20 Oct 2020

By: Ahmed Nadym

ކ. ދިއްފުއްޓަށް އުފަން، 32 އަހަރުގެ މުހައްމަދު މުޖާޒު ކުރެހުމާއި އާޓްގެ ދުނިޔެ އަކަށް ގޮސް ވެއްދީ އޭނާ ސްކޫލް ދުވަސްތަކެވެ. ކުރަހަން މާ މޮޅުވެފައި އާޓްގެ ތަފާތު އެކި ހުނަރުތަކަށް އޭނާގެ ކިބައިން ފެނުނު ކުޅަދާނަ ކަމާ ހެދި ރަށު ތެރޭގައި އޭރު އޭނާ އަށް މީހުން ކިޔައި އުޅުނީ "ކުރަހާ މުޖާ" ގެ ނަމެވެ. ނަމަވެސް އޭރު، ކިޔެވުން ނިންމާލި ގޮތަށް އޭނާ ދަނީ މަހަށެވެ.

"އަހަރެން ބުނިން ކޮން ކުރަހާ މުޖާއެއް ހެއްޔޭ. މަހަށޭ އަހަރެން މި ދަނީ،" ކުރު ހިނިގަނޑެއްގެ ތެރެއިން މުޖާ ބުނެލިއެވެ.

އޭނާގެ ބައްޕަ އަކީ ރަށަށް މަޝްހޫރު ބޮޑު ކެޔޮޅެކެވެ. އެހެންވެ، ސްކޫލްގެ ފޫހި ދުވަސްތަކަށް ފަހު މުޖާ ދުއްވައިގަތީ އަބަދުވެސް، ކޮންމެ ދުވަހަކުވެސް އޭނާ އެންމެ ބޮޑަށް އިންސްޕަޔާކުރުވި އެ ބައްޕަގެ ފިޔަވަޅުމަތިންނެވެ. ބައްޕަގެ މާ ކެޔޮޅުކަމުގައި ކަނޑަށް ނުކުމެ، މަސްވެރިއެއްގެ ގޮތުގައި އޭނާ ހޭދަކުރި ހައެއްކަ އަށެއްކަ އަހަރު ވެގެންދިޔައީ ދުނިޔޭގެ ދިރިއުޅުމަށް މުޖާޒުގެ ބޮލާއި ލޯ ހުޅުވާލަދިން އަގުނުކުރެވޭ ވަރުގެ ބޮޑު ތަޖުރިބާ އަކަށެވެ. – ނަމަވެސް މަހާއި ކަނޑާއި މަހަށް ނުކުތް ދޯނި ދޫކޮށްލާފައި ގޮސް މިއަދު މުޖާ އެ ފެންނަނީ އަނެއްކާވެސް ފަންނުވެރިއެއްގެ ގޮތުގައި މަގެއް ކޮށަމުން ކުރިއަށް ދާ މަންޒަރެވެ. މިއަދު އޭނާގެ ކިބައިން ފެންނަ އެންމެ ހާއްސަ ހުނަރަކީ ލަކުޑީގެ ހިތްގައިމު ތަފާތު އެކި މަސައްކަތްތަކެވެ.

އޭނާ ބުނަނީ މަސްވެރިކަން ހުއްޓާލާފައި އާ ކަމެއް ފެށިޔަސް އޭނާ އަދިވެސް ކުރިއަށް މި ދަނީ ބައްޕަގެ ފިޔަވަޅުމަތިން ކަމަށެވެ. އެ ބައްޕަ އަކީ އަދިވެސް އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަން ކަމަށެވެ.

މުޖާ އާއި އޭނާގެ ބައްޕަ އެމީހުންގެ ކުޑަ ވަޑާންގޭގައި މަސައްކަތްތަކެއް ނިންމަނީ. --ފޮޓޯ: މުޖާ އާޓް ބޮކްސް

"ބައްޕަ މަސްވެރިކަމުގައި އުޅުނަސް ބައްޕަ އަކީ ވަރަށް ބޮޑަށް ލަކުޑީގެ މިކަހަލަ މަސައްކަތްކުރާ ހިތްވާ މީހެއް. އަދި އަހަރެމެން ކުޑައިރު ވެސް ބައްޕަ މަހަށް ގޮސްސަ އައިސް ލިބޭ ހުސް ވަގުތުތަކުގައި ވެސް ލަކުޑިން ކުދި ދޯނިތައް ވެސް ބަނދެ އުޅޭނެ،" މުޖާ ކިޔައިދިނެވެ.

