20 Oct 2019

By: Aminath Ibrahim

މި މަހުގެ ހަތަރު ވަނަ ދުވަހު ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގައި އޮތް މަމްސް އެކްސްޕޯގައި ނަބީލާ މަޖްދީ އިމާދް (ނަބީ) އަށް ބައިވެރިވެވުނީ އިއްތިފާގަކުންނެވެ. އޭނާ އަކީ ކުރެހުންތެރި އެކެވެ. ތިލޭރެކެވެ.

މެލޭޝިއާ އިން މިފަހަރު ޗުއްޓީ އަށް މާލެ އައި އިރު، ދަތުރު ފޮއްޓަށް އަޅައިގެން ގެނެވުނު މަދު ގަހަނާކޮޅަކާއި މަސައްކަތު ސާމާނުތައް ފެނިގެން އާއިލާގެ ބައެއް މީހުން ކުރި އާދޭހުގެ މަތިން އެކްސްޕޯގައި ބައިވެރިިވީ އެވެ. ހުނަރުވެރި އެތަކެއް ދިވެހި އަންހެނުންނެއްގެ މެދުގައި ފުރަތަމަ ފަހަރަށް، ނަބީ އޭނާގެ މަސައްކަތްތައް އަތުރައިލީ މާ ބޮޑު ސަމާލުކަމެއް ލިބިދާނެ ކަމަށް އުންމީދު ކޮށްގެނެއް ނޫނެވެ. އެކަމަކު އެރޭ އެތަނަށް ދިޔަ ކިތަންމެ ބަޔަކު އޭނާ އަށް ތައުރީފް ކުރި އެވެ. އޭނާގެ މަސައްކަތާއި ހުނަރަށް ސާބަސް ދިނެވެ.

ނަބީ އަތްކަން ކުރާތާ ހަތް އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އެކި މައުދަންތަކުގެ ނަރުން ގަހަނާ ފްރޭމް ކުރުމާއި ރިހިން އަނގޮޓި ފަދަ ތަކެތި ހެދުމަކީ އޭނާ އަށް ލިބިފައިވާ އާޓިސްޓިކް ގިނަ ހުނަރުތަކުގެ ތެރެއިން ދިވެހިންނަށް ދައްކައިލި ދެ ހުނަރެވެ. އެންމެ ކުޑަ އިރުން ފެށިގެން ވެސް ކުލަ އާއި ކުރެހުމަށް ހާއްސަ ޝައުގުވެރިކަމެއް ހުރެ އެވެ. އެއް އިރެއްގައި ކޮސްޓިއުމް ޑިޒައިނަރެކެވެ. މިއުޒިކަށް ލޯބިކުރާ ޑީޖޭ އެކެވެ. އަދި މިހާރު، ފުލް ޓައިމް އާޓިސްޓެކެވެ.

އާޓަށް ޝައުގު ހުންނަ އެތައް ޒުވާނުންނެއްގެ ތެރެއިން ނަބީ ތަފާތު ވަނީ މިހެންވެ އެވެ. މިއީ 34 އަހަރުގެ މި ޒުވާން ހުނަރުވެރިޔާގެ ވާހަކަ އެވެ.

"ވަރަށް ކުޑަ އިރުއްސުރެ ކުރަހަން ފަށައިފިން. މަންމަ ވަރަށް ފޮތް ކިޔާނެ. އެހެން އިންނަ އިރު އަބަދުވެސް ނަބީ ބައިންދާނެ ކުރަހާ އެއްޗެހި ދީފަ މަންމަ ކައިރީގަ. ހަމަ އެކަނި ފަންސުރުން ކުރަހާލީމަ ބުނާނެ ހާދަ ކުލައެއް ނެތޭ. ކުރަހާފަ ކުލަ ޖައްސަން އާދަވީ އެގޮތަށް،" ޕެއިންޓް ކުރުމާއި އެބްސްޓްރެކްޓް އާޓަށް ޝައުގު އުފެދިގެން އައި ގޮތް ނަބީ ކިޔައިދިނެވެ.

