17 Aug 2019

By: Ifraz Ali

ކޮންމެ އީދެއްގައި ވެސް ކެއްކުމާއި ކެއުމުގެ ފޯރި ގަދަ އެވެ. އެއީ ވަކި ރަށަކަށް ހާއްސަ ކަމެއް ނޫނެވެ. އެކަމަކު ބަދިގެ އަކީ އަންހެނުންނަށް ހާއްސަ ތަނެއްގެ ގޮތުގައި އޮންނަ އޮތުން އެންމެ ދެތިން ދުވަހަށް ނަމަވެސް ބަދަލުކޮށްލައި ތ. ގުރައިދޫގައި މިފަހަރު އީދުގައި އަންހެނުންނަށް ބަދިގެ ބަންދެވެ.

ހަތަރު ދުވަސް ވަންދެން ބަދިގެ ހަވާލުވީ ފިރިހެނުންނަށެވެ.

ފިރިހެނުން ކައްކައިގެން ގެންނަ ތަކެތި ބަހައްޓައި، ރަށު އެންމެން ކާން ހާއްސަ ތަނެއް ހުރީ ހަދައިފަ އެވެ. ސަޔާއި ކެއުމުގެ ވަގުތު ޖެހުމުން އެންމެން ގޮސް އެތަނުން ކާންވީ އެވެ.

ފޮޓޯ: އަބްދުﷲ ޔަޝައު އާދަމް / ޔަކޭ އެމްވީ

ކެއްކުމާއި ކާންދިނުމުގެ މި އިންތިޒާމު ހަމަޖެއްސުމަށް ރަށުގެ 18 އަހަރުން މަތީގެ ހުރިހާ ފިރިހެނުން ހަތަރު ޓީމަކަށް ބަހާލި އެވެ. ކޮންމެ ދުވަހަކު އެ ތަނުން ކޮންމެވެސް އެއް ޓީމަކުން އެ ދުވަހެއްގެ ކެއުންތައް ތައްޔާރުކުރާ ގޮތަށެވެ. ހެނދު ސަޔާއި، މެންދުރު ކެއުމާއި ހަވީރު ސައި ވެސް ހަދަ އެވެ.

ފޮޓޯ: އަބްދުﷲ ޔަޝައު އާދަމް / ޔަކޭ އެމްވީ

"ކެންޓީން އިންނާނީ ވަރަށް ވާދަވެރިކޮށް. އެންމެ މީރުކޮށް ކާ އެއްޗެހި ހެދުމާއި، ތަން އެންމެ ރީއްޗަށް ޑެކަރޭޓްކޮށް ހެދުން އިންނާނެ،" އެ ރަށުން ވާހަކަދެއްކި ޒުވާނަކު ކިޔައިދިނެވެ.

ފޮޓޯ: އަބްދުﷲ ޔަޝައު އާދަމް / ޔަކޭ އެމްވީ

ހެނދުނު ސަޔަށް ތައްޔާރުކުރަނީ މަސްހުންޏާއި ރޮއްޓާއި ރިހަ އެވެ. މެންދުރު ކެއުމަށް ބަތާއި ގަރުދިޔަ، ފިހުނު މަސް، ނޫޑުލުސް އަދި ކޮއްތު ރޮއްޓެވެ. އަދި ހަވީރު ސަޔަށް އެކި ކަހަލަ ހެދިކާ އެވެ. ކޮންމެ ގަޑިއަކަށް ސަޔާއި ފަނި ވެސް ގިރާފައި ހުރެ އެވެ.

ފޮޓޯ: އަބްދުﷲ ޔަޝައު އާދަމް / ޔަކޭ އެމްވީ

"ތަފާތު ތަންކޮޅަކީ އެއް ގޮތަކަށް ވެސް ގޭގޭގައި ނުކެއްކުމާއި، ފިރިހެނުން ނުކުމެ މިކަން ކުރީތީ،" އެ ޒުވާނާ ބުންޏެވެ.

ކާން އަންނަ ގަޑީގައި ފިރިހެނުންނަށް ހާއްސަކޮށްގެން އަންހެނުން އެކި ކަހަލަ މަޖާ ކަންތައްކޮށް، އީދުގެ އުފާ އެކުވެރި މާހައުލެއްގައި ލިބިގަތެވެ.

އަޟްހާ އީދު އީދު ބަންދު އީދު ފާހަގަކުރުން ތ. ގުރައިދޫ

Popular