21 Aug 2019

ދަރިން ތަރުބިއްޔަތުކުރުމުގެ ނަމުގައި ހެދޭ ގޯސް

ދަރިން ތަރުބިއްޔަތުކުރުމުގެ ނަމުގައި ހެދޭ ގޯސް

By: Aishath Maaha

ދަރިން ލިބުމަށްފަހު އެންމެ މުހިންމު ބަޔަކީ އެއީ އެވެ. އަމިއްލަ ބޭނުންތައް އަންނަނީ އެކުދިންގެ ކަންކަން ފުރިހަމަކުރުމަށްފަހު އެވެ. ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ދޭން ބުރަ މަސައްކަތްތަކަކާއި ގިނަ ގުރުބާނީތަކެއް ވާން ޖެހެ އެވެ. އެންމެ ރަނގަޅު ތަރުބިއްޔަތެއް ދޭން އެކުދިންނާ މެދު ބައެއް ފަހަރު ހަރުކަށިވާން ވެސް ޖެހެ އެވެ.

އެހެންވެ އާންމުކޮށް ވާހަކަ ދައްކާ ވަރަށްވުރެ ބާރަށް އެއްޗެހި ބުނެވޭ ފަހަރު އާދެ އެވެ. ބަސް ނޭހުމުން މާބޮޑު މާނައެއް ނުލައި، ދެރަކޮށްލަން ބައެއް އެއްޗެހި ބުނެ ހެދެ އެވެ. އެއީ އެއްވެސް ހާލެއްގައި އެކުދިން ދެކެ ލޯބިނުވާތީކީ ނޫނެވެ. ރަނގަޅު ގޮތް ކުދިންނަށް ވިސްނައިދިނުމަށެވެ. ރަނގަޅު އަހުލާގެއް ލިބިފައިވާ ކުއްޖަކަށް އެކުއްޖާ ހެދުމަށްޓަކަ އެވެ.

ނަމަވެސް ބައެއް ފަހަރު މިހެން ބުނެވޭ އެއްޗެހިން ކުދިންނަށް މާބޮޑަށް އަސަރުކުރެ އެވެ. އެއީ ވަރަށް އާދައިގެ ވަރަށް ކުޑަކުޑަ އެއްޗަކަށް ވިޔަސް އެވެ. އެކަމަކު މިއީ ކުދިންނާ ދިމާއަށް ނުބުނަންވީ ބައެއް އެއްޗެއްސެވެ.

"އަވަސްކުރޭ"

ކަންތައްތަކުގައި ކުއްޖާ ވަރަށް ލަސްވެދާނެ އެވެ. މިސާލަކަށް ސްކޫލަށް ދާ ގަޑިޖެހޭއިރު ބޫޓަށް ނޭރިގެން އުޅެފާނެ އެވެ. އާންމުކޮށް ކޮންމެ ދުވަހަކު އެކަނި އެކަން ކުރި ނަމަވެސް މިޒާޖުގެ ގޮތުން ކަންކަން ކުރަން ލަސް ކުއްޖަކަށް ވެދާނެ އެވެ. އެކަމާ ހިތްހަމަ ނުޖެހިގެން އަވަސް ކުރާށޭ ކިތަންމެ ވަރަކަށް ކިޔަސް އަވަހެއް ނުވާނެ އެވެ. އޭގެ ބަދަލުގައި އެކަމާ ހާސްވެގެން ހައްތަހާ ލަސްވާނީ އެވެ. އަދި އެ ދުވަހު ލަސްވީ ކުއްޖާގެ ސަބަބުން ކަމަށް ބުނެ ދާ މަގުމަތީގައި ކިތަންމެ އެއްޗެއް ކިޔަސް އޭނާގެ ހިނގުން އަވަހެއް ވެސް ނުވާނެ އެވެ. އޭގެ ބަދަލުގައި ސްޓްރެސްވެ ޑީމޯޓިވޭޓް ވާނީ އެވެ. އެހެންވީމަ އަވަސްކުރާށޭ ކިއުމުގެ ބަދަލުގައި ކުއްޖާއާއެކު ކާކުތޯ އަވަހަށް ތައްޔާރުވެވޭނީ ބަލަން ރޭހެއް ޖަހަން އުޅުން މާ ފައިދާ ބޮޑުވާނެ އެވެ.

