30 Mar 2020

ސީންޒޯންކޮށްފައި ތިބި މީހުނަށް ޖަވާބު ދީފިން؟

By: Ifraz Ali

ސީންޒޯން ކުރާ ސަބަބުތައް ބައިވަރެވެ. އެންމެ ބޮޑު ކަމަކަށް، ވާހަކަދައްކަން ބޭނުންނުވާ މީހަކު މެސެޖު ކުރީމަ އެވެ. ކުރި މެސެޖަށް ދޭނެ ޖަވާބެއް ނޭނގުނީމަ އެވެ. ނުވަތަ ބިޒީކޮށް އުޅޭތީ، ވަގުތު ނުވެގެން ވެސް އެހެން ހެދޭ ފަހަރު ދިމާވެ އެވެ. ސީންޒޯންކޮށްފައި ހުރި މެސެޖުތަކަށް ޖަބާވެއްދޭން އެބަ ވިސްނަން ހެއްޔެވެ؟ ގޭގައި ބަންދުވެފައި މި ތިބޭ ދުވަސްވަރު، މިއީ ކޮށްލަން ރަނގަޅު ކަމެކެވެ.

އަލުން ގުޅުން ބަދަހިކޮށްލާ

ހިތްހަމަނުޖެހޭ ސަބަބެއްގައި ވާހަކަދެއްކުން ހުއްޓާލި ނަމަ، އަލުން ސުލްހަވުމަށް މަސައްކަތް ކުރާށެވެ. އަބަދު ރުޅި ހަދައިލައިގެން ހުރުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ރުޅި އަށް ވުރެ، އެކުވެރިކަން މި ފަހަރު އިސްކޮށްލާށެވެ. އެ ފަހަރު ޖެހުނު ކަހަލަ މައްސަލައެއް ދެން ނުޖެހޭނެ ގޮތެއް، ދެ މީހުން ވާހަކަދައްކައިގެން ހޯދާށެވެ.

ސަބަބެއް ބުނެދޭތި

ބައެއް ފަހަރު ގަސްތުގައި ނޫނަސް ސީންޒޯންކުރެވެ އެވެ. މެސެޖު ނުފެނި ވެސް އޮވެދާނެ އެވެ. އެކަމަކު މެސެޖު ފޮނުވި މީހާއަށް އެކަން ނޭނގިދާނެ އެވެ. އެހެންވެ، އެ މީހަކު ދެރަވެފައި ނުވަތަ ރުޅި އައިސްފައި ވެސް ހުރެދާނެ އެވެ. ސީންޒޯންކުރަން ޖެހުނު ސަބަބު ސާފުކޮށް ބުނެދިނުން މުހިންމު ވަނީ މިހެންވެ އެވެ.

View this post on Instagram

A post shared by Baiskoafu (@baiskoafu) on

އުނދަގޫލަކަށްވާ ނަމަ ބްލޮކް ކުރޭ

ބައެއް ފަހަރު ޖެއްސުމަށް މެސެޖުކުރާ މީހުން ވެސް އުޅެ އެވެ. ސީންޒޯން ލިސްޓުގައި މި ކަހަލަ މީހުން ވެސް ތިބޭނެ އެވެ. އޭގެ މީހެއް ނަމަ، އެންމެ ރަނގަޅު ވާނީ އަވަހަށް ބްލޮކް ކޮށްލިޔާ އެވެ. އެ ކަހަލަ ނެގެޓީވް މީހަކު ކުރާ މެސެޖުތަކުން ތިމާގެ ދުވަސް ހަރާބުވިޔަ ނުދެއްޗެވެ.

ވަގުތު ދޭންވާނެ

ހަމަ މެސެޖު ކުރާ ވަގުތު ޖަބާވު ދޭން މީހަކު ބޭނުންނުވެ ދާނެ އެވެ. ޖަވާބެއް ދިނުމުގެ ކުރިން ރަނގަޅަށް ވިސްނާލަން ބޭނުންވާ މީހުން ތިބެ އެވެ. މެސެޖު ފޮނުވާ މީހާ، އަވަހަށް ޖަވާބެއް ނުލިބިގެން، މެސެޖު ލިބުނު މީހާއަށް އުނދަގޫވާ ވަރަށް މެސެޖު ނުކުރައްޗެވެ. އޭނާ ބޭނުންވާ ވަގުތު، އޭނާ އަށް ދޭށެވެ.

ފޭސްބުކް ސޯޝަލް މީޑިއާ

Popular