މުޖާގެ ބައްޕަގެ އަތްތެރި މަސައްކަތްތަކުގެ ޖާދޫ މިހާރު ވެސް ރައީސް އޮފީސް ފަދަ ޝަރަފުވެރި ތަންތަނުން ފެންނަން އެބަހުއްޓެވެ. މަސްވެރި ހަޔާތުގައި ފޫހިފިލުވުމަށް ކޮށް އުޅުނު އެ މަސައްކަތްތަކަކީ އަބަދުވެސް ރާއްޖޭގެ އަތްތެރި މަސައްކަތްތަކުން ފާހަގަކޮށްލެވޭ އުފެއްދުންތަކެކެވެ.

"ބައްޕަ އެގޮތަށް ކުދި ދޯނިތައް ބަންނައިރު އަހަރެމެން ވެސް ގޮވައިގެން ގޮސް މަސައްކަތްކުރާނީ. ލަކުޑިކޮޅުކޮޅުތައް އޮމާންކޮށްލަން ވެސް ދޭނެ. ދޯނީގެ ހުރިހާ ބައިތަކަށް ދިވެހިން ކިޔާ ނަންތައް ކިޔައިދޭނެ.

"ބައްޕަ އެގޮތަށް ކުދި ދޯނިތައް ބަންނައިރު އަހަރެމެން ވެސް ގޮވައިގެން ގޮސް މަސައްކަތްކުރާނީ. ލަކުޑިކޮޅުކޮޅުތައް އޮމާންކޮށްލަން ވެސް ދޭނެ. ދޯނީގެ ހުރިހާ ބައިތަކަށް ދިވެހިން ކިޔާ ނަންތައް ކިޔައިދޭނެ،" މުޖާ ބުންޏެވެ.

"މިހާރުގެ ގިނަ ކުދިންނަކަށް ހީއެއް ނުވޭ ދޯންޏެއްގެ އެ ހުރިހާ ބައިތަކަށް ކިޔާ ނަންތައް އެނގޭނެހެނެއް. އެކަމަކު އަޅުގަނޑު ހަމަ މިހާރު ވެސް ހިތު ދަސްވާނެ ދޯނީގެ އެ ހުރިހާ ޕާޓްތަކަށް ކިޔާ ނަންތައް. އެއީ ބައްޕަ އެގޮތަށް ކިޔައިދީދީ."

ފޮޓޯ: މުޖާ އާޓް ބޮކްސް

މުޖާ ބުނީ ވަޑާމުގެ މަސައްކަތަށް އޭނާގެ ހިތް ޖެއްސުވި ދެ ވަނަ މީހަކު ނެތް ކަމަށެވެ. ބައްޕަ ދަސްކޮށްދިން ހުނަރުތަކާ އެކު މުޖާ ބޭނުންވީ އޭނާގެ ކިބައިގައިވީ އާޓިސްޓިކް ސިކުނޑި ފަޅައި ބަލައި ހޯދާށެވެ.

"މަސްވެރިކަން ސަކަރާތީކީ ނޫން. ބައްޕަ މިހާރު ވެސް ދަނީ މަހަށް. އެކަމަކު ދާއިރާ ބަދަލުކޮށްލަން ބޭނުންވީ ބޮޑަށް. އެއީ އަޅުގަނޑުގެ ކިބައިގައި ހުރީ އާޓް ކަމަށްވެފައި އެކަމުގެ ތެރެއަށް ވަންނަން ބޭނުންވީ. އެ ހުނަރު ކުރިއަރުވަން ބޭނުންވީ،" މުޖާ ކިޔައިދިނެވެ.

މުޖާ ބުނީ ލަކުޑީގެ ބޮޑު މަސައްކަތަކަށް ފުރަތަމަ ވެސް ލިބުނީ ރަށުގައި ހަދާފައި ހުރި ގެސްޓް ހައުސްއެއްގެ ނަމާއި ލޯގޯ އާއި ކޮޓަރިތަކަށް ބޭނުންވާ ނަމްބަރުތަކުގެ މަސައްކަތެވެ. އެކަމަކު އޭރު އޭނާގެ އަތުގައި އޮތީ ލަކުޑި މަށަން ބައްޕަ ގެންގުޅުނު ކޮށާވަޅިއެއް އެކަންޏެވެ. ދެން ކަރަންޓު ބުރުމާގަނޑެކެވެ.

