30 Mar 2020

By: Ifraz Ali

ދުރުގައި ތިބެގެން އާއިލާ މީހެއްގެ ނުވަތަ ރައްޓެއްސެއްގެ އުފަންދުވަސް ފާހަގަކުރާނެ ގޮތެއް ވިސްނަނީ ހެއްޔެވެ؟ އަހަރެމެން މި ކިޔައިދެނީ ގޭގައި ތިހެން ބަންދުވެފައި ތިބޭއިރު، އެކަން ކުރެވިދާނެ ތަފާތު ފަސް ގޮތެކެވެ.

ވީޑިއޯ ކޯލް ޕާޓީ

މިހާރު ދުނިޔެ އަށް ފެތުރިފައިވާ ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ އެކު، ވީޑިއޯ ކޯލް ކުރާ މޯބައިލް އަދި ޑެކްސްޓޮޕް އެޕެއްގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑުވެފަ އެވެ؛ އެއީ ހައުސްޕާޓީ އެޕެވެ. އާއިލާ އާއި ރައްޓެހިން އަދި އެކުގައި އޮފީހުގައި މަސައްކަތް ކުރާ އެންމެނަށް، އެއް ފަހަރާ ގުޅާލުމަށް މިއީ ސަޅި އެޕެކެވެ.

މި އެޕްގެ އެންމެ ސަޅި ތަންކޮޅަކީ ގުޅައިގެން ތިބެ، އެކީގައި ގޭމް ކުޅެލައި، ޓީވީ ޕްރޮގްރާމްތައް ވެސް ބަލައިލެވޭނެތީ އެވެ. އުފަންދުވަހު ދިމާވެލަން ބޭނުންވާ އެންމެނަށް އެއް ފަހަރާ ގުޅާލައިގެން، ސެލެބްރޭޓްކޮށްލަން މި އޮތީ ރަނގަޅު ގޮތެކެވެ.

ދިގު މެސެޖެއް

އަނގަބަހުން ދައްކަން އުނދަގޫ ވާހަކަތައް ބައެއް ފަހަރަށް އެންމެ ފަސޭހައިން ދައްކާލެވޭނީ މެސެޖަކުންނެވެ. ރައްޓެއްސެއް ނުވަތަ އާއިލާގެ މީހަކު ދެކެ ލޯބިވާ ވާހަކަ ވެސް ގިނަ ފަހަރަށް އަހަރެމެންނަށް އަނގަބަހުން ބުނަން ނުކެރެ އެވެ. އުފަންދުވަހުގެ ވެރިޔާ އަށް، އޭނާ ހާއްސަވަނީ ކީއްވެ ކަމާއި، ލޯބިވާވަރު އެނގޭނެވަރުގެ ދިގު މެސެޖެއް ފޮނުވާލާށެވެ.

މޫވީ ނައިޓެއް

ގޭގައި ތިބި މީހުންނާ އެކު ނުވަތަ އެކަނި ވެސް ކޮށްލަން ރަނގަޅު ކަމެކެވެ. ވަރަށް ބަލަން ބޭނުންވެފައި ހުރި ފިލްމެއް ނުވަތަ ނެޓްފްލިކްސްގެ "މައި ލިސްޓު"ގައި ހުރި ފިލްމުތަކުން އިހުތިޔާކުރާށެވެ. ފިލްމު ބަލާއިރު، ކާން މީރު އެއްޗެއް ވެސް ހޯދައްޗެވެ.

ފޮޓޯއެއް އިންސްޓަ ކޮށްލާ

މިއީ މިހާރު އެންމެ ވެސް އާންމުކޮށް ކުރާ ކަމެކެވެ. އުފަންދުވަހުގެ ތަހުނިޔާ ކިޔާލަން އިންސްޓަ ސްޓޯރީ އަށް އެމީހަކާ އެއްކޮށް ނަގާފައިވާ ފޮޓޯއެއް ލެވިދާނެ އެވެ. އާންމުކޮށް ކުރާ ކަމެއް ވީމަ، މިފަހަރު ތަފާތުކޮށްލަން ފޮޓޯއެއް ލާއިރު، ދެމީހުންގެ މަޖާ ހަނދާނަކާ ގުޅޭ ފޮޓޯއެއް ހޯދާށެވެ.

ހަދިޔާގެ ބަދަލުގައި ކޭޝް ޓްރާންސްފާ

ފިޒިކަލީ އެކަކު، އަނެކަކާއި އިންޓަރެކްޓުވުން އެހާ ރަނގަޅު ދުވަސްވަރަށް ނުވާތީ، ހަދިޔާއެއް ދޭން ބޭނުން ނަމަ އެންމެ ރަނގަޅު ގޮތަކީ މި އެވެ. ދޭން ބޭނުންވާ ހަދިޔާ ގަނެވޭނެ ވަރަށް ފައިސާ ޓްރާންސްފާ ކޮށްލާށެވެ.

Popular