10 Feb 2020

By: Aminath Ibrahim

ގަވާއިދުން ޕީރިއަޑް ނުވާ މައްސަލަ އަކީ އަންހެނުންގެ މެދުގައި ވަރަށް އާންމު މައްސަލައެކެވެ. ހާއްސަކޮށް ދަރިމައިވާ އުމުރުގެ ޒުވާނުންގެ މެދުގައި ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އާންމުކޮށް ޕީރިއަޑްގެ މައްސަލަތައް ދިމާވަނީ ޕޮލިސިސްޓިކް އޮވަރީ ޑިސީސް ނުވަތަ ޕީސީއޯޑީގެ ސަބަބުންނެވެ.

ޕީރިއަޑް ނުވުން، އިރެގިއުލާ ވުން، ގިނަ ދުވަސްތަކަކަށް ލޭ އައުން؛

ގަވާއިދުން ޕީރިއަޑް ނުވުމަކީ ޕޮލިސިސްޓިކް އޮވަރިއަން ސިންޑްރޯމްގެ އެއް އަލާމާތެވެ. އެކަމަކު ޕީސީއޯޑީ ހުންނަ މީހަކަށް، ނޯމަލް ސައިކަލް އާއި އެއްގޮތަށް ޕީރިއަޑް ނުވުމުގެ އުނދަގުލުގެ އިތުރަށް ބައިވަރު އެހެން ކަންތައްތައް ވެސް ފާހަގަކުރެވޭނެ އެވެ. މިސާލަކަށް، މާބޮޑަށް ބަރުވުން، އާދަޔާ ހިލާފަށް މޫނުގައި ބިހި ނެގުން، ބޮލުން އިސްތަށި ފޭބުން، މޫނުމަތީގައި ހުންނަ އިސްތަށިތައް ގިނަވުން ފަދަ އަލާމާތްތައް ހިމެނެ އެވެ.

ޕީރިއަޑް ދުވަސްވަރު މާގިނައިން ލޭ އައުމާއި، ލޭ އައުން ދުވަސްތަކަކަށް ދިގުލައިގެން ދިއުމަކީ ވެސް ޕީސީއޯޑީގެ އަލާމާތެކެވެ.

"ޕީރިއަޑް ދުވަސްތައް ދިގުލައިގެން ގޮސްދާނެ ބައިވަރު ސަބަބުތައް ހުރެދާނެ. އެކަމަކު އެންމެ ކޮމަން ކޮށް ރާއްޖޭގައި ފާހަގަކޮށްލެވޭ އެއް މައްސަލަ އަކީ ޕީސީއޯޑީ. އޭގެ ސަބަބުތަކާ ހެދި ޕީރިއަޑް ގަވާއިދުން ނުވުން އެކަންޏެއް ނޫން މި އޮންނަނީ. ބައެއް ފަހަރު ޕީރިއަޑް ވެފަ، ވަރަށް ދިގު ދެމިގެން ހިނގައިދާނެ. ނޫނީ ވެފަ ރަނގަޅުވެފަ، އަނެއްކާ ވެފަ ރަނގަޅުވެފަ، އެކަހަލަ ގޮތަކަށް މަހެއްގެ މައްޗަށް ތިން ހަތަރު ފަހަރު ވެސް ޕީރިއަޑް ވެދާނެ،" އޭޑީކޭގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު، ޑރ އާމިނަތު ނުސްރާ ވިދާޅުވި އެވެ.

ނުސްރާ ވިދާޅުވި ގޮތުގައި ރަހިމުގައި ފައިބްރޮއިޑެއް ނުވަތަ ޓިއުމާއެއް ހުރެގެން ވެސް މިގޮތަށް ލޭ އައުން ދިގުލައިގެން ގޮސްދާނެ އެވެ. ނުވަތަ އެކި ބަލިތަކާ ހެދި ދިމާވާ ރަހިމުގެ މައްސަލަތަކުގެ ސަބަބަކަށް ވެސް ވެދާނެ އެވެ. އެކަމަކު މި ފަދަ މައްސަލަތައް އާންމުކޮށް ފެންނަނީ 40 އިން މައްޗަށް ދިއުމުންނެވެ.

"ޕީސީއޯޑީ ޖެހޭ ސީދާ ސަބަބެއް ނޭނގޭ. އެކަމަކު ޖެނެރަލީ ހުރިހާ ރިޒަލްޓްސް އެއް ދައްކާ ގޮތުން، ބަރުދަން އިތުރުވުން، ކަސްރަތު ނުކުރެވުން، ހެލިފެލިވެ ނޫޅެވުން ފަދަ ކަންކަމަކީ ފާހަގަކޮށްލެވޭ ކަންކަން. އެހެންވީމަ ޕީސީއޯޑީ މެނޭޖްކޮށްލަން، ގަވާއިދުން ކަސްރަތުކުރުން ވަރަށް މުހިއްމު. ހެލްތީ ކާނާ ކެއުން މުހިއްމު،" ޑރ ވިދާޅުވި އެވެ.

އީސްޓް އިންފެކްޝަން؛ ކީއްވެ؟

މިއީ ވަރަށް ކޮމަން އިންފެކްޝަނެކެވެ. ކޮންމެ އުމުރެއްގެ މީހަކަށް ވެސް ދިމާވެދާނެ މައްސަލައެކެވެ. އީސްޓް އިންފެކްޝަން ޖެހުމުން ކުރިމަތިފަރާތުން އަންނަ ޑިސްޗާޖް ހުންނާނީ ހުދު ކުލައިގެ މަޑު އެތި އެތިކޮޅަށް ބަދަލުވެ ހަރުވެފަ އެވެ. ބައެއް ފަހަރު ވަހެއް ނުހުރެދާނެ އެވެ.

