8 Oct 2019

By: Aishath Maaha

ޖިމަށް ދާން ބޭނުންވެ ނުދެވިފަ ތިބި މީހުން ބައިވަރެވެ. އެކި ސަބަބުތަކާ ހުރެ އެވެ. އެއިން އެއް ސަބަބަކީ ޖިމަށް ގޮސް "ވާނުވާ" ވެގެން އުޅެން ޖެހިދާނެތީ ލަދު ގަތުމެވެ. ޕާސަނަލް ޓްރެއިނަރެއް ހޯދުމަކީ ހުރިހާ އެންމެނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެވަރު ނުވި ނަމަވެސް ޖިމަކަށް ދެވޭނެ ފެންވަރު ހުރި މީހުން ބައިވަރެވެ.

އަލަށް ޖިމަށް ދާން ބޭނުންވާ މީހުންނަށް މިފަހަރު ޓިޕްސްތަކެއް މިދެނީ ފިޓްނެސް އިންސްޓްރަކްޓަރު އަހްމަދު ރިޔާޒެވެ. ރިޔާޒަކީ ފިޓް ޒޯންގެ ވެރިޔާ އަދި އިންސްޓްރަކްޓަރެވެ. ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ އެބަހުއްޓެވެ.

ރިޔާޒަށް ފިޓްނެސްގެ ތެރެއަށް ވަދެވުނީ މާލެއަށް ކިޔަވަން ފޮނުވުމުން 1990ގެ ކުރީކޮޅު އާއިލާ އަށް ސިއްރުން ބަނޑޮސް އައިލެންޑް ރިސޯޓަށް ގޮސް އެތަނުގެ ވެރިޔާ މުހައްމަދު ވަހީދުއްދީންގެ ފަރާތުން ލިބުނު ފުރުސަތެއްގަ އެވެ. އޭނާ 2011 ވަނަ އަހަރާ ހަމައަށް ރިސޯޓުތަކުގައި މަސައްކަތް ކުރުމަށް ފަހު މީހުން ޓްރެއިން ކުރަން ދެން އައީ މާލޭ ފިޓްނެސް ސެންޓަރަށެވެ. ބަނޑޮހުގެ އިތުރުން ސަން އައިލެންޑް އަދި ވެލައްސަރު މޯލްޑިވްސްގައި ވެސް އޭނާ މަސައްކަތް ކުރި އެވެ. އެތަން އުވެންދެން އެތަނުގައި މަސައްކަތް ކުރުމަށް ފަހު ފިޓް ޒޯން އުފައްދައި މިއަދު ރިޔާޒް މަސައްކަތް ކުރަނީ އެތަނުގަ އެވެ. މިހާތަނަށް ގިނަ ޒުވާން އެތައް ފިޓްނެސް ޓްރެއިނަރުން ތަމްރީނުކޮށްފަ އެވެ.

ތިޔަ ހުރީ ކޮން ސްޓޭޖެއްގައިކަން ދެނެގަނޭ

ޖިމަށް ދާން ފެށުމުގެ ކުރިން، މީހާ ހުރީ ކޮން ސްޓޭޖެއްގައި ކަން އެ މީހަކު އަމިއްލަ އަށް ދެނެގަންނަން ޖެހެ އެވެ.

"މީހާ ހުރީ އޯވަވެއިޓްކޮށްތޯ ނޫނީ އަންޑަ ވެއިޓްކޮށްތޯ ބަލަންޖެހޭނެ އެންމެ ފުރަތަމަ ކަމަކަށް. އޯވަވެއިޓް މީހަކަސް އަންޑަވެއިޓް މީހަކު ނަމަވެސް ބަލަންވީ ފުރަތަމަ ގޮސް ވެއިޓުގައި ނުހިފައި، ޓްރެޑްމިލް ނުވަތަ ބައިކް ބޭނުންކޮށްލާ، އެތަނުގައި ހުންނަ ވެއިޓްތައް އުފުއްލުމުގެ ބަދަލުގައި އަމިއްލަ ވެއިޓްގައި ބެލެންސްކުރަން އެނގި ޕޮޒިޝަންތައް ދަސްކުރުމަކީ އެންމެ ބަލަންޖެހޭ ކަމަކީ."

