14 Nov 2019

ބަތޫލްގެ މި ފޮޓޯ: ކޯޓަށް ދިޔައީ ކިހިނެއް؟

​​​‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎ފޮޓޯ: އަލީ ނިޝާން

​​​‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎ފޮޓޯ: އަލީ ނިޝާން

By: Aminath Ibrahim

މަތީގައި އެވާ ފޮޓޯ އަކީ 2016 ވަނަ އަހަރު މަޝްހޫރު ފޮޓޯގްރާފަރު އަލީ ނިޝާން (މިލްޒީރޯ) "އަވަސް" އަށް ވިޔަފާރީގެ އުސޫލުން ނަގައިދީފައިވާ، ލަވަކިޔުންތެރިޔާ އާމިނަތު ބަތޫލް އަހްމަދުގެ ފޮޓޯ އެކެވެ. ބަތޫލްގެ މި ފޮޓޯ، 2018 ވަނަ އަހަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (މަޓާޓޯ) އިން ނެރުނު، މޯލްޑިވްސް ފައިންޑާ 6، ގައި ވެސް ޝާއިއުކުރި އެވެ. މި ފޮޓޯގެ ވާހަކަ ދެކެވެން ފެށި ހިސާބަކީ ވެސް މި އެވެ.

މޯލްޑިވްސް ފައިންޑާގައި ބަތޫލްގެ ފޮޓޯ، މަޓާޓޯ އިން ބޭނުންކޮށްފައިވަނީ ހުއްދަ ނުހޯދައި ކަމަށް ބުނެ، ފޮޓޯގެ ވެރި މިލްޒީރޯ ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސިވިލް ކޯޓަށް ކޮޕީރައިޓް މައްސަލައެއް ހުށަހަޅައިފަ އެވެ. މައްސަލައިގެ ދައުވާގައި އޭނާ އެދިފައިވަނީ، ކޮޕީރައިޓް އިންފްރިންޖްމަންޓް ހުއްޓުވުމަށާއި، ލިބުނު ގެއްލުމުގެ ބަދަލު ދިނުމާއި އޭނާގެ ކިބައިން އާންމުކޮށް މާފަށް އެދުމަށް މަޓާޓޯގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. އެ މައްސަލަ ސިވިލް ކޯޓުގައި ދަނީ ކުރިއަށެވެ.

މިއީ 2010 ވަނަ އަހަރު ފާސްކުރި ކޮޕީރައިޓް ގާނޫނުގެ ދަށުން، ރާއްޖޭގައި ހިންގާ މިބާވަތުގެ ފުރަތަމަ ޝަރީއަތެވެ.

މަޓާޓޯ އިން ބުނީ ކީކޭ؟

މި މައްސަލާގައި މަޓާޓޯގެ ބަޔާން ނަގާފައިވަނީ މިދިޔަ އާދީއްތަ ދުވަހު އޮތް އަޑުއެހުމެއްގަ އެވެ. މަޓާޓޯގެ ފަރާތުން އެ ކުންފުނީގެ ސެކްރެޓަރީ ޖެނަރަލް އިބްރާހިމް މުނާޒް ވިދާޅުވީ އެ ފޮޓޯ މަޓާޓޯއާ ހިއްސާކުރީ ކުންފުނިން އެދުނު އެދުމެއްގެ މަތިން ބަތޫލް ކަމަށެވެ. އޭރު ބަތޫލް އަށް 18 އަހަރު ނުވާތީ ފޮޓޯ ބޭނުންކުރުމުގެ ހުއްދަ ދިނީ ބަތޫލްގެ މަންމަ ކަމަށް ވެސް ވިދާޅުވި އެވެ. ކޯޓުން ވަނީ މި މައްސަލާގައި ބަތޫލްގެ މަންމަގެ ހެކިބަސް ވެސް ނަގައިފަ އެވެ.

