21 Aug 2019

މޫނުމަތީގައި ޖަހަން ކެރޭނެ އެކުވެރިޔަކު ހުންނަން ޖެހޭ

މޫނުމަތީގައި ޖަހަން ކެރޭނެ އެކުވެރިޔަކު ހުންނަން ޖެހޭ

By: Aishath Maaha

ރައްޓެހިވެގެން އުޅޭ ކުއްޖާ ބޭވަފާތެރިވެގެން ނުވަތަ އެހެން ކަމެއް ވެގެން ބްރޭކްއަޕް ވީމާ އެންމެފުރަތަމަ ވެސް ދެވޭނީ ރައްޓެހިންގެ ގާތަށެވެ. އެ މީހުންގެ ކޮނޑުގައި ބޯއަޅައިގެން އޮވެ ހިތް ފުރެންދެން ރޮއެ، ޅިޔަ އެޅުނު ހިތުގައި މަލަން އަޅައި ނިމޭއިރު އެ ލޯބިވެރިޔާއާ ދިމާލަށް ހުރިހާ އެންމެން ވެގެން ނުކިޔާކަށް އެއްޗެއް ނޯންނާނެ އެވެ. ކުރީގެ ލޯބިވެރިޔާ އޮންނާނީ ކަށިކޮޅަކަށް ހަދައިފައެވެ.

ފަހަރުގައި އެއީ ހަމަ ކިޔަން ހައްގު އެއްޗިއްސެވެ. ނުވަތަ އެހެން ނޫން ކަމަށް ވެސް ވެދާނެ އެވެ. ތިއީ ގާތް ރައްޓެއްސަކަށްވާތީ އަދި ބުނެވޭ އެއްޗަކުން އިތުރަށް ހިތުގައި ޖެހިދާނެތީ ދެރަވާނެ ކަހަލަ އެއްޗެއް ގިނަ ރައްޓެހިން ނުވެސް ބުނާނެ އެވެ. ނަމަވެސް އާންމުކޮށް އުޅޭ އުޅުމުގައި ވެސް ތަންކޮޅެއް ރުންކުރު ނުވަތަ "މީން" ރައްޓެއްސެއް ނަމަ ކިތަންމެ ނުބައި އެއްޗެއް ވެސް އެމީހަކާ ދިމާލަށް ބުނެލަފާނެ އެވެ.

އެކަމާ އެހެން ހުރިހާ ރައްޓެހިން ވެސް ހިތްހަމަ ނުޖެހެ އެވެ. އެއީ އެހެން މީހުންގެ އިހުސާސްތަކަށް ވެސް ނުބަލާ މީހެކޭ ބުނާނެ އެވެ. ގިނަ ފަހަރަށް އެ ރަހުމަތްތެރިޔާ ހުންނާނީ ވެސް ކުޑަކޮށް އެއް ފަރާތްކޮށްލާފަ އެވެ. ބުނަން ޖެހޭ އެއްޗެއް އެވަގުތެއްގައި ވަކި މީހަކަށް ނުބަލާ ބުނާތީ އެވެ.

އެކަމަކު ސައިންސް ބުނަނީ އެންމެ ގާތުގައި ގެންގުޅެންވީ ރައްޓެއްސަކީ އެއީ ކަމަށެވެ. ދިރިއުޅުމައިގެން ކުރިއަށް ދާއިރު އަމިއްލައަށް ނަގާ ހުރިހާ ޑިސިޝަން އަށް ސަޕޯޓިވް ރައްޓެހިންނަށް ވުރެ ދިމާލަށް އެއީ ގޯސް ނިންމުމެކޭ ބުނެ އަދި އެކަން ސާބިތުކޮށްދޭން ވާހަކަ ދައްކާ ރަހުމަތްތެރިން މާ މުހިންމު ކަމަށެވެ.

އެއީ މުސްތަގްބަލް ބިނާކުރާށެވެ. ބޭވަފާތެރިވި ލޯބިވެރިޔާ އަލުން ގުޅެން ބޭނުންވުމުން ދެ މީހުން ލޯބިވާތީ އޭ ކިޔާ އާ ފުރުސަތެއް ދޭން ތަރުހީބު ދޭ ރައްޓެހިންނަށްވުރެ ދެވަނަ ފަހަރަށް ހިތް ހަލާކުވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނާ ރަހުމަތްތެރިޔާގެ އަޑު އަހަންވީ އެވެ. އޭނާގެ ބަހަށް ފުރަގަސްދީ އެހެން ސަޕޯޓިވް ރައްޓެހިންގެ ބަހަށް ނަގާ ޑިސިޝަން ފެއިލްވާ ވަރު ގިނަ ކަމަށްވެ އެވެ.

ހަގީގަތުގައި މީން ކަމަށް ލޭބަލް ކުރާ އެ ރަހުމަތްތެރިޔާ އެ ބުނެދެނީ ހަގީގަތެވެ. ހިތަށް ތަދުވި ނަމަވެސް އެ އަޑު އަހައިގެން ކުރިއަށްދާން މަސައްކަތްކޮށްފިނަމަ ކާމިޔާބާ ހަމައަށް ވާސިލްވާން ފަސޭހަވާނެ އެވެ. އަސްލު ހަގީގަތުގައި އެ ރައްޓެހިން ފޯރުކޮށްދެނީ ލޯތްބާއި އަޅާލުމެވެ. މިޒާޖު ހުންނަ ގޮތުން ތަންކޮޅެއް ރުންކުރު ނަމަވެސް އެކުގައި އުޅެން އެންމެ ރައްޓެހިންނަކީ އެއީ އެވެ.

Popular