ޖިމަށް ދާނީ އެންމެ ގިނަވެގެން ހަފުތާއަކު ހަތަރު ދުވަހު

ބަރުދަން ލުއިކުރަން ނުވަތަ ބަރުދަން އިތުރުކުރަން ޖިމަށް ދާން ފަށާ މީހުން ވެސް ޖިމަށް ދާން އެންމެ ރަނގަޅީ ހަފުތާއަކު ހަތަރު ދުވަހު އެވެ. އެއީ ދެ ދުވަހުން އެއް ދުވަހެވެ. އެ ދުވަސްތަކުގައި ކާޑިއޯ އެކްސަސައިޒްތަކަށް ވެސް ސަމާލުކަން ދޭން ވާނެ އެވެ.

"އެންމެ މަދުވެގެން ހަފުތާއަކު ތިން ދުވަހު ޖިމަށް އައިސް ކަސްރަތުކުރަންވީ. ދެ ދުވަހުން އެއް ދުވަހު ދާންވީ ރިކަވަރީއަށް އެއް ދުވަސް ދޫކޮށްލަން."

ޖިމަށް ދާންވާނީ ހަށިގަނޑު ރަނގަޅަށް ރިކަވާން ވަގުތު ލިބޭ ގޮތަށް. -- ފޮޓޯ: މިހާރު

އެންމެ ރަނގަޅީ އެއް ގަޑިއެއްގައި ދިއުން

ހަށިގަނޑު ރަނގަޅަށް ރިކަވާން ވަގުތު ލިބޭ ގޮތަށް އަދި އާންމު ދިރިއުޅުމަށް ވެސް ބުރޫނާރާ ގޮތަށް ޖިމް ވަގުތުތައް ހަމަޖެއްސުން މުހިންމެވެ. ހެނދުނު ދާން ފަސޭހަ މީހުން ހެނދުނެވެ. ހަވީރު ދާން ފަސޭހަ މީހުންނަށް ހަވީރެވެ. އެންމެ ގިނަ މީހުންނަށް ކަމުދާ ވަގުތަކީ ހަވީރެވެ. އެއީ ގިނަ މީހުންގެ ބޮޑީ ޓެމްޕަރޭޗާ އެންމެ އެކްޓިވް ވާ ވަގުތަކަށް ހަވީރު ވާތީ އެވެ.

"ހެނދުނަކީ ވެސް އެންމެ ރަނގަޅު އެއް ވަގުތު. އެކަމަކު ރަނގަޅަށް ނިދި ނުނިދި ނުވަތަ މާބޮޑަށް ބޮޑީ ވޭކަޕްނުވަނީސް ކަސްރަތުކޮށްފިއްޔާ މާ ރަނގަޅަކަށް ނުކުރެވޭނެ. އެކަމަކު ހަވީރު މީހާގެ އެކްޓިވް ލެވެލް ހައި ވާ ވަރަކަށް މީހާގެ އެނާޖީ ލެވެލް ހައިވާނެ."

ކަސްރަތަށް ފަހު އެންމެ މަދުވެގެން 24 ގަޑިއިރުގެ ވަގުތެއް ރިކަވަރީއަށް ދޭންވާނެ ކަމަށް ރިޔާޒް ބުންޏެވެ. އެހެން ނޫން ނަމަ އިންޖަރީވުމުގެ ފުރުސަތު ބޮޑުވާނެތީ އެވެ.

އެންމެ ރަނގަޅީ ގަޑިއިރެއް

ރިޔާޒް ބުނީ އަލަށް ޖިމަށް ދާން ފަށާއިރު އެއް ގަޑިއިރުގެ ކަސްރަތުން ފުދޭނެ ކަމަށެވެ. އެންމެ ގިނައިރު ވެގެން އެއް ގަޑިއިރާ ވިހި މިނެޓް ކަމަށެވެ.

"އެއީ ކާޑިއޯ އަށާއި ކަސްރަތަށް ޖުމްލަ އެވަރު. އެއީ އެންމެ އައިޑިއަލް ވަރު. އޯވަވެއިޓްވާއިރު ބައެއް ފަހަރު ނޭނގެނީ އެހެންވެ. އެންމެ ރަނގަޅީ ޕްރޮގްރާމެއް ޑިޒައިނެއްކޮށްގެން ފޮލޯކުރުން. އަމިއްލައަށް ގޮސް ހުރިހާ އެއްޗެއްގަިއ ހިފަން ވެއްޖެޔާ ނޭދެވޭ އަސަރުތަކެއް ކޮށްފާނެ."

