3 Dec 2020

By: Aminath Ibrahim

އިންސްޓަގްރާމް ފީޑަށް އަޅާފައި ހުރި ފޮޓޯތައް ކުނިވެގެން ފޫޖަހާއިރު ވެސް ހުޅުމާލެއަށް ނުވަތަ ފިނޮޅަކަށް ނުދެވިގެން "އިންސްޓަ ވޯތީ" ފޮޓޯގަނޑެއް ނުނެގިފައި އަދިވެސް ހުންނަނީ ހެއްޔެވެ؟ ތި ވިސްނަނީ މާ ބޮޑަށެވެ. ތަންކޮޅެއް ތިލަކޮށް ވިސްނާފައި ކްރިއޭޓިވް ލޮލަކުން ބަލައިފި ނަމަ މާލޭގައި ވެސް ރީތިކޮށް ފޮޓޯ ނެގޭނެ ބައިވަރު ތަންތަން އެބަ ހުއްޓެވެ.

އަަހަރެމެން މި ދެނީ މާލެއިން އިންސްޓަގްރާމަށް ފޮޓޯ ނަގާގެ ޚިޔާލެވެ.

ލިސްޓުގެ ފުރަތަމަ އަށް މި ހިމަނާލަނީ "ލޮނުޒިޔާރަތް ޕާކުން" އިންސްޓަގްރާމް ކުރަން އެންމެ ރީތި ބައެއް ތަންތަނެވެ.

ފެނާރު މައިޒާން

ލޮނުޒިޔާރަތް ޕާކަށް ވަންނަ މައި ދޮރާށީގެ މެދަށް އޮންނަ ވޯލްކް ވޭގެ މެދުގައި ހުރި ފެނާރު މައިޒާނަކީ އެ ޕާކުގައި ހުރި އެންމެ ހިތްގައިމު ހިޔަލެވެ. މައިޒާން އެތެރޭގައި ދެފަރާތަށް ވާގޮތަށް އަރިމަތީގައި އަތްގަނޑުލީ ބެންޗުތަކެއް ހުރި އިރު ފުރާޅުގެ ސީދާ މެދުގައި ބޮޑު ޗާންދަލިޔާއެއް ހަރުކޮށްފައި ވެ އެވެ. މި ތަނުގައި އިށީނދެލައިގެން އިންނައިރު ޕާކުގެ ފެނާރު ނުވަތަ ފައުންޓަން ގާތުން ފެންނާނެ އެވެ.

މިތަނުގައި ފޮޓޯ ނަގަން އެންމެ ރީތިވާނީ ހަވީރު، އަވި ނިވާލާފައި އޮންނަ ގަޑީގަ އެވެ. ގާތްގަނޑަކަށް 6:00 ހާއިރު ކޮންމެވެސް ވަރަކަށް ދުވާލުގެ އަލި ހުރެފައި ޗާންދަލިޔާގެ އޮރެންޖު އަލީގައި ފޮޓޯ އަށް އިތުރު ފުރިހަމަ ކަމެއް ލިބޭނެ އެވެ.

ސަން ރައިޒް ވިއު

ސަން ރައިޒް ވިއު އަކީ ކުރީގެ ރާޅުގަނޑު ސަރަހައްދުގެ ތޮއްޓާ އެކު އޮންނަ ކުޑަ ވެލިގަނޑެވެ. މިތަނުން ބްރިޖް ފެންނަ ގޮތަށް ރީތި ފޮޓޯތަކެއް ނެގިދާނެ އެވެ. ވަރަށް ހެނދުނާ ޕާކު ހުޅުވާތީ، އިރު އަރާ މަންޒަރާއި ބްރިޖާ އެކު ވެސް ޗާލު ފޮޓޯއެއް ނެގިދާނެ އެވެ. ދުވާލުގެ ކޮންމެ ވަގުތެއްގައި ވެސް، މިތަނުގައި ނަގާ ފޮޓޯ ހަޑިވެގެން އުޅޭކަށް ނުޖެހޭނެ އެވެ.

