14 Jul 2020

By: Aishath Maaha

އަލަށް ދިމާވާ ކުއްޖަކަށް ނުވަތަ އެކުގައި އުޅޭ ރައްޓެހި އެހެން ކުއްޖަކަށް ހިތް ކިޔައިގެން އެ ވާހަކަ ނުބުނެވިގެން އުޅެނިކޮށް މި ކިޔާ "ފްރެންޑްޒޯނެއް" ތެރޭގައި ތާށިވެ އެއިން ނުކުންނަން ނޭނގިގެން އުޅޭ ރައްޓެހިން އުޅޭ ދޯ އެވެ. ފަހަރެއްގައި ތިޔައީ ވެސް މި ޒޯނުގައި ތާށިވެފައި ހުރި މީހެއް ކަމަށް ވެސް ވެދާނެ އެވެ.

ނުވަތަ ތިޔަ ހުރީ "މިކްސް ސިގްނަލްތަކެއް" ލިބި ކުރިއަށް ދާންވީ މަގެއް ނޭނގިފައި ހެއްޔެވެ. އެހެންވިއްޔާ މި ދައްކާ ވާހަކަ އަޑުއަހާށެވެ.

ފްރެންޑްޒޯންގައި ކަން ޔަގީން ކުރާނީ ކިހިނެއް؟

މި ޖުމްލަތައް އޭނާގެ ފަރާތުން އިވިފައި ހުރިތޯ ބަލާށެވެ. މިއިން އެއްޗެއް ބުނެފައި ހުރި ނަމަ ތިހުރީ ފްރެންޑްޒޯންގަ އެވެ.

- މީހަކާ ރައްޓެހިވެ ސީރިއަސް ގުޅުމަކަށް ދާން އަހަރެން ބޭނުންވަނީ ތިކަހަލަ މީހަކާ އެކުގަ އެވެ. ތިއީ ހާދަހާ ރަނގަޅު ރައްޓެއްސެކެވެ." މީގެ މާނަ އަކީ އެ ހޯދަނީ ތިކަހަލަ މީހެކެވެ. އެކަމަކު ޔަގީނުން ވެސް ތިޔައީ އެ މީހާއެއް ނޫނެވެ.

- "ޔެސް. ހިނގާ ބޭރަށް ދާން. އެހެން މީހުންނަށް ވެސް ގުޅަން ވާނެ ދޯ" މީގެ މާނަ އަކީ ދެ މީހުން އެކަނި ބައްދަލުކޮށް ތަންތަނަށް ދާކަށް އޭނޭ ބޭނުން ނުވުމެވެ. އެއީ އެ ދެމެދުގައި ހާއްސަ ގުޅުމެއް އޮވެޔޭ އެހެން މީހަކަށް ހީވެދާނެތީ އެވެ. އަދި އެކަހަލަ ހީއެއް މީހަކު ކުރަން ވެސް ބޭނުން ނުވާތީ އެވެ.

- "ތީ ހަމަ ބަރާބަރު މީހެއް. ކީއްވެގެންހެން ހީވަނީ ތިއީ މަގޭ ގާތް ރައްޓެއްސަކަށް ހަދާފަ ތިހިރީ" ހަމަ އަސްލު ވެސް ތިއީ ހަމައެކަނި ރައްޓެއްސެއްތޯ އެހެން އެއްވެސް ކަހަލަ އިހުސާސެއް އޮތްތޯ ޔަގީންކުރަން ވާހަކަ ދައްކާ ކޮންމެ ފަހަރަކު ދެނީ މިކަހަލަ ޖަވާބެއް ދޯ އެވެ.

މީގެ އިތުރުން އޭނާގެ ކިބައިން މިކަންކަން ފެންނަ ނަމަ ވެސް ތިހުރީ ފްރެންޑްޒޯންކޮށްފަ އެވެ.

- ކޯލްތަކާއި ޓެކްސްޓްތަކަށް ބަރާބަރަށް ރިޕްލައި ނުކުރުން. ރިޕްލައި ކުރިއަސް އޭގައި މާބޮޑު ޖޯޝެއް ނުހުރުން.

- އަބަދުވެސް އެއްކޮޅުން ދެކެވޭ ވާހަކަތަކެއް

- އަބަދުވެސް އޭނާގެ ކުރީގެ އެކްސް ބިޓުންގެ ވާހަކަ އާއި އޭނަގެ ދިރިއުޅުމުގެ ވާހަކަތައް ދެއްކުން

- އަބަދުވެސް ފެންނަ އެހެން ރީތި، އެޓްރެކްޓިވް މީހުންގެ ވާހަކަ ދެއްކުން

- އަބަދުވެސް ތިއީ ރައްޓެއްސެއްކަން ހަނދާން ކޮށްދިނުން

ފްރެންޑް ޒޯނަށް ތި ވަދެވެނީ އަމިއްލައަށް؟

މިއީ ބައެއް ފަހަރަށް ދިމާވާ ކަމެކެވެ. އަމިއްލަ އަށް ކަންތައްތައް ކުރެވޭ ގޮތުން ވެސް މި ބުނާ ފްރެންޑްޒޯނެއްގައި މީހާ ތާށިވެ ބަންދުވެ އެވެ.

