3 Apr 2020

ދިވެހި އާޓިސްޓުންގެ ޗެލެންޖުން ރީތި މަންޒަރުތަކެއް

ދިވެހި އާޓިސްޓުންގެ ޗެލެންޖުން ރީތި މަންޒަރުތަކެއް

By: Ifraz Ali

ކޮރޯނާވައިރަސްއާ އެކު ސޯޝަލް މީޑިއާ ފުރާލީ އެކި ކަހަލަ ޗެލެންޖުތަކުންނެވެ. މިވީ މަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ފާޑުފާޑުގެ ޗެލެންޖުތައް ކޮށްފި އެވެ. ގޭގައި ތިބެންޖެހުމާ އެކު، ހާއްސަކޮށް ވަރަށް ގިނަ ފަންނީ މަސައްކަތައް މި ދުވަސްވަރު އޮތީ އެއްކޮށް ހުއްޓިފަ އެވެ.

އޭގެ ތެރެއިން އެއް ބަޔަކީ ދިވެހި އާޓިސްޓުންނެވެ. މި ގޮތަށް ތިބެންޖެހުނަސް އެ މީހުންގެ ހުނަރަށް ފަނޑުކަމެއް ނެތެވެ. މިފަހަރު، ހުނަރުވެރި، ދިވެހި އާޓިސްޓުންގެ ސްޓޭ އެޓް ހޯމް ޗެލެންޖެކެވެ. ކުރެހުންތެރިޔާ، ހުސައިން އިއްފަލް (އިއްފަ) ފެށި މި ޗެލެންޖުގައި މިހާރު އެކި އާޓިސްޓުން އަންނަނީ ބައިވެރިވަމުންނެވެ.

އިއްފަ މިކަން ފެށުމަށް ފުރަތަމަ ސޯޝަލް މީޑިއާ އަށް ދޫކޮށްލީ އޭނާ ކުރަހާފައިވާ ވަރަށް ރީތި ލޮލެކެވެ. އެކަމަކު މި ކުރެހީ އޭނާ އާންމުކޮށް ބޭނުންކުރާ މީޑިއަމް ނޫން ތަފާތު މީޑިއަމްއަކުންނެވެ. ޗާކޯލް ބޭނުންކޮށްގެންނެވެ. މި ޗެލެންޖުގެ އެންމެ ހާއްސަވާ ކަމަކީ މި އެވެ. ކޮންމެ އާޓިސްޓަކަށް ވެސް ޖެހެނީ އެމީހަކު ކުރިން އެއްވެސް ވަރަކަށް ބޭނުންނުކުރާ، މުޅިން އާ މީޑިއަމްއެއް ބޭނުންކުރާށެވެ.

އެ އާޓިސްޓަކު ބޭނުންވާ ގޮތަކަށް އާޓްވޯކް ތައްޔާރުކުރަންވީ އެވެ. އެއަށް ފަހު އެ އާޓްވޯކް ސޯޝަލް މީޑިއާ އަށް ލާއިރު، އިތުރު ދޭއް ނުވަތަ ފަސް އާޓިސްޓަކު ނޮމިނޭޓްކޮށް، މި ޗެލެންޖުގައި ބައިވެރިވުމަށް ދައުވަތު ދޭން ވާނެ އެވެ.

"މީހަކު ނޮމިނޭޓް ނުކުރިއަސް، ހަމަ އަމިއްލަ އަށް އިސްނަގައިގެން ވެސް މި ޗެލެންޖްގައި ބައިވެރިވާންވީ. ވިހާ ވެސް ގިނަ އާޓިސްޓުންގެ އިންވޯލްމަންޓް ބޭނުން ވަނީ،" އިއްފަ ބުންޏެވެ.

އިއްފަ

ކަނޑުއަޑީގައި ގިނަ ކުރެހުންތަކެއް ކުރަހާފައިވާ އިއްފަ، އޭނާ އަށް މުޅިން އާ މީޑިއަމްއެއް ކަމަށްވާ ޗާކޯލް ބޭނުންކޮށްގެން ކުރަހާފައިވާ ލޮލެއް.

ޝަފް އޯޝަންސް

އާޓިސްޓް އަހްމަދު ޝައްފާން (ޝަފް އޯޝަންސް) ގުއިޝް މީޑިއަމް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އާޓްވޯކެއް.

މުހައްމަދު އިކްރާމް

މިއުޒިކް ޕްރޮޑިއުސަރު އަދި އާޓިސްޓް މުހައްމަދު އިކްރާމް ޕެސްޓެލް ޕެންސިލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އާޓްވޯކެއް.

އަލީ ރިޝްވާން

އާޓިސްޓް އަލީ ރިޝްވާން، ވޯޓާ ކަލާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އާޓްވޯކެއް.
އާޓިސްޓް

Popular