ޓްރެއިނަރުންގެ ލަފާ ހޯދަންވާނެ

ގިނަ ޖިމްތަކުގައި އަބަދުވެސް ޑިއުޓީގައި އިންސްޓްރަކްޓަރުން ހަރަކާތްތެރިވާނެ އެވެ. ޕާސަލަން ޓްރެއިނަރެއް ނެތް ނަމަ ޑިއުޓީގައި އުޅޭ ޓްރެއިނަރުން ގާތުގައި އަހައި އޮޅުން ފިލުވަން ވާނެ އެވެ. އެ ޓްރެއިނަރުން ހުރިހާ އެންމެނަށް ވެސް އެވެއިލެބަލްވާނެ އެވެ.

ބަޔަކު ޖިމެއްގައި ކަސްރަތުކުރަނީ. -- ފޮޓޯ: މިހާރު

ސްޕޯޓްސް އެއްޗެހި ހޯދާތި

ބޫޓެއް ހޯދާއިރު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ހެޔޮވަރުގެ ބޫޓެއް ގަތުން ކަމަށް ރިޔާޒް ބުންޏެވެ. އެންމެ އާދައިގެ ބޫޓެއްގެ ބަދަލުގައި ރަނގަޅު ކޮލިޓީއެއްގެ ބޫޓެއް ހޯދަން ޖެހެ އެވެ.

އަދި ލާ އެއްޗެހި ހާއްސަކޮށް ސްޕޯޓްސް އެއްޗެހި ހޯދަން ލަފާދެ އެވެ. އެއީ ސްޓްރެޗްކޮށް ހަދާއިރު އެންމެ ފަސޭހަވާނީ ސްޕޯޓްސް މެޓީރިއަލްގެ ހެދުން ކަމަށްވާތީ އެވެ.

ޕޯޝަން ކުޑަކޮށް، ބެލެންސް ޑައިޓެއް މުހިންމު

ޖިމަށް ގޮސް ކިތަންމެ ވަރަކަށް ކަސްރަތު ކުރި ނަމަވެސް ބެލެންސް ޑައިޓެއް ނެތް ނަމަ ކަސްރަތުގެ މާބޮޑު ފައިދާއެއް ނުކުރާނެ އެވެ.

"ބެލެންސް ޑައިޓެކޭ މި ބުނަނީ އަބަދުވެސް އެ ކާ މިންވަރަކަށް ކެއުން. ގިނަ މީހުންނަށް ވާގޮތަކީ އެއް ދުވަހު ހަތަރު ރޮށި ކައިފައި އަނެއް ދުވަހު ހެނދުނު ކައިފާނެ ދެ ރޮށި. އަނެއް ދުވަހު ކައިފާނެ ފަސް ރޮށި. އޭރުން ބޮޑީ އެނާޖީ ލެވެލް ދަށްވެފަ އިންނާނީ. ބެލެންސް ނުވަންޏާ ފެޓް ޕަސަންޓޭޖާ އެއްޗެހި އެއްވަރެއް ނުވާނެ. ބަތް ވެސް ކާން ޖެހޭނީ ޕޯޝަން އެއްވަރެއްގަ ބަހައްޓައިގެން."

އޭގެ އިތުރުން ކެއުމުގައި މޭވާ އާއި ތަރުކާރީ ވީހާވެސް ގިނަ ކުރަން ވާނެ އެވެ. އޯވަވެއިޓް މީހެއް ނަމަ ކެއުމުގައި ޖަންކް ފުޑްސް ދޫކޮށްލާ، ކާބް މަދުކޮށް، ޕްރޮޓީންގެ ޑައިޓެއް ބޭނުންކުރެވިދާނެ އެވެ. އެގޮތުން ކަންނެލި މަހަކީ ރަނގަޅު ކާނާއެއްގެ ގޮތުގައި ރިޔާޒް ފާހަގަކުރި އެވެ.

