20 Aug 2019

ބީއެމްއާރް މަތިކުރަން ކާނީ ކިހިނެއް؟

By: Asiya Abdul Raheem (Dietician)

ބޭސަލް މެޓަބޮލިކް ރޭޓް ނުވަތަ އިތުރު ހަރަކާތަކާއި ނުލާ އަނދާ ހަކަތައަކީ ދުލަހެޔޮ ބަރުދަނެއްގައި ހުރުމަށް އެންމެ ބޮޑު ރޯލެއް ކުޅޭ އެއްޗެކެވެ. އިންސާނާ ގައިން ހަކަތަ އަންދާ އޮންނަނީ މައިގަނޑު ތިން ގޮތެކެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ގޮތަކީ އިތުރު ހަރަކާތަކާއި ނުލާ އަންދާ ހަކަތަ އެވެ. މިއީ މުޅިއެއްކޮށް އަންދާ ހަކަތައިގެ 60 ޕަސެންޓެވެ. ދެވަނަ ގޮތަކީ ކަސްރަތު ކުރުމުން އަންދާ ހަކަތަ އެވެ. މިއީ ގާތްގަނޑަކަށް 25 ޕަސެންޓެވެ. ދެން ބާކީ ބަޔަކީ ކާތަކެތި ހަށިގަނޑުގައި ބޭނުން ކުރުމަށް އަންދާ ހަކަތަ (ތާމިކް އިފެކްޓް އޮފް ފުޑް) އެވެ.

ވަރަށް ގިނައިން އެފެދޭ ސުވާލެކެވެ. ޓްރެޑްމިލަކަށް އަރާ ބައިގަޑިއިރު ބާރަށް ހިނގީމަ އަނދަނީ އެންމެ 150 ކެލަރީ އެވެ. މިހާ މަދުން ހަކަތަ އެނދީމަ ބަރުދަން ލުއިވާނެ ހެއްޔެވެ؟ ތެދެކެވެ. ބައިގަޑިއިރު ބާރުމިނުގައި ހިނގައިގެން ނުވަތަ ދެވެގެން އަނދާ ކެލަރީ 200 އަށް ވެސް ނާރަފާނެ އެވެ. އެކަމު މިހެން މި އަނދާ ކެލަރީގެ ސަބަބުން މީހާގެ ބީ އެމްއާރް މަތިވެއެވެ. ކަސްރަތު ކުރުމުން ސީދާ ކަސްރަތު ކުރާ ވަގުތު އަނދާ ހަކަތައިގެ އިތުރުން ދެން އެ މީހަކު ރެސްޓުގައި އޮންނަ ވަގުތު އަންދާ ހަކަތަ ވެސް ގިނަވެއެވެ.

ހަމަ މި ގޮތަށް ކެއުން ވެސް ހިމެނެއެވެ. މީހަކު އެ މީހެއްގެ އިސްކޮޅާ އެކަށީގެންވާ މިންވަރަށް ނުކާނަމަ ކެއުން މަދުކޮށްލާތާ ދެވަނަ ހަފްތާ ތެރޭ ބީ އެމް އާރު ދަށަށް ދެއެވެ. ދެން އެ މީހެއްގެ ހަށިގަނޑުން މަސައްކަތް ކުރާނީ ކާލާ ކުޑަ އެތިކޮޅުން ވެސް ހަކަތަ އެންދުމުގެ ބަދަލުގައި ސަރުބީ އަށް ހަދާ ރައްކާ ކުރާށެވެ. ކިތަންމެ މަދުން ކެއަސް ފަލަވާ ސަބަބަކީ މިއީ އެވެ.

އަޅުގަނޑުމެންގެ ގިނަ ބަޔަކަށް ދިމާވާ މައިގަނޑު އެއް ސަބަބެއް ކަމުގައި އަޅުގަނޑަށް މި ދެންނެވި ސަބަބު ފާހަގަ ކުރެވެއެވެ. އަޅުގަނޑުމެންގެ ގިނަ ބަޔަކީ އާއްމު ގޮތެއްގައި ކަސްތަރުކޮށް އުޅޭ ބަޔަކަށް ނުވާ އިރު ޢާއްމު ދިރިއުޅުމުގައި ވެސް އިށީންދެ ނުވަތަ އޮށޯވެ އޮންނަ ވަގުތު ގިނަ ކަމަށް ފާހަގަ ކުރެވެއެވެ. މިކަމުގެ ބިރަށް ކޭމަ ފަލަވެދާނެތީ ދެން މަދުކޮށްލަނީ ކެއުމެވެ. ކަސްރަތު ނުކެރެވޭތީ ކެއުން މާ ބޮޑަށް މަދުކޮށްލުމަކީ ރިހޭ ފައިމައްޗަށް ފޮއެ ވައްޓާލުން ފަދަ ކަމެކެވެ. ކިތަންމެ ބޮޑަށް ހިކެން ބޭނުން ވިއަސް އެކްސްޓްރީމްލީ ލޯ ކެލަރީ ޑައިޓް ކުރުމަކީ ފަހުން މީހާ ފަލަވުމުގެ ފުރުސަތު އިތުރުވާ ކަމެކެވެ. ބައެއް ފަހަރު ބައެއް ބޫޓް ކޭމްތަކުގައި ވަރަށް ބޮޑަށް ހިކޭ މީހުން ވެސް ފަހުން ފަލަވަނީ ޑައިޓް ކުރާއިރު މާ ބޮޑަށް ކެއުން މަދުކޮށްލާތީ އެވެ.

ބީއެމްއާރް މަތިކޮށް ބަހައްޓަން ބޭނުންނަމަ އެންމެ ރަނގަޅު ގޮތަކީ ބަރާބަރަށް ކާންޖެހޭ މިންވަރަށް އެއް ކެއުމަކަށް މާ ގިނަ ނުވާ މިންވަރަށް 3–5 ކެއުމަކަށް ބަހާލައިގެން މެދު މިންވަރަށް ކެއުމާ އެކު އާއްމު ދިރިއުޅުމުގައި ވެސް އިށީންދެ ނުވަތަ އޮށޯވެ އޮންނަ ވަގުތު މަދުކޮށް ވީ ވަރަކުން ކަސްރަތު ގިނަ ކުރުމެވެ. މި ގޮތަގޮތަށް ބީއެމްއާރު މަތި ނުވާހާ ހިނދަކު ފޮނިތޮށި ބޮއެގެން ނުވަތަ ވިނެގާ އާއި ލުނބޯހުތް ބޮއެގެން ބީއެމްއާރް މަތި ކުރަން އުޅުމަކީ ބޭކާރު ކަމެކެވެ.

ސިއްހަތު ޑައެޓް ކާނާ

Popular