"ކޮއްކޮ / ބޭބޭ / ދައްތަ ގޮތަށް އުޅެބަލަ"

މައިންބަފައިންގެ ހައިސިއްޔަތުން ކުދިންގެ މެދުގައި އަޅާ ކިޔޭނެ އެވެ. ކުދިންގެ މިޒާޖު ތަފާތު ކަމުން އެކަމާ ވިސްނޭނެ އެވެ. ނަމަވެސް އެއީ ކީ ކުދިންނާ ހިސާބަށް ގެންނަން ރަނގަޅު ކަމެއް ނޫނެވެ. ބޭބޭ ނުވަތަ ދައްތަ ނުވަތަ ކޮއްކޮ ހެން އުޅެބަލާށޭ ކިޔާ ކުދިން ކޮމްޕެއާ ކުރާނަމަ އެކުދިންގެ މެދުގައި ވާދަވެރިކަމެއް އުފެދި ނަފްރަތު އުފެދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެކި ކުދިން ތަފާތުވެ ކަންކަން ދަސްކުރަން ނަގާ ވަގުތު ތަފާތުވާނެ ކަން ހަނދާން ކުރަންވާނެ އެވެ. ކޮންމެ ކުއްޖަކީ ވެސް މޮޅު އަދި ބަސް އަހާ ކުއްޖެކެވެ.

"ރުއިން ހުއްޓާލާ"

ބައެއް ފަހަރަށް ކުދިން ކުދިކުދި ކަންތައްތަކާ ސަމާލުކަން ހޯދަން ވެސް ރޮއެވެ. ނަމަވެސް ގިނަ ފަހަރަށް ކުދިން ރޯނީ ތަނަކަށް ތަދުވުން ކަހަލަ ކަމެއް ވެގެންނެވެ. އެކަހަލަ ކަމަކާއި ގުޅިގެން ކުދިން ރޯ ނަމަ ވެސް އަވަހަށް ހުއްޓާލާށޭ ބުނެ ކުދިން ހުއްޓުވަ އެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ކަމެއް ނޫނެވެ. ކުދިން ހިތްހަމަޖެހޭ ވަރަށް ރޯން ފުރުސަތު ނުދޭނަމަ އެކުދިންގެ އިހުސާސްތަކަށް އިހުތިރާމް ނުކުރަނީ އޭ ހީވެދާނެ އެވެ. އޭގެ ނަތީޖާއެއް ގޮތުން ކުދިންގެ އިހުސާސްތައް ފާޅުކުރުން ހުއްޓާލާނެ އެވެ.

"އެއީ މަންމަ / ބައްޕަ ބުނީމަ"

ކުދިން ބޭނުން ނުވާ ކަމެއް އެކުދިން ލައްވާ ކުރުވަން އަދި ބައެއް ފަހަރު ކުދިން ކުރާ ނުރަނގަޅު ކަމެއް ހުއްޓުވަން މިހެން ބުނެ އެވެ. އެކަމެއް ނުކުރަންވީ ނުވަތަ ކުރަންވީ މަންމަ ނުވަތަ ބައްޕަ ބުނީމަ ކަމަށް ކުދިންނަށް ވިސްނައިދޭން އުޅުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ ސަބަބު ބުނެދިނުމެވެ. މިސާލަކަށް މިވެނި ގަޑިއެއްގައި ޓީވީ ނުބެލޭނީ ކީއްވެކަން ބުނެދޭށެވެ. ޓީވީ ބެލޭނީ ހޯމްވޯކްތައް ހަދާފަ ކަމަށް ވާނަމަ އެގޮތަށް ބުނެ ވިސްނައިދިނުމުން ކުދިންގެ ޝައުގުވެރިކަން ވެސް ހޯދޭނެ އެވެ.

"ތިއީ ދެން އެވަރުގެ ކަމެއް ނޫން"

ކުދިން ބުނާ އެއްވެސް ވާހަކައަކަށް ޖަވާބެއްގެ ގޮތުގައި މިހެން ނުބުނައްޗެވެ. ހަގީގަތުގައި ވެސް އެއީ ވަރަށް ކުޑަ ކަމަކަށް ވެދާނެ އެވެ. ނަމަވެސް ކުދިންނަށް އެއީ ބޮޑުކަމެއްގެ ގޮތުގައި ފާހަގަވެ އެވާހަކަ ދައްކަފާނެ އެވެ. ފުރިހަމައަށް ސަމާލުކަން ދީގެން އަޑުއަހަން ވާނެ އެވެ. ކުދިން ދައްކާ ވާހަކަ ޝައުގުވެރިކަމާއެކު އަޑު ނާހާނަމަ ސަމާލުކަން ހޯދަން ބައެއް ކުދިން ހަޅޭއްލަވާ ހަދާނެ އެވެ. ނުވަތަ ކަންކަން ހިއްސާކުރުން ހުއްޓާލަފާނެ އެވެ.

Popular