20 Jan 2020

މިޒާޖުގައި ހުންނަ ތަފާތުކަމުގެ ސަބަބުން ބައެއް މީހުނަށް، އެހެން މީހުންނާ ގުޅިގެން އުޅެން ވަރަށް އުނދަގޫވެ އެވެ. އެ ގުޅުން ބާއްވަން ބޭނުންވިޔަސް، ބައެއް ފަހަރަށް މިހެން ވަނީ އަނެކާއާ ވާހަކަދައްކަން ލަދުގަތުމާއި، ހާސްވުން ނުވަތަ ދައްކާނެ ވާހަކައެއް ނޭނގިފައި ތިބެންޖެހުމުންނެވެ. އެ މީހަކީ "ސޯޝަލީ އައުޓްގޮއިން" މީހަކަށް ނުވުމަކީ ވެސް، އެހެން މީހުންގެ ތެރޭގައި އުޅެން ފަސްޖެހޭ ސަބަބެކެވެ. މަސައްކަތުގެ މާހައުލުގައި ވެސް ގިނަ ފަހަރަށް މީހުން ބާކީ ވަނީ މި ކަހަލަ ބައެއް ކަންކަމާ ހެދި އެވެ.

"އަހަންނަށް ބައެއް ފަހަރު ހީވޭ އޮފީހުގައި ލޯންލީވާ ކަމުގެ ކޮމްޕްލެއިން ކުރުމަކީ ވެސް އަސްލު ކޮށްގެން ވާނެ ކަމެއް ނޫނޭ. އެކަމަކު އެއީ ހެދުނު ގޯހެއް،" އޮފީހުގައި މާ ބޮޑަށް އެކަނިވެރިވާތީވެ މި މަހު އޮފީހުން ކެނޑުނު 25 އަހަރުގެ އަންހެނަކު ކިޔަދިނެވެ.

"ވަކި ބޮޑަށް ތިބޭ މީހުން ގޯސްވެގެނެއް ވެސް ނޫން އެހެން ވަނީ. އެކަމަކު އޮފީހުގައި ދެން ތިބޭ މީހުންނާ އުޅެއުޅެ ހަމަ އެއްގޮތަކަށް ވެސް ގުޅުން ރަނގަޅު ނުވީމަ ރިޒައިންކުރީ. އެ ގުޅުން ނެތި އެކުގައި ކިހިނެއް މަސައްކަތް ކުރާނީ؟" އެ އަންހެން މީހާ ބުންޏެވެ.

އެކަނިވެރިކަން އިހުސާސްވުމަކީ ތަހައްމަލު ކުރަން ވަރަށް އުނދަގޫވާނެ ކަމެކެވެ. ހާއްސަކޮށް އޮފީސް މާހައުލެއްގައި ނަމަ ބައިވަރު މީހުންގެ ތެރޭގައި މިފަދަ އިހުސާސްތަކެއް ކުރެވޭނެ ނަމަ އެއީ ބޮޑު މައްސަލައެކެވެ. އެކަމަކު ވިސްނައްޗެވެ. ކޮންމެ ފަހަރަކު އެއީ އަމިއްލަ މީހާ އަށް ހެދޭ ގޯހަކުން ވާ ކަމެއް ކަމަށް ދެކި، އަމިއްލަ ނަފްސު ކުށްވެރި ނުކުރާށެވެ.

އޮފީހުގައި އެކަނިވެރިވުން މައްސަލައަކަށް ވަނީ ކީއްވެ؟

އޮފީސްތަކުގައި އެކަނިވެރިކަން އިހުސާސްކުރާ މީހުން ގިނަވަމުން ދާކަން ބޭރުގެ ދިރާސާތަކުން ވެސް ހާމަވެފައި އެބަ ހުއްޓެވެ. އެކަނިވެރިވުމަކީ މީހާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް ވެސް އަސަރުކުރާ ކަމެއްކަން ސިއްހީ މާހިރުންގެ ވާހަކަތަކުން އެނގެ އެވެ. މިކަމުގެ ސަބަބުން މަސައްކަތަށް މީހާ ފަރުވާކުޑަވެ ޕާފޯމަންސް ދަށްވެ އެވެ.

