9 Sep 2019

އާދަޔާ ހިލާފަށް ތަރުތީބު؛ އޯސީޑީގެ އަލާމާތަކަށް ވެދާނެ!

އާދަޔާ ހިލާފަށް ތަރުތީބު؛ އޯސީޑީގެ އަލާމާތަކަށް ވެދާނެ!

By: Aishath Maahaa

ވަކި ތަރުތީބަކުން ވަކި ހަމަތަކެއްގެ މަތިން ކޮންމެ ދުވަހެއްގެ ޝެޑިއުލް ވެސް ފުރިހަމަކުރާ މީހުން އުޅެ އެވެ. އެންމެ ކުދިކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންކަން ވެސް ހަމަ މި ގޮތަށެވެ. ކާމިޔާބު ދިރިއުޅުމަކަށް މިއީ މުހިންމު ކަމެކެވެ. ނަމަވެސް މިކަންކަމުގައި މާބޮޑުވަރުވެފައިވާ ނަމަ ތިއީ އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑާ (އޯސީޑީ) ކަމަށް ވެދާނެ އެވެ. އެއީ ނަފްސާނީ ބައްޔެކެވެ.

އޯސީޑީ އަކީ ހަމައެކަނި ނިޔަފަތި ހެފުމާއި ނެގެޓިވް ހިޔާލުތަކެއް ނޫނެވެ. އޯސީޑީގެ ސަބަބުން ވަޒީފާ އާއި ކިޔެވުން އަދި އެހެން މީހުންނާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އެރުމުގެ ފުރުސަތު ބޮޑުވެ އާދައިގެ ދިރިއުޅުމެއް އުޅުމަށް ހުރަސްއަޅަ އެވެ. ބައެއް ފަހަރަށް އަމަލުތަކާއި ހިޔާލުތައް ކޮންޓްރޯލް ނުކުރެވޭ ފަހަރު އާދެ އެވެ.

އޮބްސެސިވް ހިޔާލުތައް ގިނަވެ އެވެ. މިސާލަކަށް، އާއިލާގެ އެންމެން އެއްގޮތަކަށް އަލަމާރީގައި ހެދުންތައް ނުބަހައްޓާ ނަމަ އެކަމުގެ ސަބަބުން އެމީހުންނަށް ގެއްލުން ލިބޭނެ ކަމަށް ގަބޫލުކުރެވިދާނެ އެވެ. އެހެންވެ އެގޮތަށް ކަންތައްވިޔަ ނުދޭން އެންމެން ލައްވާ އެއްގޮތަކަށް އަމަލުކުރުވަން މަސައްކަތްކޮށްފާނެ އެވެ. އެއްޗެއްގައި އަތްލައިފި ނަމަ އެތައް ފަހަރަކު އަތް ދޮވެފާނެ އެވެ. އެއީ ކޮންމެހެން މުހިންމު ކަމެއް ނޫންކަން ވިސްނި އެކަން ބަދަލުކުރަން ބޭނުން ނުވި ނަމަވެސް ކޮންޓްރޯލްކުރަން އުނދަގޫވަނީ އެވެ.

އަލާމާތްތައް

އޯސީޑީ ހުންނަ ގިނަ މީހުންނަށް އެމީހުންގެ އާދަތަކާއި އަމަލުތަކަކީ އެއްވެސް މާނައެއް ހުރި ކަންކަން ނޫންކަން އެނގެ އެވެ. އެމީހުން އެކަންކަން ކުރަނީ ކުރާހިތުންނެވެ. އަމިއްލަ ހިތްހަމަޖެހުމަށެވެ. އެކަންކަން ކުރުން ހުއްޓާލައިފި ނަމަ އެމީހުންގެ ހިތްހަމަޖެހުން ގެއްލެ އެވެ.

