By: Aminath Ibrahim
ނިދާ އެނދުގައި އޮންނަ ބެޑްޝީޓު، މަދުވެގެން ހަފުތާއަކު އެއްފަހަރު ދޮންނަން ޖެހެ އެވެ. އެކަމަކު ދޮންނަ ކޮންމެ ފަހަރެއްގައި ބެޑް ކަވަރާއި ބެޑްޝީޓް ދޮންނަ ހިތް ނުވާ މީހުން ބައިވަރެވެ. ނުވަތަ ދޮންނަ ދުވަހެއްގައި ބެޑްޝީޓް މަތިން ހަނދާން ނެތޭ މީހުން ވެސް ބައިވަރު އުޅެ އެވެ.
ފަހަރެއްގައި، ބެޑްޝީޓް ދޮވުން މާ ފޫހި ކަމަކަށް ވެފައި، ފަރުވާ ކުޑަކޮށްލަނީ މި ކަންކަން ނޭނގޭތީ ކަމަށް ވެސް ވެދާނެ އެވެ.
އަހަރެމެންގެ ހަށިގަނޑުން ދުވާލަކު އެތައް މިލިއަން ސެލްތަކެއް މަރުވެގެން ފައިބަ އެވެ. މަރުވާ ސެލްތަކާއި އެކު ފަންގަސް އާއި ހަންގަނޑުގައި ހުންނަ މަޑު މިލަ އާއި މި ހުރިހާ ހަޑިއެއް އެންމެ ގިނައިން ހުންނާނީ ނިދާ ބެޑްޝީޓުގަ އެވެ. މި ނޫނަސް، ގައިން ނުކުންނަ ތެލާއި ދަލާއި މިލަ އާއި މޭކަޕް ވެސް އެންމެ ގިނައިން އުގުޅޭނީ ތަންމަތީގަ އެވެ. މި ހުރިހާ ހަޑިއެއް ކޮންމެ ދުވަހަކު ބެޑްޝީޓުގައި އުނގުޅޭނެ އެވެ. ނިދަން އޮންނަ އިރު މި ހުރިހާ މިލައެއް ގައިގައި އުނގުޅޭނެ އެވެ. މިކަމުގެ ސަބަބުން ހަމުގެ ތަފާތު މައްސަލަތައް ޖެހެ އެވެ. ހަންގަނޑު ކެހުމާއި ބިހި ނެގުމާއި ތަފާތު އިންފެކްޝަންތައް ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ. ބެޑްޝީޓް ނޫނަސް ނިދާ ބާލީހާއި ބާލީހު އުރަ އަކީ ވެސް ގިނައިން ދޮވެ ސާފުކުރަންޖެހޭ އެއްޗިއްސެވެ.
ބައެއް މީހުންނަށް ހަފުތާއަކު އެއްފަހަރު ވެސް މަދު!
ބަލި މީހުންނާއި، ހުސް ގަޔާ ނިދާ މީހުންނާއި ފެން ނުވަރާ ނިދާ މީހުން ބެޑްޝީޓް ދޮންނަންޖެހޭލެއް އަދި މާ ގިނަ އެވެ. ހަފުތާއަކު އެއްފަހަރު ވެސް މި މީހުންނަށް މަދު ވާނެ އެވެ. ގިނައިން ދާހިތްލާ ނަމަ އަވަހަށް ބެޑްޝީޓް ދާ ވާނެ އެވެ. ބެޑްޝީޓުގައި ހޭކޭ ހަޑި މިލަތަކާއެކު އެތައް ޖަރާސީމެއް އުފަންވާނެ އެވެ. މި ޖަރާސީމު ނައްތައިލެވޭނީ ދޮވެގެން އެކަންޏެވެ.
ބެޑްޝީޓް ދޮންނަން އެންމެ ރަނގަޅީ ހޫނު ފެން!
މެޝިނުން ދޮންނަ ނަމަ ދެން ކޮންމެހެން މި މަސައްކަތެއް ކުރާނެ ކަމެއް ނެތެވެ. އެކަމަކު ބެޑްޝީޓުގައި ހަރުލާފައި ހުންނަ ހަޑި އެންމެ ފަސޭހައިން ފިލުވާލައި ޖަރާސީމް ނައްތައިލެވޭނީ ހޫނު ފެނުންނެވެ. ބައެއް ކަހަލަ މެޝިންތަކުގައި ޓެމްޕަރޭޗާ ބަދަލުކޮށްލެވޭނެ އެވެ. ދެން ބެޑްޝީޓް ދޮންނަން އެންމެ ރަނގަޅީ މީރު ވަސްދުވާ އެކި ބާވަތްތަކުގެ ދޮންނަކުނޑީ އަށްވުރެ ބޮޑަށް ޕްލެއިން "އޯމޯ" އެވެ. މާ ގިނައިން ސައިބޯނި ބޭނުންކުރުމަކީ ވެސް ބޭނުންހުރި ކަމެއް ނޫނެވެ. ގިނައިން ސައިބޯނި ބޭނުންކުރުމުން ފެންލައި ނިމޭ އިރު ވެސް ސައިބޯނިކަން ރަނގަޅަށް ބެޑްޝީތުން ނުފިލައި ހުންނާނެ އެވެ.