މިލްޒީރޯގެ ހުއްދަ ބޭނުންވޭ؟

މަޓާޓޯ އިން ފޮޓޯ ބޭނުންކުރީ ބަތޫލް އާއި ބަތޫލްގެ މަންމަގެ ހުއްދަ އޮވެގެން ކަމަށް ވިޔަސް، ހުއްދަ އަށް އަހަން ޖެހެނީ އޭނާގެ ފަރާތުން ކަމަށް، ރައްދުގައި މިލްޒީރޯ ބުނެ އެވެ.

"ބަތޫލްގެ މަންމަގެ ކިބައިން ދީފައިވާކަމަށް އެ ބުނާ ހުއްދަ އަކީ ކޮޕީރައިޓާ ގުޅޭ ހުއްދައެއް ނޫން. ކޮޕީރައިޓާ ބެހޭ ހުއްދަ ދެވޭނީ ހަމަ އެކަނި އުފެއްދުމުގެ މުސައްނިފަށް،" މިލްޒީރޯ ބުންޏެވެ.

ކޮޕީރައިޓްސްގެ މައްސަލަ ޖެހުނު ފޮޓޯ. -- ފޮޓޯ: އަލީ ނިޝާން

އިތުރު ވާހަކަ

މަޓާޓޯ އިން ބުނެފައިވާ ގޮތުން، ފޮޓޯ ބޭނުންކުރުމާ ގުޅޭ ގޮތުން ދިހަ ހާސް ރުފިޔާގެ އަގަކަށް މިލްޒީރޯ އާއި މަޓާޓޯއާ ދެމެދު އެއްބަސްވުމެއް ހެދި އެވެ. އެކަމަކު، ފަހުން ފައިސާއާ ހަވާލުވާން ދެކޮޅުހެދީ ކަމަށް ވެސް ހެކިބަހުގައި މުނާޒް ވިދާޅުވެފައިވެ އެވެ. އެކަމާ ގުޅިގެން މިލްޒީރޯ ބުނީ، މަޓާޓޯ އަށް އެ ބުނާ އިންވޮއިސްއެއް އޭނާ ފޮނުވި ކަމަށެވެ. އެކަމަކު އެއީ ކަން ހިނގި ފަހުން، ފޮޓޯ ރީ-ޕްރޮޑިއުސް ކޮށްފައި އަގެއް ކިޔައި، މަޓާޓޯ އަށް ފައިސާ ދައްކަން އެންގުމުގެ ބޭނުމުގައި ފޮނުވި އިންވޮއިސް އެއް ކަމަށެވެ. އަދި އެ އިންވޮއިސް އަށް ފައިސާ ދައްކަން މަޓާޓޯ އިން ފަހުން އިންކާރުކުރި ކަމަށާއި، ފައިސާ ބަލައި އަންނަން މަޓާޓޯ އިން ގުޅައި މެސެޖުކޮށް ހަދަން ފެށީ ކޯޓުގައި ދައުވާ އުފުލި ފަހުން ކަމަށް ވެސް މިލްޒީރޯ ބުނެފައިވެ އެވެ.

މި މައްސަލައިގަ ދެން އޮންނާނީ އެންމެ ފަހުގެ އަޑުއެހުމެވެ. އެއަށްފަހު ކޯޓުގެ ނިންމުން އިއްވާނެ އެވެ. ކޮޕީރައިޓް މައްސަލައެއްގައި މީގެ ކުރިން ރާއްޖޭގެ ކޯޓަކުން ހުކުމަކާ ހަމައަށް ގޮސްފައެއް ނުވެ އެވެ. ހުރިހާ މައްސަލައެއްގައި ވެސް ވަނީ ޝަރީއަތުން ބޭރުގައި މައްސަލަ ހައްލުކޮށް، ދައުވާކުރި ފަރާތްތަކުން މައްސަލަ އަނބުރާ ނަގަނީ އެވެ.

ފޮޓޯގްރަފީ

Popular