2 Apr 2020

By: Aminath Ibrahim

ޝަމީމް މުހައްމަދު އިސްމާއިލްގެ 21 އަހަރު ވީ ފަތުރުވެރިކަމުގެ ހަޔާތުގައި އޭނާ އަށް ތަޖުރިބާ ކުރެވުނު އެންމެ ހިތްދަތި ކާރިސާ އަކީ 2004 ވަނަ އަހަރުގެ ސުނާމީ އެވެ. މުޅި އޭޝިއާ އިނދަޖައްސާލި އެ ހާދިސާގައި ރާއްޖެ ވެސް ހާލުގައި ޖެހި، ފަތުރުވެރިކަމުގެ ދާއިރާ ރޮއްވައިލި އެވެ. ލިބުނު ގެއްލުންތައް ފޫބައްދަން އެތައް ސްޓާފުންނެއްގެ ވަޒީފާ ގުރުބާންކުރަން ޖެހުނެވެ.

އެ ކާރިސާ އާއި މިހާރު ކުރިމަތިވެގެން މި އުޅޭ ކޮރޯނާވައިރަހުގެ ބަލިމަޑުކަން ވަރަށް ތަފާތެވެ. އެކަމަކު އެއްގޮތުން ވިސްނާ އިރު، އަނެއްކާވެސް ކުރިމަތިވެފައި މިއޮތީ އެފަދަ ހިތާމަވެރި ވަގުތެކެވެ.

އޭގެ 16 އަހަރު ފަހުން، އަނެއްކާ ވެސް ދިވެހި ފަތުރުވެރިކަމުގެ ދާއިރާ ކަރުނަ އަޅައި ރޮނީ އެވެ. ބޭރުން ފަތުރުވެރިން ގެނައުން ހުއްޓާލައި، ރިސޯޓުތައް ބަންދު ކޮށްލި އިރު އެތައް މުވައްޒަފުންނެއްގެ ވަޒީފާ އޮތީ ނުރައްކަލުގަ އެވެ. ވަޒީފާގެ ޔަގީންކަން ލިބޭ މުވައްޒަފުންނަށް ވެސް ދެކޮޅު ޖެހޭ އާމްދަނީއެއް ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ނުވިތާކަށް އެތައް ސަތޭކަ ސްޓާފުން އެ ތިބީ ރަށުން ބޭރު ނުވެވި ރިސޯޓުތަކުގައި ތާށިވެފަ އެވެ. އާއިލާއާ މާ ދުރުގައި ހާސްވެފަ އެވެ. ފޫހިވެ، ގޮތް ހުސްވެފަ އެވެ.

މިއީ ރާއްޖޭގައި ތިބި 34،000 އަށް ވުރެ ގިނަ ރިސޯޓް މުވައްޒަފުންގެ ތެރެއިން ރިސޯޓް ލޮކްޑައުންގައި މިވަގު ތިބި ތިން މީހެއްގެ ވާހަކަ އެވެ.

ޝަމީމް މުހައްމަދު އިސްމާއިލް: އެސިސްޓެންޓް ރިސޯޓް އޮޕަރޭޝަންސް މެނޭޖަ، އަމިއްލަފުށި

"ޗައިނާގެ ވޫހާން އިން ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިގެން އުޅޭ ޚަބަރު އަޑު އިވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ. މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މާކެޓިން މީޓިންތަކުގައި އަޅުގަނޑުމެން ދިޔައީ އެކަން އެސެސް ކުރަމުން. އެކަމަކު އެހާ ސީރިއަސްކޮށް އެކަމެއް ނުނަގަން. ދެން ޑިސެމްބަރު ހިސާބުގައި މިކަން ބޮޑުވަމުން ބޮޑުވަމުން ގޮސް އަޅުގަނޑުމެންނަށް މީތި ރިއަލައިޒްވީ ފެސްޓިވް ސީޒަނަށް ފަހު. ދެން ޗައިނާ އެއްކޮށް ކްލޯޒް ކުރި ހިސާބުން ޔަގީންވި، މި ވަނީ ވަރަށް ސީރިއަސް ކަމެއް ކަން،" ޝަމީމްގެ ވާހަކަ ފެށީ މިހެންނެވެ.