ސްކާފެއްގައި ނަބީލާގެ ޕެއިންޓިން އެއް

ކުޑައިރު ކިޔަވަން މެލޭޝިއާ އަށް ފޮނުވާލި ގޮތަށް ހައިސްކޫލް ނިންމާފައި ޔުނިވަސިޓީ ފެށ،ީ ފެޝަން އެންޑް ރީޓެއިލް ޑިޒައިނިންގެ ދާއިރާއިންނެވެ. އާޓިސްޓަކަށް ވުމުގެ ޝައުގުވެރިކަން ކިތަންމެ ބޮޑަށް ހުއްޓަސް، ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަމެއް އޭރު ނެތީމަ އެވެ. ޔުނިވަސިޓީ ނިންމާފައި ކޮސްޓިއުމް ޑިޒައިނަރެއްގެ ގޮތުގައި މެލޭޝިއާގައި މަސައްކަތްކުރިއެވެ. ތިން އަހަރެއްހާ ދުވަހު އެ މަސައްކަތް ކުރުމަށްފަހު ފެހުމާއި ހެދުން ޑިޒައިންކުރުން މަތިން ފޫހިވެ، ދެން ވީ ޓީޗަރަކަށެވެ. ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާ އިން މެލޭޝިއާގެ ސްކޫލެއްްގައި ކިޔަވައިދޭން ފެށި އެވެ.

"އޭރު ވެސް ކުރަހަން. އެކަމަކު ހޮބީއެއްގެ ގޮތުގަ. ކިޔަވައިދިން އިރު ވަރަށް ބުރަކޮށް އުޅުނީ. ޕޭޕަރު މާކް ކުރުމާއި އެ ނޫން ވެސް މަސައްކަތްތަކުން ފުނި ޖެހިފަ ހުންނަނީ، އެހެން އުޅެނިކޮށް ރައްޓެއްސަކު ހިތްވަރު ދީގެން ފުރަތަމަ އާޓް އެގްޒިބިޝަންގައި ބައިވެރިވީ. ލައިވް ޕެއިންޓިން އެ ފަހަރު ކުރެހީ، ފީޑްބެކް ވަރަށް ރަނގަޅު. އެއަށް ފަހު ލައިވް ޕެއިންޓް ކުރަން ފެށީ،" ނަބީ އަށް އާޓްގެ ތެރެ އަށް ރަސްމީކޮށް ވަދެވުނު ގޮތަކީ މިއީ އެވެ.

އެހާ ހިސާބުން ނަބީގެ ހިތުގައި ކުރެހުމަށް އޮތް ލޯބި ވަޒީފާގެ މައްޗަށް ކުރި ހޯދި އެވެ. ކިޔަވައިދިނުން ދޫކޮށްލާފައި ކުރެހުމަށް މުޅިން ހުސްވީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމުގެ އަޒުމަކާ އެކު އެވެ.

ނަބީލާގެ ކުރެހުމެއްގެ ޕްރިންޓް އަރުވާފައިވާ ސްކާފެއް --

ނަބީގެ ކުރެހުންތައް ހުންނަނީ، ބޮޑަށް ގްރީކް މިތޮލޮޖީ އާއި ގަދީމީ މިސްރުގެ ކުރެހުންތަކާއި ފިލިގްރަފީ ފަދަ އާޓުން އިންސްޕަޔާވެގެން ކުރަހާފަ އެެވެ. އެކަމަކު އަމިއްލަ ހަޔާތުގައި ދިމާވާ ކަންތަކާއި ކުރެވޭ އިހުސާސްތައް ވެސް ކުރެހުމުގެ ތެރެއަށް ގެނެއެވެ.

ދެން މި ހުނަރުވެރި އާޓިސްޓަކު ގަހަނާ ހެދުމާއި ރިހީގެ އަތްކަމުގެ ތެރެއަށް ވަން ގޮތުގެ ވާހަކަ އެވެ.

"ވަރަށް ގިނައިން މެލޭގެ އާޓްސް އެންޑްް ކްރާފްޓް ބާޒާރުގައި ބައިވެރިވަން. އެތަންތަނުގަ އެހެން އުޅޭއިރު ކައިރީގައި ތިބޭނެ ވަރަށް ގިނައިން ގަހަނާ އެއްޗިހި ވިއްކާ މީީހުން. އެމީހުން ފެނި، އެނގެން ފެށީމަ އެކަން ވެސް ދަސްކުރާ ހިތްވީ. ފުރަތަމަ ހަދަން ފެށީ ވަޔަ ބޭނުންކޮށްގެން ކަންފަތުލާ މުދި. އެ އެއްޗެހި ހަދަން ފެށީމަ މީހުންނަށް ކަމުދިޔަ. އެހެންވެ އިތުރަށް ދަސްކުރަން ބޭނުންވީ،" ނަބީ ކިޔައިދިނެވެ.

