12 Aug 2019

By: Aminath Shifleen

މި ފަހުން ދިވެހި ޓްވިޓާގައި އެންމެ ހިންގާލި އެއް ހަރަކާތަކީ "ލިބާސް މޫވްމެންޓް" އެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ އަތުގައި އޮތް ލިބާހެއް ނޫނީ މުންޑެއް ވިޔަސް އަނދެ ނަގާފައިވާ ފޮޓޯ، "ލިބާސްމޫވްމެންޓް" ހޭޝްޓެގެއްގެ ގޮތުގައި ޖަހައިގެން ޓްވިޓާއަށް ދޫކޮށްލީ އެވެ. ވަރަށް ބޮޑަށް ވައިގައި ހިފި އެ ހަރަކާތް އަނެއްކާ ވެސް މިއޮތީ އީދަށް އެނބުރި އައިސްފަ އެވެ. މި ފަހަރު #ލިބާސްއީދު އެވެ.

އެކަމަކު ލިބާސްއީދު އެންމެ ހާއްސަވީ ސްކޭޓްކުރާ މި ޒުވާނުންނަށެވެ. ލިބާސް ލައިގެން ނުވަތަ މުންޑު އަނދެގެން ސްކޭޓްކުރީ ކުރީ ނިކަން ފަރިތަކަމާއެކު އެވެ. އާއްމުކޮށް ނުފެންނަ މި ހަރަކާތް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ.

ދިވެހި ލިބާހުގައި ޒުވާން އަންހެން ކުއްޖަކު އިއްޔެ ސްކޭޓް ކުރަނީ-- ފޮޓޯ: އިޔާދު އިބްރާހިމް

ސްކޭޓްބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ވިއްސަކަށް ޒުވާނުންނާއި ކުޑަކުދިން ބައިވެރިވި އެވެ. ލިބާހުގައި ތިބި އަންހެން ކުދިން ކަނޑިކި އަރުވާ ޖަހާލައިގެން ސްކޭޓް ބޯޑު ދުއްވާލި އިރު، މުންޑު ލައިގެން ތިބި ފިރިހެން ކުދިން ވެސް އެކަމަށް އެހާމެ ފަރިތަ އެވެ. އެއީ ބަލާލަން ހިތްގައިމު މަންޒަރެކެވެ.

ފޭލި އަނދެގެން ހުރި ޒުވާން ފިރިހެނަކު ސްކޭޓް ކުރަނީ-- ފޮޓޯ: އިޔާދު އިބްރާހިމް

އެ އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދެއްކި ގުސައްޔު އިބްރާހިމް މުހައްމަދު ބުނިގޮތުގައި "ލިބާސްމޫވްމެންޓް" އިން ކުރިފެޅި މި ހަރަކާތުގެ ބޭނުމަކީ ދިވެހި ހެދުމެއް ލައިގެން، ޒަމާނީ ކުޅިވަރެއް ކުޅެލުމެވެ. ކުޅިވަރުގެ ތެރެއިން ދިވެހި "ޓަޗެއް" ގެނައުމެވެ. އެއީ ތަފާތު އަދި މަޖާ ކަމަކަށް އެންމެންނަށް ވެސް ވި އެވެ.

"އީދަށް ތަފާތު ކަމެއް ކޮށްލަން ވެގެން މިކަން ކުރީ. މިގޮތަށް ސްކޭޓް ކުރަން ހުރިހާ ކުދިން ވެސް ވަރަށް އެކްސައިޓްވެފައި ތިބީ،" ގުސައްޔު ބުންޏެވެ.

ކުޑަކުއްޖަކު އުރައިގެން މީހަކު ސްކޭޓް ކުރަނީ-- ފޮޓޯ: އިޔާދު އިބްރާހިމް

މި ހަރަކާތުގެ ތެރެއިން އެންމެ ފާހަގަ ކުރެވުނީ ދިގު ހެދުމެއް ލައިގެން ހުރި އަންހެނަކު، އޭނާގެ ދަރިފުޅު އުރައިގެން ބޯޑު މަތީގައި ފަރިތަކަމާއެކު ދުއްވި މަންޒަރެވެ. ކުޅިވަރު ބަލަން ތިބި މީހުންނަށް ވެސް އެކަން ވަރަށް ޝައުގުވެރިވިި އެވެ.

މިއީ އާއްމުކޮށް މާލެ އާއި ހުޅުމާލޭގައި ސްކޭޓް ކުރާ ޒުވާނުންނެވެ. ގައުމީ ފެންވަރުގައި އެ މީހުންގެ ހުނަރުވެރިކަން މާބޮޑަށް ފާހަގަކޮށްފައި ނެތް ނަމަވެސް، ޔަގީނުން ވެސް އިއްޔެ އެ މީހުންގެ ތަފާތު ދައްކާލި އެވެ.

ދިވެހި ލިބާހުގައި ކުޑަ އަންހެން ކުއްޖަކު ސްކޭޓް ކުރާއިރު އެ ކުއްޖާގެ ފަހަތުން ދެ ޒުވާން ފިރިހެނުން ސްކޭޓް ކުރަނީ-- ފޮޓޯ: އިޔާދު އިބްރާހިމް

ގުސައްޔު ބުނިގޮތުގައި ބޫޓަށް ނާރާ ސްކޭޓް ކުރަން އުނދަގޫވި އެވެ. އެކަމަކު ތަފާތު ހެދުމެއްގައި އެކަން ކުރުން މާބޮޑު މައްސަލައަކަށް ނުވި ކަމަށާއި ކުޅިބަލަން ތިބި މީހުންގެ ސަޕޯޓް ވަރަށް ބޮޑަށް ލިބުނު ކަމަށް އޭނާ ބުންޏެވެ. އެކަމަކު ފޯރި ގަދަ އެ ހަރަކާތަށް ހުރަސް އެޅީ މޫސުމެވެ.

ދެ ގަޑިއިރަށް ކުރިއަށް ގެންދިޔަ ހަރަކާތް، ވަކި ހިސާބަކުން މެދުކަނޑާލަން ޖެހުނީ ވާރޭ ވެހެން ފެށުމުންނެވެ.

މި ހަރަކާތުގެ ފޮޓޯތައް ވެސް ބަލާލަން ތަފާތުވެފައި އެހާމެ ރީއްޗެވެ.

ޓްވިޓާ

Popular