އީސްޓް އިންފެކްޝަންކަން އެނގޭނެ ގޮތަކީ، އާދައިގެ ކޮށް އަންނަ ޑިސްޗާޖަށްވުރެ، އިންފެކްޝަން ޖެހުމުން އަންނަ ފްލުއިޑް ގިނަވެފައި ހުދު ޖެލީ ގޮތަށް ހުރުމެވެ. އަދި ކުރިމަތި ފަރާތް މާ ބޮޑަށް ހިރުވައި ދިލައެއް ނަގާފައި ހުރުމަކީ ވެސް މި އިންފެކްޝަންގެ އަލާމާތެކެވެ.

"ވަކި ޒުވާނުންނަކަށް ނޫން. ދުވަސްވީ މީހުންނަށް ވެސް ދިމާވާ މައްސަލައެއް. މި އިންފެކްޝަން ޖައްސާ ޖަރާސީމަކީ އަންހެނުންގެ ކުރިމަތި ފަރާތުގައި ހުންނަ ނެޗުރަލް ފްލޯރާ އެއް. އިންފެކްޝަން މި އުފެދެނީ މި ޖަރާސީމު އިތުރުވީމަ. އަޅުގަނޑުމެން ފާހަގަކުރާ ކަމެއް، އާންމުކޮށް ހޫނު ގަދަ މޫސުމަކީ މި ޖަރާސީމު އެކްޓިވްވެގަންނަން ވަރަށް ރަނގަޅު ޓެމްޕަރޭޗާއެއް. އެހެންވީމަ މިސާލަކަށް، ހޫނުވާ ކަހަލަ ފޮއްޗެއް ލާ ނަމަ، މިކަމަށް ޗާންސް ބޮޑުވޭ. ދެން ޕީރިއަޑް ރަނގަޅުވާ ދުވަސްކޮޅު ވެޖައިނާގެ ޕީއެޗް އަށް އަންނަ ބަދަލާ އެކު ވެސް އީސްޓް އިންފެކްޝަން ޖެހިދާނެ،" ޑރ ނުސްރާ ވިދާޅުވި އެވެ.

މިއީ މާބޮޑު ސިއްހީ މައްސަލަތަކެއް އޭގެ ސަބަބުން ދިމާވެދާ ފަދަ ނުރައްކާތެރި އިންފެކްޝަނެއް ނޫނެވެ. އެކަމަކު މި އިންފެކްޝަނާ އެކު އުޅުމަކީ އުނދަގޫ ކަމެކެވެ. އެހެންކަމުން މިކަމުގެ އަލާމާތެއް ފެނިއްޖެ ނަމަ، އަވަހަށް ފަރުވާ ހޯދާށެވެ.

މާބަނޑު ދުވަސްވަރު ހަންގަނޑު ކަޅުވޭތަ؟

މެލަސްމާ ނުވަތަ ޕްރެގްނެންސީ މާސްކް އަކީ މާބަނޑުވުމާ ގުޅިގެން ހަންގަނޑު ކަޅުވުމަށް އިނގިރޭސި ބަހުން ކިޔާ ނަމެވެ. މިއީ ވަރަށް އާންމު ކަމެކެވެ. އެއީ ބަލިވެ އިނުމާ އެކު ހަށިގަނޑުގައި ހުންނަ ހޯމޯންތަކަށް ބަދަލު އަންނަ އިރު، މެލަނިން ކިޔާ މާއްދާއެއް މާ ބޮޑަށް އިތުރުވުމުގެ ސަބަބުން ހަންގަނޑު ކަޅުވުމަށް މެދުވެރިވެ އެވެ.

އެކަމަކު އެއީ ވިހެއުމަށް ފަހު އަމިއްލަ އަށް އޭގެ ޒާތުގައި ރަނގަޅުވާ ކަމެކެވެ.

"ވިހެއުމަށް ފަހު ހަމުގެ ކުލަ އިއާދަ ނުވާ ނަމަ އޭގެ މާނަ އަކީ ކޮންމެވެސް އެހެން މައްސަލައެއް އެބަ އުޅެއޭ. އެހެން ދިމާވެއްޖެ ނަމަ ވީހާވެސް އަވަހަށް ހަމުގެ ޑޮކްޓަރަކަށް ދައްކާލުން މުހިއްމު. ހަނގަނޑު ކަޅުވާން ދިމާވެދާނެ އެހެން ކަންކަން ވެސް އެބަހުރި. މިސާލަކަށް ހަކުރު ބަލި ހުރުން ނޫނީ މާ ބޮޑަށް ބަރުދަން އިތުރުވުން،" ޑރ ނުސްރާ ވިދާޅުވި އެވެ.

މިކަހަލަ ކުދި ކުދި ކަންކަމަކީ އާންމުކޮށް ފަރުވާ ކުޑަކޮށްލެވޭ ކަންކަމެވެ. އެކަމަކު މިއިން ކޮންމެ ކަމަކީ ވެސް އޭގެ ސަބަބުން މުހިއްމު ނޫން ހާސް ކަމެއްގެ ތެރެއަށް މީހާ ދޫކޮސްލާ ކަންކަމެވެ. އެހެންކަމުން، ކުރިއާލާ ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ.

ސިއްހަތު އަންހެނުން

Popular