13 Feb 2020

By: Aishath Maahaa

ބުރަ، ދިގު ދުވަހަކަށް ފަހު އެންމެ ބޭނުންވާނީ ގެއަށްދާ ގޮތަށް އެނދަށް އަރާ ޖައްސައިލާށެވެ. އެންމެ ހިތްހަމަޖެހޭ އަރާމު ތަނަކީ އެއީ އެވެ. އެކަމަކު އެނދުގެ ސާފުތާހިރުކަން ނެތް ނަމަ އެންމެ ބޭނުންވާ ހިތްހަމަޖެހުމެއް ނުލިބޭނެ އެވެ. ކިތަންމެ ރީއްޗަށް އެނދުގައި ބެޑްޝީޓު އަޅައި ރީތިކޮށްފައި އޮތް ނަމަވެސް ބެޑްޝީޓް ނުދޮންނަ ނަމަ އެއީ އެންމެ ސާފުތާހިރު ތަނެކޭ ނުބުނެވޭނެ އެވެ.

ގޭގައި އެންމެ ގިނަ ޖަރާސީމް ހުންނަ އެއްތަނަކަށް ވާނީ ވެސް އެނދެވެ. ގައިން ބޭރުވެފައި ހުންނަ ޑެޑް ސެލް އާއި ފަންގަލް އެލެމެންޓްސް ފަދަ ބައިވަރު ޖަރާސީމްތައް އެނދުގައި ހުންނާނެ އެވެ. އަދި ގައިން ބޭރުވާ ތެލާއި ދަލާއި ހިރަފުސް އަދި މޭކަޕުން އެތައް ޖަރާސީމެއް އެނދުގައި އުފެދޭނެ އެވެ. ބެޑްޝީޓް ނުދޮންނަ ނަމަ މި ހުރިހާ ޖަރާސީމެއް ހަމުގައި ޖެހި ހަމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ހުޅުވެ އެވެ. އެގޮތުން ބިހި ނަގައި ހަންގަނޑު އިންފެކްޓްވުމުގެ ފުރުސަތު ބޮޑުވެ އެވެ.

ޑާމިޓޮލޮޖިސްޓުން އިރުޝާދު ދެނީ އެންމެ މަދުވެގެން ހަފުތާ އަކު އެއް ފަހަރު ބެޑްޝީޓް ދޮންނާށެވެ. ނުވަތަ ބެޑްޝީޓް ބަދަލުކުރާށެވެ. އާންމުކޮށް ހަފުތާއަކު އެއްފަހަރު ބެޑްޝީޓް ދޮވުނު ނަމަވެސް ބަލިވެ އުޅޭ ނަމަ އެއަށްވުރެ އަވަސް އަވަހަށް ބެޑްޝީޓް ދޮންނަން އިރުޝާދުދެ އެވެ.

އޭގެ އިތުރުން ވޯކްއައުޓަށް ފަހު ފެންނުވަރާ ނިދާ މީހުން އަދި ގިނަ ވަގުތު ބޭރުގައި އުޅެފައި އައިސް ފެން ނުވަރާ ނިދާ މީހުން އަވަސް އަވަހަށް ބެޑްޝީޓް ބަދަލުކުރަންޖެހެ އެވެ.

ބެޑްޝީޓް ދޮންނައިރު ވެސް ވީހާ ވެސް ހޫނު ފެނަކުން ބެޑްޝީޓް ދޮވުން ރަނގަޅެވެ. ކެއާ ލޭބަލްގައި އިރުޝާދު ދީފައިވާ ވަރަށް ވުރެ ހޫނުކޮށް ދޮންނަ ނަމަ އަވަހަށް ބެޑްޝީޓް ބާވެ ނުވަތަ ހަލާކުވުމުގެ ފުރުސަތު ބޮޑުވެ އެވެ.

އޭގެއިތުރުން ބެޑްޝީޓް ދޮންނައިރު މާގިނައިން އޯމޯ އަޅައިގެން ދޮވުން ރަނގަޅެއް ނޫނެވެ. ރަނގަޅަށް އޯމޯ ނުފިލުވޭ ނަމަ ހަންގަނޑު އިރިޓޭޓްވެ ހަލާކުވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ޑާމިޓޮލޮޖިސްޓުން ބުނެ އެވެ.

Popular