20 Jan 2021

ބަކެޓް ލިސްޓް: ރާއްޖޭގެ އާ ނޭޗާ ޕާކުތައް!

ބަކެޓް ލިސްޓް: ރާއްޖޭގެ އާ ނޭޗާ ޕާކުތައް!

By: Ifraz Ali

މިދިޔަ އަހަރަށް ރޭވި ހުރިހާ ދަތުރެހެން ދިޔައީ ފެނަށެވެ. މި އާ އަހަރު ފެށީ، އަލުން ވެސް އެ ދަތުރުތައް ދެވޭނެ ކަމުގެ އުއްމީދުގަ އެވެ. ކޮވިޑް ވެކްސިން މިހާރު ބައެއް ގައުމުތަކުގައި ޖަހަން ފަށާފައިވުމާއެކު މި އަހަރު އަނެއްކާ ވެސް ދަތުރުވެރިންނަށް އެ ފުރުސަތު ލިބުން ގާތެވެ. މިހާރު އެއް ބަޔަކު ދަތުރު ރާވަން ވެސް ފަށައިފި އެވެ. ރާއްޖެއަށް ވެސް މިއަދު ވެކްސިން ލިބޭނެ އެވެ. އެހެންވީމާ، މިހާރުއްސުރެ ދަތުރުތައް ނުރާވާ ތިބެންވީ އެއްވެސް ސަބަބެއް ނެތެވެ.

ބަކެޓްލިސްޓުގެ ނަމުގައި މި ފަށާ ޓްރެވަލް އާޓިކަލްސް ސީރީޒްގައި އަހަރެމެން މި ގެނެސްދެނީ ދަތުރުތައް ރާވާ މީހުނަށް ކުޑަ އެހީއެކެވެ. އެމީހެއްގެ ބަކެޓްލިސްޓުގައި ހިމަނަންވީ ބައެއް މަންޒިލުތަކެވެ. އެންމެ ފުރަތަމަ ރާއްޖޭގެ ތިން މަންޒިލެކެވެ. މިއީ މިހާރު ރާއްޖޭގައި ހުރި ފަސް ނޭޗާ ޕާކުގެ ތެރެއިން މިދިޔަ އަހަރު މުޅިން އަލަށް ހުޅުވި ތިން ނޭޗާ ޕާކެވެ.

ފުވައްމުލަކާއި އައްޑޫގެ ނޭޗާ ޕާކަކީ މިހާރު ވެސް ވަރަށް ގިނަ މީހުން ގޮސް އުޅޭ، އަދިވެސް މަގުބޫލު ތަންތަނެވެ. އެ ލިސްޓަށް މި އިތުރު ވަނީ މި ޕާކުތަކެވެ؛

ވެހިސަރާ

"ވެހިސަރާ" އަކީ ރާއްޖޭގެ އުތުރުން، ހދ.ކުމުންދޫގެ ކުޅީގައި ހަދާފައިވާ ނޭޗާ ޕާކެކެވެ. މިއީ ކޮވިޑްގެ ބަލިމަޑުކަމުގައި ރަށުގައި ތާށިވެފައި ތިިބި ދުވަސްވަރު ކުމުންދޫގެ ރައްޔިތުންނާއި ޒުވާނުންގެ ކުރި ވަރަށް ބުރަ މަސައްކަތެކެވެ. މި ޕާކު ހަދައިފައި ވަނީ އެ ރަށުގެ ކުޅީގަ އެވެ. މިއީ ކުރިން މާ ބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައި އޮތް ތަނެކެވެ.

މި ކުޅީގެ މެދަށް ވާގޮތަށް 12 ފޫޓު 12 ފޫޓުގެ ހަޓެއް ވަނީ ހަދައިފަ އެވެ. މި ހަޓަށް ދިއުމަށް ހަދައިފައިވާ ފާލަމުގެ ދިގުމިނުގައި 70 ވަރަކަށް ފޫޓު ހުރެ އެވެ. އެތަނުގައި ހުއްޓި ހުންނައިރު ކުޅީގައި އުޅޭ މަސްތައް ވެސް ވަރަށް ރީއްޗަށް ފެނެ އެވެ. އަދި ކުޅީގެ އެއްކޮޅުން އަނެއްކޮޅަށް ދެވޭގޮތަށް، 15 ވަރަކަށް ފޫޓުގެ ބްރިޖެއް ވެސް ވަނީ އަޅާފައިވެ އެވެ. އެތަނުގެ ދަށުން ކެނޯ ދުއްވާލައިފައި ދާއިރު ވަރަށް ހިތްފަސޭހަ ވާނެ އެވެ.

