18 Jan 2020

By: Aminath Ibrahim

ދެ އަހަރު ވެސް ނުފުރޭ ތުއްތު ކުއްޖަކު ރޭޕުކުރި މައްސަލައެއްގައި މުޅި ގައުމު ސިއްސުވާލައިފި އެވެ. މިއީ ފެތުރިފައި އޮތް ނުބައި ސަގާފަތެއްގެ ބިރުވެރިކަން ކުޑަނުވެ ބޮޑުވަމުންދާކަން ހާމަވި ޝައިތާނީ އަމަލެކެވެ. ޖިންސީ އަނިޔާގެ މައްސަލަތަކުގެ ޝިކާރައިގައި ކުޑަކުދިން ޖެހޭ މިންވަރު އަހަރެއް އަހަރަކަށް ގިނަ ވަނީ އެވެ.

ކުޑަކުދިންނަށް އަނިޔާ ކޮށްގެން މިދިޔަ ނޮވެމްބަރު މަހު އެކަނި 171 މައްސަލައެއް ޖެންޑަ މިނިސްޓްރީ އަށް ހުށަހަޅާފައިވާ އިރު އޭގެ ތެރޭގައި ޖިންސީ އަނިޔާގެ 20 މައްސަލަ ހިމެނެ އެވެ. މިއީ ބިރުވެރި އަދަދުތަކެކެވެ.

ޖިންސީ އަނިޔާ އަކީ ކޯއްޗެއްކަން ބުނެދޭން ކުދިން ވަކި އުމުރަކަށް ދަން ދެން ތިބެވޭކަށް ނެތެވެ. އަމިއްލަ ހަށިގަނޑާއި ނަފްސާ ގުޅޭ ކަންކަމުގައި އެއްވެސް މީހަކަށް އިތުބާރު ނުކުރަން އެންމެ ތުއްތު އިރުއްސުރެ ކުދިންނަށް ވިސްނައިދޭން ޖެހޭ ވަރަށް ހާލަތު މިވަނީ ގޯސްވެފަ އެވެ.

"ގުޑް ޓަޗް އާއި ބޭޑް ޓަޗް" ގެ އިތުރަށް ވެސް ބުނެދޭން ޖެހޭ!

ގޯނާ އާއި އަނިޔާ ކުރެވޭނީ ހަމަ އެކަނި ގައިގައި ބީހިގެންނެއް ނޫނެވެ. ޖިންސީ ގޯނާ ކުރުމަކީ ހަމަ އެކަނި ރޭޕް ކުރުމެއް ނޫނެވެ. ނޫނީ ހަމަ އެކަނި ގައިގެ ގުނަވަނެއްގައި އަތްލައި ބީހުމެއް ވެސް ނޫނެވެ. ޖިންސީ ފުރައްސާރަ އަކީ އަނިޔާއާ އެއް ވަރަކަށް ބިރުވެރި އަދި އޭގެ ނުބައި އަސަރު ވެސް ދެމިގެންދާ ކަމެކެވެ.

އެހެންވީމާ ދަރިންނަށް މިއަދު ނަސޭހަތް ދޭ އިރު މިކަންކަން ވެސް އިތުރުކޮށްލާށެވެ.

ފެންނަ ކަންކަމަށް ސަމާލުވުން

ކުޑަކުދިންނަށް އޮރިޔާން ކާޑު ދެއްކުމަކީ ކުށެކެވެ. ފޯނުން ބޭ އަދަބީ މެސެޖް ކުރުމަކީ ނުވަތަ ސެކްސްޓް ކުރުމަކީ ކުށެކެވެ. އެފަދަ ކަމެއް މީހަކު ކުރާ ނަމަ އެލާޓް ވާން ދަރިފުޅަށް ނަސޭހަތް ދޭށެވެ. ސްކޫލްތަކުން ދަރިވަރުންނަށް ނަސޭހަތް ދޭން ވާނެ އެވެ. އެފަދަ ކަމެއް ވާކަން އެނގޭ ނަމަ ރިޕޯޓްކުރާށެވެ. އަޑު އުފުލާށެވެ.