ވައިރަސްގެ އަސަރު ދުނިޔެ އަށް ބޮޑުވަމުން ގޮސް ފެބްރުއަރީ މަހުގެ ފަހުކޮޅަށް އެޅުނު އިރު ހާލަތުގެ ބިރުވެރިކަން ވަށައިލި އެވެ. މައި މާކެޓްތައް ހުއްޓި، ބުކިންތައް ކެންސަލްކުރަން ގުޅާ ކޯލްތަކުގައި މުވައްޒަފުން ބިޒީވި އެވެ.

"މިކަން ދިމާވީމަ، ޕާސަނަލް ލައިފަށްވުރެ ބޮޑަށް އަޅުގަނޑަށް ވިސްނުނީ ބިޒްނަސް އޭންގަލަކުން. މީގެ ސަބަބުން އަންނާނެ އިމްޕެކްޓަކާ މެދު ވިސްނުނީ. އިމްޕެކްޓް ވެސް ވަރަށް ބޮޑު. އޭގެ ތެރޭގައި އޭޝިއަން މާކެޓް ހަމަ އެއްކޮށް ހުއްޓުނު. ޗައިނާ މާކެޓް އެއްކޮށް ހުއްޓުނު. އޭގެ ފަހުން ކޮރެއާ މާކެޓް. އެއަށް ފަހު ޖަޕަނިޒް މާކެޓް،" ޝަމީމް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފެބްރުއަރީ ނިމުނު އިރު ވާން މި އުޅޭ ކަންތަކުގެ ބިރުވެރިކަން ހިތަށް ވަދެއްޖެ އެވެ. "ދެން ބެލީ އަވަހަށް ސްޓާފުންނަށް އެވެއަނެސް ޕްރޮގްރާމްތައް ހިންގާ އެމީހުން ތައްޔާރުކުރަން. ސެލްފް ހައިޖީން އާއި ހޭންޑް ވޮޝް އާއި މިކަހަލަ އެވެއާނެސް މައުލޫމާތުތައް ސްޓާފުންނަށް ދީ އެމީހުން ތައްޔާރުކުރީ އަޅުގަނޑާއި އެޗްއޯޑީންގެ ޓީމަކުން ޕާސަނަލީ އިސްނަގައިގެން،"

ރިސޯޓްގެ އޮކިއުޕެންސީ ރޭޓް އަންދާޒާއިން ނައްޓައި ދަށްވަމުން ދަށްވަމުން ގޮސް 10 ޕަސެންޓަށް ވެއްޓުނެވެ. ދެން ވާނެ ގޮތަކާ މެދު ކަންބޮޑުވެ، އިތުރު ވިސްނުންތަކަކަށް ދާން ޖެހުނީ އެ ހިސާބުންނެވެ.

"އެހިސާބަށް ދިޔައިމަ އަޅުގަނޑު ހަމަ ހަނދާނަށް އައީ 2004 ވަނަ އަހަރު ސުނާމީ، އެދުވަސްކޮޅު އަޅުގަނޑުމެންނަށް ވެގެން ދިޔަ ގޮތް. އެކަމަކު އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިކަމުން ރިކަވާ ވާން މާ ވަގުތު ނަގާނެ. އެއީ، ސުނާމީ ދިމާވީ އޭޝިއާ އަށް. އެކަމަކު މި ބަލީގައި މުޅި ދުނިޔެ ހަނާ ވަނީ،" ޝަމީމް ލަފާކުރާ ގޮތް ކިޔައިދިނެވެ.

ގދ. ފިޔޯރީ އަށް އުފަން ޝަމީމަކީ ދެ ކުދިންގެ ބައްޕަ އެކެވެ. އަނބި މީހާ އާއި އާއިލާ ދިރިއުޅެނީ މާލޭގަ އެވެ. އެކަމަކު މިވަގުތު އާއިލާގެ ކައިރީގައި ހުރެވޭ ކަށް ނެތެވެ. އޭނާ ވެސް ހުރީ ކަރަންޓީންގަ އެވެ. ހާލަތު ބަދަލު ވާނެ އިރެއްގެ އިންތިޒާރުގަ އެވެ.