ކުމުންދޫގައި އަދި އިތުރު ފަސް ޕާކެއް ވެސް އޮވެ އެވެ. އެ ރަށުގެ ސަންސެޓް ބީޗާއި ދަތުރު މައިޒާނަކީ މި ރަށަށް ދާ ނަމަ ކޮންމެހެން ވެސް ބަލައިލަން ދާންޖެހޭނެ ތަންތަނެވެ.

ކުޅިދޮށު ޕާކު

މިއީ ނ.ލަންދޫގެ ރައްޔިތުންގެ މަސައްކަތުން، އެ ރަށު ކުޅީގައި ހުޅުވި "ކުޅިދޮށު ޕާކު" އެވެ. މި ޕާކަށް ވަންނަނީ ރަށުގެ ހުޅަނގު ފަރާތު އަތިރިމަތިންނެވެ. ވަންނަ ދިމާ އަތިރިމަތީގައި އުނދޯލި އެލުވައިފައި ހުރެ އެވެ. ކުޅިއަށް ވަންނަ މަގު އޮންނަނީ ފާލަމަކުން ހަދައިފަ އެވެ. އެ ފާލަމުގެ ދެ ފަރާތުން ގަސްތައް ހެދިފައި އޮވެ އެވެ. ރޭގަނޑު މި ގަސްތައް ދިއްލާލައިފައި އޮންނައިރު މިތަނުގައި ފޮޓޯއެއް ނަގަން ވަރަށް ރީތިވާނެ ކަމަށްވެ އެވެ.

މި ފާލަން މަތިން ކުޅީގެ ތިން ދިމާލަކަށް ދެވެ އެވެ. އެންމެ ފުރަތަމަ ވަދެގެންދާއިރު ހުއްޓޭނީ "ފަހިބުރު" ކިޔާ ތަނަކަށެވެ. މިއީ އިށީނދެލައިގެން ތިބެވޭ ގޮތަށް ހަދައިފައިވާ ބުރެކެވެ. ޕާކުގައި ހިޔާކޮށްފައިވާ ދެ ތަނެއް ވެސް އިނދެ އެވެ. އޭގެން އެއް ތަނަކީ ގޮނޑި އާއި މޭޒު ބަހައްޓާފައިވާ "ފަހިވެނި" އެވެ. އަނެއް ތަނަކީ ބޮޑު އުނދޯންޏެއް ބަހައްޓާފައިވާ "އުނދޯލި ވަތި" އެވެ.

އިކޯ ޕާކްސް

މި ނޭޗާ ޕާކު އޮންނަނީ ނ.ކެނދިކުޅުދޫގަ އެވެ. މި ޕާކުގެ މަސައްކަތް އަދި އެއްކޮށް ނުނިމެ އެވެ. ފުރަތަމަ ފިޔަވަހި ނިމި، ދެ ވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މި ރަށުގައި އޮންނަ ނުވަ ކުޅީގެ ތެރެއިން "އީކޯ ޕާކްސް" ހެދީ ރަށުގެ އެންމެ ބޮޑު އެއް ކުޅީގަ އެވެ. މިއީ އެ ރަށުގެ ޒުވާނުންގެ އަމިއްލަ ހަރަދުގައި ކުރި މަސައްކަތެކެވެ.

ކުޅީގެ މެދުގައި ހަޓަކާއި އިތުރު ދެ ޕްލެޓްފޯމަކާއި އެތަންތަނަށް ދެވޭ ގޮތަށް ފާލަމެއް ހަދައިފައިވެ އެވެ.

***

ކަވަ ފޮޓޯ ކްރެޑިޓްސް: ކެޕްޗާސް / ކުޅިދޮށު ޕާކު

ނ. ކެނދިކުޅުދޫ ހދ. ކުމުންދޫ ނ. ލަންދޫ

Popular