13 Jul 2020

By: Ifraz Ali

ލިޔެލާޖެހުމުގައި ކުޅަދާނަ ބަޔަކު އުޅޭ ބ.ތުޅާދޫން މީގެ ތަފާތު މަސައްކަތެއް ދައްކާލައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފަ އެވެ. އެ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ ތުޅާދޫ ސްޕޯޓްސް ކުލަބް (ޓީއެސްސީ) އިން އިންތިޒާމުކޮށްގެން ރަށު ފެންވަރުގެ ބޭއްވި އަންހެނުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިން، ލަކުޑީގައި ލިިޔެލާޖަހައިގެން ތައްޔާރުކޮށްފައިވާ "ޓްރޮފީ" އާ އެންމެން ވެސް މާ ގަޔާވީ އެވެ.

ބ.ތުޅާދޫ ސްޕޯޓްސް ކުލަބް (ޓީއެސްސީ) އިން އިންތިޒާމުކޮށްގެން ރަށު ފެންވަރުގެ ބޭއްވި އަންހެނުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމް ތަށި އުފުލާލަނީ.-- ފޮޓޯ: ވަސްމީ ވަހީދު

ޓްރޮފީގައި ބޭނުންކޮށްފައި ވަނީ އާންމުކޮށް ލިޔެލާޖަހާފައި ހުންނަ އެއްޗެހީގައި ވެސް ހުންނަ ޑިޒައިންތަކެވެ. އަދި މި ޓްރޮޕީގެ މަތީގައި ލަކުޑިން ހަދާފައިވާ ބޯޅައެއް ވެސް އޮވެ އެވެ. ތުޅާދޫގައި ލިޔެލާޖެހުމުގެ މަސައްކަތާއި މީގެ ވިޔަފާރިކުރަމުން އަންނަ "އައިލެންޑް ގުޑްސް" އިން ފަރުމާކުރި، މި ޓްރޮފީއާ އެކު ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ ކުޅުންތެރިންގެ ކަރުގައި އެޅުވުމަށް، ހަމަ ލިޔެލާޖަހައިގެން، 26 މެޑަލް ވެސް ތައްޔާރުކުރި އެވެ.

ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ ކުޅުންތެރިންގެ ކަރުގައި އެޅުމަށް ތައްޔާރުކޮށްފައިވާ މެޑަލްތައް.-- ފޮޓޯ: ވަސްމީ ވަހީދު

"އައިލެންޑް ގުޑްސް" ގެ އިސްވެރިޔާ އަބްދުﷲ ސާޖިދު ބުނީ މި ޓްރޮޕީ ހެދުމުގެ ހިޔާލަކީ އެ ފުޓްސަލް މުބާރާތުގެ ސްޕޮންސަރެއްގެ ހައިސިއްޔަތުން އެމީހުންގެ ހުށަހެޅުމެކެވެ. އަދި ޓީއެސްސީ އިން ވެސް ހިތްހަމަޖެހޭ ގޮތަށް މި ޓްރޮޕީ ތައްޔާރުކޮށް، ގިނަ ބައެއްގެ ލޯބި ލިބުނީމަ އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.

"ކުރިން ބޭއްވި އެހެން މުބާރާތެއްގައި މިކޮޅުން ދިނިން ވާސްއެއް. ދެން މިފަހަރު ވިސްނީ މި ކަހަލަ ގޮތަކަށް ޓްރޮޕީއެއް ވެސް ހެދޭތޯ ބަލާނީއޭ،" މި ޓްރޮޕީ އާއި މެޑަލްތައް ނިންމާލީ ފަސް ވަރަކަށް ދުވަހުން ކަމަށް ސާޖިދު ބުންޏެވެ.

"އަޅުގަނޑު ގެންގުޅޭ މުވައްޒަފުންގެ މަސައްކަތެއް މިއީ. ހުސް ދިވެހިން. ލިޔެލާޖަހާ ދެ މީހެއް ތިބޭނެ އަދި ކުރަހާ މީހެއް،" ސާޖިދު ބުންޏެވެ.

ފުރަތަމަ ޓްރޮޕީ ނިމުނުއިރު އޭގެ މަތީގައި އިން ބޯޅަ ތަންކޮޅެއް ކުޑަވެގެން، އަލުން ބޮޑުކޮށް ބޯޅައެއް ހަދަން ވެސް ޖެހުނެވެ. މި ޓްރޮޕީގެ އިތުރުން ލިޔެލާޖަހައިގެން ތަފާތު އެކި އެއްޗެހި ހަދައި، މާލޭގެ ފިހާރަތަކަށް ވެސް އެމީހުން ވިއްކަ އެވެ. ކުންފުންޏެއް ހަދައިގެން އެމީހުން މި މަސައްކަތް ކުރަމުން އަންނަތާ ފަސް ވަރަކަށް އަހަރުވީއިރު، އެންމެފަހުން ބޭއްވި ފަންނު އެކްސްޕޯގައި ބައިވެރިވެ ވަނަތައް ވެސް ހޯދި އެވެ.

ބ. ތުޅާދޫ

Popular