13 Jun 2021

މަންމައަށް ފެން ނުދެންޏާ ވާނީ ސުއިއްޕަކަށް!

"ބިންމަތީގައި ވަޅުޖަހައިގެން އުޅޭ، ހިންޗިއެއްގެ ދިގުމިން ހުންނަ، މާ ބަނޑުބޮޑުކޮށް އޮންނަ ހަ ފައިފަޅައިފައި ހުންނަ އެއްޗަކަށް ދިވެހީންގެ މީހުން މާ އިހުއްސުރެން ކިޔައި އުޅެނީ، މައިންނަށް ފެންނުދޭ ސޫއްޕެވެ."

"ބިންމަތީގައި ވަޅުޖަހައިގެން އުޅޭ، ހިންޗިއެއްގެ ދިގުމިން ހުންނަ، މާ ބަނޑުބޮޑުކޮށް އޮންނަ ހަ ފައިފަޅައިފައި ހުންނަ އެއްޗަކަށް ދިވެހީންގެ މީހުން މާ އިހުއްސުރެން ކިޔައި އުޅެނީ، މައިންނަށް ފެންނުދޭ ސޫއްޕެވެ."

By: Ifraz Ali

ކުޑައިރު ކޮންމެ ނަސޭހަތެއް ލައިދީ ނިންމައިފައި ވެސް، ތަކުރާރުކޮށް މަންމަ ބުނެ އުޅޭ ދެތިން ވާހަކައެއް އަބަދު ވެސް ހަނދާނުގައި ހުރެ އެވެ. އެ ހުރިހާ ވާހަކައެއްގެ ތެރެއިން، މައިންބަފައިންނަށް އަޅާލައި ކަމޭހިތުމުގެ ނަސޭހަތެއް ދީފި ނަމަ، ކޮންމެހެން ވެސް، އެ ނަސޭހަތެއް ލައިދީ ނިންމާލަމުން، އަޑު ބާރުކޮށްލައިފައި ބުނާނީ "ހަނދާންކުރާތި! މައި މީހާ އަށް ފެން ނުދޭ ސޮރު ވެސް ބަދަލުވީ ސުއިއްޕަކަށް،" އެވެ.

އެއް ފަހަރަކު އެހެން ބުނެގެން، ގަތް ބިރެއްގެ ބޮޑުކަމުން ދުވަސްތަކެއް ވަންދެން، މަންމަ ފެން ދޭށޭ ނޭހިޔަސް، އިރުއިރުކޮޅުން ފެން ތައްޓެއް ހިފައިގެން މަންމަ ގާތަށް ދަމެވެ. އެ ބުނާ ސުއިއްޕަކީ ކިހިނެއް އޮންނަ، ކޯއްޗެއް ކަން ނޭނގުނަސް، މަންމަ އެ ވާހަކަ ބުނެލާ ގޮތުން، އެއީ ރަނގަޅު އެއްޗަކަށް ނުވާނެއޭ އޭރު ހިތަށް އަރަ އެވެ. ހަމަހިލާ، ސުއިއްޕަކަށް ވާކަށް ބޭނުމެއް ނޫނެވެ.

މިހާރު އެކަމާ ވިސްނާލުމުން ކިތައްމެ ހިނި އަޔަސް، ބުނެދޭން ނޭނގޭހާ ބޮޑު އުފާވެރިކަމެއް ހިތަށް ގެނެސްދޭ މި ވާހަކަތައް އަލުން ވެސް ހަނދާނަށް އައީ، ފަތްތޫރައިގެ ވަރަށް ކުރީގެ އަދަދެއްގައި މިކަމާ ގުޅޭ ގޮތުން ލިޔެފައި އޮތް ބަސްކޮޅެއް ފެނުމުންނެވެ.

"ބިންމަތީގައި ވަޅުޖަހައިގެން އުޅޭ، ހިންޗިއެއްގެ ދިގުމިން ހުންނަ، މާ ބަނޑުބޮޑުކޮށް އޮންނަ ހަ ފައިފަޅައިފައި ހުންނަ އެއްޗަކަށް ދިވެހީންގެ މީހުން މާ އިހުއްސުރެން ކިޔައި އުޅެނީ، މައިންނަށް ފެންނުދޭ ސޫއްޕެވެ،" ފަތްތޫރައިގެ ފުރަތަމަ ވޮލިއުމްގެ ނަންބަރު ދޭއްގައި، އެޑިޓަރު އެ ސޫފި ސިފަކޮށްދެއްވައިފައި އޮތީ މިހެންނެވެ.

ފަތްތޫރައިގެ އެޑިޓަރަކަށް އޭރު ހުންނެވީ، ދިވެހި ބަހުގެ އަދީބު އަދި އުސްތާޒުލް ޖީލް މުހައްމަދު ޖަމީލް ދީދީ އެވެ. މި ވާހަކަ ޝައިއުކުރެވުނީ އޭޕްރީލް 1، 1980 ގަ އެވެ.