"އެ ގެސްޓް ހައުސްގެ މަސައްކަތް ލިބިގެން އެންމެ ފުރަތަމަ ވެސް މަސައްކަތްކުރަން އިތުރު އާލާތްތަކެއް ހޯދަން ޖެހުނީ. އޭގެ ކުރިން ކޮށާވަޅި އާއި ކަރަންޓް ބުރުމާއެއް އެކަނި އާންމުކޮށް ގެންގުޅެނީ،" ޒަމާނީ އާލާތްތަކުން މަސައްކަތް އަވަސްވިޔަސް ޓްރެޑިޝަނަލް ގޮތްތަކަށް މަސައްކަތްކުރަން އަދިވެސް ޝައުގުވެރިވާ ޒުވާނާ ކިޔައިދިނެވެ.

"ބައްޕަ ދަސްކޮށްދިނީ ކޮށާވަޅިން ކުދިކުދި އެތިކޮޅުން ކޮށައި މަށައިގެން ލަކުޑި މަސައްކަތް ކުރަން. އެގޮތަށް އޭރު ގެންގުޅުނު ކޮށާވަޅި އަދިވެސް އޮންނާނެ ރައްކާކޮށްފައި. ހަނދާނެއްގެ ގޮތުގައި ބާއްވާފައި މިހާރު އޮންނަނީ. ބައްޕަ ވެސް އެންމެފުރަތަމަ ލަކުޑި ކޮށަން ގެންގުޅުނު ވަޅިވީމަ."

ފޮޓޯ: މުޖާ އާޓް ބޮކްސް

"އެ ގެސްޓް ހައުސްގެ ލޯގޯ ފުރަތަމަ ބޮޑު މަސައްކަތަކަށް ލަކުޑިން ކުރި ކަމަކީ. ކަރަންޓު ކީހުން ކީހައިގެން ލޯގޯ ހެދިޔަސް އޮމާންކޮށް ރީތިކުރީ ހަމަ ކުރިން ވެސް ބޭނުންކުރާ ކޮށާވަޅި ބޭނުންކޮށްގެން. އަތުގައި ފޮޅުވެސް ލި. އެކަމަކު ބައްޕަ އިނދޭ ކައިރީގައި ބުނެދޭން."

ކޮންމެއަކަސް އާޓްގެ މަސައްކަތް ފުޅާކުރަން ނުކުތް މުޖާގެ އަތަށް އިތުރު މަސައްކަތް އަރަން ފެށުމުން އޭނާ އަށް މަޖުބޫރުވީ ޒަމާނީ އާލާތްތައް ހޯދައި ކެޕޭސިޓީ ވަރަގަދަކުރާށެވެ.

ފޮޓޯ: މުޖާ އާޓް ބޮކްސް

"ދެން އަނެއްކާވެސް އިތުރު ގެސްޓް ހައުސްއެއްގެ މަސައްކަތެއް ލިބިގެން ވަރަށް އުނދަގުލުން ނިންމި މަސައްކަތުން ލިބުނު ލާރިއަށް އަހަރެމެން ދެން ގަތީ ސީއެންސީ މެޝިނެއް. ކޮމްޕިއުޓާ މެޝިނެއް، ލަކުޑި ބޭނުންވާ ޑިޒައިންތަކަކަށް ކަފަން،" މުޖާ ބުންޏެވެ.

"އެންމެ ފުރަތަމަ މެޝިނު ގެނެސްގެން ވަރަށް ހާލެއްގައި އުޅެން ޖެހުނީ. ވަރަށް އުނދަގުލުން އޭތި އިންސްޓޯލްކުރެވުނީ ވެސް. އެ މެޝިނަކާ ކުޅެން އެނގޭ މީހަކު ވެސް ނެތް ރަށުގައި އޭރު. ދެން އޭގައި ލިޔެފައިވާ އިރުޝާދުތަކަށް ބަލައިގެން ކުޅެމުން ގޮސް އެންމެފަހުން އިންޓަނެޓުން ހޯދައި ބަލައިގެން އަމިއްލަ އަށް އެ ހުރިހާ ކަމެއް ވެސް ދަސްކުރީ."