ފްރޭމް ގަހަނާ އިން ފެށި އަތްތެރި ކަމުގެ މަސައްކަތް ފުޅާކުރަމުން ގޮސް ދޫނީގެ ފަތާއި އެކި ވައްތަރުގެ ސްޓޯންސް ބޭނުންކޮށްގެން ޑިޒައިންކުރަން ދަސްކުރި އެވެ. ތަފާތު އެކި ވައްތަރުގެ ސްޓޯންތަކުގައި ވަޔަރުން އަޅާފައި ހުންނަ ނަބީގެ އަތްކަން ހިތްގައިމު ވެފައި ރީއްޗެވެ. ކިތަންމެ ކުޑަ ފަށު ފުލެއް ނޫނީ ބޮލުގަ ހަރުކުރާ ދަތްޗެއް ކަހަލަ އެއްޗެއް ހެދިޔަސް ކުދި ކުދި "ޑީޓެއިލްސް" ތަކަށް އޭނާ ހާއްސަ އިސްކަމެއް ދެ އެވެ.

ނަބީލާ ތައްޔާރުކޮށްފައިވާ ހެއާ ކްލިޕެއް --

މިދިޔަ ހަތް އަހަރެއްހާ ދުވަހު ނަބީގެ ހުރިހާ ވަގުތެއް ހުސްކުރީ އާޓްވޯކްތައް ތައްޔާރުކުރުމާއި އެކި ގައުމުތަކުގެ ފެއާ އެގްޒިބިޝަންތަކުން ޖާގަ ހޯދައިގެން އެތަކެތި މާކެޓްކުރަން ދަތުރުކުރުމުގަ އެވެ. އެގޮތުން ޗައިނާ، ތައިލެންޑް އަދި ތުރުކީ ފަދަ ގައުމުތަކަށް ނަބީ މިހާރު ގޮސްފި އެވެ.

"ޖުވެލަރީތައް ވެސް ވަރަށް ބޮޑަށް މޮރޮކަން، ގްރީކް ސްޓައިލްތަކަށް ހަދާ ހިތް ވަނީ. މިފަހަރު މާލޭގައި އަލަށް މިތަކެތި ރާއްޖޭގެ ޕްލެޓްފޯމެއްގައި ދައްކައިލީ. ވަރަށް ގިނަ މީހުން އެހި އަސްލު ސްޓޯން ހޭ ވެސް. ނަބީ މިގެންގުޅެނީ އަސްލު ސްޓޯން އާއި މިނަރަލްސް. އަމިއްލަ އަށް ތުރުކީ، އިންޑިއާ ތައިލެންޑް، ޗައިނާ ތަންތަނަށް ގޮސް ފުދޭ ވަރަކަށް އަގު ބޮޑުކޮށް ގަންނަނީ ވެސް،" ނަބީ ބުންޏެވެ.

ނަބީ ހަދާފައިވާ ބައެއް ގަހަނާ --

ޖުވެލަރީ ޑިޒައިނާއެއްގެ ގޮތުގައި މަސައްކަތް ފުޅާކުރަމުން އަންނަ އިރު ކޮލިޓީ އަށް ވަރަށް ބޮޑަށް އިސްކަންދޭ ކަމަށް ނަބީ ބުންޏެވެ. އެގޮތުން ބައެއް ވަޔަރުތައް އަމިއްލަޔަށް ވެސް ހަދާ ކަމަށް ބުންނެވެ. "އެކި މެޓީރިއަލްގެ ވަޔަރު މި ގެންގުޅެނި. އަސްލު ރިހި ވެސް ހުންނާނެ، އެކަމަކު އެއީ އަމިއްލަޔަށް ހަދާފަ. އެއީ ވަރަށް ގިނައިރު ނަގާ ކަމެއް. ރެޑީމޭޑް ވަޔަރަށް ހުންނާނެ ކޮޕާ އާއި އެންޓި ބްރާސް، ގޯލްޑާއި ސިލްވާ ޕްލޭޓެޑް ވެސް. ގޯލްޑާއި ސިލްވާ ޕްލޭޓެޑްގެ އެތެރޭގައި ހުންނާނީ ކޮޕާ ވަޔާ. އެ އެއްޗިހި ހަމަ ގިނަ ދުވަހު ގެންގުޅެވޭނެ. ޓެސްޓް ވެސް ކޮށްފަ ހުންނާނީ މޫދު ފެނުގައި ވެސް. އެކަމަކު އެންޓި ބްރާސް އަވަހަށް ކުލަ ބަދަލު ވޭ،"