އިވޭ އަޑުތަކަށް ސަމާލުވުން

ވާހަކަ ދެއްކުމުގެ މަޑުމައިތިރި ބަހުރުވައިން ބޭރުން ބުނާ ކޮންމެ ވާހަކައެއް މަންމަ ނުވަތަ ބައްޕަ ނޫނީ ހިމާޔަތް ދޭނެ މީހެއްގެ ގާތުގައި ބުނަން ކުދިންނަށް ނަސޭހަތްތެރި ވާށެވެ. ވާހަކަ ދައްކާ އިރު، "އަހަރެން ވަރަށް އަތް ލާން ބޭނުންވޭ" ފަދަ އިބާރާތްތައް ބޭނުންކުރުމާއި، ބިރު ދައްކައިގެން ކުއްޖާ އަށް އަމިއްލަ ގައިގައި އަތްލާން މަޖުބޫރު ކުރުވުމަކީ ވެސް މީގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ބީހުންތަކަށް ސަމާލުވުން

މީގެ ތެރޭގައި ހިމެނެނީ ހަމަ އެކަނި ޖިންސީ ގުނަވަނެއްގައި އަތްލުމެއް ނޫނެވެ. ކަމަކާ ނުލައި ނޫން ގޮތެއްގައި ހަށިގަނޑުގެ އެއްވެސް ތަނެއްގައި އިތުރު މީހަކު އަތްލުމަކީ ސަމާލުވާން ޖެހޭ ކަމެއް ކަން ކުދިންނަށް ބުނެދޭށެވެ. މަންމަ އަދި ބައްޕަ ވެސް އިސްތިސްނާ ނުވާ ގޮތަށެވެ.

ގައިގައި ހިފަހައްޓާއިރު ސަމާލުވުން

ކުއްޖާ އަށް ރައްކާތެރިކަން އިހުސާސް ނުވާ ގޮތަކަށް ބެއްދުމާއި، އުނގުމަތީގައި ބޭންދުމާއި ޖިންސީ އެދުމެއް އޮވެގެން ކުރާ ކޮންމެ ކަމަކީ ކުށެކެވެ. އެފަދަ ކަންކަން ވެސް ރިޕޯޓު ކުރަންވާނެ އެވެ. އަޑު ހަރުކޮށް ބުނަން ވާނެ އެވެ.

އެކަނި ހުންނަ އިރު ސަމާލުވުން

މިއީ ސީދާ ޖިންސީ އަނިޔާއާ މާ ބޮޑު ގުޅުމެއް ނެތް ކަމަކަށް ވެދާނެ އެވެ. އެކަމަކު ކުއްޖަކު އެކަނި ތަނެއްގައި ހުންނަ ވަގުތެއްގައި މައުލޫމާތު އޮޅުންފިލުވަން އުޅުމާއި ސިއްރުވެރި ގޮތަކަށް ކުއްޖާއާ ވާހަކަދައްކަން ދުރު މީހަކަސް، ގާތް މީހަކަސް، އުޅުމަކީ ގޯހެއްކަން ކުދިންނަށް ވިސްނަދޭށެވެ.

ޖާގަ އަށް ސަމާލުވުން

ކުއްޖަކު ހުރި ތަނެއްގައި ޖާގަ އޮއްވައި މާ ގާތް ކޮށް އުޅުމަކީ އެބިއުސިވް ވިސްނުމެއް ގެންގުޅޭ ކަމުގެ ހެއްކަކަށް ވެދާނެ އެވެ. މިފަދަ ކަންކަމަށް ވެސް ލޯ ހުޅުވައިގެން އުޅުމަށް ދަރިފުޅަށް ނަސޭހަތް ދޭށެވެ.

މިއީ އެއް ދުވަހުން ވާހަކަ ދައްކައިގެން ކުދިންނަށް ވިސްނައިދެވޭނެ ކަންތައްތަކެއް ނޫނެވެ. ގޭގައި ނަސޭހަތް ދޭށެވެ. ސްކޫލްތަކުން ވެސް މިގޮތަށް ނަސޭހަތް ދޭން ވީ އެވެ. އުޅޭ މާހައުލަށް ލޯ ހުޅުވަން ދަސްކޮށްދޭން ފަށަން ވީ އެންމެ ތުއްތު އިރުއްސުރެ އެވެ. ދައްކަން ލަދުވެތި ވާހަކަތަކަކަށް ވާތީ ބުނެދޭން ފަސް ކޮށް ކޮށް ތިއްބައި މާ ލަސްވެދާނެ އެވެ.

ކުޑަކުދިންނަށް އަނިޔާކުރުން ރޭޕް

Popular