"މައިންބަފައިންނަށް ފެންނުދެނީ ވިއްޔާ ސޫތްޕަކަށް ވެސް ވެދާނެ އެވެ،" މި ސުރުޚީގެ ދަށުން ޖަމީލް ދީދީ މި ވާހަކަ ލިޔުއްވައިފައި ވަނީ، ރާއްޖޭގެ ތާރީޚުގައި ދުއް އެންމެ މޮޅު، އެންމެ ހިދުމަތްތެރި އެއް އަދީބު، ފަލީލަތުއް ޝައިހް ހުސެއިން ސަލާހުންދީންގެ ވާހަކަ ފޮތެއް ކަމަށްވާ "ދިވެހިންގެ ކުދިވާހަކަ" ގައި ހަމަ މި މައުލޫއާ ގުޅޭ ގޮތުން ލިޔުއްވައިފައިވާ ވާހަކައެއް ނަކަލުކުރައްވައިގެންނެވެ.

"ދަރިފުޅާ މަންމަ ވިޔަސް އަދި އެހެން މީހަކު ވިޔަސް، ފެން ފޮދެއް ދޭށޭ ބުނެފި ނަމަ ނުދީ ނުދާތި."

ހުސެއިން ސަލާހުއްދީން ލިޔުއްވާފައިވާ ގޮތުގައި އޭރު ވެސް މީހުން މި ވާހަކަ ކިޔައި އުޅުނީ ދަރިއަކު، މަޔަކަށް ކަމޭނުހިތުމުން ދޭ ނަސޭހަތެއްގެ ގޮތުގަ އެވެ. މިި ވާހަކައިގެ އަސްލު ގޮސް ގުޅޭ ކަމަށް ވާނީ މަޔަކު ބަލި ހާލުގައި އެނދުމަތިވެފައި އޮއްވާ، ދަރިޔަކަށް ގޮވާ ފެންފޮދެއް ގެނެސްދޭން އެދުމުން އޭނާ އަޅައި ނުލައި ނިކުމުގެން ދަނިކޮށް، އެ މައި މީހާ ދަރިއާ ދިމާލަށް ބުނި އެއްޗަކަށެވެ. އެ މައި މީހާ ބުނި ކަމަށް ވަނީ "ތިޔަ އެތި ސޫތްޕަކަށްވެދާށި ތޯއްޗެކެވެ!" އެވެ.

އެ ކުއްޖާ އެނބުރި ގެއަށް އައިރު، މަންމަ އޮތީ މަރުވެފަ އެވެ. ކުއްޖާ ވީ މައިންނަށް ފެންނުދޭ ސުއްޕަކަށެވެ. އެކަމަކު އޭނާގެ ސިފަ އަސްލު ސޫއްޕަކަށް ބަދަލުވި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފުކޮށް އެނގޭކަށް ނެތެވެ.

އިހު ޒަމާނުއްސުރެ، ތުންތުންމަތިން މި ވާހަކަ އައިސްފައި ވަނީ ކުދިން ސައްލާކޮށް، ހަމަ މަގަށް އަޅުވަން ކިޔާ އުޅުނު އިބުރަތްތެރި ވާހަކައެއްގެ ގޮތުގަ އެވެ.

މި ވާހަކަ އަކީ ވަރަށް ކުރިންސުރެ ވެސް ދިވެހިން މެދުގައި އާންމު ވާހަކައަކަށް ވާއިރު، މިއީ އަހުލުލް ކިތާބުން ނުވަތަ ފޮތްތަކުގެ އަހުލުވެރިންގެ ކިބައިން ކޮންމެވެސް ގޮތަކުން އިވިގެން ކިޔައި އުޅުނު ވާހަކަ އަށް ވުން ގާތް ކަމަށް ހުސެއިން ސަލާހުއްދީން ލިޔުއްވައިފައިވެ އެވެ.

"މިހެނީ، އެޒާތްޒާތުގެ ބޮޑެތި ފާފަކުރުމުން ދުނިޔޭގައި އެމީހުންގެ ސިފަ ބަދަލުކުރެއްވުމާއި ހިލަގަނޑަކަށް ވުމާއި މިފަދަ އަޒާބުތައް ދެއްވުން ވާނީ، އަހަރެމެންގެ ކައުއިތުރު ރަހުމަތުއްލިލް އާލަމީން، ރަސޫލުކަމާއިގެން ފޮނުއްވައި ބަގަރާ ސޫރަތުގެ ފަހަތުން ތިން އާޔަތް ބާއްވައިލެއްވުމަށް ފަހު، މި އާޔަތުގެ ކިބައިން އުފުއްލަވައިފަ،" އެވެ.