"އެންމެ ބޮޑަށް ވެސްނެނީ ކުރިއަށް ވާނެ ގޮތަކާއި ދޭތެރޭ. މިހާރު މިސާލަކަށް މިދިޔަ މަހުގެ ސެލެރީ ލިބޭނެ ފުލްކޮށް އަޅުގަނޑުމެންނަށް ވެސް. އެހެން ބައެއް ރިސޯޓް ސްޓާފުންނަށް ވެސް. އެކަމަކު މި އަންނަ މަހުގެ ސެލެރީ ލިބުނީމަ އަޅުގަނޑުމެންނަށް އެނގޭނީ، 'އާހް މިހެން އުޅެވޭހޭ'. އަސްލު މީހުންނަށް މީތި ހިޓް ވާނީ އެހިސާބަށް އައިމަ،" ޝަމީމް ބުންޏެވެ.

އަހްމަދު މޫސާ، 27، ރޫމް ބޯއީ، އެމަރަލްޑް މޯލްޑިވްސް

އަހުމަދު މޫސާ؛ އޭނާ އަކީ ގެސްޓުންނާއި އެންމެ ގާތުން މަސައްކަތް ކުރާ އެއް ސްޓާފް

ރ. އަލިފުއްޓަށް އުފަން އަހުމަދު މޫސާ ވެސް ހުރީ ލޮކްޑައުންގައި ރިސޯޓުގައި ތާށިވެފަ އެވެ. ހަފުތާއަކު އެއް ދުވަހު ކަހަލަ ގޮތަކަށް އަދިވެސް ވަޒީފާ އަށް ނުކުންނަން ޖެހުނަސް ބާކީ ހުރިހާ ވަގުތެއް އޭނާ ހޭދަކުރަނީ ހާސް ކަމުގެ ތެރޭގަ އެވެ. މިވަގުތު ރިސޯޓުގައި މަދު ގެސްޓުންގެ ބަޔަކު ތިއްބަސް ކުރިއަށް އޮތް ތިން މަސް ދުވަހު ކުރާނެ ކަމެއް އޭނާ އަކަށް އަދިވެސް ނޭނގެ އެވެ.

މިވަގުތު ގެސްޓުން ވެސް ތިބުމުން ކޮންމެވެސް ވަރެއްގެ ސާވިސް ޗާޖަކާ އެކު މުސާރަ ލިބުނަސް ކުރިއަށް އޮތް މަސްތަކުގައި ދެކޮޅު ޖެއްސޭނެ ގޮތެއް އޭނާއަކަށް ނެތެވެ.

"އެންމެ ބޮޑަށް ވިސްނެނީ ބޭބީއާ ދޭތެރޭގަ. ބޭބީ އަށް ކޮށްދޭންޖެހޭ ކަމެއް ނުކޮށްދެވިދާނެތީ ދެރަ ވަނީ. އާއިލާ ރަށުގައި މިވަގުތު ތިބެފައި އަޅުގަނޑު ދުރުގައި ހުންނަން ޖެހޭތީ ވާނެ ގޮތެއް ނޭނގޭތީ ދެރަވަނީ. ވަރަށް މިސްވޭ އާއިލާ މަތިން،" އޭނާ ބުންޏެވެ.

ކޮންމެ ދުވަހަކު ގެސްޓުންނާ ކުރިމަތިލާން ޖެހޭތީ ވީހާ ވެސް ބޮޑަށް އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލު ކުރުމަށް އަހުމަދު އިސްކަންދެ އެވެ.

"އިރާދަކުރެއްވިޔާ ދެރަ ގޮތެއް ނުވާނެ. އާއިލާއާ ވެސް ވަރަށް އަވަހަށް ބައްދަލުވާނެ. ލޮކްޑައުންގައި މި ތިބީ އާއިލާއަށްޓަކައި ކަމަށް ގަބޫލުކޮށްގެން މި ހުންނަނީ،" އަހުމަދު ބުންޏެވެ.