ފޮޓޯ: މުޖާ އާޓް ބޮކްސް

އެކަމަކު އެ މެޝިން ހިތު ދަސްކޮށް ލޯ މަރާލައިގެން ތިބެ މަސައްކަތްކޮށްލެވޭ ވަރަށް ކަންކަން ފަސޭހަވުމުން މުޖާގެ ބައްޕަ ވެސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

"މަސައްކަތްތައް ލިބެމުންދާ ނިސްބަތަށް ބަލާއިރު އަޅުގަނޑުމެން ގެނައި ސީއެސްނީ މެޝިން މިހާރު އެހެރީ ކުޑަވެފައި އަސްލު. އެއީ ބައެއް މީހުން އެބަ އާދޭ ފަރުނީޗަރު ޖައްސަން ވެސް."

މުޖާގެ މި މަސައްކަތުގައި އެންމެ ބޮޑު ޝައުގުވެރިކަމެއް ގެސްޓްހައުސްތަކަށް އޮތަސް އޭނާ ދަނީ ތަފާތު އެއްޗެހިތަކެއް ވެސް ބާޒާރަށް ނެރެމުންނެވެ. އެގޮތުން "މުޖާސް އާޓް ބޮކްސް" ގެ ނަމުގައި އޭނާ ލަކުޑިން ތައްޔާރުކުރާ ކުޑަކުދިންގެ އެޑިއުކޭޝަނަލް ޓޯއީސްތައް ވަރަށް ފާހަގަކޮށްލެވެއެވެ.

"މި ލޮކްޑައުންގެ ތެރޭގައި ރަށުގައި އުޅޭ ޓީޗަރަކު އަކުރު ޓްރޭސިން ބޯޑެއްގެ ފޮޓޯއެއް ފޮނުވާލާފައި ބުނީ އެގޮތަށް ޓްރޭސިން ބޯޑެއް ހަދާލަދީބަލާށެ. ދެން އެ މަސައްކަތްކޮށްލަ ދިނީމަ އޭގެ ފޮޓޯތައް އެ ޓީޗަރު އަހަރެމެންގެ ރަށުގެ ވައިބަ ގްރޫޕްތަކަކާއި އެކިއެކި ގްރޫޕްތަކަށް ލައިފި،" މުޖާ ކިޔައިދިނެވެ.

ފޮޓޯ: މުޖާ އާޓް ބޮކްސް

"ދެން ފޭސްބުކަށް ވެސް ލައިގެން ވަރަށް ގިނަ މީހުން އޯޑަރުކުރަން ފަށައިފި ޓްރޭސިން ބޯޑަށް. ޓްރޭސިން ބޯޑަށް ފަހު ކުޑަކުދިންނަށް ކިޔަވައިދިނުމަށް ބޭނުންކުރާ އެކަހަލަ އިތުރު އާލާތްތައް ވެސް އުފައްދަމުން މިހާރު މި ދަނީ."

"ލަކުޑިން ހައްދަން ބޭނުންވާ އެއްޗެއްގެ ފޮޓޯއެއް ފޮނުވާލަދިނީމަ ހަމަ އޭގައި އެ ފެންނަ ގޮތަށް އެ އެއްޗެއް ތައްޔާރުކޮށްލަދޭނަން. އެކަމަކު ދެން މި މަސައްކަތް ފުޅާކުރަންޏާމު އިރާދަކުރެއްވިއްޔާމު ފުޅާވާނީ ފަރުނީޗަރަށް. މަސް ދޯންޏެއްގެ ވިސްނުން ވެސް އެބަހުރި."

"މުޖާގެ އާޓް ބޮކްސް" ގެ އަޑި ވަރަށް ވެސް ފުނެވެ. އޭނާގެ އަތުގައި ބައިވަރު ހިޔާލާއި އެ ހުރިހާ ހުވަފެނެއް ހަގީގަތަކަށް ހެދުމަށް ބޭނުންވާ ފުރިހަމަ އެނާޖީ ވެސް އެބަހުއްޓެވެ.

Popular