ނަބީ ބުނީ، ރިހިން އަތްކަން ކުރުމުގެ މަސައްކަތް ދަސްކުރީ އަނގޮޓި އެއްޗިހި ހަދާ ހިތް ވާތީ، ނޭޕާލަށް ގޮސް އެތަނުގައި އެމަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސްވީ މީހެއްގެ ގާތަށް ގޮސްގެން ކަމަށެވެ.

އަހަރުތަކެއްގެ ބުރަ މަސައްކަތަށް ފަހު މިހާރު ނަބީގެ ވިޔަފާރި އާއި މަސައްކަތް ގާތްގަނޑަކަށް ހަމަޔަކަށް އެޅިއްޖެ އެވެ. މެލޭޝިއާގައި ދިރިއުޅޭ އެޕާޓްމަންޓްގައި ހަދައިގެން އުޅޭ ސްޓޫޑިއޯގައި ދުވާލު ހަތަރުދަމު މި ހުރިހާ މަސައްކަތެއްގައި އުޅެފައިި ހުސް ވަގުތެއް ވަނީ މަދުންނެވެ.

އެކަމަކު ހުވަފެނެެއް އޮތިއްޔާ އެކަން ހަގީހީގަތަކަށް ހަދަން ގަދަ އަޅައި މަސައްކަތް ކުރުމަކީ ނަބީގެ ސްޓައިލެވެ.

View this post on Instagram

A post shared by 𝔄𝔪𝔲𝔫𝔢𝔱 (@nabura.jewellery) on

ފަންނުގެ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް އޭނާ ބުނެލަން ބޭނުންވަނީ މިހެންނެވެ.

"ވަރަށް ބައިވަރު ފަހަރު ގިވްއަޕްކުރަން ހިތަށް އެރި. ވަޒީފާ ދޫކޮށްލާފައ، މިކަން ފަށައިގަތް އިރު ރުފިޔާ އެއް ނުލިބޭ. އެކަނިމާ އެކަނި އެކޮޅުގަ ސްޓްރަގްލް ކުރީ. އެކަމަކު ޑްރީމެއް އޮވެއްޖިއްޔާ އެ ހާސިލްކުރަން ޖެހޭނީ ގަދައަށް މަސައްކަތްކުރަން. އަމިއްލަޔަށް ހިތްވަރު ނެރެގެން އެކަން ވާނީ. އެހެން މީހަކު ނާންނާނެ އެ ހިތްވަރު ދޭކަށެއް. ދެން އެކަމަކު ނަބީގެ ޕޭރެންޓްސް ވަރަށް ހިތްވަރު ދޭ ފެށުނީއްސުރެ. އަންހެން ކުއްޖަކު އެކި ގައުމުތަކުގަ އަބަދު ދަތުރުކުރާތީ ކަންބޮޑުވެގެން އެ ޝަކުވާތަކެއް ދުވަހަކު ވެސް ނާދޭ، އަބަދުވެސް އެހީތެރިކަން ލިބޭ،" އޭނާގެ ހުރިހާ ވެސް ޝުކުރެއް އާއިލާ އާއި ރައްޓެހިންނަށެވެ.

ނަބީ މިހާރު އަންނަނީ އޭނާގެ އަމިއްލަ ބްރޭންޑެއްގެ ގޮތުގައި ހައި-އެންޑް ޕްރޮޑަކްޓްތަކެއް މާކެޓަށް ނެރުމަށް މަސައްކަތް ކުރަމުންނެވެ. އެކަމަކު އެކަން ފުރިހަމަ ވާނީ ކޮން އިރަކު ކަމެއް އަދި ބުނާކަށް ނޭނގެ އެވެ. މިވަގުތަށް އޮތީ އަނެއްކާ ވެސް ދަތުރުކުރުމެވެ. ކުރިއަށް އޮތް އެއް އަހަރުތެރޭ ވެސް އޭނާއަށް ހުސް ވަގުތެއް ނެތެވެ.

އާޓިސްޓް އަތްތެރި މަސައްކަތް

Popular