19 Oct 2019

ސްކޫލްދޮށު ފްރެންޑުންގެ ނަންބަރު ސޭވްކުރަނީ ކޮން ނަމެއްގައި؟

ސްކޫލްދޮށު ފްރެންޑުންގެ ނަންބަރު ސޭވްކުރަނީ ކޮން ނަމެއްގައި؟

By: Aishath Maaha

އެއީ މިހާރު އެންމެ ގާތް ރައްޓެހިންގެ ތެރޭގައި ވެސް ހިމެނޭ ބައެކެވެ. ހަފުތާގެ ފަސް ދުވަހު ދުވާލަކު ދެއިރަށް ބައްދަލުވެ އެވެ. ހަފުތާ ބަންދާއި އެހެނިހެން ދުވަސްތަކުގައި ވެސް ސްކޫލްގައި އިތުރު ހަރަކާތެއް އޮތަސް ބައްދަލުވެ އެވެ. އެއީ ސްކޫލްދޮށު ރައްޓެހިންނެވެ. މިހެން އަބަދު ދިމާވާތީ ވާހަކަ ދައްކަމުން ދައްކަމުން ގޮސް ގާތްވީ އެވެ. އެކަމަކު ކިޔަނީ ކޮން ނަމެއް ކަމެއް ނޭނގޭ މީހުން އޭގެ ތެރޭގައި އެބަ އުޅޭ ދޯ އެވެ.

މަޑުމަޑުން އުފެދުނު އެކުވެރިކަން ބަދަހިވެ ފޯނު ނަމްބަރު ހޯދައި ވައިބާ ގްރޫޕްތައް ހަދައިގެން ވާހަކަ ދައްކަ އެވެ. އެކަމަކު ނަމްބަރު ސޭވްކުރަނީ އެކުވެރިކަން އުފެދުނު މީހާގެ ނަން ޖަހާފައި ނޫން ކަމަށް ވުން ވަރަށް ގާތެވެ. ގިނަ ފަހަރަށް ޖަހާނީ، އެ މީހާގެ ދަރިފުޅުގެ ނަން ކުރިއަށް ލާފައި މަންމަ ނުވަތަ ބައްޕަ ޖަހައިގެންނެވެ. އެއީ އައިޝަތު ކިޔާ ކުއްޖެއްގެ މަންމަ ނަމަ ކިޔާނީ އައިޝަތުގެ މަންމަ އެވެ.

މިއީ މައްސަލައެއް ނޫނެވެ. އެކުވެރިކަން އުފެދުނީ ވެސް މީހާއަކާ ނޫނެވެ. އެ މީހަކު ސްކޫލަށް އެ ގެންދާ ކުއްޖާގެ ބެލެނިވެރިޔާއާ އެވެ. އެންމެ ފުރަތަމަ އެކުވެރިކަން ފެށެނީ ވެސް ތިއީ މިވެނި ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ދޯ އޭ ކިޔައިފަ އެވެ. އެ މައުލޫމާތު ހޯދަން ބޭނުންކުރަނީ ދަރިފުޅެވެ.

ބައެއް މީހުންނާއެކު އުފެދުނު މި އެކުވެރިކަމަށް އެތައް އަހަރެއް ވެއްޖެ އެވެ. ދަރިން އަބަދު އެއް ކުލާހެއްގައި އުޅޭތީ ކޮންމެ އަހަރަކު ދިމާވާތީ އެވެ. ކޮފީތަކަށާއި ކެއުންތަކަށް އަދި ދަތުރުތައް ގޮސް އުޅެ އެވެ. އެކަކު އަނެކަކުގެ ހާއްސަ ދުވަސްތައް ވެސް ފާހަގަކޮށްދީ ހަދަ އެވެ.

މި ގުޅުންތައް ކުރިއަށް ގެންދަން ލިބޭ އެންމެ ބޮޑު އެއް ހިތްވަރަކީ ވެސް ދަރިންނެވެ. އެ އެންމެންގެ ދަރިންގެ މެދުގައި އޮންނަ އެކުވެރިކަން ވެސް ގާތްވަމުން އަންނާތީ މަންމަމެންގެ މެދުގައި އޮންނަ އެކުވެރިކަން ގާތްވަނީ އެވެ. މި އެކުވެރިކަމަށް ގިނަ ދުވަސްވެ ގާތް ރައްޓެހިންނަށް ވީމާ ކިޔަނީ ކޮން ނަމެއްހޭ ވެސް އަހައިލަން ނުކެރެނީ ކަމަށް ވެދާނެ އެވެ.

އެކަމަކު ވެސް މައްސަލައެއް ނެތެވެ. އެއީ އެންމެ ގާތް ރައްޓެހިންނެވެ. ދެން ފަހަރަކުން މިގޮތަށް ރައްޓެހި ރަހުމަތްތެރިކަން ފަށާއިރު ނަން ހޯދާލައްޗެވެ.

ސްކޫލް

Popular