30 May 2021

By: Ahmed Jaishan

ރާއްޖޭގައި ހުނަރުވެރި ޒުވާން މަދެއް ނޫނެވެ. ގިނަ ޒުވާނުން އަންނަނީ ތަފާތު އެކި ދާއިރާތަކުން ތަފާތު ކާމިޔާބީތައް ވެސް ހޯދަމުންނެވެ. ޒުވާނުންގެ ޓީމެއް ހިމެނޭ ކުންފުންޏެއް ކަމަށްވާ "އާސިލިސް" އިން ވެސް އަމާޒު ހިފާލައިފައި ހުރީ ރާއްޖެއިން މީގެކުރީން ހޯދައިފައި ނުވާ ފަދަ ކާމިޔާބީއެއް ހޯދައި ދުނިޔޭގެ ސަމާލުކަން އަތުލައިގަތުމަށެވެ. އެއީ ރާއްޖޭގެ ފުރަތަމަ "އޯޕަން ވޯލްޑް" ގޭމެއް ތައާރަފުކޮށްގެންނެވެ. އެ ގޭމަކީ "އައިލެންޑާ ބައި އާސިލިސް" އެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އެންމެ ހަލުވި ސްޕީޑެއްގައި ފުޅާވަމުން އަންނަ އެއް އިންޑަސްޓްރީއަކީ ވީޑިއޯ ގޭމް އިންޑަސްޓްރީ އެވެ. އެގޮތުން ފާއިތުވި 10 އަހަރުގެ ތެރޭގައި އެކަނިވެސް ވީޑިއޯ ގޭމް އާއި އީ ސްޕޯޓްސްގެ ރެވެނިއު ވަނީ 530 ޕަސެންޓަށް ވުރެ ބޮޑަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު އެކަނި ވެސް ވަނީ 150 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ރެވެނިއުއެއް އެ އިންޑަސްޓްރީން ހޯދައިފަ އެވެ.

"އައިލެންޑާ ބައި އާސިލިސް" ގެ ޑިޒައިން ވީޑިއޯއެއް.

ގޭމިންގެ ތެރެއިން އެންމެ މަގުބޫލު އެއް ވައްތަރެއްގެ ގޭމަކީ "އޯޕަން ވޯލްޑް" ގޭމް އެވެ. އޯޕަން ވޯލްޑް ގޭމެއްގައި ވަށައިގެން ފެންނަން ހުންނަ ހުރިހާ ސަރަހައްދަކަށް ގޮސްލައި، އެ ސަރަހައްދުގައި ހުންނަ ތަކެއްޗާ "އިންޓަރެކްޓް" ކުރެވޭނެ އެވެ. ދިވެހި ޒުވާނުންގެ ޓީމް "އާސިލްސް" އިން މަސައްކަތްކުރަނީ އެފަދަ ގޭމެއް އުފެއްދުމުގެ މަސައްކަތެވެ. މިއީ ވަރަށް ބޮޑު ޕްރޮޖެކްޓެކެވެ.

"އާސިލްސް" ގެ ކޯފައުންޑާ އަދި ސީއީއޯ ހުސައިން ޝާފިއު، އެމީހުން ތައްޔާރުކުރަމުން އަންނަ "އައިލެންޑާ" ގޭމާއި ޓީމުގެ ހުރިހާ ވާހަކަތަކެއް އަހަރެމެންނަށް ކިޔައިދިނެވެ.

އާސިލްސް އިން ތަރައްގީކޮށްގެން 2019 ވަނަ އަހަރު ވަނީ "ތަކުރު ވޯސް" ކިޔާ ގޭމެއް ތައާރަފުކޮށްފަ އެވެ. މަލްޓިޕްލޭޔާ ގޭމެއް ކަމަށްވާ "ތަކުރު ވޯސް"ގައި ފެނިގެންދާނީ ދިވެހި ކެރެކްޓާސްތަކެއް އެއް ވަގުތެއްގައި ރަށަކަށް އަރައިގެން، އެހެން ކެރެކްޓާސްތައް ބަލިކޮށް އެއް ވަނަ ހޯދުމަށް ކުރާ މަސައްކަތެވެ.

"އައިލެންޑާ ބައި އާސިލިސް" ގޭމްގެ ސްކްރީންޝޮޓެއް.

ކޮބާ އަސްލު އާސިލްސް އަކީ؟

ޝާފިއު: އާސިލްސް އަކީ އަސްލު ގޭމް ޑިވެލޮޕްމެންޓަށް އަމާޒުކޮށްގެން ރާއްޖެއިން އުފައްދާފައިވާ ފުރަތަމަ ކުންފުނި. އެގޮތުން 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގައި މި ކުންފުނި ސްޓާޓް ކޮށްގެން ކުރިއަށް ދަނީ ގޭމް ޑިވެލޮޕްމެންޓް އިންޑަސްޓްރީއެއް ރާއްޖޭގައި ތަރައްގީކުރުމުގެ އަމާޒުގައި.

މިހާރު ކޮން ކޮން މަސައްކަތްތަކެއް ކޮށްފައިވާނީ؟

ޝާފިއު: އާސިލްސް އިން އެންމެ ބޮޑު މަސައްކަތެއް ކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓަކީ އައިލެންޑާސް. އެކަމު މީގެ ކުރީން ވާނީ "ތަކުރު ވޯސް"ގެ ނަމުގައި ގޭމެއް ވެސް ތައާރަފުކޮށްފައި. އަދި ކުޑަކުދިންނަށް ހާއްސަ "ހ ށ" ގޭމް އެއްވެސް ވާނީ ތައާރަފުކޮށްފައި.

.

