20 Feb 2020

By: Ifraz Ali

މިއަދަކީ ބޮޑު ދުވެހެކެވެ؛ ސެލެބްރިޓީ ކަޕުލް "މުއާއްޒަ" ކައިވެނިކުރާތީ އެކަންޏެއް ނޫނެވެ. މި އަހަރުގެ އެންމެ ރީތި ތާރީހުތަކުގެ ތެރެއިން މިއަދު، 20/02/2020 ގައި ކައިވެނިކުރަން ކެތްމަދުވެފައި ތިބި އެތައް ބަޔަކަށް ހާއްސަ ދުވަހެކެވެ. މާލޭގައި އެކަނި ވެސް މިއަދު 64 ކައިވެނިކޮށްދޭނެ ކަމަށް ފެމެލީ ކޯޓުން ބުންޏެވެ.

"އޭ މިއަދު އެބަ އޮތް މަށަށް ހަތަރު ވެޑިންނަށް އިންވައިޓްކޮށްފައި،" ރައްޓެއްސަކު ދިމާވެގެން ހަމަ ދެންމެއަކު ބުނީ މިހެންނެވެ.

ވަރަށް ގިނަ މީހުން މިއަދު ބައިވަރު ކައިވެނިތަކަށް ދިއުމަށް ދައުވަތު ލިބިފައި އޮތް ވާހަކަ ސޯޝަލް މީޑިއާގައި ވެސް އެބަ ދައްކަ އެވެ. އެކަމަކު މި އުޅެނީ ކައިވެނިކުރާ މީހުންގެ ވާހަކަ ބާއްވާފައި، މިއަދު ކައިވެނި ޕާޓީއަކަށް ދައުވަތު ނުލިބޭ މީހެއް ވެސް ހުރިތޯ ބެލުމަށެވެ.

ދައުވަތު ލިބުނީ އަދި ނުލިބެނީ ކޮން ބަޔަކަށް ކަން މިއަދު ހަވީރާއި ރޭގަނޑު، އެކި މީހުންގެ އިންސްޓަގްރާމް ސްޓޯރީތަކާއި ސްނެޕްޗެޓް ހާވާލީމަ އެނގޭނެ އެވެ.

ވެޑިން ޕްލޭނާސްއަށް ބާރު ބޮޑު

މިދިޔަ ދެތިން ހަފުތާގައި މާލޭގެ ފޮތި ފިހާރަކަތަކަށް ވަރަށް ބާރު ބޮޑެވެ. ބައެއް ވައްތަރުގެ ފޮތި ނުލިބިގެން ވެސް ބައެއް މީހުން އުޅުނެވެ. ހެދުން ފަހައިދޭ ތަންތަނާއި، ވެޑިން އައުޓްފިޓް ތައްޔާރުކޮށްދޭ ތަންތަނަށް ވެސް މިދުވަސްކޮޅު ވަރަށް ބާރުބޮޑެވެ.

އަހަރެމެން ބައެއް ވެޑިން ޕްލޭނަރުންނަށް ވެސް ގުޅައިލީމެވެ. ބައެއް ޕޭލާނާސް އަށް ބިޒީކަމުން ވާހަކަ ވެސް ނުދެއްކުނެވެ.

"މިއަދު ރީތި ތާރީހަކާ އަޅާ ބަލައިފައި އަސްލު ޕާޓީތަކަށް އޮތް ޑިމާންޑް ވަރަށް ކުޑަ. ބޮޑަށް ހީވަނީ ޕާޓީ ބާއްވަން މާލެއިން ތަންތަން ނުލިބޭތީހެން. މާލޭގައި ވަރަށް މަދު ތަނެއް މި ހުންނަނީ. އެ ހުރިހާ ތަނެއްހެން އުޅެނީ ފުލްކޮށް،" ވެޑިން ޕާޓީތަކުގެ ޑެކަރޭޝަންގެ މަސައްކަތް ކުރާ އަލީ އިޝާން (ކުރަހާ ރާއްޕެ) ބުންޏެވެ.

އެންމެ ބިޒީކޮށް އުޅެނީ މޭކަޕް އާޓިސްޓުންނާއި ޑިޒައިނަރުންނެވެ.

މޭކަޕް އާޓިސްޓް އަމާނީ އަހްމަދު ބުނީ މިއަދު ހަތަރު ބްރައިޑެއްގެ މޭކަޕް ކޮށްދޭ ކަމަށެވެ. އަދި އެއިން ކޮންމެ ބްރައިޑަކާ އެކު އިތުރު ތިން ބަރައިޑްސް މެއިޑްގެ މޭކަޕް ކޮށްދޭނެ ކަމަށެވެ. އެހެން މޭކަޕް އާޓިސްޓެއް ކަމަށްވާ ފާތުމަތު މުހައްމަދު (ތާތު) ބުނީ މިއަދު އެކަނި ފަސް ބްރައިޑްސް އާއި 3 ބްރައިޑްސް މެއިޑްގެ މޭކަޕް ކޮށްދޭނެ ކަމަށެވެ.

މި މަހުގެ އެހެން ތާރީހެއް ކަމަށްވާ، 02/02/2020 ގައި ވެސް ވަރަށް ގިނަ ކައިވެނިތައް އޮތެވެ. އެ ދުވަހު އެކަނި ވެސް 41 ކައިވެނިކޮށްދިނެވެ.

ކައިވެނިކުރި އެންމެންނަށް އުފާވެރި، ބާއްޖަވެރި ދިރިއުޅުމަކަށް އެދެމެވެ. މަރުހަބާ އެވެ!

ކައިވެނި ހަފްލާ ކައިވެނި ޕާޓީ

Popular