18 Feb 2021

ކޮވިޑުން އަރައިގަނެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބޭތާ އަހަރެއްހާ ދުވަސް ވީ ފަހުން، އެ ދިގުލައިގެން ދިޔަ "ސަސްޕެންސް" ނިމުމަކަށް ގެނައީ މި ބަލީގެ ފަރުވާއަށް ޚާއްސަ ވެކްސިނެވެ. މިއީ އަހަރެމެންގެ ކުރީގެ އާންމު ދިރިއުޅުމަށް އެނބުރި ދިއުމަށް ކުރާ މަސައްކަތުގައި ގިރާކުރި، އިތުރު މުހިންމު ފިޔަވަޅެކެވެ.

ރާއްޖޭގައި މިހާރު ބައި ލައްކައަށް ވުރެ ގިނަ މީހުން ވެކްސިން ޖަހައިފި އެވެ. އަދި މީހުން ހާސްކޮށްލައި، ސަސްޕެންސް ހިފަހައްޓާލުމަށް ކުޅަދާނަ ޓީވީ ޕްރެޒެންޓަރު މޫސާ ވަސީމް ވެސް ވެކްސިން ޖަހައިފި އެވެ. އެކަމަކު މޫސަ ވެކްސިން ޖެހީ އެއްވެސް ހާސްކަމެއް ނެތި އަދި އެހެން މީހުނަށް ކަންތައް ކުރަންވީ ގޮތް ވެސް ކިޔައިދެމުންނެވެ. އޭނާގެ ސަސްޕެންސުގަނޑެއް މިކަމަކު ނެތެވެ.

މޫސަ ކޮވިޑް ވެކްސިން ޖަހަން ދިޔައީ މާފަންނު ސޯޝަލް ސެންޓަރުގައި ހުންނަ ވެކްސިން ދޭ ސެންޓަރަށެވެ. އެ ތަނަށް ވަދެ، ވެކްސިން ޖަހާ ނިމެންދެން އޭނާ ކުރި ހުރިހާ ކަމެއް ކިޔައިދިނީ މިނެޓެއްގެ ކުރު ޓިކްޓޮކް ވީޑިއޯއަކުންނެވެ. މިއީ އެހާ ވެސް ފަސޭހަ ކަމެކެވެ. މޫސަ މިކަން ކުރި ގޮތް ބަލަން ބޭނުން ނަމަ، ހެލްތު ޕްރޮޓެކްޝަން އެނެޖްސީ (އެޗްޕީއޭ) ގެ އޮފިޝަލް ޓިކްޓޮކުން އެ ވީޑިއޯ ބެލޭނެ އެވެ.

މޫސަ ހަނދާންކޮށްދިން މުހިންމު ކަންކަން؛

- ބޭހެއް ކުރާ ނަމަ، ބޭސް ސިޓީ ގެންދިއުން

- އައިޑީކާޑު ގެންދިއުން

- ކިއު ނަންބަރެއް ނަގައިގެން، ނަންބަރު ޖެހެންދެން މަޑުކުރުން

- ވެކްސިން ސެންޓަރުގައި ތިބޭ އޮފިޝަލުންގެ އިރުޝާދަށް ތަބާވުން

އަދި އެހެން ކަމެއް!

ސައިކަލުގެ ހަރު ނުނައްޓާ ދުއްވާފައިދާ ތަން ފެނިއްޖެ ނަމަ، އެ ވެހިކަލެއްގައި އިން މީހަކަށް ގޮވައި "ބްރޯ ހަރު" ބުނުމަކީ އަހަރެމެން ކުރާ ވަރަށް ރަނގަޅު ކަމެކެވެ. އޭރުން ދުއްވަން އިން މީހާގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅުމުން ސަލާމަތްކޮށްދެވެނީ އެވެ. އެޗްޕީއޭ ޓިކްޓޮކުގައި އިން ދެ ވަނަ ވީޑިއޯގައި ވެސް އަންނަނީ ހަމަ މި ކަހަލަ ހާލަތެކެވެ. އެކަމަކު "ބުރޯ ހަރޭ" ކިޔާފައި ގޮވަން ބަލައިލި އިރު، އެ މީހާ އިނީ މާސްކު ދަތްދޮޅިއާ ހަމައަށް ތިރި ކޮށްލައިގެންނެވެ. އެންމެފަހުން އޭނާއަށް ފުރަތަމަ ބުނަން ޖެހުނީ "ބުރޯ މާސްކު؟" އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ މޫސާ ވަސީމް ކޮވިޑް ވެކްސިން

Popular