19 Sep 2019

By: Aishath Maaha

މިދިޔަ މަހު އާޓް ގެލެރީގައި ބޭއްވި އަންވެއިލިން ވިޝަން އެގްޒިބިޝަނަށް ވަދެގެން ދިޔައިރު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތް އެއް ކުރެހުމަކީ ނުވަތަ އާޓް ވޯކަކީ އަހުމަދު އަޒްމީ (ބާޗީ)ގެ މި މަސައްކަތެކެވެ.

މި އާޓްޕީސްގެ ވާހަކައިގެ ކުރިން ބާޗީގެ ވާހަކަ ދައްކަން ހިނގާށެވެ. ބާޗީގެ ކުރު އެކަމަކު ވަރަށް ފޮނި ތައާރަފެކެވެ. ބާޗީ އެންމެ ހާއްސަ މީޑިއަމަކީ ކޮންޓެމްޕޮރެރީ ނުވަތަ އެބްސްޓްރެކްޓެވެ. މި އާޓް ޕީސް އަކީ އެބްސްޓްރެކްޓް އަދި ސްކަލްޕްޗާގެ މިކްސްއަޕެކެވެ.

މަތީ ތައުލީމަށް ސްރީ ލަންކާގައި ހޭދަކުރި ދުވަސްތަކުގައި ކުރެހުމަށް ޝައުގުވެރިވެ އޭގެތެރެއަށް ވަދެވުނު ނަމަވެސް ރަސްމީކޮށް އެ މަސައްކަތަށް ބާޗީ އަށް ނުކުމެވުނީ އޭގެ އަހަރުތަކެއް ފަހުންނެވެ. އޭގެކުރިން މާލޭގައި ވަޒީފާގައި ހޭދަކުރި ދުވަސްތަކުގައި ވެސް ހޮބީއަކަށް އާޓްގެ މަސައްކަތްތައް ކޮށް އުޅުނެވެ.

މައިބަދަ އަށް ޖެހުނު ބައްޔަކާ ގުޅިގެން ނުހިނގި، ފުރޮޅުލީ ގޮނޑީގައި ދުވަސްތަކެއް ހޭދަކުރަން ޖެހި އެ ދުވަސްވަރު ކުރެހުމުގެ މަސައްކަތަށް އިތުރަށް ޝައުުގުވެރިވެ އިތުރަށް އެކްސްޕްލޯކޮށް އަމިއްލަ ހުނަރު އިތުރުކުރި އެވެ.

އަލުން އަނެއްކާވެސް ހިނގެން ފެށިއިރު ބާޗީ އަކީ ކުރިއަށްވުރެ ތަޖުރިބާ އާއި ހުނަރު ވެސް ލިބިހުރި ކުރެހުންތެރިއެކެވެ. އޭގެ ހައެއްކަ އަހަރު އާޓްގެ އެކި މީޑިއަމްތައް އެކްސްޕެރިމަންޓް ކުރުމަށް ފަހު އޭނާ ނުކުމެގެން އައީ ކޮންޓެމްޕޮރަރީ އެބްސްޓްރެކްޓް އާޓިސްޓެއްގެ ގޮތުގަ އެވެ. އާންމުކޮށް ދައްކާލި ބާޗީގެ ފުރަތަމަ އެގްޒިބިޝަނަކީ 2017 އަހަރު މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީއާ ގުޅިގެން ބޭއްވި އަންވެއިލިން ވިޝަން އެގްޒިބިޝަނެވެ. އޭގެ ފަހުން އެނިގްމާގެ ނަމުގައި ބޭއްވި ބޮޑު ސޯލޯ އެގްޒިބިޝަނަކީ އޭނާގެ އަސްލު ބްރޭކްއައުޓެވެ. މިހާ ހިސާބުން ބާޗީގެ ތައާރަފް ނިންމާލާފައި ކުރެހުމުގެ ވާހަކަ ދައްކަން ހިނގާށެވެ.

މި ކުރެހުމުން ފެންނަނީ....

މި ކުރެހުމުން އެންމެ ފުރަތަމަ ސިފަވީ މިނިވަންކަން ހޯދަން މަސައްކަތްކުރާ މީހެކެވެ. ތޮށިގަނޑުފަޅާލައިފައި ނުކުންނަން މަސައްކަތް ކުރާ މީހެއް ކަހަލަ އެވެ. ވަކި ލިމިޓެއްގެ ތެރޭގައި ނުވަތަ ހައްދެއްގެ ތެރޭގައި ހުންނަން ޖެހޭ މީހަކު ހައްދުން ބޭރަށް ނުކުންނަން މަސައްކަތްކުރާ މަންޒަރެވެ.

ބާޗީގެ މި ކުރެހުމުން ދައްކައިދެނީ ޑިޕްރެޝަން ހުންނަ މީހެއް

މިއީ ޑިޕްރެޝަންގެ ވާހަކައެއް

މި ކުރެހުމުން ބާޗީ ކިޔައިދެނީ ޑިޕްރެޝަންގެ ވާހަކަ އެވެ. ކުރެހުމަށް ނަން ދީފައިވަނީ ވެސް ގުޅުވާލައިފަ އެވެ. މި މަސައްކަތަށް ބާޗި ދީފައިވާ ނަމަކީ "ޑްރައުނިން" އެވެ.

