31 Mar 2020

By: Aminath Ibrahim

ކޮރޯނާވައިރަސްއާ ހެދި ގޭތެރޭގައި ބަންދުވެފައި ތިބެން ޖެހި އެކަމުގައި ހޭދަވާނެ މުއްދަތެއް ވެސް ނޭނގޭތީ ފޫހިވާން ފަށައިފި ދޯ އެވެ. ގޭތެރޭގައި 24 ގަޑިއިރު ކުދިން ބައިތިއްބައިގެން އެމީހުންގެ ކަންތައްތައް ކޮށްދެމުން ކައްކަމުން އަދި ގޭތެރެ ސާފުކޮށް އެހެން ހުރިހާ ކަމެއް ކޮށްފައި އަދި އޮފީސް މަސައްކަތް ކުރަން އިށީނުމުން އިންޓަނެޓް ގުޑާނުލައިގެން އުޅެން ޖެހޭތީ އަންނަނީ ރުޅި އެވެ. ތިޔަ ދައްކާ ހުރިހާ ވާހަކައެއް ވެސް ރަނގަޅެވެ.

އެކަމަކު ސްކޫލަށް ގެންދާ ފުރައިގެ ކުއްޖަކު ހުރި މީހެއް ނަމަ، މިވަގުތު އެންމެ ކަންބޮޑުވާނީ އެ ކުދިންނާ މެދު އެވެ. ސްކޫލްތައް ބަންދުވެ، ގިނަ ކުދިން ކިޔެވުމާ މުޅިން ދުރުގައި ތިބޭތާ މިހާރު ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ބައެއް ޕްރައިވެޓް ސްކޫލްތަކުގެ ކުދިންނަށް އޮންލައިން ކްލާސް ނަގައިދެ އެވެ. އެކަމަކު ސަރުކާރުގެ ސްކޫލްތަކުގެ ހުރިހާ ކުދިންނަކަށް އޮންލައިން ކްލާސްތަކެއް ވެސް މިހާރަކު ނޯވެ އެވެ. ކިޔެވުމާއި ދުރުން ކުދިން މިހާ ގިނަ ދުވަހު ގޭގައި ތިބެން ޖެހިފައި ވާތީ ސިކުނޑި ސުމަކަށް ހިނގައިދާނެ އެވެ.

ސްކޫލް ހުޅުވާނެ ދުވަހެއް ނޭނގެ، އެކަމަކު ރޫޓިން ގެއްލުވާ ނުލާތި!

ބަންދީ ސްކޫލްތައް އެކަންޏެއް ނޫނެވެ. ގްރުއާން ކްލާސްތައް ވެސް ބަންދެވެ. ޓިއުޝަން ކްލާސްތައް ވެސް ބަންދެވެ.

ކުދިންނަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އޮންލައިން ކްލާސް އޮތަސް، ކޮންމެ ދުވަހަކު ދަރިފުޅު ކޮމްޕިއުޓަރު ކައިރީ ބައިންދައިންގެން އޮފީހުގެ މަސައްކަތް ވެސް ކުރަމުން މިހެން މޮނިޓާ ކުރަން އިނދެވޭ ހެއްޔެވެ؟ އޮޓިސްޓިކް ކުއްޖެއް ނުވަތަ ހާއްސަ އެހީތެރިކަން ބޭނުންވާ ކުއްޖެއް ހުންނަ ނަމަ މި ހާލަތުގައި އަބަދު ގޭގައި ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟ އަމުދުން އޭނަ އަށް ކިޔަވައިދޭނީ ކިހިނެއް ހެއްޔެވެ؟ މިހުރީ ހުސް ސުވާލެވެ.

މި ހުރިހާ ސުވާލަކަށް ދޭން އޮތް އެންމެ ރަނގަޅު ޖަވާބު މިއޮތީ އެވެ. ޝެޑިއުލެއްގެ ދަށުން ކުދިން ގެންގުޅޭށެވެ.

އޮންލައިން ކްލާސްތައް އޮތަސް، ނުވަތަ ކުދި ހޯމްވޯކްތައް ސްކޫލުން ދިނަސް، އެންމެ މުހިއްމީ އެ ކުދިންގެ ރޫޓިން ގެއްލުވާ ނުލުމެވެ. ކޮންމެ އާދީއްތަ ދުވަހަކުން ބުރާސްފަތި ދުވަހާ ހަމަ އަށް ކުދިން އެއް ގަޑިއަކަށް ނިންދަވައި ހޭލައްވަން އާދަ ކުރުވާށެވެ. ކުދިން ކިޔަވަން ވަކި ވަގުތެއް، ކްރާފްޓް ހެދުމަށާއި ކުޅުމަށާއި ޓީވީ ނުވަތަ ޔޫޓިއުބް ބަލަން ވަކި ވަގުތުތަކެއް ކަނޑައަޅާށެވެ. އެކަމަކު ސްކްރީން ޓައިމް ވީހާވެސް މަދު ކުރެވޭތޯ ބަލަންޖެހޭނެ އެވެ.

