20 Aug 2019

ހިތުން އެނގެނީ ކިތައް ފޯނު ނަމްބަރު؟

ހިތުން އެނގެނީ ކިތައް ފޯނު ނަމްބަރު؟

By: Aishath Maaha

ސިޓީ އާއި ފެކްސް އާއި ފޯނު ބޫތުގެ ޒަމާން ނިމި މޯބައިލް ފޯނާއެކު މިއަދުގެ ޖީލަށް ދިރިއުޅުން މިވަނީ އެތައް ގުނައެއް ފަސޭހަވެފަ އެވެ. ބޭނުންވާ ހުރިހާ މައުލޫމާތެއް އިނގިލިކުރިން ހޯދޭހާ ފަސޭހަވެފަ އެވެ.

މި ފަސޭހަތަކާއެކު އިތުރަށް ކަންފަސޭހަ ބަޔަކަށް ވެސް މިވަނީ ވެފަ އެވެ. ހާއްސަ ދުވަހެއް ތާރީހެއް އަދި ފޯނު ނަމްބަރެއް ވެސް މިހާރު ހިތުން ދަސްކޮށްގެން ހަނދާންކުރާކަށް ނުޖެހޭނެ އެވެ. ސްމާޓް ފޯނުން ދެތިން ކްލިކާއެކު ހުރިހާ މައުލޫމާތެއް ހުންނާނީ ފެންނާށެވެ.

ފޯނު ނަންބަރުތައް ފޮތެއްގައި ނޯޓުކޮށްގެން ނުވަތަ ހަނދާނުގައި ބަހައްޓައިގެން އުޅެން ޖެހެނު ޒަމާން ވެސް ދިޔައީ އެވެ. ކޮންމެ މީހަކަށް ވެސް މިހާރު ހިތުން އެނގޭނީ ދެތިން ނަންބަރެކެވެ. އަމިއްލަ ނަންބަރު ވެސް ނޭނގޭ މީހުން އުޅެ އެވެ. މައިންބަފައިންނާއި ގާތް ދެތިން ރައްޓެއްސެއްގެ ނަންބަރު ފިޔަވައި ހަނދާނަކު ނުހުންނާނެ އެވެ.

އެހެންވެ، އަތުގައި ފޯނު ނެތް ވަގުތެއްގައި ކަމެއް ދިމާވެގެން މީހަކަށް ގުޅަން ބޭނުންވިޔަސް ލަނޑުލިބޭ ފަހަރު ވެސް އަންނާނެ އެވެ.

މިހެން ބުންޏަސް، ބައެއް މީހުން ފޯނު ނަންބަރު މާ އަވަސް އަވަހަށް ބަދަލުކުރާތީ، ނަންބަރު ދަސްކުރުމުގެ ބޭނުމެއް ވެސް ނޯވެ އެވެ. އެކަހަލަ މީހުންގެ ނަންބަރު ޖެހޭނީ ފޯނުގެ ކޮންޓެކްޓް ލިސްޓްގައި އަބަދުވެސް އަޕްޑޭޓްކުރާށެވެ.

އަނެއް ބަޔަކު ބުނަނީ ފޯނުގައި ކޮންޓެކްޓެއް ލިސްޓެއް އިންނާތީ ހިތުން ފޯނު ނަމްބަރުތައް ދަސްކުރުމުގެ ބޭނުމެއް ނޯންނަނީ ކަމަށެވެ. އެހެންވިއްޔާ، ހިތުން އެނގެނީ ކިތައް މީހުންގެ ނަންބަރުކަން ބަލައިލަބަލާށެވެ.

މޮބައިލް ފޯން

Popular