15 Oct 2020

By: Aminath Ibrahim

އެންމެ ފަހުން ބްލޮކް ފައިނަލަށް ހެދި ޓެސްޓް އެސައިންމަންޓަށް ފަހު ތިން ކަމެއް ވިސްނުނެވެ. އެސައިންމަންޓް މޮޅަަށް ނިންމަން ބޭނުންވާ ނަމަ، ދޭ ދުވަހުން ފެށިގެން މަޑުމަޑުން ރިސާޗް ކުރަމުން ހަދަމުން ގެންދިއުމަކީ އެންމެ މޮޅު ގޮތެވެ. އެސައިންމަންޓް ޖޯޝަކީ ގާތްގަނޑަކަށް ހުރިހާ ދަރިވަރުން ދެކޭ ބިލާހެކެވެ. އެ ޖޯޝަކީ އަމިއްލައަށް ގޯލް ސެޓު ކޮށްގެން ނެރެން ޖެހޭ ޖޯޝެކެވެ. މޯޓިވޭޝަނަކަށް މަޑުކޮށްގެން ހުރުމަކީ ކުރާނެ އެންމެ މޮޔަ ކަންތަކެވެ. އެސައިންމަންޓް ޑިއު ޑޭޓަކީ ލިޔުނު ހުރިހާ އެއްޗެއް ބަލާލައި ކުށް ފިލުވާ ދުވަހަށް ހަދައިފި ނަމަ "ޓޮޕް ސްކޯރާސް" ލިސްޓުން ޖާގައެއް ގާތްގަނޑަކަށް ޔަގީން ކުރެވިދާނެ އެވެ.

އެކަމަކު މިއީ ހަމަ އެކަނި ވިސްނުނު ކަންކަމެވެ. އެސައިންމަންޓެއް ހަދައި ނިންމާ ކޮންމެ ފަހަރަކު މި ފިލާވަޅެއް ދަސްވެ ލޮލުން ކަރުނަ ވެސް ހިލެ އެވެ. އެކަމަކު ދުވަސްކޮޅަކުން އަނެއްކާ ވެސް ހަނދާން ނެތެނީ އެވެ.

މި ހިމަނާލަނީ، ފަހު ވަގުތު އެސައިންމަންޓެއް ހަދަން މަޑުކޮށްގެން ހުންނަ ކުއްޖަކު އެސައިންމަންޓް ދޭ ޑޭޓާއި ނިންމާ ޑޭޓާ ދެމެދު ހޭދަކުރާ 22 ސްޓޭޖެވެ.

1- ފުރަތަމަ ފަހަރަށް އެސައިންމަންޓް ހުޅުވައި ބަލައިލުމަށްފަހު ހަފްތާއެއް ނުވަތަ އެއް މަސް ދުވަހުގެ ތެރޭގައި ކުރަންޖެހޭ ބޮޑު މަސައްކަތެއް އޮތްކަން އިހުސާސް ކޮށްލެވޭނެ އެވެ.

2- އަމިއްލަ މީހާ މޯޓިވޭޓްކުރަން މަސައްކަތް ކުރާނެ އެވެ.

3- ހިތާހިތާ "ޑީލް" އެއް ފައިނަލް ކުރާނެ އެވެ.

"އޯކޭ، މިސާލަކަށް ދުވާލަކު މަދުވެގެން 300 ބަސް ލިޔެވިއްޖިއްޔާ ނުވާނެ މާ ބޮޑު ކަމަކަށް."

4- އެސައިންމަންޓާ މެދު ވިސްނަން ފެށުނީމާ، ޕްލޭނެއް ބޮލުތެރޭގައި ކުރަހާލެވި، އަމިއްލަ މީހާއާ މެދު ފަހުރުވެރިވެ ހިތްހަމަ ޖައްސާލެވޭނެ އެވެ.

5- ޑިއު ޑޭޓް ހަމަ ވާން ހަފްތާއަކަށް ވާ ތަނާ ކުއްލިއަކަށް ހިތް ތެޅިގަންނާނެ އެވެ. މިހާތަނަށް ކުރިހާ ވެސް ކަމަކީ ލެޕްޓޮޕް ގައި އެސައިންމަންޓް ހުޅުވާލައި ކިޔާލުމަށްފަހު މިނިމައިޒްކޮށްލުން ކަން ހަނދާންވާނެ އެވެ.

6- ކުޑަކޮށް ޕެނިކް ވާން ފަށާނެ އެވެ. އެކަމަކު އަދި ހަފްތާއެއް އެބަ އޮތެވެ. ތިން ހަތަރު ދުވަސް ތެރޭ މާ ރަނގަޅަށް ވެސް ނިންމާލެވިދާނެ ކަން އަމިއްލަ އަށް ވިސްނައިދޭން މަސައްކަތްކުރާނެ އެވެ.

7- ވީ ނުވީ އެއް ނޭނގި އެސައިންމަންޓް ހަވާލުކުރަން ޖެހޭ ދުވަހުގެ ކުރީ ދުވަސް އައިސްދާނެ އެވެ. ޖެހިގެން އަންނަ ދުވަހުގެ ރޭގަނޑު 11:59 އަށް 3000 ބަސް ލިޔެ، ސަބްމިޓް ކުރަންޖެހޭ ކަން ހަނދާން ވާނެ އެވެ.