ކިޔެވުން މެދުކެނޑި ދިގުލައިގެން ދާތީ މާ ބޮޑަށް ކަންބޮޑުވާ ނަމަ، އެނގޭ މިންވަރަކުން ކުދިންގެ ކިޔެވުމާއި ގުޅޭ ކުދި ފިލާވަޅުތައް އަމިއްލަ އަށް ވެސް ކިޔަވައިދެވިދާނެ އެވެ. އޭރުން ސްކޫލް ފެށެންވާ އިރަށް ކުރިން ކިޔަވައިދިން ފިލާވަޅުތައް ޓަޗް ނުގެއްލި ހަނދާނުގައި ހުންނާނެ އެވެ.

އޯޓިސްޓިކް ކުއްޖެއް، ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ގެންގުޅޭ ނަމަ ވެސް ރޫޓިން އެއް ގެންގުޅުމަކީ އެންމެ ފަސޭހަ ވާނެ ގޮތެވެ. ދެން އެންމެ ސަމާލުކަން ދޭންވީ، ރުޅި އާއި އުދާސްތައް ކޮންޓްރޯލް ކުރުމަށެވެ. ހާއްސަކޮށް ހާއްސަ އެހީ އަށް ބޭނުންވާ ކުދިން ގެންގުޅޭ ޕޭރެންޓުންނަށް މިއީ އިމްތިހާނަކަށް ވުރެ ކުޑަ ކަމަކަށް ނޫނީ ނުވާނެ އެވެ.

ރައްޓެހިންނާ އެކު ކުޅުމަށް ފުރުސަތު ދިނުން ކަމަކު ނުދާނެ؟

ޗައިނާގައި ހެދި ދިރާސާތައް ދައްކާ ގޮތުން ކޮރޯނާވައިރަސްގެ ނުރައްކާ ކުޑަކުދިންނަށް އެހާ ބޮޑަކަށް ނެތެވެ. އެކަމަކު ޗައިނާ އިން ބޭރުގައި ހެދި ބައެއް ދިރާސާތައް ދައްކާ ގޮތުން، ކޮމިއުނިޓީއެއްގައި ކޮރޯނާވައިރަސް ފެތުރުމުގައި ކުޑަކުދިންގެ ބޮޑު ދައުރެއް އޮވެދާނެ އެވެ. އެހެންވީމާ، މި ދަނޑިވަޅުގައި އެއްވެސް ރިސްކެއް ނަގައިގެން ނުވާނެ އެވެ.

ރާއްޖެ އަދި މި އޮތީ ފާސްޓް ޓްރެކްގައި ވައިރަސް ފެތުރޭ ސްޓޭޖެއްގައެއް ނޫނެވެ. ނަމަވެސް ސޯޝަލް ޑިސްޓެންސިން އާއި އަތް ދޮވުމާއި މޫނުގައި އަތް ނުލުން ފަދަ ކަންކަން ކުދިންނަށް ކިޔައިދީ އާދަކުރުވާށެވެ. އަދި ޕްލޭ ޑޭޓެއް ކަހަލަ ކަމެއް ޕްލޭން ކުރާނަމަ ތިން ކުދިންނަށް ވުރެ ގިނަ ނުވާ ގޮތަށް، އެކަކު އަނެކަކު މާ ގާތް ކޮށް ނުއުޅެ ކުރެވޭ ކަހަލަ ކަމެއް ކުރަން ޕޭރެންޓުންނަށް އެހީތެރި ވެވިދާނެ އެވެ.

އެކަމަކު ކުދިން އެއްކޮށް ތިބޭ އިރު ވެސް އެކަކު އަނެކަކުގެ ގަޔަށް އަތް ލައި، ނޭފަތާއި އަނގަ އަށް އަތް ލުން ފަދަ ކަންކަން ނުކުރަން ބާރު އަޅާށެވެ. އަދި ގިނަ ގިނައިން އަތް ދޮވެ، ސެނިޓައިޒާ ބޭނުންކުރަން ހިތްވަރު ދޭށެވެ.

ދަރިފުޅު ކިރިޔާ ވެސް ކެއްސައި، ރޯގާގެ އެއްވެސް އަލާމާތެއް ހުރެއްޖެ ނަމަ ޕްލޭ ޑޭޓް ކަހަލަ ކަމެއް ޕްލޭން ނުކުރާށެވެ.

މި ކިޔައިދިން ކަންކަމަށް މި ދުވަސްކޮޅު އަމަލުކުރުން ގިނަ ކުރާށެވެ. އެހެން ނޫނީ، ސްކޫލްތައް ބަންދުކޮށް، ކުދިން ރައްކާތެރި ކުރުމަށް ގޭގައި ބޭތިއްބުމަށް ކުރާ އެއްވެސް ކަމެއްގެ ފައިދާ އެއް ނުފެންނާނެ އެވެ.

ދަރިން ތަރުބިއްޔަތުކުރުން

Popular