8 Oct 2019

ކޮފީ ނުބޮއެފި ނަމަ ބޮލުގައި ރިއްސާ: ހަގީގަތެއްތަ؟

ކޮފީ ނުބޮއެފި ނަމަ ބޮލުގައި ރިއްސާ: ހަގީގަތެއްތަ؟

By: Aminath Ibrahim

"އެމެރިކެން ޖާނަލް އޮފް މެޑިސިން" ގައި އިހަކަށްދުވަހު ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ގަވައިދުން ދުވާލަކު ދެ ތަށި ކޮފީ އަށް ވުރެ ގިނައިން ކޮފީ ބޯ މީހުންގެ މެދުގައި މައިގްރޭން އާންމެވެ. މި ވާހަކަ އަށް ވަރަށް ޝައުގުވެރިވި އެވެ.

ކޮފީ ބޯ މީހުންގެ އާބާދީ ރާއްޖޭގައި ވެސް ނިސްބަތުން ބޮޑެވެ. އެހެންވެ އިތުރަށް މިކަން އަހަރެމެންގެ ތެރޭގައި އޮތް ގޮތް ހޯދާލަން ނިންމީ ކުޑަކުޑަ ދިރާސާއެއް ކޮށްލާށެވެ.

ކޮފީ ބޮނީ ކިހާ އާންމުކޮށް ހެއްޔެވެ؟ އާންމުކޮށް ބޯލާ ކޮފީތަށި މިސް ވެއްޖެ ނަމަ އެއްވެސް ތަފާތެއް ފާހަގަވޭ ހެއްޔެވެ؟

މި ސުވާލުތައް އަމާޒުކުރީ އޭޑީކޭ ހޮސްޕިޓަލުގެ ހެނދުނު ޝިފްޓުގައި މަސައްކަތު ނިކުތް ފަންސާހަކަށް ނަރުހުންގެ ތެރެއިން އުމުރުން 34 އަހަރުން ދަށުގެ 25 ނަރުހުންނަށެވެ. މީގެ ތެރެއިން ކޮފީ ބޯ ކަމަށް ބުނީ 18 ނަރުހެކެވެ. އަދި އާންމުކޮށް ދުވާލަކު ދެ ތަށި ކޮފީ ބޯ 8 ނަރުހަކު ހިމެނުނެވެ. ދެން ތިބީ ދުވާލަކު އެއް ތަށި ނޫނީ އެއަށްވުރެ މަދުން ކޮފީ ބޯ މީހުންނެވެ.

މި ނަރުހުންގެ ތެރެއިން ދުވާލަކު ދެ ތަށި ކޮފީ ބޯ ކަމަށް ބުނި ނަރުހުން ކިޔައިދިން ގޮތުގައި، އެމީހުން ކޮފީ ތަށި މިސް ކޮށްލަން އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. ހެނދުނު ޝިފްޓަށް ނިކުންނަ ނަމަ، ދުވާލު ފެށެނީ ހޫނު ކިރު ކޮފީއަކުން ކަމަށެވެ. ހެނދުނު ކޮފީ މިސް ވެއްޖެ ނަމަ، ކޮފީ ނުބޯހާ ހިނދަކު އެ ދުވަސް ވަރަށް "މޫޑީ" ހެން ހީވާ ކަމަށް މި ހުރިހާ ނަރުހުން ވެސް އެއްބަސްވި އެވެ. މި ނަރުހުން އާންމުކޮށް ދެ ވަނަ ކޮފީއެއް ބޯލަނީ މަސައްކަތުގެ ބުރަ ފިލުވާލައި، ގައިގައި ވަރު ޖައްސާލުމަށް ހަވީރު ގަޑީގަ އެވެ. ނޫނީ ޑިއުޓީ ނިންމާލައި ގެއަށް ގޮސް ތާޒާވެލުމަށެވެ.

ދުވާލަކު އެއް ކޮފީން ފުއްދާލާ ނަރުހުން ބުނީ، އެ ކޮފީ ތައްޓަކީ ހެނދުނުގެ ކޮފީ ކަމަށެވެ. އަދި އެއީ "މަސްޓެއް" ކަމަށެވެ.

