15 Jan 2020

By: Aminath Ibrahim

މިހާރުގެ ކިޔަވާ ކުދިން ވަރަށް ބިޒީ އެވެ. ސްކޫލުގައި ހައެއްކަ ގަޑި އިރު ހޭދަކޮށްފައި ގެއަށް އައިސް އެއްޗެހި ބަދަލުކޮށްގެން ދާނީ ގްރުއާން ކްލާހާއި ޓިއުޝަން ކްލާހާއި ކުޅިވަރުތަކަށް ގޮސް އަވަދިވެގެން ފެންވަރައިގެން ކާ ގަޑީގައި ޓެބްލެޓުން ކާޓޫނެއް ބަލައި ނިމޭއިރު އަނެއް ކޮޅުން އޮންނާނީ ކިޔަވާ ގަޑި ޖެހިފަ އެވެ. މިއީ ގްރޭޑް އެކަކުން މަތީގެ ގިނަ ކުދިންގެ ދުވަހު ތާވަލެވެ.

މި ތާވަލުގެ ތެރެއަށް މަޑު މަޑުން ބޭބީ ނާސަރީ އުމުރުގެ ކުދިން ވެސް ވަންނަން ފަށައިފި އެވެ. ކިޔަވައިދިނުމުގެ ވާދަވެރިކަމުގައި ތުއްތު ކުދިންގެ ދިރިއުޅުމަށް މި ގެނެވޭ ބަދަލަކީ ކިހާ ވަރެއްގެ ބަދަލެއް ހެއްޔެވެ؟ ތުއްތު ދަރިފުޅު ޓިއުޝަނަށް ފޮނުވުމާ މެދު ކިހާ ވަރަކަށް ވިސްނާލިން ހެއްޔެވެ؟

ޓިއުޝަން މުހިއްމެއް ނޫން!

"ކުދިންނަށް އުނދަގޫވާ ތަކެތި، ކުއްޖާ އަށް ކުއްޖާ އަށް އެންމެ ރަނގަޅަށް ސާފު ނުވާ ނަމަ، ދަންނަ މީހެއްގެ އެހީ ހޯދާލުމަކީ ރަނގަޅު ކަމެއް. އެކަމަކު އަހަރު ފެށުނީއްސުރެ ވަކި މީހަކު ގެނެސްގެން ގަވާއިދުން ޓިއުޝަން ދޭ ނަމަ ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެގެން ދޭ. އޭނަ އަމިއްލައަށް އެއްޗެއް އެނގިގަންނަން މަސައްކަތްކުރުން ހުއްޓާލާ،" ގިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވި އެވެ.

އެންމެ ކުޑަ އިރުއްސުރެ އަމިއްލަ އަށް ކަންކަމާ މެދު ވިސްނައި، އަމިއްލަ މަސައްކަތްތައް އަމިއްލަ އަށް ނިންމަން ދަސްކޮށްދިނުމަކީ މުހިއްމު ކަމެކެވެ. އޭރުން އެކަމުގެ ފައިދާ އެ ކުދިން ބޮޑުވުމުން ކުރާނެ އެވެ.

ނާސަރީ އުމުރު؛ ކުޅުމާއި ކަންކަން ދަސްކުރާ އުމުރު!

ދެ އަހަރާއި ފަސް އަހަރާއި ދެމެދުގެ ކުދިންނަށް އެކުދިން ސްކޫލުގައި ހޭދަކުރާ ތިން ހަތަރު ގަޑި އިރު ކިޔެވުމަށް ފުދޭނެ އެވެ. އިިތުރަށް މޮޅުކުރަން ބޭނުންވާ ނަމަ ގޭގައި އުޅޭ ވަގުތު ކުދިންނަށް ކިޔަވައިދޭން އުޅެވިދާނެ އެވެ. އެކަމަކު އެއަށްވުރެ ވެސް ބޮޑަށް މި އުމުރުގެ ކުދިންނަށް ބޭނުންވަނީ މައިންބަފައިންނާ އެކުގައި ހޭދަކުރާ ވަގުތެވެ. އަމިއްލަ އަށް ކަންކަން ހޯދައި، މާހައުލު ދަސްކުރުމުގެ ފުރުސަތެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެހާ ތުއްތު އިރުގަ ޓިއުޝަން ދޭންޖެހޭ ކަމަކަށް. މި ވަރުގެ ކުދިން ޓިއުޝަނަށް ފޮނުވަނީ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގަ، ގޭތެރޭގައި މައިންބަފައިންނަށް އެ ޕޭޝަންސް ނުހުންނާތީ. އެހެންވީމަ ދެން އޮންނަ އެންމެ ރައްކާތެރި ގޮތަކީ މީހެއްގެ ކައިރިއަށް ފޮނުވާލުން. އެއީ ފަސޭހައަކަށް ކުރެވޭ ކަމެއް ކަންނޭނގެ އޭގެ ފައިދާއަކަށް ބަލައިގެން ކުރާ ކަމެއްގެ ގޮތުގައި ކުރުމަށްވުރެ،" ތޯހާ ވިދާޅުވި އެވެ.

އެހެންވީމަ ކުއްޖާގެ ޅަފަތުގައި ހޭދަވާ މަދު އަހަރުތައް ޓިއުޝަން ކްލާސްތަކުގައި ދުއްވައިނުލާށެވެ.

އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދޭން ޖެހޭ!

މައިންބަފައިން އަބަދުވެސް ބޭނުންވާނީ ކުދިންނަށް ދަތި ނުވެ ފަސޭހަ ގޮތް ހޯދައިދޭށެވެ. އެކަމަކު ފަސޭހަ ގޮތް ހޯދައިދިނުމަކީ ކުދިންނަށް އެ ކުދިންގެ އަމިއްލަ ކަންކަން އަމިއްލަ އަށް ކުރަން ނޭނގޭ ވަރަށް ކަންކަން ފަސޭހަކޮށްދިނުން ކަމަށް ވެގެން ނުވާނެ އެވެ.

"ކުޑަ އިރުއްސުރެ ކުއްޖާ މި ތައްޔާރުކުރަނީ އަމިއްލަ އަށް އުޅެން ދަސްކޮށްދޭން. މީގަ އަންނަ އާގިއުމަންޓަކީ، ކިޔަވައިދޭ އިރު ކުއްޖާއަށް ހުރިހާ އެއްޗެއް އޮޅުން ނުފިލައި ގޮސްދާނެ އޭ ބުނާ ތަންކޮޅު. އެކަމަކު ސްކޫލާއި އެކު އެކީގައި ޓިއުޝަން ކްލާސްތައް ފެށުމަކީ ކްލާހުގައި ކުދިން ދޭ ސަމާލުކަން ވެސް ކުޑަ ވާ ކަމެއް. އެބަ އެނގޭ، ޓިއުޝަނަށް ދިޔުމުން އެބައި ފޫބައްދާލެވޭ ކަން،" މިއީ ކުދިން ވަރަށް ބޮޑަށް ކަންނެތް ކޮށްލައި، އަމިއްލަ ޒިންމާ އާއި ދުރުކޮށްދޭ ކަމެއްގެ ގޮތުގައި ތޯހާ ސިފަކުރެއްވި އެވެ.

ކްރިއޭޓިވް ކޮށް ވިސްނުމުގެ ހުނަރު ދަށްވޭ!

މީހަކު ބުނީމަ ބުނެދޭ އެއްޗެހި ލިޔެގެން ކިޔަވައިގެން ނިކުންނަ ކުދިންގެ ކްރިއޭޓިވް ތިންކިންގް ވަރަށް ބޮޑަށް ދަށްވާ ކަމަށް ތޯހާ ވިދާޅުވި އެވެ.

ކުރިއަރަމުން އަންނަ މި ޒަމާނުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އުފެއްދުންތެރި މޮޅު ވިސްނުން ހުންނަ މީހުން ހޯދުމެވެ. ކިތަންމެ މޮޅު މެރިޓެއް އޮތަކަސް މީހާ އަކީ އުފެއްދުންތެރި މީހަކަށް ނުވެދާނެ އެވެ. އެހެންކަމުން ސިކުނޑީގެ ބާރު ގަދަކުރަން ކުދިން ކުޑައިރު ހިތްވަރު ދޭށެވެ.

ކްލާހުގައި ފޯކަސް ކުރަން ހިތްވަރު ދެވޭނެ!

ކްލާހުގައި ފިލާވަޅު ކަނުލައި އަޑުނޭހުމަކީ މައްސަލައެއް ނޫން ކަން ކުދިންނަށް އިހުސާސްކޮށް ނުދޭށެވެ. އޭގެ ބަދަލުގައި އެންމެ ކުޑަ އިރުއްސުރެ ކްލާހުގައި މުދައްރިސް ފިލާވަޅު ނަގައިދޭ ވަގުތުގައި ކަނުލައި އަޑު އަހައި އޮޅުމެއް އޮތް ނަމަ އެވަގުތު އެއެއްޗެއް އޮޅުން ފިލުވުމުގެ މުހިއްމުކަން ވިސްނަދޭށެވެ. މުދައްރިސްގެ ފަރާތުން އެނގެން ބޭނުން ކޮންމެ އެއްޗެއް އޮޅުންފިލުވުމަކީ ދަރިވަރުގެ ހައްގެއް ކަން ވިސްނަދޭށެވެ.

" ވިސްނަދޭންވީ، ޓީޗަރުގެ ޒިންމާއެއްކަން ކުދިންނަށް އޮޅުންފިލުވައިދިނުމަކީ. އަދި ކުއްޖާގެ ހައްގެއް ކަން ތައުލީމަކީ. ހަގީގަތުގައި، ސްކޫލުތަކުން ވެސް ކުދިންނަށް މިގޮތަށް ހިތްވަރުދިނުން ވަރަށް މުހިއްމު." ތޯހާ ވިދާޅުވި އެވެ.

ކޮންމެ ކަމެއްގެ ވެސް ޝޯޓްކަޓެއް އޮންނާނެ އެވެ. އެކަމަކު ދިގުމަގުން އުނދަގުލާއި ހުރަސްތަކާއި އެކު ކުރާ ދަތުރުގެ މަންޒިލް މާ އުފާވެރިވާނެ އެވެ. ކުދިންނަށް އަބަދު ފަސޭހަ މަގު ދަސްކޮށްދިނުމުގެ ބަދަލުގައި އުނދަގޫ މަގު ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަކީ ވެސް މުހިއްމު ކަމެކެވެ. ވިސްނައިލާށެވެ.

ކުޑަކުދިން ތައުލީމް

Popular