26 Mar 2020

By: Aminath Ibrahim

ބޭރަށް ނުނެރެ އަދި ކެތްކޮށްލެވޭނެ އެވެ. ކުޑަ ހިތްވަރެއް ކޮށްލާށެވެ.

ކޮރޯނާވައިރަހުން މުޅި ޔޫރަޕް ހަނާ ވަނީ އެވެ. ދުވާލަކު އެތައް ސަތޭކަ ބަޔަކު އެ ދަނީ މަރުވަމުންނެވެ. ރާއްޖެ އެ ހާލަތަށް ނުދިޔަ ނަމަވެސް، އަބަދުވެސް ވިސްނައިގެން ތިބެންވީ، އެންމެ ގާތުގައި ވަނީ ބަލި ޖެހުން ކަމެވެ. އެހެން ވީމަ، މި ދަނޑިވަޅުގައި ފަރުވާ ކުޑަކޮށް ނުލާށެވެ. ގޭގައި އަދި ދުވަސްކޮޅަކު މަޑުކޮށްލާށެވެ. ކުދިންނާ އެކުގައި މަޑުކޮށްލާށެވެ.

މިއީ ކުރިއަށް ވާނެ ގޮތެއް ލަފާކުރަން ނޭނގޭ ދުވަސްކޮޅެކެވެ. އަތްމަތި ދަތި މީހުން ފަހަށް ވިސްނުމުގައި ފިކުރު ބޮޑުވާނެ އެވެ. ކުންފުނިތަކުގެ އާމްދަނީ ދަށްވެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރެވެ. ކުދިން ސްކޫލަށް ނުގޮސް، ކިޔެވުމާއި ދުރުގައި ގިނަ ދުވަސް ވާތީ މައިންގެ ކަންބޮޑުވުން އިންތިހާ އަށް ދާނެ އެވެ. އަނެއް ކޮޅުން ގޭގައި ދަތިތަކއި އެކު އޮފީސް މަސައްކަތް ކުރަމުން ގަނަ ތެޅެން ޖެހުމުން ވިސްނާނެ ވަރު އިތުރުވާނެ އެވެ.

މި ހުރިހާ ކަމަކާ ހުރެ، މި ވަގުތު ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ހުންނަން ނުލާހިކު އިސްކަންދޭން ޖެހެ އެވެ. ހާއްސަކޮށް ކުދިން ގެންގުޅޭ މައިންނާއި ބައްޕައިން މިކަމަށް އިތުރު ސަމާލުކަމެއް ދޭން ޖެހެ އެވެ.

މިއީ ކުދިން އެންޒައިޓީ އަށް ހިނގައިދާނެ ވަގުތެއް!

ކޮރޯނާވައިރަސްއާ ގުޅިގެން ސްކޫލްތައް ބަންދުކުރިތާ މިހާރު ދެ ހަފުތާ ވެއްޖެ އެވެ. ބޭރަށް ނުނިކުތުމަށް ތަކުރާރުކޮށް އިލްތިމާސްކުރާ މި ދަނޑިވަޅުގައި، އަދިވެސް ބައެއް މީހުން މަގުތަކުގައި އުޅުނަސް ކުދިން ގޮވައިގެން މަގުތަކަށް ނުކުތުން މިހާރު މަދުވެއްޖެ އެވެ. އެހެންވީމަ، އެއްގޮތަކަށް ވެސް ގެއިން ބޭރަށް ކުދިން ނުނެރޭ ނަމަ، އެ މީހުން ގޭތެރޭގައި ބައިތިއްބައިގެން ރަނގަޅު ގޮތަކަށް ދުވަހުގެ ރޫޓިން މެނޭޖް ކުރުމަކީ މުހިއްމު ކަމެކެވެ.

ރަނގަޅު ވާހަކައެކެވެ. އެންމެން ތިބީ ހާސްކަމެއްގެ ތެރޭގަ އެވެ. އެހެން ނޫނަސް ކުދިން ފޫހިވާން ވަގުތު ދޭން ޖެހޭނެ އެވެ. އެކަމަކު ކުރާނެ އެއްވެސް ކަމެއް ނެތި ގޭތެރޭގައި ބަންދުގައި ތިބެން ޖެހުމަކީ ހާއްސަކޮށް ކުޑަކުދިންގެ ހިތުގައި އުދާހާއި ރުޅި އިތުރުވެ ރުންކުރުވާނެ ކަމެކެވެ. ބައެއް ކުދިން ފިކުރު ބޮޑުވުމުގެ ސަބަބުން އެންޒައިޓީ އަށް ވެސް ހިނގައިދާނެ އެވެ.

އެންމެ ފުރަތަމަ ކަމަކީ، ވެގެން އުޅޭ ގޮތް ކިޔައިދިނުން!

މިއީ މުޅި ދުނިޔެ އަށް ދިމާވެގެން އުޅޭ ބިރުވެރި ކަމެކެވެ. މަންމަ އާއި ބައްޕަ ގޭގައި މަސައްކަތް ކުރަން ޖެހި، ސްކޫލަށް ދެވޭ ގޮތް ނުވެ، އަބަދު ބޭރަށް ދާން މަނާކޮށް، ނުވި ތާކަށް މަންމަ އާއި ގޭގެ ބޮޑެތި މީހުން އެއްވާއިރު ފައިސާގެ ދަތިކަމުގެ ވާހަކަތައް ދައްކައި މޫނުމަތިން ހާސްކަން ފެންނަ އިރު، ކޮންމެވެސް ކަމެއް ގޯސް ވެގެން އުޅޭ ކަން ކުދިންނަށް އިހުސާސް ވާނެ އެވެ. އެހެންވީމަ ކުދިން ކައިރީގައި މިހާ ބޮޑު ބަދަލު ތަކެއް މި އަންނަ ސަބަބަކީ ކޮބައިކަން ބުނެދޭށެވެ.