8- އެސައިންމަންޓް ހަދަން ކޮފީ އާއި ހުރިހާ ވައްތަރެއްގެ މީރު ޗޮކުލެޓެއް ގަންނަން ފިހާރައަށް ދާނެ އެވެ. ގެއަށް އައިސް ލެޕްޓޮޕް ހޯދައިގެން، ލެޕްޓޮޕް ހުޅުވާލާނެ އެވެ.

9- ޖޯޝުގައި މޮޑިއުލްގެ ސުރުހީ އަޅާލާފައި ކުއްލިއަކަށް ޕެނިކް މޯޑަށް ދާނެ އެވެ.

10- "މިހާ ލަސް ވަންދެން މަޑު ނުކުރެވުނު ނަމަ."

11- އިރުކޮޅަކު އެންޒައިޓީއާ ތަޅާ ފޮޅާފައި ފުން ނޭވާއެއް ދޫކޮށްލާފައި ލިޔަން ފަށާނެ އެވެ.

12- ނުހުއްޓައި ފޯރީގައި ލިޔަން ފެށިގޮތަށް ހަތަރު ބައިކުޅަ އެއްބައި ނިންމާލާފައި ކުޑަ ބްރޭކެއް ނަގާނީއޭ ހިތައި އުފާވެލައިފައި ތެދުވާނެ އެވެ.

13- ދިހަ ވަރަކަށް މިނެޓަށް ނެގި ކޮފީ ބްރޭކް، 45 މިނިޓަށް އަށް ދިގު ދެމި، އެ ބްރޭކް "ނަރުޓޯ"ގެ ދެތިން އެޕިސޯޑަށް ދިގުލައިގެން ދާނެ އެވެ. "މި ހެދުނީ ކިހިނެއް؟."

14- ވަރަށް ހިތްވަރުކޮށްފައި އަލުން ލެޕްޓޮޕް ހުޅުވާލާފައި ބަލާލާއިރު ލިޔެވިފައި އޮތީ ހާސަރު ބޮނޑިއެކޭ ހީވާނެ އެވެ.

15- މިހާއިރު ވާއިރު ދަންވަރު ވެދާނެ އެވެ. ދެން މިރޭ ކުޑަކޮށް ނިދާލާފަ ފަތިހު ތެދުވާނީއޭ ވެސް ހިތަށް އަރާނެ އެވެ. އެކަމަކު ނިދައިގެން ވާކަށް ނެތޭ ހީވާނެ އެވެ.

16- ހައެއްކަ މިނިޓް ފޭސްބުކް ހާވާލައި ތަނުން ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައި ނުނިމޭކަން ހަނދާންވެ، ކޮފީތައްޓެއް ބޯލާފައި ލިޔަން ފަށާނެ އެވެ.

17- ފަތިހު ހަތަރެއް ޖަހާލާކަން ހާއިރު ނިމުމަކާ ގާތަކަށް ގޮސްދާނެ އެވެ. އެކަމަކު އަދި ވެސް ފުދޭ ވަރަކަށް ލިޔަންޖެހޭކަން ހިތަށް އަރުވާފައި ލިޔެވުނު ބައި އަލުން ކިޔާލާނެ އެވެ.

18- ތެދަށް ބުނާނަމަ، ލިޔުނު އެކައްޗެއް ވެސް ތާކުން ތާކު ޖެހެއެކޭ ހީ ނުވާނެ އެވެ. އެކަމަކު ވެސް ކޮންމެވެސް އެއްޗެއް މާދަމާ ރޭ ހަވާލުކުރަންޖެހެ އެވެ. "ދެން ވާނެ އެއްޗެއް ވާނެ."

19- ދެ ލޮލަށް ބަރުވެ ހޭނެތޭ ވަރު ވާން ފެށުމުން ދެތިން ގަޑި އަށް ނިދާފައި ހޭލާން އޮށޯންނާނެ އެވެ.

20- މެންދުރު އެގާރަ ޖަހާލާކަށް ހާއިރު އަނެއްކާވެސް އިށީންނާނީ ނުނިމި އޮތް ބައި ނިންމާށެވެ. އެބައި ނިމިގެން ރިފަރެންސް ދީ ނިމޭއިރު ރޭގަނޑު 10:30 ވެދާނެ އެވެ.

21- އަވަސް އަރުވާލާފައި ޑޮކިއުމަންޓް އެކޮޅުން މިކޮޅަށް ސްކްރޯލް ކޮށްލާފައި 11:45 ހާއިރު އެސައިންމަންޓް އަޕްލޯޑް ކޮށްލާނެ އެވެ.

22- ނިދަން އޮށޯވެ ވިސްނެން ފަށާނެ އެވެ.

"ދެން އަންނަ ފަހަރެއްގަ އިރާދަ ކުރެއްވިއްޔާ އަވަހަށް ފަށާނަން. މިހާ ލަސް ވަންދެން ނުބާއްވާނަން. އަހަރެން އެހެން ކުދިން އުޅޭހެން މިކަމާ އުޅޭ ނަމަ ލައްކަ މޮޅު ވާނެ އޭ."

ބުނެބަލާށެވެ. ތި ހުރީ މިޔައިގެ ތެރެއިން ކޮން ސްޓޭޖެއްގައި ހެއްޔެވެ؟

ކިޔަވާކުދިން

Popular