26 Nov 2020

މީހަކާ ރައްޓެހިވެގެން އުޅޭއިރު، ނުވާ ވަރުން ވިޔަސް، އުޑުން ތަރި އާއި ހަނދު ބާލައިދޭން ވައުދުވެ އެވެ. ނާސާ އަށް ވެސް ނުފޯރައިގެން އުޅޭ ހިސާބުން މި ވައުދުތައް ވެފައި، ދެން ވާ އެންމެ ބޮޑު ވައުދަކީ އުމުރު ދުވަހު އެކީގައި އުޅޭ ނަމޭ ބުނެ ކިޔާ ލަވަ އެވެ؛ ދިރިއުޅެން އުނދަގޫވާނޭ ދެން ކަލާޔާނުލާ އޭ ކިޔައިފަ އެވެ. ލޯބިވެރިއެއް ތި ނޫނީ މަށެއް ނޭދެމޭ އެވެ. އަދި ލޯބިން މި ހިތް އުމުރަށް ދޭނަމޭ ބުނެ ކުރާ މި ވައުދު ގިނަ ފަހަރަށް ޖާހަނީ އުނބަށެވެ. ރައްޓެހިވެގެން މަސް ދުވަސް ނުވަނީސް ވައުދު އުވާލަ އެވެ. އެކަމަކު މިތަނުން ހަގީގީ ލޯބިވި މީހާ އަށް މިއީ ބޮލު ރިހުމަކަށްވެ އެވެ. އެއީ އޭނާ ވީ ތެދު ވައުދުތަކަކަށް ވީމަ އެވެ. އެ ހިސާބުން ދެން ޖެހޭނީ އޭނާ މަތިން ހަނދާން ނައްތާލައި، ކަލާޔާނުލާ ދިރިއުޅެން ދަސްކުރާށެވެ.

މި ކިޔައިދެނީ ބްރޭކްއަޕަކަށް ފަހު، އިންތިހާއަށް ލޯބިވި ކަލާޔާނުލާ ދިރިއުޅެން ދަސްކުރާނެ 10 ގޮތެކެވެ.

1. ސޯޝަލް މީޑިއާއާ ދުރަށް ޖެހިލާ

މިއީ ބައެއް ސައިކޯތެރަޕިސްޓުން ވެސް ދޭ އިރުޝާދެކެވެ. ލޯބިވެރިއެއް ނުވަތަ ގާތް ރައްޓެއްސަކާ އެކު އޮތް ގާތް ގުޅުމަކަށް ނިމުމެއް އަތުވެއްޖެ ނަމަ، އެކަމާ މާ ބޮޑަށް ހާސްވެ ކަންބޮޑުވާ ނަމަ، އެ މީހެއްގެ ހިޔާލާއި ފިކުރުތަކުން ދުރަށްޖެހިލުމަށްޓަކައި ކުރުން އެންމެ ރަނގަޅު ކަމަކީ ސޯޝަލް މީޑިއާ އިން އެ މީހުން ބޭރުކޮށްލުމެވެ. އެމީހުން އުޅޭ ނޫޅޭ ގޮތް އެއްވެސް ވަރަކަށް ނުބެލުމެވެ.

2. ކުރީގެ ހަނދާންތަކަށް ފަސް އަޅާ

ރައްޓެހިވެގެން އުޅުނު ދުވަސްވަރު ދީފައި ހުރި އެކި ހަދިޔާތައް ނައްތާލަން ވާނެ އެވެ. ފްރެންޑްސް ސީރީޒްގައި މޮނިކާ އާއި ރޭޗަލް އަދި ފީބީ، އެ މީހުންގެ ކުރީގެ ލޯބިވެރިން މަތިން ހަނދާން ނައްތާލުމަށް އެ މީހުން ދީފައި ހުރި އެއްޗެހި އަންދާލީ އެވެ. ބަލަން މަޖާ ކަމަކަށް ވިޔަސް، އެއީ ހަމަ އަސްލުގައި ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ.

3. ފެންނަ ހިސާބަށް ނުދިއުން

ރުޅިވުމަށް ފަހު، އަބަދު އޭނާ ފެންނަ ހިސާބުގައި އުޅޭ ނަމަ، މޫވް-އޮން ވާން ވަރަށް އުނދަގޫވާނެ އެވެ. އެހެންވީމާ، ވީހާ ވެސް ބޮޑަށް އޭނާ ނުފެންނާނެ ހިސާބެއްގައި އުޅެވޭތޯ ބަލާށެވެ. މާލެ ކަހަލަ ކުޑަ ތަނެއްގައި މިއީ ވަރަށް އުނދަގޫ ކަމަށް ވެދާނެ އެވެ. ހިނގަން ވާނީ އޭނާ ނުފެންނާނެހެން ހީވާ މަގުމަގުންނެވެ.

4. އޭނާއާ ނުލައި މުސްތަގުބަލު ސިފަކުރުން

ކުރިއަށް ވުރެ މާ އުފާވެރި ދުވަސްތަކެއް ލިބޭނެ ކަމަށް، އަބަދުވެސް އުއްމީދުކުރަން ވާނެ އެވެ. އޭނާއާ ނުލައި ތިމާގެ މުސްތަގުބަލު ސިފަކުރަންވާނީ އެ އުއްމީދާ އެކު އެވެ. އޭރުން އެ އުއްމީދު ހާސިލުކުރަން މާ އުނގަލުނެއް ނުވާނެ އެވެ. އަދި ދިރިއުޅުމުގެ ބޮޑުބައި ބާކީ އޮތީ އެވެ.