ދައްކާ ވާހަކަ އެނގި، ވާނުވާ އެނގޭ ވަރުގެ ކުއްޖެއް ނަމަ، އެކުއްޖެއްގެ އުމުރާއި ގުޅޭ ގޮތަށް މިކަން ވިސްނައި ދެވޭނެ އެވެ.

"ކުދިންނަށް ކޮންސެޕްޓް އެއްޗެހި އެނގެން ފަށާނީ ފަސް އަހަރާއި ހަ އަހަރާއި ދެމެދު. އެހެންވީމަ، އެ އުމުރުން ފެށިގެން ރަނގަޅު ކިޔައިދޭން، ވާނުވާ. މިހެން މިހެން އެބަ ވޭކަން. ގިނަ ފަހަރު ކުދިން ސުވާލެއް ކޮށްލުމުން ދޮގެއް ހަދާލެވޭ. ނޫނީ، ސަބަބު ފޮރުވާލައި މައުލޫ ބަދަލުކޮށްލެވޭ. ކުދިން ބިރުގެންފާނެތީ އެހެން އެ ހެދެނީ، އެކަމަކު ރަނގަޅަށް ވިސްނުވައިދީފަ، ކުދިންނަށް ވެސް ހާލަތު ބަދަލުކުރަން ކުރެވޭނެ ކަންކަން ހުރިކަން ބުނެދިނީމަ، އެމީހުންނަށް ވެސް މީގެ މުހިއްމު ކަމާއި، އެމީހުންގެ ދައުރާއި މުހިއްމު ކަން ވެސް އިހުސާސް ވާނެ،" ސައިކޮލޮޖިސްޓް ނަދާ ޝަރީފް ވިދާޅުވި އެވެ.

ދެން ވީ އަމިއްލަ މީހާގެ ހާސްކަން ފިލުވާލައި ހިނިތުންވާން!

ފްލައިޓެއްގައި އިމަޖެންސީ ހާލަތުގައި ކަން ކުރާނެ ގޮތުގެ އިރުޝާދު ދޭއިރު، ފުރަތަމަ ވެސް ބުނާނީ، ފުރަތަމަ އަމިއްލަ މީހާގެ ސަލާމަތަށް އިސްކަން ދިނުމަށެވެ. ދެން، ކައިރީގައި އިންނަ މީހާ އަށެވެ. ތިމާ އަށް އެހެން މީހަކަށް ކަމެއް ކޮސްދެވޭނީ، ފުރަތަމަ ތިމާ ސަލާމަތުން ހުރެގެންނެވެ. އެހެންވީމަ، ކުރިއަށް ވެދާނެހެން ހީވާ ބިރުވެރި ކަމަކާއި މެދު އަބަދު ވިސްނުމުގެ ބަދަލުގައި މިހާރު މިއޮތް ހާލަތު ރަނގަޅުކުރަން އަމިއްލަ އަށް ކުރެވުނު ކޮންމެ ކަމެއް ކުރަން، ފިކުރު ދުއްވާލައި އުޅެން އިސްކަންދޭށެވެ.

މިއީ ކުދިންނާ އެކު ދިރިއުޅުން ތަފާތު ކޮށްލަންވީ ވަގުތު!

މިއީ މަޖުބޫރު ހާލަތެކެވެ. "ކިތަންމެ ކުޑަ ގެއަކަށް ވިޔަސް، ރޫޓިން އެބަ ޖެހޭ ބަދަލު ކުރަން. އުޅުން ވެސް އެބަޖެހޭ ބަދަލު ކޮށްލަން،" ނަދާ ވިދާޅުވި އެވެ.

ކުދިންނާ އެކު ކުޅުމާއި ސަކަރާތް ޖެހުމަކީ އަހަރެމެންގެ މުޖުތަމައުގައި އެހާ އާންމު ކަމެއް ނޫނެވެ. އެކަމަކު މިއީ އާއިލީ ގުޅުން ބަދަހިކޮށްލައި އުފާވެރި، މަޖާ، ގުޅޭ އާއިލާއެއް ބިނާކުރަން އޮތް އެންމެ ރަނގަޅު ވަގުތެވެ. ކުދިންނާ އެކު ކުޑަކުއްޖަކަށް ބަދަލުވެލާށެވެ. އޭރުން ކުދިން ވެސް ގޭތެރޭގައި ތިބެން ބޮޑާ ހޭކުން މަދުވާނެ އެވެ.

އާއިލާގެ ތެރޭގައި ވަކި ކަހަލަ ނިންމުންތައް ނިންމާއިރު މާ ކުޑަ ކުއްޖެއް ނޫން ނަމަ ކުދިން ވެސް ހިމަނާށެވެ. މިސާލަކަށް، އަތް މަތި ދަތިވާތީ މާލެ ދޫކޮށް ރަށަށް ބަދަލު ވާނަމަ، އެކަން ކުދިން ހިމަނައިގެން މަޝްވަރާ ކުރެވިދާނެ އެވެ. އޭރުން ކުދިންނަށް ވެސް އެމީހުންގެ މުހިއްމުކަން އިހުސާސް ވާނެ އެވެ. އެކަހަލަ ކަންކަމާއި ރުޅިގަދަ ކޮށް ބޮޑާ ހޭކުމުގެ ބަދަލުގައި އަންޑަސްޓޭންޑް ވާނެ އެވެ.

މެންޓަލް ހެލްތް

Popular