12 Aug 2019

ގަޔަށް ޖެހި ކުލަތައް ފިލުވާނީ ކިހިނެއް؟

ގަޔަށް ޖެހި ކުލަތައް ފިލުވާނީ ކިހިނެއް؟

By: Ifraz Ali

ފެނާއި ކުލަ ކުޅެ ނިންމައިފައި ދެން އޮންނާނެ އެންމެ ބޮޑު ކަމަކީ އެ ކުލަތައް ފިލުވުމެވެ. ޖަހާ ކުލައިގެ ގޮތުން ފިލުވަން ފަސޭހަ ނުވަތަ އުނދަގޫ ވެސް ވެދާނެ އެވެ. އެންމެ ފަސޭހަ ވާނީ ގުލާލް ޕައުޑަރު ނުވަތަ މި ކިޔާ ހޯލީ ކުލަ ފިލުވާށެވެ. އެކަމަކު މީގެ ވެސް ފޭކު ވައްތަރު ކުލަ ބޭނުންކޮށްފި ނަމަ ފިލުވަން ވަރަށް އުނދަގޫވާނެ އެވެ. ދެން މި ބޭނުންކުރާ ކާކުލަ ވެސް ފިލުވަން އުނދަގުލެވެ.

ކުލަކޮޅެއް ޖެހީމާ ފެނުން ދޮވެލައި ފޮހެލީމާ އަދި ރަނގަޅެއް ނުވާނެ އެވެ. ޝޭމްޕޫ އާއި ޝަވަޖެލުން ފިލުވީމާ ވެސް އަދި ނިމުނީއެއް ނޫނެވެ. މި ކުލަތައް ހެދުމަށް އެކި ކަހަލަ ކެމިކަލްތައް ބޭނުންކޮށްފައި ހުންނާތީ ބައެއް ފަހަރު މީހުންގެ މޫނާއި އިސްތަށިގަނޑަށް ސިއްހީ ގެއްލުތައް ލިބެ އެވެ. އަދި ސްކިން އެލާޖިކް ވެސްވެ އެވެ.

މި ބުނަނީ ކުލަ ނުޖަހާށެކޭ ނޫނެވެ. ކުލަ ޖަހައި ނިންމައިފައި އެ ފިލުވާއިރުގައި ރަނގަޅަށް ނުފިލުވީމަ ގެއްލުންވެދާނެ ވާހަކަ އެވެ. އެހެންވީމަ މި ދޭ ފަސޭހަ ޓިޕްސްކޮޅު ކިޔާލާށެވެ.

އީދު ދުވަހު ހުޅުމާލޭގައި ކުލަ ޖަހަނީ--. ފޮޓޯ:ނިޝާން އަލީ

އިސްތަށިގަނޑުން ކުލަ ފިލުވުމަށް؛

1. ކާސްޓަ އޮއިލް އަދި އޮލިވް އޮއިލް

މިއީ ކުލަ ޖަހަން ދިއުމުގެ ކުރިން ކުރަންޖެހޭ ކަމެކެވެ. އިސްތަށިގަނޑުގައި ކާސްޓަ އޮއިލް ނުވަތަ އޮލިވް އޮއިލް އުނގުޅާށެވެ. އޭރަށް އިސްތަށިގަނޑަށް ގެއްލުންވުމުން ސަލަމާތްކޮށްދޭނެ އެވެ. އަދި ނިންމައިފައި ކުލަ ފިލުވަން ވެސް ފަސޭހަ ވާނެ އެވެ. މި ދެ ވައްތަރުގެ ތެޔޮ ނެތް ނަމަ ކާށި ތެޔޮ އަދި އެލްމަންޑް އޮއިލް ވެސް މިގޮތަށް ބޭނުންކުރެވި ދާނެ އެވެ.

2. ބިހުގެ ގޮބޮޅި

ހަމަ ކުލަޖަހާ ނިމޭތަނުން ޝޭމްޕޫ ލައިގެން އިސްތަށިގަނޑު ނުދޮންނައްޗެވެ. ޝޭމްޕޫ ލުމުގެ 45 ވަރަކަށް މިނެޓުކުރިން އިސްތަށިގަނޑުގައި ބިހުގެ ގޮބޮޅި ކާއްތާށެވެ. އޭރުން އިސްތަށިގަނޑު ހަލާކުވުން ކުޑަކޮށްދީ، ފަސޭހައިން ކުލަތައް ދުއްވާލަދޭނެ އެވެ.

3. މަސްޓާޑް އޮއިލް

ކުލަ ޖަހަން ދިއުމުގެ ކުރިން އުނގުޅާށެވެ. އަދި ކުލަ ޖަހައި ނިންމައިފައި ޝޭމްޕޫ ލައިގެން ބޯ ދޮވުމަށްފަހު ވެސް މި އުނގުޅަން ވާނެ އެވެ. އުނގުޅައިފައި ގަޑިއިރެއް ވަންދެން ބަހައްޓާށެވެ.

ހަމުން ކުލަ ފިލުވުމަށް؛

1. މޮއިސްޗުރައިޒާއެއް އުނގުޅުން

ކުލަ ޖަހަން ދިއުމުގެ ކުރިން މޮއިސްޗުރައިޒާއެއް އުނގުޅުން މުހިންމެވެ. މޫނާއި އަތާއި އަދި އެ ނޫން ވެސް ހާމަކޮށް ހުންނަ ތަންތަނުގައި އުނގުޅާށެވެ. ހަންގަނޑު އިތުރަށް ރައްކާތެރިކުރުމަށް ސަންސްކްރީން ވެސް އުނގުޅިދާނެ އެވެ. އަދި ތުންފަތަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ވެސްލީން އުނގުޅާށެވެ.

2. ގަދަ ކުލައެއްގެ ނެއިލް ޕެއިންޓެއް

ނިޔަފަތި ދަށުގައި ކުލަ ތަތްވުން މީގެ ކުޑަކޮށްދޭނެ އެވެ. ކުލަ ޖަހަން ދިއުމުގެ ކުރިން ވީހާ ވެސް ގަދަ ކުލައެއްގެ ނެއިލް ޕެއިންޓެއް ނިޔަފަތީގައި ޖައްސައިގެން ދާށެވެ. ކުލަ ޖަހައި ނިންމައިފައި ދެން ނެއިލް ޕެއިންޓް ދުއްވާލާށެވެ.

3. ގޮދަން ފުށް

ގޮދަން ފުށުގެ ތެރެއަށް ލުނބޯ ހުތް ފިތާފައި ތެޔޮ ފޮދެއް އަޅާށެވެ. އެއަށްފަހު އެ މޮޑެފައި ކުލަ ހުރި ގައިގެ އެކި ތަންތަނުގައި ކާއްތާށެވެ. އޭރަށް ހަމުގައި ހުރި ކުލަތައް ފަސޭހައިން ދާނެ އެވެ. މިކަން ކުރަން ވާނީ ފެންވަރަން ދިއުމުގެ ކުރިންނެވެ.

އީދު އަޟްހާ އީދު

Popular