އޯސީޑީ ހުންނަ ގިނަ މީހުންގެ އާދަތައް ހުންނާނީ ސާފުތާހިރުކަމާއި ވަކި ތަރުތީބަކުން އެއްޗެހި ބެހެއްޓުން ކަހަލަ ކަންކަމާ ގުޅިފަ އެވެ. އެންމެ އާންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

- ތަންތަން ހަޑިވެދާނެތީ އެކަމާ ކަންބޮޑުވުން

- އަނިޔާއެއް ވެދާނެތީ އަދި އެހެން މީހަކަށް ކަމެއް ވެދާނެތީ އެކަމާ ކަންބޮޑުވުން

- އެއްޗެހި އަބަދުވެސް ވަކި ތަރުތީބަކުން ބެހެއްޓުން މަޖުބޫރު ކަމަށް ގަބޫލުކުރުން

- ވަކި ނަމްބަރެއް ނުވަތަ ކުލަތަކަކީ ރަނގަޅު އަދި ގޯސް ކުލަތަކަކާއި ނަމްބަރުތަކެއް ކަމަށް ގަބޫލުކުރުން

- އެސްފިޔަޖެހުމާއި ނޭވާލުން ފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއްދީ އެކަންކަމާއި ވިސްނުން

- ބައިވެރިޔާ ބޭވަފާތެރިވެދާނެ ކަމަށް ހީކޮށް ޝައްކުކުރުން

ކޮމްޕަލްސިވް ބައެއް އާދަތަކުގެ ތެރޭގައި ހިމެނެނީ:

- އެއްވެސް ސަބަބެއްނެތި އިރުއިރުކޮޅާ އަތްދޮވުން ފަދަ ކަންކަން ކުރުން

- ދޮރު ތަޅުލެވިފައިތޯ، ބޮކިތައް ނިއްވުންތޯ ފަދަ ކަންކަން އެތައް ފަހަރަކު މަތިން ޗެކުކުރުން

- ފިޔަވަޅު ގުނުން ފަދަ ކަންކަން ކުރުން

- ދޮރުގެ ތަޅުގައި ހިފުމާއި ޕަބްލިކް ފާހާނަތައް ބޭނުންކުރަން ފަދަ ކަންކަން ކުރަން ބިރުގަތުން

އޯސީޑީއަށް މެދުވެރިވާ ސަބަބުތައް

ބައެއް މީހުން އޯސީޑީއަށް މެދުވެރިވާ ސީދާ ސަބަބެއް ޑޮކްޓަރުންނަށް ވެސް ބުނާކަށް ނޭނގެ އެވެ. އޯސީޑީގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ވިސްނުމާއި އާދައިގެ މީހުންގެ ވިސްނުމާއި ތަފާތުވެ އެވެ. އަދި ފިރިހެނުންނަށްވުރެ ބޮޑަށް މި ބަލި ފެންނަނީ ވެސް އަންހެނުންގެ ކިބައިންނެވެ.

ފުރާވަރު އަދި ޒުވާން އުމުރުގައި އޯސީޑީގެ އަލާމަތްތައް ފެންނަން ފަށަ އެވެ. ސްޓްރެސްގެ ސަބަބުން އިތުރަށް މީހާގެ ހާލަތު ގޯސްކޮށްލަ އެވެ. އަދި މިއީ ޖީންއާ ގުޅިފައިވާ ކަމެއް ކަމެއް އަދި މިހާތަނަށް ހޯދިފައެއް ނުވެ އެވެ. ނަމަވެސް އޯސީޑީއަށް މަގުފަހިވާ ބައެއް ސަބަބުތަކަކީ:

- މަންމަ / ބައްޕަ، އާއިލާ މެންބަރަކު ނުވަތަ އޯސީޑީ ހުންނަ ކުއްޖަކު ލިބުން

- ޑިޕްރެޝަން، އެންޒައިޓީ، ޓިކްސް

- ޓްރޯމާއެއް ތަޖުރިބާކުރަން ޖެހުން

- ކުޑައިރު ޖިސްމާނީ އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށްވެފައި ވުން

ފަރުވާ

އޯސީޑީއަށް ޝައްކުކުރެވޭނަމަ ޑޮކްޓަރަށް ދައްކަންވާނެ އެވެ. އަދި ތިފެންނަ އަލާމާތްތަކަކީ އެހެން ބައްޔެއްގެ އަލާމާތެއް ނޫންކަން ޔަގީންކުރަން ވާނެ އެވެ. މި ބައްޔަށް ސީދާ ފަރުވާއެއް ހޯދިފަ ނެތް ނަމަވެސް އޯސީޑީގެ ސަބަބުން ގައިގައި ހިފާފަ ހުންނަ އާދަތައް މަޑުމަޑުން މަދުކުރުމަށް ޑޮކްޓަރުން އެހީވާނެ އެވެ. ބޭހެއް ނުވަތަ ތެރަޕީ ސެޝަންތަކެއްގެ އެހީގަ އެވެ.

މައުލޫމާތު: ވެބްއެމްޑީ

Popular