މުހައްމަދު އިރުފާން، 27، ޓްރާންސްޕޯޓް ކްރޫ، ބަރޮސް މޯލްޑިވްސް

އިރުފާން؛ ރިސޯޓް ބަންދު ކުރުމުން އޭނާ ހުރީ މިވަގުތު ކުރާނެ މަސައްކަތެއް ނެތި ރިސޯޓުގައި

ކޮންމެ ދުވަހަކު ބުރަކޮށް މުޅި ދުވަހު މަސައްކަތްކުރާ އިރުފާނަށް މިހާރު އޮތީ މުޅިން ވެސް ހުސް ވަގުތެވެ. އެތައް ބައިވަރު ރިސޯޓް ސްޓާފުންނެކޭ އެއްގޮތަށް އޭނާ ވެސް ހުރީ ރިސޯޓުގައި ތާށިވެފަ އެވެ. ރިސޯޓް ބަންދުކޮށް މާލެ އާއި ރިސޯޓާ ދެމެދު ފެރީ ދަތުރުކުރުން ހުއްޓާލުމުން، އުފަން ރަށަށް އާދެވޭކަށް ވެސް ނެތެވެ. އެކަމަކު އެ ހުރިހާ ކަމަކަށްވުރެ ވެސް ބޮޑަށް މިވަގުތު އޭނާ ވެސް އެންމެ ބިރުގަންނަނީ ފަހުން ވެދާނެ ކަމަކާ މެދު އެވެ.

ބޭސިކް މުސާރައިގެ ގޮތުގައި އޭނާ އަށް ލިބެނީ މަހަކު 300 ޑޮލަރެވެ. އެއިން ޒަރޫރީ ބޭނުންތައް ވެސް ނުފުއްދޭނެތީ ކުރާ ވިސްނުން އެހެން ހުރިހާ ވިސްނުމަކަށްވުރެ ބޮޑެވެ.

"އަޅުގަނޑުގެ އިންނާނެ ސައިކަލު ޕޭމަންޓެއް. ދެން އަޅުގަނޑަކީ، ކުރިން ކައިވެނިކޮށްފަ ދަރިއެއް ވެސް ހުރި މީހަކަށް ވާތީ ދަރިފުޅަށް ކޮންމެ މަހަކު ދޭންޖެހޭ ލާރި އަކީ ވެސް ދައްކަންޖެހޭ އެއްޗެއް. އަޅުގަނޑުގެ ސެލެރީ އަކީ 300 ޑޮލަރު. 4،500 ރުފިޔާ. އެއިން މިސާލަކަށް ދަރިފުޅަށް 2،000 ދައްކާފަ 3،200 ސައިކަލަށް ދަށްކަން ވެސް ރުފިޔާ ހަމައެއް ނުވާނެ. އަނެއްހެން މިކޮޅު ރިސޯޓުން ނިންމާފަ އޮތީ، ރިސޯޓް ލޮކްޑައުން ކޮށްފަ ތިން މަހަށް ބަންދު ކުރިޔަސް އެ ތިން މަސް ދުވަހުގެ މުސާރަ ދޭނެ ކަމަށް. އެކަމަކު ސެލަރީ ދިނަސް އެއިން ދެކޮޅު ނުޖެހޭނެ އެއްނު،" އިރުފާން ބުންޏެވެ.

"ހުރިހާ ކުދިންވެސް މިތާ މި ތިބެނީ އާއިލާ އަށް ވެސް އެންމެ ރައްކާތެރި ގޮތަކީ މިއީ ކަމަށް ވާތީ އެގޮތަށް ހިތްހަމަ ޖައްސާލައިގެން. އެކަމަކު އެއްވެސް ކުއްޖަކު ހުންނާކަށް ބޭނުމެއް ނުވޭ. މި ދަނޑިވަޅުގައި އާއިލާ ގާތަށް ދާން ބޭނުން ވާނީ."

އިރުފާން އަކީ މާލޭ މީހެކެވެ. އެކަމަކު ރިސޯޓާއި މާލެއާ ދެމެދު ފެރީ ހުއްޓާލާފައި ވާތީ އޭނާ އަށް ވެސް މާލެއަށް އާދެވޭނެ އިރެއް އަދި ނޭނގެ އެވެ.

ރިސޯޓްތައް

Popular