އެހެންކަމުން، ހުސެއިން ސަލާހުއްދީން އެ ވިދާޅުވީ ދުނިޔެމަތީ އެ ގޮތަށް އަޒާބު ދެއްވުން ނުވަތަ ދުނިޔެ މަތީ ކުރާ ފާފައެއްގެ ސަބަބުން ސިފަ ބަދަލުކުރެއްވުން ވަނީ މުހައްމަދުގެފާނު ރަސޫލުކަމައިގެން ފޮނުއްވައި، ބަގަރާ ސޫރަތުގެ ފަހު ތިން އާޔަތް ބާއްވައިލެއްވުމަށް ފަހު، މި އުންމަތުގެ ކިބައިން އުފުއްލަވައި ނުވަތަ އިސްތިސްނާ ކުރައްވައިފައި ކަމަށެވެ.

މުހައްމަދުގެފާނަށްޓަކައި މި އުންމަތަށް ލެއްވި އެންމެ ބޮޑު އެއް ރަހުމަތަކީ ފާފަތަކަށް އުގޫބާތް ދެއްވުން ފަސްކުރެއްވުމެވެ.

އެކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިން ކަން އޮތީ އެހެންނެއް ނޫނެވެ.

މައި މީހާ އަށް ފެން ނުދޭ މީހުން ބަދަލުވާ ކަމަށް ބުނެ އުޅޭ ސޫފި: އިނގިރޭސި ބަހުން މި އަށް ކިޔަނީ "މޯލް ކްރިކެޓް".

މަންމަމެންނާ ހަމަ އަށް ވެސް މި ވާހަކަ އައިސްފައި އޮތީ މަންމަމެން ކުޑައިރު މައިންބަފައިން ކިޔައީދީ އުޅުނު ވާހަކައެއްގެ ގޮތުގަ އެވެ. އަދި މިއީ މާމަމެން ކުޑައިރު އެމީހުންގެ މައިންބަފައިން ވެސް ކިޔައިދީ އުޅުނު ވާހަކައެއް ކަމަށްވެ އެވެ.

"ދަރިފުޅާ މަންމަ ވިޔަސް އަދި އެހެން މީހަކު ވިޔަސް، ފެން ފޮދެއް ދޭށޭ ބުނެފި ނަމަ ނުދީ ނުދާތި،" މި ވާހަކަ އަލުން ވެސް މަންމަ ގާތު އަހާލަން ގުޅުމުން ބުންޏެވެ.

"މަންމަގެ މަންމަ، ކަލޭމެންގެ މާމަ، މަންމަ ކުޑައިރު ނިޔާވީ، އެއް ދުވަހަކު މަންމަ ފެންވަރައިގެން ނުކުމެ ގޭގެ އަށިމަތީ އިނދެފައި ގޮވަނީ ދަރިފުޅާއޭ މަންމަ އަށް ފެންތައްޓެއް ގެނެސްދޭށޭ. ބުނީމަ، އެ ފެން ތަށި ހިފައިގެން ގޮސް، މަންމަ އެއް ކޯވަރު، ދެ ކޯވަރު، ތިން ކޯވަރު ބޮއެފައި އަށިމަތީ އޮށޯވެ އޮއްވާ ޚަބަރު ހުސްވީ،" މަންމަގެ އުމުރުން އެންމެ 10 އަހަރުގައި މާމަ ދުނިޔެ ދޫކުރި ދުވަހުގެ ހަނދާނެއް ކިޔައިދިނެވެ.

މަންމަ ބުނީ އެ ބުނާ ސުއިއްޕަކީ ވާރޭވެހުމުން ރަށުގެ ތެރޭ ހެދިފައި ހުންނަ ކިލާ ފެންގަނޑުތަކުގެ ތެރެއިން ވަރަށް ގިނައިން ފެންނަ، ބިރުވެރި ގޮތަކަށް އޮންނަ އެއްޗެއް ކަމަށެވެ.

މައި މީހާ ވިޔަސް އަދި އެހެން މީހަކު ކަމުގައިވިޔަސް، މީހަކު ފެން ދޭން އެދުމުން ނުދީ ގޮސްފި ނަމަ އެ މީހަކާ ދިމާލަށް މީހުންނާ މިހެން ކިޔާ އުޅުނު ކަމަށްވެ އެވެ. އަދި މަންމަމެން އޭރު އެމީހަކަށް ކިޔާ އުޅުނީ ވެސް "ފެން ނުދޭ ގޮލާ" އެވެ. އަދި ބައެއް ރަށްރަށުގައި ފެން ނުދޭ މީހުންނާ ދިމާލަށް "ހޯގަންބަޅިއަކަށް ވާނެއޭ" ވެސް ކިޔާ އުޅެ އެވެ.

ތާރީހް ބެލެނިވެރިން ރާއްޖޭގެ ބޯދާ ވާހަކަތައް އައްޝައިހް މުހައްމަދު ޖަމީލް ދީދީ

Popular