގައި އޮންނާށެކޭ ނޫނެވެ. ފިނި ހިޔާދޭ ބޮޑު ގަހެއްގެ ދޮށުގައި މަޑުކޮށްލައިގެން ތިބެވިދާނެ އެވެ. ފިނިފިނި ވައިރޯޅިތަކުން ހިތަށް ހަމަޖެހުން ލިބޭނެ އެވެ.

އަވި އައިނަކާއި ތޮތްޕެއް މުހިންމު

އަވި އައިނެއް ހޯދާއިރު ހަމައެކަނި މޫނާ ގުޅޭ ރީތި އައިނެއް ހޯދައިގެން ކަމަކު ނުދާނެ އެވެ. ޕޮލަރައިޒްޑް އައިނެއްކަން ޔަގީންކުރަންވާނެ އެވެ. ހަމައެގޮތަށް އަވީގައި ގިނަ ވަގުތު އުޅޭއިރު ތޮތްޕެއް ވެސް ބޭނުންކުރަންވާނެ އެވެ. ތޮތްޕެއްގެ ބަދަލުގައި ކުޑައެއް ބޭނުންކުރެވިދާނެ އެވެ. ނަމަވެސް ކުޑައަކަށްވުރެ ފަސޭހަވާނީ ތޮތްޕެކެވެ.

ސަން ސްކްރީން ލޯޝަން ގެންދާތި

އެހެންވީމާ ފުރުމުގެ ކުރިން ކޮންމެހެން ވެސް ސަން ސްކްރީން ލޯޝަން ފުޅިއެއް ހޯދައްޗެވެ. ލޮޓަސް ފިހާރައިގައި އެހެރެ ގޯޝް ބްރޭންޑް ވަރަށް ރަނގަޅުވާނެ އެވެ. އަތްވަށް ނުކުތުމުގެ ބައި ގަޑިއެއްހާއިރު ކުރިން ސަން ސްކްރީން ބޭނުންކުރަންވާނެ އެވެ. އަދި ގިނައިރުވާ ނަމަ އަލުން އުނގުޅާލާނީ އެވެ.

ސަން ބާން ވީމަ ހަދާނީ ކިހިނެއް؟

- އައިސްފެނުން ފެންވެރުން. ނުވަތަ ފެންވަރައިގެން އެއްޗެހި ލުމުގެ އެއްކޮށް ފެން ނުހިއްކާ ހަންގަނޑު ތެތްކޮށް ބެހެއްޓުން.

- މޮއިސްޗުރައިޒާއެއް ބޭނުންކުރަންވާނެ. އެލޯވެރާ އަދި ސޯއި ހިމެނޭ މޮއިސްޗުރައިޒެއް ބޮޑަށް ރަނގަޅުވާނެ.

- ގިނައިން ފެން ބޯންޖެހޭނެ. ގިނައިން ފެން ބުއިމުން ޑީހައިޑްރޭޓްވުމުން ދުރުވާނެ.

- ހަންގަނޑަށް ދޭ ސަމާލުކަން އިތުރުކުރަންވާނެ. ހާއްސަކޮށް، އަވިން ހަންގަނޑު ރައްކާތެރިކުރަންވާނެ. އަތްވަށް ނުކުންނަ ނަމަ ސަން ބާންވި ތަން ނިވާވާ ކަހަލަ ހެދުމެއް ބޭނުންކުރަންވާނެ.

ސިއްހަތު

Popular