8 Jul 2020

By: Aminath Ibrahim

މިއީ، ޖިންސީ ގޯނާގެ ބޮޑު މައްސަލައެއް ފެންމަތިވާ ކޮންމެ ފަހަރަކު އެތައް ބަޔަކު ކުރާ ސުވާލެކެވެ. މީގެ ތިން ދުވަސް ކުރިން ފިލްމީ ތަރި، ޖުމައްޔިލްގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށް އަންހެން ކުއްޖަކު ދެއްކި ވާހަކަ އަށް ވެސް އެންމެ ގިނައިން އަމާޒުވި އެއް ސުވާލަކީ މި އެވެ. ވިކްޓިމް ކުށްވެރިކޮށް، "އެކަން ހިނގި ގަޑީގައި ވަގުތުން ވަގުތަށް ނުބުނެވުނީ ކީއްވެހޭ" އެތައް ބަޔަކު ސުވާލުކުރި އެވެ.

ޖިންސީ ގޯނާގެ ފުރަތަމަ މަރުހަލާގެ ތެރެއަށް މި އަންނަނީ ފޮށުމެވެ. މީގެ ތެރޭގައި، އަތް ލާން ނުޖެހޭ ގޮތްގޮތަށް ގައިގައި އަތްލުން، ދެ މާނަ ނެގޭ ޖޯކު ޖެހުން، އޮރިޔާން ކާޑު ދެއްކުމާއި ބެލުން، އޮރިޔާން ދެއްކުން، ޖިންސީ އެދުން ފުއްދަން ރިޝްވަތު ދިނުން، "ހުތުރު" އީމެއިލް އަދި މެސެޖް ކުރުން، އެދުމެއް އޮވެގެން ވަކި ގޮތަކަށް ފޭވާކުރުން ކަހަލަ ކަންކަން ހިމެނެ އެވެ.

މިއަށްވުރެ މަތީ ލެވަލެއްގައި، ބާރުގެ ބޭނުންކޮށްގެން ޖިންސީ އެދުމެއް ފުއްދަން މަޖުބޫރުކުރުމާއި މަސްތުވާ އެއްޗެއް ދީގެން އޮޅުވާލުމެއްގެ ތެރެއިން ހަށިގަނޑުގެ ގުނަވަންތަކުގެ ބޭނުން ހިފުން ވެސް ހިމެނެ އެވެ. މިއީ ސެކްޝުއަލް އެސަލްޓް ނުވަތަ ގޯނާގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި ބާވަތުގެ މައްސަލަތަކާ ގުޅިގެން ކޮށްފައިވާ ގިނަ ދިރާސާތަކުން އެއްކަމެއް ފާހަގަވެ އެވެ.

"މި ކަހަލަ ކަމެއް ދިމާވުމުން މާ ބޮޑު ކަމަކަށް ނުހަދައި ދޫކޮށްލެވޭ ފަހަރުތައް އާދޭ. ނުވަތަ އަމިއްލަ މީހާ އަށް ބްލޭމް ކުރެވޭތީ ނުބުނެ އެބަ ހުރެވޭ. ހަމަ އެއާއެކު، ތަފާތު ސަބަބުތަކާ ހެދި ބައެއް މީހުން ޓޮލަރޭޓް ވެސް އެބަ ކޮށްލާ، އޭގެ ތެރެއަށް 'ބިރު' ވެސް އެބަ އާދޭ،"

ތިބާ ސައިކޮލޮޖީގެ ކޯ ފައުންޑަ އަދި ޓްރޯމާ ސްޕެޝަލައިޒްޑް ސައިކޮލޮޖިސްޓް ޝުޒްނާ އިބްރާހިމްގެ ނަޒަރުގައި މިބާވަތުގެ ކަމެއް ހިނގާނަމަ، ނުވަތަ ހިނގާކަން އެނގޭ ނަމަވެސް ކުޑަ ކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެ އެވެ.

އެއީ ގޯސް އެލާމެކެވެ.

ރޭޕް ފަދަ ހާދިސާއެއް ހިނގާއިރު، އެކަން ވަގުތުން އަންގައި އެ ވާހަކަ ދެއްކުން ލަސްވެދާނެ ސަބަބުތައް ބައިވަރެވެ. މި ހިމަނާލަނީ އޭގެ ތެރެއިން ބައެއް ކަންކަމެވެ.

ދެން ވާނެ ގޮތަކާ މެދު ވިސްނައި ބިރު ގަތުން

"ވަރަށް އުނދަގޫ ކަމެއް ވަގުތުން އެ ވާހަކަ ދެއްކުމަކީ. ރޭޕް ކަހަލަ ކަމެއް ވީމަ، މީހާ ދާނީ ޝޮކަކަށް. އެއީ ހީނުކޮށް ހުއްޓާ، ހީނުކުރާ މީހެއްގެ ފަރާތުން އެކަމެއް އެ ދިމާ ވަނީ. އެހެންވީމަ އަމިއްލަ އަށް ވެސް ގަބޫލުކުރަން އެބަ އުނދަގޫވޭ. ދެން ބިރު ގަންނާނީ. ހިތަށް އަރާނީ މީހަކަށް އެނގިއްޖިއްޔާ ކިހިނެއްބާއޭ ވާނީ،" ޝުޒްނާ ބުންޏެވެ.