5. އޮޅިގެން ވެސް ނުގުޅާތި

އޭނާގެ މަތިން ކިތަންމެ ވަރަކަށް ހަނދާންވިޔަސް، ގުޅައިގެން ނުވާނެ އެވެ. އޮޅިގެން ވެސް ގުޅައިގެން ނުވާނެ އެވެ. އޭނާ މަތިން ގެޓް އޯވާ ވެވިއްޖެ ކަން އަމިއްލަ އަށް ޔަގީން ނުވަނީސް އޭނާއާ އެއްވެސް ގުޅުމެއް ނުބޭއްވުމަކީ އެންމެ ރަނގަޅު ގޮތެވެ.

6. ރައްޓެހިންގެ އެހީ ހޯދުން

ކުރީގެ ލޯބިވެރިޔާއާ ވާހަކަދެއްކިޔަ ނުދީ ހިފަހައްޓައިދޭން ނުވަތަ އޭނާ މަތިން ހަނދާން ނައްތާލުމަށްޓަކައި ރައްޓެހިން ގާތުގައި އެހީއަށް އެދުމަކީ ގޯސް ކަމެއް ނޫނެވެ. އެވެސް ވަރަށް ބޮޑު އެހީއަކަށް ވާނެ އެވެ. ދިރިއުޅުމުގައި ކުރިއަށް ދާން، ރަނގަޅު ރައްޓެހިން ތިމާގެ ސަޕޯޓްގައި ތިބުން މުހިންމެވެ.

7. ދަތުރެއް ރާވާލާ

އެ ހިޔާލުތަކާއި ދުރަށް ގޮސް، މީހާ ހަމަޖެހިލުމަށް މިވެސް ކުރުން ވަރަށް ރަނގަޅު ކަމެކެވެ. ވަގުތު ހޯދައިގެން، ދަތުރެއް ދާން ރާވާށެވެ. އެކަނިވިޔަސް ނުވަތަ ރައްޓެހިން ގޮވައިގެން ވެސް ހަމަ ދާންވީ އެވެ. އެކަމަކު ބައެއް ފަހަރަށް އެކަނި ދަތުރު ކުރުމަކީ މާ ހިތްހަމަޖެހުން ލިބޭ ކަމެކެވެ.

8. ޕްރޮފެޝަނަލް ސަޕޯޓް

ގެޓް-އޯވާ ވުން މާ އުނދަގޫ ކަމަށްވެ، އެކަން މާ ދިގުލައިގެން ދާ ނަމަ، ޕްރޮފެޝަނަލް ސަޕޯޓް ހޯދުމަކީ މުހިންމު ކަމެކެވެ. މީހާ މާ ބޮޑަށް ހާސްވެ، މަސައްކަތައް ފަރުވާކުޑަކުރެވި، ގެއަށް ދިޔަސް ހިތްހަމަޖެހުން ނުލިބި އަދި އެހެން ވެސް ގޮތްގޮތުން އުނދަގޫތައްވާ ނަމަ އެއީ އެހީ ބޭނުންވާކަމުގެ ނިޝާނެކެވެ.

9. އަމިއްލަ ނަފްސަށް ސަމާލުކަން ދިނުން

ގިނަ ދުވަސްތަކެއް ވަންދެން ޓޮކްސިކް ރިލޭޝަންޝިޕެއްގައި އުޅުމަށް ފަހު ވަކިވުމަކީ ބައެއް މީހުނަށް ވަރަށް "ލިބަރޭޓިން" ކަމަކަށްވެ އެވެ. ކުރިން އަމިއްލަ މީހާއަށް ނުދެވޭ ސަމާލުކަން ދެވެން ފަށަ އެވެ. އަދި އަމިއްލަ ނަފުސަށް ކުރާ ލޯތްބާއި އިހުތިރާމް އިތުރުވެ އެވެ. އެހެންވީމަ، ރިލޭޝަންޝިޕެއްގައި އުޅޭއިރު މި ބުނި ކަންކަން އިހުސާސްނުކުރެވޭ ނަމަ ވަރަށް ބޮޑު ގޯހެއް އުޅެނީކަން ޔަގީނެވެ.

10. މީހުން ހުހެއް ނުވޭ

އޭނާއާ ވަކި ވީމަ ދެން އެހެން މީހަކު ނުލިބިދާނެއޭ ހީނުކުރައްޗެވެ. އެއަށް ވުރެ މާ ރަނގަޅު، އޯގާތެރި މީހުން ވެސް ލިބޭނެ އެވެ. ވަގުތު ދޭށެވެ. ވަގުތު ޖެހުމުން، އެއަށް ވުރެ މާ ހެޔޮލަފާ މީހަކު ލިބޭނެ އެވެ. އެ އުއްމީދުގެ މަތީގައި ހުންނާށެވެ.

އާއްމު ދިރިއުޅުން

Popular