ކޮފީ ބުއިމުން ބޮލުގެ ރިހުން ރަނގަޅުވޭތަ؟

ސާވޭގައި ބައިވެރިވި ނަރުހުންގެ ތެރެއިން ގިނަ ނަރުހުން އެއް ކަމަކަށް އެއްބަސްވެ އެވެ. މާބޮޑަށް ބޮލުގައި ރިއްސާ ނަމަ، ނޫނީ ބޮލަށް ބަރުވެ، މީހާ މާ ބޮޑަށް ވަރުބަލިވާހެން ހީވާ ނަމަ، ކަޅު ކޮފީއެއް ބޯލުމުން ރިހުން ކެނޑިގެންދާ ކަމަށް އެމީހުން ބުންޏެވެ.

"ކޮފީ ނުބޮއެފިއްޔާ ހެޑޭކެއް އާދޭ. އެހެންވެ މޯނިންގް ކޮފީ މިސް ނުކޮށް ގަވާއިދުން ބޮވޭތޯ އަބަދުވެސް ބަލަން،" ދިވެހި ނަރުހަކު ބުންޏެވެ.

"މަސައްކަތުގަ އުޅޭ އިރު ބޮޑަށް ބޮލުގައި ރިއްސައިފި ނަމަ، ސްޓްރޯންގް ކޮފީއަކުން ރިހުން ދުއްވާލެވޭ. އެކަމަކު ވަރަށް މަސައްކަތް ކުރަން ނައިޓް ޝިފްޓުގަ ކޮފީ ނުބޮއެ ވޭތޯ،" އެހެން ނަރުހަކު ބުންޏެވެ.

މިކަމާ ބެހޭގޮތުން ޖާނަލް އޮފް މެޑިސިންގެ ދިރާސާގައި ބުނެފައިވަނީ، ކޮފީ ނުވަތަ އެނޫން ވެސް، ކެފެއިން އެކުލެވޭ ބުއިންތައް ބޭނުން ކުރާ މީހެއް ނަމަ މައިގްރޭންގެ ރިހުން ބޮޑުވާހެން ހީވާނެ ކަމަށެވެ. އެކަމަކު ކޮފީ ނުވަތަ ކެފެއިން އަކީ ސީދާ މައިގްރޭންގެ ސަބަބެއް ކަމަށް އެ ބުނެފައެއް ނެތެވެ.

އެހެންވީމާ، ކޮފީ ބޯ މީހެއް ނަމަ ބޮލުގައި ރިހެން ފެށުމުން ކޮފީއަކުން އެ ތަދު ފިލާހެން ހީވާ ނަމަ އޭގެ އަނެއް ކޮޅަށް ވެސް ވިސްނެން އެބަ އޮތެވެ. މީގެ މުހިއްމު ކަމަކީ މާ ބޮޑަށް ބޮލުގައި ރިއްސާ ނަމަ އަމިއްލަ މީހާގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ އެއްވަރަށް ވަކި ކޮންޓްރޯލެއްގައި ކެފެއިން ބޭނުންކުރާ މިންވަރު ހިފެހެއްޓުމެވެ. ކޮފީ އެޑިކްޝަނަކީ ވެސް ދިރާސާކޮށް ޔަގީން ކުރެވިފައިވާ ހަގީގަތެކެވެ. އެހެން ވެއްޖެ ނަމަ، ހަށިގަނޑުން ކެފެއިން މަދުވާން ފެށުމުން ބޮލުގައި ރިއްސައި މޫޑީވެ ވަރު ދެރަވާހެން ވެސް ހީވާނެ އެވެ. މިއީ ކެފެއިން ވިތުޑްރޯވަލް އެވެ. މި ހުރިހާ ކަމެއް، ކޮފީއެއް ބޯލުމުން ލުއިވެ އެވެ.

ސިއްހަތު ކޮފީ

Popular