ގުޅުން ބަދަހިކުރަން ނޭނގުނަސް އެކަން މާ ބޮޑު ކަމަށް ނުހަދާ

ތިރީގައި އެމްބެޑްކޮށްފައިވާ ދި ގާޑިއަންގެ މި އާޓިކަލްގައި، މަސައްކަތުގެ މާހައުލުގައި އެކަނިވެރިން އިހުސާސްކުރަން ޖެހުނު މީހަކު ވަނީ އޭނާގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ. އޭނާ އެންމެ ބޮޑަށް ދެއްކި ވާހަކަ އަކީ ކޮންމެ މީހަކީ ސޯޝަލީ އެކްޓީވް މީހަކަށް ނުވާނެ ކަމެވެ. އަދި މަސައްކަތުގެ މާހައުލުން ރައްޓެހިން ހޯދުމަކީ އެ ކަހަލަ މީހަކަށް އުނދަގޫ ކަމެކެވެ. އެހެން ވެއްޖެ ނަމަ ފުރަތަމަ ވެސް އެ މަސައްކަތުގެ މާހައުލުގައި މީހާ ހަމަޖެހިލުމަށް އަމިއްލަ ނަފުސަށް ވަގުތުކޮޅެއް ހުސްކުރާށެވެ. އަދި މަޑުމަޑުން އެހެން މީހުންނާ ގުޅުން ބަދަހިކުރަން މަސައްކަތް ކުރާށެވެ.

ގުޅުން ބަދަހިވަމުން އަންނަ ވަރަކަށް އެކަކު އަނެކެއްގެ އިހުސާސްތައް ބަދަލުކޮށް، ދެމީހުންގެ ވާހަކަތައް އަޑުއެހުމަށް މަސައްކަތް ކުރަންވާނެ އެވެ. އަދި އެކުގައި އޮފީހުން ބޭރަށް ނިކުމެލައި، ކޮފީއަކަށް ނުވަތަ ކެއުމަކަށް ގޮސްލުމަކީ ވެސް ރަނގަޅު ކަމަކެވެ. އޮފީސް މާހައުލަކީ ބިޒީ ތަނަކަށް ވެފައި، އެ ވަރަށް ހުސް ވަގުތު ނުލިބޭ ނަމަ މަސައްކަތުގެ ތެރެއިން ކިރިޔާ ވެސް ލިބޭ ހުސް ވަގުތެއްގެ ބޭނުން ކުރާށެވެ. އަދި އޮފީހުގައި އުޅޭ މީހަކު ތިމާއާ ގުޅުން ބަދަހިކުރަން އެއްވެސް ވަރަކަށް މަސައްކަތް ކުރާ ނަމަ އެކަމަށް އެއްބާރުލުން ދިނުން ވެސް މުހިންމެވެ.

ވެރިންގެ ޒިންމާ ވެސް ބޮޑު

އޮފީހުގެ މުވައްޒަފުންގެ މެދުގައި އޮތް ގުޅުން ރަނގަޅުތޯ ބެލުމަކީ ވެރިންގެ ވެސް ޒިންމާއެކެވެ. އެ މީހުންގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ ކަންކަން ބަލައި، އެކަން ކުރަންޖެހޭނެ އެވެ. ކޮންމެ މަސައްކަތެއްގައި ވެސް އެންމެ ރަނގަޅު ނަތީޖާއެއް ނިކުންނާނީ "ޓީމް ވޯކް" އޮވެގެން ކަމަށް ވާތީ، ވެރިމީހާ އަށް ވެސް ފައިދާވާނެ ގޮތަކީ މިއީ އެވެ.

އެހެން ވަޒީފާއެއް ހޯދުން

މަސައްކަތްކުރާ އޮފީހަކީ ރަނގަޅު މާހައުލެއް ނަމަ، އަލަށް އަންނަ މުވައްޒަފުންނަށް މަރުހަބާ ކިޔާނެ އެވެ. އަދި އެ އޮފީހެއްގައި މަސައްކަތް ކުރާ މުވައްޒަފުން، ދެން ތިބޭ މީހުންނާއި އޮންނަ ގުޅުން ރަނގަޅުވާނެ އެވެ. އެފަދަ މާހައުލެއް ނަމަ، އެތަނުން ރައްޓެހިން ހޯދަމަކީ އެއްވެސް މީހަކަށް އުނދަގޫ ކަމަށް ނުވާނެ އެވެ. އެކަމަކު އެ އެކަނިވެރިކަމަށް ނިމުމެއް ނައިސް ދިގުލައިގެން ދާ ނަމަ، އެންމެ ފައިދާ ހުރި ގޮތަކީ އަވަހަށް އެހެން ވަޒީފާއެއް ހޯދުމެވެ.

ވަޒީފާ ޑިޕްރެޝަން

Popular