22 Aug 2019

By: Aishath Maaha

އޮފީހުގައި ނުވަތަ އެކުގައި މަސައްކަތްކުރަން އެންމެންނަކީ ގުޅޭ މީހުންނެއް ނޫނެވެ. އެކި މިޒާޖުގެ އެކި މީހުން އުޅޭއިރު ބައެއް މީހުންގެ މިޒާޖު ހުންނަ ގޮތުން އެމީހުން ދެކެ ގިނަ މީހުން ފޫހިވެ އެވެ. އެހެންވެ މާބޮޑު އެކުވެރިކަމެއް އެ މީހުންގެ ނޯވެ އެވެ. އެކުގައި މަސައްކަތްކުރަން ބޭނުމެއް ނުވެ އެވެ.

ނަމަވެސް އެކުގައި މަސައްކަތް ކުރުން ނޫން އިތުރު ގޮތެއް ވެސް ނޯވެ އެވެ. އެކުގައި މަސައްކަތް ކުރިޔަސް ދެމެދުގައި އެއްވެސް ކަހަލަ ގުޅުމެއް ނުބާއްވަ އެވެ. ވާހަކަ ދައްކަނީ ކޮންމެހެން ވާހަކަ ނުދައްކާ ނުވާ ކަހަލަ ހާލަތްތަކުގައި އެކަންޏެވެ. އޭނަ ދެކެ ފޫހިވާތީ އޭނަ ރަނގަޅަށް ބުނާ އެއްޗެއް ވެސް ގިނަ ފަހަރަށް ކަމަކު ނުދެ އެވެ.

އެމީހުންގެ ވާހަކަ އެހެން މީހުން ގާތުގައި ނުދައްކާ

އޮފީހުގައި އުޅޭ މީހަކު އުޅޭގޮތުން އޭނަ ދެކެ ކިތަންމެ ފޫހިވިޔަސް އެ ވާހަކަ އޮފީހުގައި އުޅޭ އެހެން މީހުންގެ ގާތުގައި ދައްކާނެ ކަމެއް ނެތެވެ. އޮފީހަކީ މީހުންގެ ގޯސް ވާހަކަ ދައްކާ ފޫހިފިލުވަން އަންނަ ތަނެއް ނޫނެވެ. އެއީ މަސައްކަތް ކުރަން އަންނަ ތަނެކެވެ. އެކަހަލަ ވާހަކަ ދައްކާ ނަމަ އެއީ ތަސައްރަފްނުފުދޭ ކަމުގެ ހެއްކެކެވެ. އެހެންވީމަ އެ އަންނަ ރުޅި އާއި ފޫހި އޭނަ އަށް ދައްކަން، އޭނާ ފެނުނަސް ދަންނަ ކަމަށް ނުހެދުމާއި، އޭނަ ވާހަކަ ދައްކާ ނަމަ ލޯ އެޅުން ނުވަތަ "އައި ރޯލް" ކުރުން ކަހަލަ ކަންތައްތައް ނުކުރައްޗެވެ. އެއީ ވަރަށް ރޫޑް ކަމެއް ވެސްމެ އެވެ.

ވީހާވެސް ރަނގަޅަށް ކަންތައްކުރޭ

ކިތަންމެ ފޫހިވިޔަސް އޭނާއާ މެދު ވެސް އެހެން މީހުންނާ މެދު ކަންތައް ކުރާހެން ކަންތައް ކުރާށެވެ. އެހެން މީހުންނާ ވާހަކަ ދައްކާހާ ރީތިކޮށް އަދި އިހުތިރާމާއެކު ވާހަކަ ދައްކާށެވެ. ރައްދުގައި އެކަން އޭނަގެ ފަރާތުން ނުލިބުނަސް އެވެ. ފެނުމުން ހާލު އަހާލާ، ހިނިތުންވެލާށެވެ. އެހެން މީހަކު އުޅޭގޮތް ބަދަލު ނުކުރެވޭނެ އެވެ. ނަމަވެސް އަމިއްލަ މީހާގެ އުޅުން ބަދަލުކޮށް އެހެން މީހުންގެ ކުރިމަތީގައި އަމިއްލަ އަގު ހިފޭއްޓެނެއް ނޫން ހެއްޔެވެ.

އެކަމާ ބެހޭގޮތުން އޭނާއާ ވާހަކަ ދައްކާ

އޭނަ ކުރި ކަމަކުން ނުވަތަ އެހެން ކަމަކާ ވިޔަސް ފޫހިވެ ހިތްހަމަ ނުޖެހޭ ނަމަ އެމީހަކާ އެ ވާހަކަ ދައްކާށެވެ. އެހެން މީހުންނާ ވަކިންނެވެ. ކޮފީއަކަށް ނުވަތަ ކެއުމަކަށް ގޮސްފަ ވެސް ވާހަކަ ދެއްކިދާނެ އެވެ. ނުވަތަ ކޮންފަރެންސް ރޫމް ކަހަލަ ތަނެއް ވެސް ރަނގަޅުވާނެ އެވެ. ކަންކަން ހައްލުކުރަން އެންމެ ފަސޭހަވާނީ ވާހަކަ ދައްކައިގެންނެވެ. ޖެހުނު މައްސަލައެއް ހައްލުކޮށް އެކަން މާޒީއަށް ދޫކޮށްލާފައި ދެ މީހުން ގުޅިގެން މަސައްކަތް ކުރަން ބޭނުންވާކަން ހާމަކޮށް އޭނައަށް ވިސްނައިދޭށެވެ.

ޒާތީކޮށް ނުނަގާތި

މީހަކު ދެކެ ފޫހިވެއްޖެ ނަމަ އެކަން ޕާސަނަލްކޮށް ނަގައިގެން އެމީހަކާ ޒާތީ ހަސަދަ ބާއްވާ މީހުން ބައިވަރެވެ. ހާއްސަކޮށް ވަޒީފާގެ މާހައުލުގަ އެވެ. ފަހަރުގައި އެއީ އިންސާނީ ތޮބީއަތުގައި ހުންނަ ނުރަނގަޅު ސިފަ އެކެވެ. އެކަމަކު އަބަދު އޭނަދެކެ ރުޅި އައިސް ފޫހިވެގެން ވާނެ ކަމެއް އެބައޮތް ހެއްޔެވެ. އޭގެ ބަދަލުގައި އެކަން ހިތުން ފޮހެލައިގެން މަސައްކަތް ކުރަން އުޅެފި ނަމަ ތިއުޅޭ ވަޒީފާދެކެ ވާ ލޯބި އިތުރުވާނެ އެވެ. އޮފީހަށް ދާން ފޫހިވެގެން އުޅޭކަން ނުޖެހޭނެ އެވެ.

އެންމެންނާ ގަޔާވާކަން ވެސް ނުޖެހޭނެ

މިކަން އަބަދުވެސް ހަނދާނުގައި ބަހައްޓައްޗެވެ. އަދި އެހެން މީހުންނަށް ވެސް ހަމަ އެ ގޮތް އޮންނާނެ އެވެ. އެހެންވީމަ އޭނަ ދެކެ ފޫހިވެގެން އުޅުނަސް އެކަން ނުދައްކާ މަސައްކަތް ކުރެވިދާނެ އެވެ. ހިނިތުން ވެލައިގެން އިނދެ ދުވަހުގެ މަސައްކަތް ނިންމާފައި ގެއަށް ދިޔައީމާ ނިމުނީ އެވެ.

Popular