ސަން ރައިޒް ވިއު ބީޗް

މިއީ ޕާސަނަލް ފޭވަރިޓް އެވެ. ސަންރައިޒް ވިއުގެ ބްރިޖާ ދިމާލަށް ތޮށިގަނޑުން ބޭރަށް ދެމިފައި އޮންނަ ކުޑަ ވެލިގަނޑުން ތަންކޮޅެއް ބޭރަށް ދެވޭ އިރު ހީވާނީ ގާތްގަނޑަކަށް ބްރިޖްގެ ދަށުގައި ހުރެވޭ ހެންނެވެ. އެކަމަކު މިއީ ސީދާ ބްރިޖްގެ ދަށެއް ނޫނެވެ. މި ތަނުގައި ރަނގަޅު އޭންގަލަކުން ފޮޓޯއެއް ނަގައިފިނަމަ ވަރަށް "ޑްރީމީ ލޫކް" އެއް ފޮޓޯއަށް ގެނެވިދާނެ އެވެ.

ބޯގަންވިލާ ބަގީޗާ

ލޮނުޒިޔާރަތް ޕާކުގައި ޕާކުގައި ރަނިކަން ކުރަނީ ބޯގަންވިލާ މަލެވެ. ޕާކަށް އަލަށް ވަންނަ މީހެއްގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަންނާނީ މި ޕާކުގައި ހައްދާފައިވާ ކުލަކުލައިގެ ބޯގަންވިލާ ވަލެވެ. ހާއްސަކޮށް، މަގާވީ ފަޅީގެ އަރިމަތީގައި ހައްދާފައިވާ މާގަސްތައް މޮޔަކޮށްލާހާ ޗާލެވެ. އަންހެން ކުއްޖެއް ނޫނީ ކަޕުލް އެއްގެ "ލޯބިލޯބި" ފޮޓޯއަކަށް މިއަށްވުރެ ވަކި ރީތި ގުދުރަތީ ބެކްގްރައުންޑެއް ނުލިބޭނެ އެވެ.

މާމެލާމެލި ވޯކްވޭ

އިންސްޓަގްރާމް ކުރަން މި ޕާކަކުން އެންމެ "ޗިލް" ފޮޓޯ ނެގޭނީ މިތަނުން ނެވެ. މާމެލާމެލި ވޯކްވޭ ހުސްކޮށް އޮންނަ ވަގުތެއްގައި ތަނުގެ ލޭންޑްސްކޭޕް ފެންނަ ގޮތަށް އަޅެ ފޮޓޯއެއް ނަގަން ޓްރައިކޮށް ބަލާށެވެ.

ފެނާރު ބްރިޖް

މިއީ ލޮނުޒިޔާރަތް ޕާކުގެ އެންމެ އައިކޮނިކް އެއް ތަނޭ ވެސް ބުނެވިދާނެ އެވެ. މި ފައުންޓެން އެހާވެސް ހިތްގައިމެވެ. މިތަނުގައި ރީތި ފޮޓޯއެއް ނަގަން އެންމެ އުނދަގޫ ވެދާނެ އެއް ސަބަބަކީ ވެސް އެއީ އެވެ. މީހުން ހުހެއް ނުވާނެ އެވެ. އެކަމަކު މިތަނުން އެންމެ ރީތި ފޮޓޯއެއް ނެގޭނީ ފެނާރު މެދަށް އަޅާފައި އޮންނަ ބްރިޖް ހުސްވާ ވަގުތެއްގައި ނަގާ ފޮޓޯ އެވެ.

ޕާކުގެ ހުރިހާ ވޯކްވޭ އެއް ވެސް ރީތި!

މި ޕާކުގައި "ހަޑި" އޭ ކިޔާނެ ތަންކޮޅެއް ހަމަ ނެތީ އެވެ. ހުދު ދޮންވެލި ލައިފައި ދެފަރާތުގައި ބޯކޮށް ގަސް ހައްދާފައި އޮންނަ ހުރިހާ ވޯކްވޭ ތަކެއް ވެސް އެހާ ރީއްޗެވެ. އެހާ ޗާލެވެ. އެހެންވީމަ އަމިއްލަ "ޓްރެޑްމާކް ޕޯޒް" މިއިން ކޮންމެ ވޯކްވޭ އަކަށް ވެސް ނުލާހިކު ރީތި ވާނެ އެވެ.

Popular