29 Jan 2020

By: Aminath Ibrahim

ކޮންމެ ކަހަލަ ވައިރަހަކަސް، އެއިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅަކީ މާސްކް އެޅުމެވެ. އަނގަ އާއި ނޭފަތް ފޮރުވޭ ގޮތަށް އަޅާ ސާޖިކަލް މާސްކުން ވައިގެ ތެރޭގައި ފެތުރޭ އިންފެކްޝަންތަކުން މީހާ ރައްކާތެރިކޮށްދެ އެވެ. އެހެންވީމާ، ޗައިނާ އިން އާންމުވެ، ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ ވޫހާން ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ވެސް އެޅޭނެ އެންމެ ފަސޭހަ، އަދި އެންމެ ރަނގަޅު ފިޔަވަޅަކީ ވެސް މާސްކް އެޅުމެވެ.

އެހެން ބަލިތަކުން ވެސް ދުރުކޮށްދޭ!

ވައިރަސް ދިރާސާކުރާ ސައިންސްވެރިންގެ ބައެއް ދިރާސާތަކުން، ސާޖިކަލް މާސްކަކީ، އަތުގައި ހުންނަ ޖަރާސީމު އަނގަޔާ ހަމައަށް ވާސިލުވެގެން ޖެހޭ ބައެއް ބަލިތަކުން ވެސް މީހާ ދުރުކޮށްދިނުމަށް އެހީއެކެވެ.

މާސްކް އެޅުމުން، ލާ ނޭވާއާ އެކު ހަށިގަނޑުގެ ތެރެ އަށް ވައި އެތެރެ ވާއިރު ވައި ފިލްޓާ ކޮށްދޭ މެދުވެރިއެއްގެ ރޯލު މާސްކް އަދާކުރެ އެވެ. ސާޖިކަލް މާސްކް ފަރުމާކޮށްފައިވަނީ، ވައިގެ ޒަރީއާ އިން ފެތުރޭ ޖަރާސީމުތައް، ހާއްސަކޮށް ނުރައްކާތެރި ޖަރާސީމުތަކަށް ދެމި ނުގަނެވޭނެ ގޮތަށެވެ.

އެންމެ ފުރަތަމަ ސާޖިކަލް މާސްކް އުފެއްދީ، މީލާދީން 18 ވަނަ ގަރުނުގެ ތެރޭގައި ހަމަ އެކަނި ހޮސްޕިޓަލް ތަކުގައި ބޭނުންކުރާ އެއްޗެއްގެ ގޮތުގަ އެވެ. އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މާސްކް އުފައްދަން ފެށީ 1919 ވަނަ އަހަރު ދުނިޔެ އަށް އާންމުވި ބޮޑު ރޯގާ (ސްޕެނިޝް ފްލޫ) އިން ރައްކާތެރި ވުމަށެވެ. އެ ބަލިމަޑުކަމުގައި 50 މިލިއަނަށް ވުރެ ގިނަ މީހުން މަރުވި އެވެ. އޭރުގެ ބައެއް އެސެސްމަންޓް ރިޕޯޓް ތައް ބުނާ ގޮތުން، ބަލި ފެތުރެމުން ދަނިކޮށް މާސްކް އެޅުމުގެ ސަބަބުން، ބަލި ފެތުރުން ދަށް ވެގެން ދިޔަ އެވެ.

އެކަމަކު މާސްކަކީ 100 ޕަސެންޓް ރައްކާތެރިކަމެއް ނޫނެވެ. އެހެންކަމުން އެ ބައްޔަކަށް ރައްކާތެރިވުމުގެ ގޮތުން ދެން ކުރަންޖެހޭ އިތުރު ކަންކަން ވެސް ކުރުމަކީ އެންމެ ރައްކާތެރި ގޮތެވެ.

ކޮރޯނާ އިން ރައްކާތެރިވާން ކުރެވިދާނެ ބައެއް ކަންކަން؛

- މާސްކް އެޅުން

- ސައިބޯނި ލައިގެން ހޫނުފެނުން އަތް ދޮވުން

- ކަރުތެރެ ހިކި ކޮށް ނުބެހެއްޓުން (ރަނގަޅަށް ފެން/ދިޔާ ތަކެތި ބޭނުންކުރުން)

- ކެއްސުމާއި ހުމުގެ އިތުރުން ނޭވާ ކުރުވުން ކަހަލަ އަލާމާތްތައް ފެންނަ ނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުން

- ބަލި ފެތުރޭ ގައުމުތަކަށް މި ދުވަސްކޮޅު ދަތުރު ނުކުރުން

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ، ޗައިނާގެ ވޫހާން އިން ފެނުނު ނުރައްކާތެރި ކޮރޯނާ ވައިރަސް އަކީ ނޭވާލާ ނިޒާމު ހަލާކުކޮށްލާ އެއްޗެކެވެ. މި ވައިރަސް ހަށިގަނޑުގައި އަށަގަތުމުން ފުއްޕާ މޭ ހަލާކުކޮށްލައި ކިޑްނީ އަށް ވެސް ގެއްލުންދެ އެވެ. މިހާތަނަށް 6،000 މީހެއްގެ ގައިން ވައިރަސް ވަނީ ފެނިފަ އެވެ. 100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ރާއްޖެއާ ކައިރި ބައެއް ގައުމުތަކުން ވެސް މިހާތަނަށް ބަލި ފެނިފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުން މުހިންމެވެ.

ސިއްހަތު

Popular