- ތިއުޅެނީ އަބަދުވެސް އޭނާގެ "ކޮމްޕްލެއިން ބިއުރޯ" އަށް ވެގެންނެވެ. އޭނާގެ ލޯބިވެރިންނާ ޖެހޭ ކޮންމެ މައްސަލައެއް ހިފައިގެން ރޯން އެ އަންނަނީ ތި ނޫން އެހެން ކާކުގެ ކައިރިއަށް ހެއްޔެވެ. އެތައް ވާހަކައެއް ދައްކައި އޭނާ މަސަލަސްކޮށް އެ މައްސަލަތައް ހައްލުކޮށްދީދީ މިހާރު ތިހުރީ "ދެޓް ފްރެންޑް" އަށް ވެފަ އެވެ. ކޮންމެ މައްސަލައެއް ޖެހުނަސް ހައްލުކޮށްދޭ މީހަކީ ތިއީ ވިއްޔާ އެވެ.

އަބަދު ތިހެން އުޅޭ ނަމަ ދުވަހަކު ވެސް އެހެން ނަޒަރަކުން އޭނާ ނުދެކޭނެ އެވެ. މިކަމާ ވިސްނައި ބަދަލެއް ގެންނަން އެބަޖެހެއެއް ނޫން ހެއްޔެވެ.

- ތިއީ އޭނާގެ "ބޯއީ" ހެއްޔެވެ. ގުޅާލާއިރަށް އެހެން ހުރިހާ ކަމެއް ހުއްޓާފައި ފޯނު ނަގައި އެ ބުނާ ކަމެއް ކޮށްދެ އެވެ. ފިހާރައަކުން އެއްޗެއް ގަންނަން ވިޔަސް ލިފްޓެއް ބޭނުން ވެގެން ބުންޏަސް ތި ހުންނަނީ އަބަދުވެސް ރެޑީގަ އެވެ. އަމިއްލަ ސައިކަލު ނެތިގެން ރައްޓެހިންގެ އަތުން ސައިކަލު ނަގައިގެން ވެސް ކިތައް ދުވަހު ދިޔައިން ހެއްޔެވެ.

އަބަދު އެވައިލަބަލް ވެގެން އުޅޭ ނަމަ އެހެން ގޮތަކަށް ވިސްނާލާނެ ފުރުސަތެއް އޭނާއަކަށް ނުލިބޭނެ އެވެ. އެޓްރެކްޓިވް ފޭސްއެއްގެ ބަދަލުގައި ވެވޭނީ ފެމިލިއާ ފޭސް އަކަށެވެ.

- އޭނާ ހިތްހަމަނުޖެހިދާނެތީ ތި ހުންނަނީ އޭނަ ދައްކާ ކޮންމެ ވާހައަކަށް އެއްބަސްވެ އާނ ހޫން ކިޔާލަ ކިޔާލަ އެވެ. ރައްޓެއްސަކަށް އެންމެން ވެސް ބޭނުންވަނީ ތިކަހަލަ މީހެކެވެ.

- ތި ހުންނަނީ އަމިއްލަ ހިތުގައި އޮތް އެއްޗެއް އޭނައަށް އެނގިދާނެތީ ބިރުންނެވެ. ކިރިޔާ ވެސް އޭނައަށް ޝައްކެއް ވިޔަނުދީ އެވެ. އަޅެ އޭނަގެ ހިތުގައި އޮތް އެއްޗެއް ހޯދާލަން ވެސް ކުޑަކުޑަ ޝައުގުވެރިކަމެއް ދައްކާލަ ބަލާށެވެ. އެހެން އުޅެން ހަދައިގެން އެކުވެރިކަން ވެސް ގެއްލިދާނޭ ހިތައި ފިނޑިވެގެން ތިކަން ކާމިޔާބެއް ނުވާނެ އެވެ.

- އަބަދު އަބަދު އޭނަ ދެކެ ލައިކްވެޔޭ ކިޔައި އެ ޝައުގުވެރިކަން ފާޅުކޮށް ފްލާޓްކުރާ ނަމަ އޭނަ މިކަމާ ސީރިއަސް ނުވެދާނެ އެވެ. ފަހަރުގައި ބޮލަށް އުނދަގޫވެގެން ވެސް އުޅެފާނެ އެވެ.

ފްރެންޑްޒޯނުން ބޭރުވާން ބޭނުން ނަމަ މިކަންކަމާ ވިސްނަން އެބަޖެހެ އެވެ. އަދި މިކަންކަން ބަދަލުކުރަން އެބަޖެހެ އެވެ.

Popular