ޕްރޮޓީން ވަރަށް ބޭނުންވާނެ

ޖިމަށް ދާ ގިނަ މީހުން ޕްރޮޓީން ޝޭކް ބޭނުންކުރަންޖެހެ އެވެ. އެއީ ދިވެހިންގެ ކެއުމުގައި އެންމެ ބޭނުންވާ ވަރަށް ޕްރޮޓީން ލިބޭ ބާވަތްތައް ނުހިމެނޭތީ އެވެ. ޕްރޮޓީން ހިމެނޭ ކާނާތައް ގިނައިން ބޭނުންކުރާ ނަމަ ޕްރޮޓީން ޝޭކް ބޭނުންކުރާކަށް ނުޖެހޭނެ އެވެ.

ޖެނެރަލް ދެތިން އެކްސަސައިޒެއް

ބަރުދަން ލުއިކުރަން ދާ މީހަކަށް ކުރެވިދާނެ ބައެއް ކަސްރަތު:

- އެހާ ބޮޑަށް އޯވަވެއިޓް ނުވާ މީހެއް ނަމަ ސްޓާ ޖަމްޕް، ޕަވާޕީސް ނުވަތަ ސްކޮޓް ޖަމްޕް. އެއީ އިތުރު ވެއިޓެއް ބޭނުންނުކޮށް އިންޓެންސިޓީ ލެވެލް ހައިކުރަމުން ވޯކްއައުޓް ކުރެވޭނެ

- ގިނަ ޖިމްތަކުގައި ބެޓެލް ރޯޕްތައް ވެސް ހުންނާނެ. އެއީ ވަރަށް ސިމްޕަލް ވަރަށް ސަޅި ވޯކްއައުޓްތަކަކަށް ވާނެ.

ބަރުދަން އިތުރުކުރަން ދާ މީހަކަށް ކުރެވިދާނެ ބައެއް ކަސްރަތު:

- ވެއިޓްގައި ހިފަންޖެހޭނެ. އަޕާބޮޑީ ހަދާއިރު ވެސް ކޮންމެ ބޮޑީ ޕާޓަކުން ދެ އެކްސަސައިޒް ހަދަންވާނެ

ރިޔާޒްގެ ހާއްސަ ޓިޕެއް

އެންމެ ފުރަތަމަ ވެސް ޓްރެިނަރެއްގެ ގާތުން އޮޅުން ފިލުވައިގެން ކަސްރަތުތައް ކުރަން ރިޔާޒް ލަފާދެ އެވެ. އެއީ ޖިމްތަކުގައި ހުރިހާ މެމްބަރުންނަށް ހާއްސަ ވޯކްއައުޓް ޕްލޭންތަކެއް ހުންނާނެތީ އެވެ. ޓްރެއިނަރެއްގެ އެހީގައި ދެތިން ދުވަހު އެ އެއްޗެހި ހޯދައި، ކަސްރަތުތައް ކުރާނެ ގޮތް އޮޅުންފިލުވައިގެން މަހެއް ނުވަތަ ދެމަހެއްހާ ދުވަހު ކުރިއަށް ގެންދެވިދާނެ އެވެ.

ބަދަލެއް ގެންނަން ބޭނުންވާ ނަމަ ވެސް ޓްރެއިނަރެއްގެ އިރުޝާދުގެ ދަށުން ބަދަލު ގެންނަން ރިޔާޒް ލަފާދެ އެވެ. އޭރަށް އަމިއްލަ އަށް ވެސް ދަސްވާއިރު އެންމެ ރަނގަޅަށް އެނގޭނެތީ އެވެ. ރަނގަޅަށް ވޯކްއައުޓްތައް ހެދޭކަން ޔަގީންވާނީ އޭރުންނެވެ.

"ޓްރެއިނަރެއް ކައިރީގައި އަހާލަންވާނެ މިހަދަނީ ކިހިނެއްހޭ ނުވަތަ ރަނގަޅަށް ހޭ މި ހަދަނީ. އޭރަށް އެނގޭނެ ނުބައިކޮށް ވޯކްއައުޓްތައް ހެދުނަސް ރަނގަޅުކުރަން. ޓްރެއިނަރުން ކިޔައިދޭނެ ނުބައިކޮށް ހެދުނީމަ ވާނެ ގޮތާ އެއްޗެހި. އެއީ ވަރަށް މުހިންމުކަމެއް."

ސިއްހަތު ފިޓްނެސް

Popular