"މަގެއްގެ މަތިން އެއްޗެއް ފެނުނީމަ ގޮސް ވަރަށް ފަސޭހައިން އެބަ ބުނެވޭތާ ދޯ. އެއީ ޕްރޮސެސް ކުރެވޭތީ. އެކަމަކު މިކަހަލަ ކަންކަމުގަ ޕްރޮސެސް ކުރަން ދަތިވާނެ. އެކަމަކަށް ވަރަށް ވަގުތު ވެސް ނަގާފާނެ."

ބިރަކީ ވަރަށް ބޮޑު ރޯލެއް އަދާކުރާ ކަމެކެވެ. އާއިލާ ތެރޭގައި މައްސަލަ ޖެހިދާނެ ކަމުގެ ބިރު، އިތުރަށް އަނިޔާ ލިބިދާނެ ކަމުގެ ބިރު، އެހެން ރޭޕިސްޓުން، ނޫނީ އެބިއުޒަރުންގެ ޓާގެޓަކަށް ވެދާނެ ކަމުގެ ބިރު ނުވަތަ ވަޒީފާއިން ވަކިވާން ޖެހިދާނެ ކަމުގެ ބިރު، މިހެން ގޮސް ބައިވަރެވެ.

ލަދު

ޖިންސީ ގޯނާގެ މައްސަލަތައް ކުރިމަތިވާ އަންހެނުންގެ ތެރެއިން އެންމެ ގިނަ މީހުން މި ވާހަކަތައް ނުބުނެ ފޮރުވާ ސަބަބަކީ މިއީ އެވެ. އެ ވާހަކައެއް ދެއްކުމުން ގޭގައި އަދި އުޅޭ މާހައުލާއި ރައްޓެހިންގެ ތެރޭގައި ބަދުނާމުވެ އަގުވެއްޓިދާނެތީ ވެސް ބުނަން ޖެހިލުންވެ އެވެ.

މި ސަބަބާ ހެދި ހާއްސަކޮށް ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ވެސް އެމީހުންނަށް ލިބޭ އަނިޔާ އާއި ފުރައްސާރަ ނުބުނެ ފޮރުވަފާނެ އެވެ.

ހަމަ އެހެންމެ، ކުރިން ޑިޕްރެޝަން އާއި އެންޒައިޓީ ހުންނަ މީހަކަށް މި ކަހަލަ ކަމެއް ވީމާ ބުނަން އަދި މާ އުނދަގޫ ވާނެ އެވެ. މިކަހަލަ ކަމެއް ވެގެން އެ އަންނަ ޝޮކް އަމިއްލަ އަށް ހޭންޑްލް ކުރަން އެފަދަ މީހަކަށް ވަރަށް އުނދަގޫވާނެ އެވެ

ސެލްފް އެސްޓީމް ދަށްވުން

އަމިއްލަ ހަށިގަނޑަށް ލިބޭ ގެއްލުންތައް މާ ބޮޑު ކަމަކަށް ނުހަދައި ދޫކޮށްލުމަކީ ވެސް ބައެއް އަންހެނުން ކުރާ ކަމެކެވެ. ޖިސްމާނީ އަނިޔާ އާއި ނަފްސާނީ އަނިޔާގެ ތެރޭގައި އުޅޭ މީހެއް ނަމަ ވަކިން ބޮޑަށް މިގޮތަށް ވިސްނުން ގާތެވެ.

އަންހެނުން ދަށްކޮށް، އަންހެނުންގެ މާ ބޮޑު ބާރެއް ނުހިނގާ މުޖުތަމައުތަކުގައި މި މައްސަލަތައް ދިމާވުން އާންމެވެ.

އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން ނެތުން

މިއީ ރޭޕް ސަވައިވާސްގެ އެންމެ ގަދަ އަށް އަޑު އުފުލާ އެއް މައްސަލަ އެވެ. ރާއްޖޭގައި ވެސް ވަނީ އެހެންނެވެ. ގިނަ ފަހަރަށް އެކަށީގެންވާ ހެކި ނެތިގެން ރޭޕްގެ މައްސަލަތަކުގައި އަނިޔާ ލިބޭ މީހާއަށް އެންމެ ފަހުން ޖެހެނީ އަމާންދީފައި ހުންނާށެވެ. އިންސާފު ލިބެނީ މަދު ބަޔަކަށެވެ.

މިފަދަ ބައިވަރު ސަބަބުތަކާ ހެދި ޖިންސީ އަނިޔާ ލިބޭ މީހުންނަށް އެމީހުންގެ ވާހަކަ ކިޔައިދޭން ބައެއް ފަހަރު ވަރަށް ގިނަ ދުވަސް ނަގަ އެވެ. އެކަމަކު މިފަދަ މީހުންނަށް ބޭނުންވަނީ ދެން ތިބި މީހުންގެ ސަޕޯޓެވެ. އަނިޔާ އާއި ދެކޮޅަށް ވަކި އުމުރުރެއް، ޖިންސެއް ނެތި އެންމެން ހޭލުންތެރި ކުރުވައި ހިތްވަރުދޭންވީ އެވެ.

ރޭޕް ޖިންސީ ގޯނާކުރުން

Popular