17 Oct 2019

By: Aminath Ibrahim

މި ވާހަކައެއް ފެށެނީ ތިމާވެއްޓާ ރައްޓެހި ޕްރޮޑަކްޓްތަކެއް ދިވެހި މާކެޓަށް ތައާރަފްކުރަން މަސައްކަތްކުރަމުންދާ ޒުވާން ދެމަފިރިއަކާ ހިސާބުންނެވެ. އުމުރުން 26 އަހަރުގެ މަރިޔަމް ހަމްޝާ އާއި އޭނާގެ ފިރިމީހާ، އަހްމަދު އަފްރާހް އިސްމާއިލް ހިމެނެނީ ޕްލާސްޓިކާ ދެކޮޅަށް އަޑު އުފުލައި، ޕްލާސްޓިކް މަދުކުރުމަށް އަމަލީ ގޮތުން މަސައްކަތްކުރާ ދިވެހި މަދު ޒުވާނުންގެ ތެރޭގަ އެވެ. އެކަމަކު މި ދެމީހުންގެ މަސައްކަތް ތަފާތެވެ. އެ ގޮތަކީ މި އެވެ. "ގިނަ ފަހަރު މިވެނި އެއްޗެއް ބޭނުންކޮށްގެން ތިމާވެއްޓަށް ގެއްލުން ލިބޭ ވާހަކަ ދައްކާ އިރު، ބަދަލުގައި ބޭނުންކުރާނެ ސޮލިއުޝަނެއް ދައްކައިނުދެވޭ. އަޅުގަނޑުމެން ބޭނުންވީ އެކަން ބަދަލުކުރަން. ސޮލިއުޝަނެއް ދައްކާފަ، އެއަށްފަހު ނުރަނގަޅު ގޮތް ދޫކޮށްލަން ބުނެ ހިތްވަރުދޭން،" ދެމަފިރިންގެ "ޒީރޯ ވޭސްޓް" ކެމްޕޭންގެ ތައާރަފަކަށް ހަމްޝާ ފަށައިގަތީ މިހެންނެވެ.

ޒީރޯ ވޭސްޓް މޯލްޑިވްސްގެ ޕީރިއަޑް ކަޕް ދައްކާލަނ

ޕްލާސްޓިކާ ދެކޮޅަށް ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ ޒީރޯ ވޭސްޓް މޫވްމަންޓް ރާއްޖޭގައި ވެސް ފަށައި، އެކަން ކާމިޔާބު ކުރަން ހަމްޝާގެ ދެމަފިރިން މަސައްކަތް ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެގޮތުން ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ތިމާވެއްޓަށް ގެއްލުންދޭ ޕްލާސްޓިކް އުފެއްދުންތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ދެމެހެއްޓެނިވި އުފެއްދުންތަކެއް ރާއްޖެއަށް ތައާރަފްކޮށްގެން އެތަކެއްޗަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް މި ދެމަފިރިން އަންނަނީ ކުރަމުންނެވެ.

ޒީރޯ ވޭސްޓްގެ ބައެއް ޕްރޮޑަކްޓް ތައް؛

ބީސް ވެކްސް ރެޕް

މިއީ ކާތަކެތި ބަންދުކުރަން ބޭނުންކުރާ ޕްލާސްޓިކް ފޫޑް ރެޕްގެ ބަދަލުގައި ބޭނުންކުރެވިދާނެ އޮގަނިކް ކަރުދާހެކެވެ. މާމުއި ކުޅަނދުރުގެ ވެކްސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ކަރުދާހަކީ ތިމާވެއްޓާ ރައްޓެހި، ދޮވެލައިގެން އެކި ފަހަރުމަތިން ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކަރުދާހެކެވެ.

ޒީރޯ ވޭސްޓް މޯލްޑިވްސްގެ އުފެއްދުމެއް

ޕީރިއަޑް ކަޕް

މައްސަރު ދުވަސްވަރު ބޭނުންކުރާ ސެނިޓަރީ ޕެޑާއި ޓެމްޕޮންގެ ބަދަލުގައި ޕީރިއަޑް ކަޕް ބޭނުންކުރުމަކީ އެންމެ ސޭފް ގޮތް ކަމަށް މިހާރު ގިނަ ބަޔަކު ދެކެ އެވެ. ޕީރިއަޑް ކަޕް އަކީ ޓެމްޕޮން ގޮތަށް އަންހެނާގެ ކުރިމަތިފަރާތުގެ އެތެރެއަށް ލައްވާ ޖޯޑެއް ކަހަލަ އެއްޗެކެވެ. މި ކަޕް ލައްވާލުމުން މަޑު ސިލިކޮން މެޓީރިއަލް އަކުން ތައްޔާރުކޮށްފައި ހުންނަ މީގެ ކަޕް އެއް 10 ވަރަކަށް އަހަރު ބޭނުން ކުރެވޭނެ އެވެ. އެހެންކަމުން މިއީ ޕީރިއަޑް ދުވަސްވަރު ބެނުންކުރާ އުފެއްދުންތަކުގެ ތެރެއިން އެންމެ ހަރަދު ވެސް ކުޑަ ބާވަތެވެ.

ޒީރޯ ވޭސްޓް މޯލްޑިވްސްގެ އޯގަނިކް ވައިޕްސް

"ޕީރިއަޑް ކަޕް އަށް މީހުން ހޭލުންތެރި ކުރުމަކީ ކުރިމަތިވާ ޗެލެންޖެއް. ގިނަ ފަހަރު ހީވެފައި އޮންނަނީ މި ކަޕް އެތެރެއަށް ލައްވާތީވެ މިއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް. ފުރާވަރުގެ ބައެއް ކުދިން ބިރުގަނޭ ވާޖިނިޓީ ގޮސްދާނެ ތީ. އެކަމަކު ވާޖިނިޓީ އަކީ ހައިމެން ހުރެގެން ނޫނީ ނެތިގެން ޑިފައިން ކުރެވޭ ކަމެއް ނޫންކަން ގަބޫލުކުރަން ޖެހޭ. އެ ވިސްނުން މިހާރު އެބަ ބަދަލުކުރަން ޖެހޭ،" ހަމްޝާ ބުންޏެވެ.

ހަމްޝާ ބުނީ އެމީހުން ވިއްކާ ޕީރިއަޑް ކަޕް އަކީ ވަރަށް ބޮޑަށް ރީސާޗް ކޮށްގެން އެންމެ ރަނގަޅު އެއް ބްރޭންޑް ގެ ގޮތުގައި ބަލައިގަނެވުނު އުފެއްދުމެއް ކަމަށެވެ.

ޒީރޯ ވޭސްޓް މޯލްޑިވްސްގެ ކޮތަޅެއް

ފޮތި ކޮތަޅާއި ސިލިކޮން ސްޓްރޯ

މިއީ ވެސް ޒީރޯ ވޭސްޓް އިން ވިއްކާ ވަރަށް ހާއްސަ ދެ އައިޓަމެކެވެ. ޓްރާންސްޕޭރެންޓް ސިލިކޮން ހޮޅިއާއި ފޮތި ކޮތަޅަށް އޮތް ޑިމާންޑް ވެސް ބޮޑު ކަމަށް އެމީހުން ބުނެ އެވެ.

"ރެސްޓޯރަންޓަށް ދާއިރުވެސް މި ހޮޅި ހިފައިގެން ދެވިދާނެ، މިކަހަލަ ކުދި ކުދި ކަންކަމުން ވަރަށް ބޮޑު ބަދަލެއް އަންނާނެ،" ހަމްޝާ ބުންޏެވެ.

ޒީރޯ ވޭސްޓް މޯލްޑިވްސްގެ ސިލިކަން ހޮޅިން ކުރުނބާ ބޮނީ

މި ނޫނަސް ބައެއް ތިމާވެއްޓާ ރައްޓެހި އޯގަނިކް އުފެއްދުންތަކެއް ޒީރޯ ވޭސްޓުން ވިއްކަ އެވެ. އެމީހުންގެ ޕްރޮޑަކްޓް ތަކާ ބެހޭ މައުލޫމާތު ޒީރޯ ވޭސްޓްގެ އިންސްޓަގްރާމް އެކައުންޓުން ލިބޭނެ އެވެ.

ތިމާވެއްޓާއި ރައްޓެހި ޕްރޮޑަކްޓް ތައް ވިއްކުމުގެ އިތުރުން ހަމްޝާ އާއި އަފްރާހް ދަނީ ޕްލާސްޓިކް އަށް ސްކޫލްކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށް ވެސް ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.

ކުނި

Popular