އެހެންވީމަ ދެން އައިލެންޑާސް އަކީ ކޮބާ؟

ޝާފިއު: އައިލެންޑާސް އަކީ އަޅުގަނޑުމެން ކުންފުނީގެ ރަން ދަރި ހަމަ. އެ ގޭމްގެ އައިޑިއާ ނަގައި އެ ގޭމްގެ މަސައްކަތް ވާނީ 2018 ވަނަ އަހަރުގައި ފަށާފައި. އެއަށްފަހު ތަކުރު ވޯސްގެ މަސައްކަތަށް އައިލެންޑާސްގެ މަސައްކަތް ކުޑަކޮށް މަޑު ޖައްސާލީ އަހަރަކަށް. އެއަށް ފަހު އަނެއްކާ އައިލެންޑާސްގެ މަސައްކަތް އަލުން ފަށާފައި ވާނީ މި އަހަރުގެ ކުރީކޮޅު. މިހާރު ވެސް އެ މަސައްކަތް އެބަދޭ ކުރިއަށް. އަދި މިހާރު މަސައްކަތް ކުރިއަށްދަނީ އައިލެންޑާސްގެ ކޮންސެޕްޓް އިތުރަށް ފުޅާކޮށް ވަރުގަދަ ގޯލަކާއެކު.

.

އައިލެންޑާސް އިން ފެނިގެންދާނީ ކޯއްޗެއް؟

ޝާފިއު: އައިލެންޑާސް އަކީ އޯޕަން ވޯލްޑް ގޭމެއް. މި ގޭމް ސެޓް ކޮށްފައިވާނީ ރާއްޖެއަށް. އަދި ބައެއް އަތޮޅުތައް ގޭމުން ފެންނާނެ. އެކަމު އެ އަތޮޅުތަކަކީ އަސްލު ރާއްޖޭގައި ހިމެނޭ އަތޮޅުތަކެއް ނޫން. އެކަމު އެ އަތޮޅުތަކަށް ގޮސް ބަލާއިރު ރާއްޖޭގެ ކުރީގެ ފޯކްލޯ ވާހަކަތައް ވާނީ ވާހަކައަށް ގުޅުވާފައި. އަދި ގޭމްގެ މެއިން ކެރެކްޓަރަށް އެ ފޯކްލޯތައް ތަޖުރިބާކުރެވޭނެ. ގޭމްގައި މައިގަނޑު އެއް ސްޓޯރީލައިން ހިމެނޭއިރު ސައިޑް ކުއެސްޓްތައްވެސް ހިމެނޭނެ. އަދި ކުޅުންތެރިންނަށް ގޭމްގެ ހުރިހާ ސަރަހައްދުތަކެއް ބަލާލުމުގެ މިނިވަންކަން އޮންނާނެ. އެހެން ރަށަކަށް ގޮސް ބަލަން ބޭނުންނަމަ އެކަން ވެސް ކުރެވޭނެ. އެކަމަށް ހާއްސަކޮށް މެއިން ކެރެކްޓާގެ އަތުގައި ރިޔަލު ދޯންޏެއް އޮންނާނެ.

މިހާރު މަސައްކަތް އޮތީ ކިހާ ހިސާބެއްގައި؟ ގޭމް ރިލީޒްކުރާނީ ކޮން ދުވަހަކުން؟

ޝާފިއު: ގޭމްގެ ވަރަށް ގިނަ މަސައްކަތްތައް އެބަ ކުރިއަށްދޭ. އެކަމު އަދި ވަރަށް ބޮޑު މަސައްކަތްތަކެއް އެބަހުރި ގޭމްގެ. މުޅި ގޭމްގެ މަސައްކަތް ނިންމާލުމަށް އަދި އަހަރުކޮޅެއް ވާނެ. މިހާރު މި މަސައްކަތްކުރަމުން ދަނީ ގޭމްޕްލޭ ޓްރެއިލާ އާއި އައިލެންޑާގެ ބައެއް އެނިމޭޝަންތައް އާންމުކުރަން. އެ މަސައްކަތް އަވަހަށް ކުރާނަން.

.

މި މަސައްކަތަށް އޮތް އެންމެ ބޮޑު ހުރަހަކީ ކޮބާ؟

ޝާފިއު: އެންމެ ބޮޑު ދަތިކަމަކީ ރާއްޖޭގައި ގޭމް ޑިވެލޮޕްމެންޓް ފީލްޑުގެ ފަރާތްތަކުން ނެތުން. އެހެންވީމަ އިތުރަށް ކުދިން ނަގަމުންދާއިރު ވަރަށް ގިނަ އިންޓަވިއުކޮށް އެ ފަރާތްތައް ޓްރެއިން ކުރަމުން މިދަނީ. އަދި އެ ފަރާތްތަކުން ހަ މަހަށް ޓްރެއިން އެބަކުރަން. އެކަމު އަޅުގަނޑުމެންގެ ޓީމް ދަނީ ވަރަށް ހަލުވި ސްޕީޑެއްގައި ބޮޑުވަމުން. އަދި ކުރިއަށް އޮތް ތަނުގައި ގޭމް ޑިވެލޮޕްމެންޓް ގިނަ ޕޮޒިޝަންތަކަކަށް ފުރުސަތު ހުޅުވާލުމަށް ގަސްދު ކުރަން.

ދެން އަސްލު މި ގޭމުން ކޮން ކަމެއް ހާސިލުވާން ބޭނުންވަނީ؟

ޝާފިއު: އަސްލު ބޭނުންވަނީ ބައިނަލްއަގުވާމީ ގޮތުން ވީހާ ވެސް ގިނަ ބަޔަކަށް އައިލެންޑާސް ފެނި ރާއްޖެއިން ބޭރުގެ ސަމާލުކަމަށް އެ ގޭމް ދިޔުން.

ޒުވާނުން ގޭމިން

Popular