"ޑިޕްރެޝަންގެ މައްސަލަ ރާއްޖޭގައި ވެސް ބޮޑު. ޑިޕްރެޝަންއަށް އޭތި ޓާގެޓްކޮށްފަ އެ އިންނަނީ. އާންމުކޮށް ގިނަ މީހުންނަށް ޑިޕްރެޝަންއަށް ގޮސްފަ ތިބޭ މީހުން ކުރިމަތިލާ ގޯތުރޫކުރަންޖެހޭ ކަންތައް އަންޑަސްޓޭންޑެއް ނުވޭ. ވަރަށް ފަސޭހަކޮށްލާފަ މި ބުނަނީ. ޑިޕްރެޝަންއޭ ބުނީމަ ބުނަނީ އަދި ރަނގަޅުވާނޭ. އެމީހުންނަކަށް ނޭނގޭ ޑިޕްރެޝަން ހުންނަ މީހާ ކުރިމަތިލާ ކަންތައްތަކާއި ގަންނަ ބިރާއި ހިތަށް އަރާ އެއްޗެހި،" ބާޗި އޭނާގެ ކުރެހުން ކިޔައިދޭން ފެށި އެވެ.

ދެން މި ކުރެހުން އަނެއްކާވެސް ރާއްޖެއާ ގުޅުވާލީ އެވެ. އެއީ ކަނޑެވެ. ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑަށްވާތީ އެވެ.

"އަށްޑިހަ ޕަސަންޓު ނުވަތަ 90 ޕަސަންޓު މީހުން ތިބޭނީ މޫދަށް އެރިފަ. ކޮންމެ މީހަކު ވެސް ކޮންމެވެސް ހިސާބެއްގައި ބިރުގަންނާނެ ފެތިދާނެތީ ނުވަތަ ގެނބިދާނެތީ. ކޮންމެ މީހަކަށް ވެސް އަންޑަސްޓޭންޑްވާނެ ގެނބުމަކީ ކިހާ ބިރުވެރި ކަމެއްކަން. ފަތަން ދަސްކުރާއިރު ވެސް އެންމެ ބިރުގަންނާނީ ގެނބިދާނެތީ."

1. އޭގަ އެ ދައްކައިދެނީ ގެނބިގެންދާ މީހަކު. ޑިޕްރެޝަން ހުންނަ މީހާ އެގަންނަ ބިރަކީ ގެނބިގެންދާ މީހާ އެގަންނަ ބިރަށްވުރެ ބޮޑު ބިރެއް. ގެނބޭ މީހާ މަސައްކަތްކުރާނެ ގެނބޭ ގަޑީގައި ވެސް ސަލާމަތްވާން ތަންތާނގައި ހިފަހައްޓާފަ ނުވަތަ ސަލާމަތްކުރަން އަންނަ މީހާ އަށް ވެސް މާބޮޑަށް ނުބަލާ އޭނަ އަޑިއަށް ކޮއްޕާލާފައި ވެސް ސަލާމަތްވާން މަސައްކަތް ކުރާނެ. އެއީ ކޮންމެހެން އެހެން ހަދަން ބޭނުންވެގެންނެއް ނޫން.

2. ޑިޕްރެޝަން ހުންނަ މީހާވެސް ކޮންމެހެން ބޭނުންވެގެންނެއް ނޫނޭ އެހެން އުޅެނީ. އެމީހުން ވެސް ބޭނުންވޭ ސަލާމަތްވެގެން އާދައިގެ މީހުންނާއެކު އެމީހުން އުޅޭހެން އުޅެން. އެގޮތުގެ މަތިން އަތް ޕެއިންޓިން ބޭރުގައި އަތް އަޅުވާފަ އެއިނީ.

3. އެ ދައްކުވައިދެނީ އެމީހުން ވެސް މަސައްކަތްކުރާތަން. އެބަ ފައިިޓްކުރެއޭ. ބޭރުން އަތް އަޅުވާފަ އިނީމަ އެ ދައްކުވައިދެނީ މަސައްކަތްކުރާތަން. އެބަ ހިފަހައްޓައޭ އެހެން މީހުން ގޮތަށް އުޅެން.

4. ގެނބިގެން ނުދާން ނުވަތަ ޑިޕްރެޝަންގެ ތެރެއަށް ނުދާން އެމީހުން މަސައްކަތްކުރޭ.

5. ސްކަލްޕްޗާގެ މޫނުމަތިން ވެސް އެ ފެންނަނީ ހާސްވެފަ ހުންނަ މަންޒަރު. ޑިޕްރެޝަންގެ ތެރެއަށް ގެނބިގެންދާ މީހާ ވެސް ހުންނާނީ ހާސްވެފަ އަނގަހުޅުވިފަ. ގެނބޭ މީހާ ވެސް ފަހު ނޭވާގައި ފުން ނޭވާއެއް ލާން މަސައްކަތް ކުރާނެ. އެތަން އެ ފެންނަނީ.

6. މޫނު އެ ފެންނަ ސްކަލްޕްޗާ އަކީ ބާޗިގެ އަމިއްލަ މޫނު ބޭނުންކޮށްގެން ތައްޔާރުކޮށްފަ. އެއީ އެއް މަސް ދުވަހުގެ މަސައްކަތް.

މިއީ ތަފާތު މަސައްކަތެއް ދައްކާލަން ބާޗި ކުރި މަސައްކަތެކެވެ. އާއިލާ އާއި ގާތް މީހުންގެ އެހީތެރިކަމާއެކުގަ އެވެ. ގާތް އެތައް ބަޔަކު ޑިޕްރެޝަންގެ ވޭން ތަހައްމަލް ކުރާތީ އަދި ރާއްޖޭގައި ވެސް ގިނަ ބަޔަކު ތަހައްމަލު ކުރާ ބަޔަކަށްވާތީ ކުރެހުމެއްގެ ސިފައިގަ އެ ވޭނީ ވާހަކަތައް ބާޗި ކިޔައިދިނީ އެވެ.

އާޓިސްޓް މެންޓަލް ހެލްތް ޑިޕްރެޝަން އާޓް އެގްޒިބިޝަން

Popular